ވާހަކަ

ސެކިއުރިޓީ ގާޑް

ބިންމާ އިބްރާހިމް ވަހީދު
18 ޖުލައި 2012 08:54 10 ކޮމެންޓު

ޖުލައި 15 އާ ގުޅޭ

"މަރާލާފައޭ؟" ޒާމިރު ހާސްވެފައި އެހި އެވެ. "ކިހިނެތް އެއެއް އެނގެނީ؟ އަމިއްލަ އަށް މަރުވެފަ ވެސް އޮވެދާނެއްނު. އަންހެނެއްތަ ފިރިހެނެއްތަ؟"

"ނޭނގެ!" އަޒީޒު ޖަވާބުދިނެވެ.

"ކޮން ނަމެއް ކިޔާ ގެސްޓުހައުސްއެއް؟" ޒާމިރު އެހި އެވެ.

"ތިއެއް ވެސް އަދި ނޭނގެ،" އަޒީޒު ބުންޏެވެ. "ދެތިން ދިމާލަކަށް ގުޅާލައިގެން އެނގޭނީ."

އެ ހިސާބަށް ބުނެފައި އަޒީޒުގެ ފޯނު ޑަޔަލުކޮށްލުމަށް ފަހު ކަންފަތުގައި ޖައްސާލި އެވެ. ރިންގުވާ އަޑު އިވެ އެވެ. ފޯނުން ޖަވާބެއް ނުދިނެވެ.

"ހިއެއްނުވޭ މި ގަޑީގަ މީހަކު ހޭލާއުޅޭނެހެނެއް،" ކަނޑާލާފައި އެހެން މީހަކަށް ގުޅަމުން އަޒީޒު ބުންޏެވެ. "އެކަކު ނެތިއްޔާ ހުންނާނެ އަނެކަކު. ނަގާބަލަ ނަގާބަލަ!"

"މިހާރު ދެން މީހަކު މަރާލުމަކީ އެއްވެސް ކަމެއް ނޫނޭދޯ؟" ޒާމިރު ފިކުރުބޮޑުވެފައި ބުންޏެވެ. "ކީކޭ ދެން ބުނާނީ؟ ރަހުމުގެ ކަންފުޅެއް ވެސް ނެތީއޭ. ކުރިން ޕޯޗުގީޒުން އަތުން. މިހާރު ދިވެހިން އަތުން ދިވެހިން މަރާ ހުސްކުރަނީ."

އެއްވެސް މީހަކާ ނުގުޅުމުން އަޒީޒު ފޯނު ކަނޑާލާފައި ޖީބަށްލި އެވެ.

"އޭ! މަ ޖެހޭނީ އެކޮޅަށް ދާށޭ،" ހިނގައިގަތުމަށް ފަހު، ހުއްޓިފައި އަޒީޒު ބުންޏެވެ. "ދީބަލަ ސައިކު."

އަޒީޒު އެހެން ބުނުމުން ޒާމިރު ލޯއަޅާލި އެވެ. އެހާ އަވަހަށް އަޒީޒު ހަނދާންނެތިދާނެކަމަކަށް ޒާމިރު ހިއެއްނުކުރެއެވެ.

"އާނ ސައިކު ވަގަށްނެގީދޯ؟" ހަނދާންވުމުން އަޒީޒު ބުންޏެވެ.

އަޒީޒު ފައިމަގުގައި ހިނގައިގަތެވެ. ޒާމިރު ބަލިހަނދާނެއް ވިއެވެ.

"މަށަށް ގެނެސްދޭން ބުނި ފޮށި ކޮން އިރަކުން ގެނެސްދޭނީ؟" ޒާމިރު އެހި އެވެ.

"އެކަން ކުރިއަށްދާނެ،" އަޒީޒު ބުންޏެވެ. "އެކަމާ ހާސްނުވޭ!"

އަޒީޒު ދިޔުމާ އެކު، އަވަސް އަވަހަށް ޒަމީރު ގެ އަށް ގުޅާލި އެވެ.

ގަޑިން 47: 1 ހިނގައިފި އެވެ. ސުހޭލު އޭރު ވެސް އިނީ ފިރާޝާގެ ގޭގައި "ހައްޔަރުވެފަ" އެވެ. ސުހޭލު އެ ގެ އަށް އައީ ވައްކަންކުރާށެވެ. އެކަމަކު ފިރާޝާ ދެއްކި ވާހަކަ އަޑުއިވުމުން ސުހޭލުގެ ވިސްނުން އެކި ދިމާލަށް އެނބުރެން ފެށި އެވެ.

"އެއީ މަގޭ ޑެލިވަރީ ބޯއީއޭ." ފިރާޝާ ބުނި އެ ބަސްކޮޅު، ސުހޭލުގެ ސިކުނޑީގައި ތަކުރާރުވާން ފެށި އެވެ.

ރުޅިގަދަވުމުން، އެންމެ ފަހުން ސުހޭލު ތެދުވި އެވެ. އެތަންމިތަން ހޯދަމުން ގޮސް ކާގެ އަށް ވަނެވެ. ވަޅިތައް ބަހައްޓާފައި ހުރި ތަން ފެނުނެވެ. އެއިން ވަޅިއެއް ނެގި އެވެ. ވަޅި ހިފައިގެން މަޑުމަޑުން ގޮސް ފިރާޝާގެ ކޮޓަރީގެ ދޮރުގައި ހިފި އެވެ. ދޮރު ހުރީ ތަންޑުނާޅަ އެވެ. ސުހޭލު ދޮރު ހުޅުވާލި އެވެ. ފިރާޝާ އޮތީ ނިދާފަ އެވެ. ވަޅި ހިފައިގެން މަޑުމަޑުން ސުހޭލު ވަނެވެ. ވަޅި ޖަހަންވެގެން މަޅާލި އެވެ. އެކަމަކު ފެނުނު މަންޒަރެއްގެ ސަބަބުން، ސުހޭލުގެ އަތުގެ ހަރަކާތް ހުއްޓުނެވެ. ފިރާޝާގެ އެނދު ކައިރީގައި، އެ ރޭ ސުހޭލު ދިން، މާ ބާއްވާފައި އޮތެވެ. މަލުގެ ކައިރީގައި ނޯޓު ވެސް އޮތެވެ. އެއް ފަހަރު މަލަށް އަނެއް ފަހަރު ފިރާޝާ އަށް ބަލާލަބަލާލާ ސުހޭލު ހުއްޓެވެ. ކޮންމެ އެއްޗެއް ފިރާޝާ ބުންޏަސް، ޑެލިވަރީބޯއީއެއްގެ ނަޒަރުން ފިރާޝާ ދެކޭ ނަމަ، އެހާ ލޯބިން އެ މަލެއް ނުބޭއްވީހެވެ. ޚިޔާލު ބަދަލުވެގެން ސުހޭލު އެ ތަނުން ނުކުތެވެ. މަޑުމަޑުން ދޮރު ލެއްޕި އެވެ. ނެގި ތަނުގައި ވަޅި ބާއްވާފައި ދާން ހިނގައިގެންފައި، އަނެއްކާ ޚިޔާލު ބަދަލުވެގެން އައިސް، ޒާމިރުގެ ކޮޓަރީގެ ތަޅުގައި ހިފާލި އެވެ. އެ ދޮރު ހުޅުވުނެވެ.

ގަޑިން ދަންވަރު 59: 1 ހިނގައިފި އެވެ. މީހަކު ލެވޭ ވަރުގެ ބޮޑު ފޮއްޓެއް، އެއް އަތުން ހިފައިގެން އަޒީޒު ސައިކަލެއްގައި ދަތުރުކުރަމުން ދިޔަ އެވެ. ޒާމިރު އިނީ ފިހާރަ އަށް ބަލަހައްޓައިގެންނެވެ. އަނދިރިކަން ވެރިވެފައި އޮތަސް، ފިހާރަތެރޭގައި ދިރުމެއްވާހެން ޒާމިރަށް ހީވަނީ އެވެ. ހިޔަންޏެއް އުޅޭ ކަމަށް ޝައްކު ކުރެވެނީ އެވެ. ފޮށި ހިފައިގެން އަޒީޒު އަންނަތަން ޒާމިރަށް ފެނުނީ، އަޒީޒު ވަރަށް ކައިރިވި ފަހުންނެވެ. ވަގުތުން ލަތީފާއާ ޒާމިރު ގުޅާލި އެވެ. އަޒީޒު އައިސް ޒާމިރު ކައިރީގައި މަޑުކޮށްލި އެވެ.

"އޭ! މަ ބުނީ..." އަޒީޒަށް ބުނެވުނީ އެ ހިސާބަށެވެ.

ޒާމިރު އަތުގެ އިޝާރާތުން އިހަށް މަޑުކޮށްލާށޭ ބުނުމުން އަޒީޒު ވާހަކަ މެދުކަނޑާލި އެވެ. ޒާމިރު ކަންފަތުގައި ފޯނު ޖައްސާލި އެވެ.

"ހަލޯ! ހަލޯ!" ޒާމިރު ބުންޏެވެ. "މަށަށް އެނގޭ ކަންފަތުގަ ފޯނު ޖަހައިގެން އިންކަން. ދެން ތި ރުޅި މަޑުކޮށްބަލަ! މިހާރު މި ވިސްނަނީ ތި ގެ އަށް ދާށޭ.. ކީއްކުރަންހޭ؟ ކޮފީބޯން،" ކުއްލިއަކަށް ޒާމިރު އުފާވި އެވެ. "އެހެންތަ؟ ހަމަ ސީރިޔަސްކޮށް އަންނަންވީ؟ އާނ!"

ފޯނު ކަނޑާލާފައި ޒާމިރުގެ ޖީބަށް ފޯނު ލިއެވެ. ފިހާރަ ކައިރި އަށް ސައިކަލު މަޑުކޮށްލައިގެން، ތަޅުންގަނޑު މަތީގައި ފޮށި ބަހައްޓައިގެން ޒާމިރަށް ބަލަން އިން އަޒީޒު އިނީ ހައިރާންވެފަ އެވެ.

"ކީއްވެގެން މާ ވަރަކަށް ތި ބަލަނީ؟" ޒާމިރު އެހި އެވެ.

"ކުޑައިރުކޮޅެއް ކުރިން ބުނީ ތިމަންނަ ކޮންމެހެން އެ ގެ އަށް ދާހިތަކުން..." އަޒީޒަށް ބުނެވުނީ އެ ހިސާބަށެވެ.

"އެ ވާހަކަ ހުއްޓާލާ!" ޒާމިރު ބުންޏެވެ. "އެންމެ ފަހުން ސައިކަލަށް އަރައިގެންދޯ ތި އައީ؟ މަ ނަންވާނީ. ކަލޭ ވެސް މިރެއަކު ނޫންތަ ބުނީ ކަލޭގެ އިއްޒަތުއް ނަފުސަށް ތިކިބުރާނޭ ތި އަށް އެރީމަ. ކޮން ތާކު މި ޖެހުނީ؟ ތީ ބޮޑުވަރު!"

"މިއޭ އަހަރުމެން ފިރިހެނުންގެ މައްސަލަ އަކީ،" އަޒީޒު އެއްބަސްވި އެވެ. "ވަރަށް ފުއްޕާނެ. އެކަމަކު، އަންހެނުންގެ ދަށުނުވެ ނޯވެއޭ އުޅެވޭކަށް. އަން! މި އޮތީ ކަލޭގެ ފޮށި. މަ މި ރޭ މިހާރު ވަރަށް ބިޒީވެއްޖެ. އެހެންވެ މަ ދެން ކަނޑާލީ."

"މަރާލި މީހާގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ؟" ޒާމިރު އެހި އެވެ.

"އެ ކަމާ އުޅެވިގެންތާ ތިއެއް އެނގޭނީ،" އަޒީޒު ބުންޏެވެ. "ފުރަތަމަ މި ނިންމީ ކަލޭގެ ކަންތައް. ކީއްކުރާ ބޮޑު ފޮއްޓެއްތަ މީ؟"

"މާދަމާ ހެދުނު ދޯނިފުރާނެ،" ފޮށި ޗެކުކޮށްލަމުން ޒާމިރު ބުންޏެވެ. "މަ ގޮސް އެނދުގަ ޖައްސާލާފިއްޔާ ހެދުނަކު ނުހޭލެވޭނެ. މި ރޭ އެބަ ޖެހޭ އަންހެނުންގެ ރަށަށް އެއްޗެއް ފޮނުވާލަން. ކަރުދާހު ފޮށްޓަށް އެއްޗެހި އެޅީމަ ރަށާ ހަމައަށް ދެވޭއިރު އެއްބައި މަދުވެފަ އޮންނަނީ. ކުރިން ވެސް މިހެންނޭ މަ އެއްޗެހި ފޮނުވަނީ. އެ ކޮޅަށް ފޮނުވި ފޮށި އަދި ނައިސްގެން މައްސަލަ އަކީ. އޭ! މަ އަދި މި އުޅެނީ ކަލޭ މި ތަނުގަ ބައިންދާފައޭ ދާން."

"މިރެއަކު ދެނެއް ތި ކަމެއް ނުވާނެ. ކޮންމެވެސް އެހެން ގޮތެއް ހޯދާ." އަޒީޒު އެ ހިސާބުން ވަކިވީ އެވެ.

ގަޑިން 03: 2 ހިނގައިފި އެވެ. ފުލުހުންގެ ޖިޕު މަޑުކޮށްގެން އޮތީ، ޝަފީގުގެ ސައިކަލު ހުރި ތަނުގަ އެވެ. ޝަފީގު އޭރު އިނީ ޖިޕުގަ އެވެ. ޖިޕުން އައި ދެ ފުލުހުންނާއި، ސައިކަލު ކައިރީގައި ތިބި ދެ ފުލުހުން ކޮންމެވެސް ވާހަކަތަކެއް ދައްކަމުންގެންދިޔަ އެވެ. އެ މީހުން ޓޯކީން، ފުލުސް ހެޑްކުއާޓަރާ ވާހަކަދެއްކުމަށް ފަހު ޖިޕަށް އެރި އެވެ. ޝަފީގު ގޮވައިގެން ޖިޕު ނައްޓާލި އެވެ. ސައިކަލު ކައިރީގައި، އަދުހަމާއި އިމްތިޔާޒު ތިއްބެވެ.

"ސައިކު ބަލާ އައީމަދޯ އަހަރުމެންނަށް ނައްޓާލެވޭނީ؟" އަދުހަމް އެހި އެވެ. "ކިހާ އިރަކުން ބާ އަންނާނީ؟"

"މިހާރު ނައްޓާލައިފި،" އިމްތިޔާޒު ޖަވާބުގައި ބުންޏެވެ. "އެޗުކިއުއިން އެ ބުނަނީ، މި ރޭ 57: 12 ގަ، މި ސައިކު ގެއްލިގެން ވެރިފަރާތުން ރިޕޯޓުކޮށްފަ އެބަ އޮތޭ. މަށަށް ހީވަނީ މި ރޭ މި ކަލޭގެ ބަސްޓުކޮށްލެވޭނެހެން."

"އެކަމަކު، އޭގެ ކުރިން ޖެހޭނެއްނު އެވިޑެންސް ހޯދަން،" އަދުހަމް ފިކުރުބޮޑުވާ މައްސަލަ އަކީ އެއީ އެވެ. "އަބަދުވެސް ކިޔާއަޑު މި އިވެނީ، ފުލުހުންނަށް އެކަށީގެންވާ ވަރަށް ހެކި ނުހޯދިގެން ކުށްވެރިޔާ ފިލާ ވާހަކަ. ތެދަށް ބުނަންޏާ، މަޑި ދަށުގަ ވަޅިއެއް އޮތެކޭ ކިޔާފަ ސައިކުގެ ވެރި ފަރާތް ނުޖެހޭނެ ޒިންމާވާކަށް. މި މަޑި އަކީ ނުލާހިކު ފަސޭހައިން ހުޅުވޭ އެއްޗެއް. ކީކޭ ބުނަނީ؟"

"ކާކުގެ ސައިކެއްތަ މީ؟" އިމްތިޔާޒު އެހި އެވެ.

"ކޮންމެވެސް ޒާމިރެކޯ!" އަދުހަމް ބުންޏެވެ. "އޭނަ ފަހުން ވެސް އެބައޮތޯ ގުޅާފަ. ބުންޏޯ އޭނަ އަކީ ނައިޓު ސެކިއުރިޓީ ގާޑެކޭ. އެކަމަކު، ސައިކު ފެނިގެން ކޮންމެ ގަޑިއެއްގަ ގުޅާލިޔަސް ސައިކު ބަލާ އާދެވޭނޯ."

"އޭނ؟" އިމްތިޔާޒުގެ ހިތުގައި ސުވާލު އުފެދުނެވެ. " އޭނަ ޑިއުޓީގަ ހުރެފަ ސައިކު ބަލާ އަންނަނީ؟ ހެނދުނު އޭނަ ޖެހޭނެއްނު ނިދަން ވެސް."

"އާނ!" އަދުހަމް ވެސް އެކަން ފާހަގަކުރި އެވެ. "މަ ވެސް ހިތަށްއެރިއޭ ތިހެން. ވެދާނެއްނު ފުލުހުން އަތުގަ މި ސައިކު މާ ގިނައިރު ހުންނަން އޭނާ ބޭނުން ނުވަނީކަމަށް. މިސާލަކަށް، އޭނާގެ ވަޅިއެކޯ މީ. އެހެންކަމަށް ވެއްޖެއްޔާ، މި ވަޅިން، ވީހާ ވެސް އަވަހަކަށް ސަލާމަތްވާން އޭނާ ބޭނުންވާނެތާ. އޭރުންތާ އޭނަގެ ފިޔަވަޅުގެ މައްޗަށް ފަސްއެޅޭނީ. މަށަށް ފެންނަނީ އޭނަޔާ މި ސައިކު ހަވާލުކޮށްފަ، އޭނަ އަށް ފާރަލާން. އެޗުކިޔުއިން ވެސް އެބަ ވިސްނާ އެހެން."

ގަޑިން 04: 2 ހިނގިތާ އިރުކޮޅެއް ވެއްޖެ އެވެ. ޒާމިރުގެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވައިގެން، ސުހޭލު ބަލަހައްޓައިގެން ހުއްޓެވެ. ސުހޭލަށް ފެންނަނީ އެނދުގައި އޮތް އާސިމާ އެވެ. އެ ކޮޓަރީގެ އަލި ފަނޑެވެ. ވުމާއެކު، ކޮޓަރި އަށް ވަނުމާ މެދު ސުހޭލު ވިސްނި އެވެ. ފިރާޝާ ކޮޓަރި އަށް ވެސް ސުހޭލު ބެލި އެވެ. އަނެއްކާވެސް އާސިމާ އަށް ބަލައިލި އެވެ. އާސިމާ އޮތީ ހަމަ ކުރިން ވެސް އޮތް ގޮތަށް ގުޑާ ވެސް ނުލައި، މޫނާ އެއްކޮށް ރަޖާއަޅައިގެންނެވެ. ވަރަށް ވިސްނަން ހުރެފައި ސުހޭލު އެތެރެ އަށް ވަދެފައި ދޮރު ލެއްޕި އެވެ. ސިއްރު ސިއްރުން އެއްޗެހި ހާވަން ފެށި އެވެ. ވަރަށް ބާރަށް އެއްޗެއް ވެއްޓި ތަޅައިގެންދިޔަ އެވެ. (ނުނިމޭ)

ގުޅޭ ލިޔުންތައް

10 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait