ލަންޑަން (ޖުލައި 17) - އިނގިރޭސި ވިލާތުގެ ލެޖެންޑަރީ ރޮކް ބޭންޑް، ޑީޕް ޕާޕްލްގެ ފައުންޑާ އަދި ކީބޯޑިސްޓެއްގެ ގޮތުގައި ކާމިޔާބު އަހަރުތަކެއް ބޭންޑާ އެކު ހޭދަކުރި، މިއުޒީޝަން ޖޯން ލޯޑް، 71 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.
އޭނާ މަރުވެފައި ވަނީ ޕެންކްރިއާޓިކް ކެންސަރުގަ އެވެ. އޭނާ ކެންސަރަށް ޑައިގޮނޯސްކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ. މަރުވިއިރު އާއިލާގެ ހުރިހާ މެމްބަރުން ކައިރީގައި ތިއްބެވެ.
ޑީޕް ޕާޕްލްގެ އިތުރުން އިނގިރޭސި ރޮކް ބޭންޑް، ވައިޓްސްނޭކްއާ އެކު ވެސް އޭނާ ފާހަގަކޮށްލެވޭ މަސައްކަތްތަކެއްކޮށްފައިވެ އެވެ. ނަމަވެސް ލޯޑް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޑީޕް ޕާޕްލްއާ އެކު އޭނާ ގެނެސްދިން އުފެއްދުންތެރި މިއުޒިކްތަކަށެވެ.
ޖޯން ލޯޑް، ޑީޕް ޕާޕްލް އުފެއްދީ 1968 ވަނަ އަހަރު އެވެ. ބޭންޑުގެ އެންމެ އިސް ލީޑަރުގެ ގޮތުގައި އޭނާ 1970 ވަނަ އަހަރާ ހަމަ އަށް މަސައްކަތްކުރި އެވެ.
ބޭންޑުން އޭނާ ރިޓަޔާކުރީ 2002 ވަނަ އަހަރު އެވެ.
އާންމުކޮށް ލައިން އަޕް ބަދަލުވާ ބޭންޑެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޑީޕް ޕާޕްލްގެ ދިގު ކެރިއަރުގައި ބޭންޑް އުފެދުނީއްސުރެ އެކުގައި އެންމެ ގިނަ ދުވަހު މަސައްކަތްކޮށްފައި ވަނީ ލޯޑް އާއި ޑްރަމަރު އިއާން ޕައިސް އެވެ. ލޯޑްގެ ރިޓަޔާމަންޓަށް ފަހު ބޭންޑްގެ އޮރިޖިނަލް ލައިންއަޕްގެ މެމްބަރެއްގެ ގޮތުގައި މިހާރު ބޭންޑާ އެކު ޕާފޯމްކުރަމުންދާ ހަމައެކަނި މެމްބަރަކީ ޕައިސް އެވެ.
ޑީޕް ޕާޕްލްއާ އެކު ލޯޑް ގެނެސްދިން ކާމިޔާބު ލަވަތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ލަވައަކީ "ސްމޯކް އޮން ދަ ވޯޓާ" އެވެ.
ލޯޑް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ރޮކް މިއުޒިކަށް ކީބޯޑް ތައާރަފްކޮށްގެން އޭގެ ޖާދޫ ދެއްކި ފަންނާނެއްގެ ގޮތުގަ އެވެ.
ޑީޕް ޕާޕްލް އަކީ 1970ގެ އަހަރުތަކުގައި މިއުޒިކް ދުނިޔޭގައި ރަސްކަންކުރި އެންމެ ނުފޫޒުގަދަ ބޭންޑްތަކުގެ ތެރެއިން އެއް ބޭންޑެވެ. އެމީހުން އޭރު ތިބީ ރޯލިން ސްޓޯންސް އާއި ލެޑް ޒެޕަލިން އަދި ބްލެކް ސަބަތުއާ އެއް ސަފެއްގަ އެވެ.

2 comments