މުނިފޫހިފިލުވުން

ފޫހިވެގެން މަޖަލަކަށް ފެށި "ސްޕޭސްޕެރޭޑް" ގެ ވާހަކަ

އަހުމަދު ނަދީމް
20 ޖުލައި 2012 12:35 22 ކޮމެންޓު
  • ސްޕޭސްޕެރޭޑްގެ އުފެއްދުމެއްގެ މަންޒަރެއްގައި އިޔާ (ވ) އާއި ކަރަމް: "ސްޕޭސްޕެރޭޑް" ގެ އަސްލަކީ މި ދެ މީހުން އެއް ދުވަހަކު ފޫހިވެގެން ޖެހި ސައިކަލް ބުރެއް.

  • ސްޕޭސް ޕެރޭޑް ޓީމް ޝޫޓިންގައި އުޅެނިކޮށް ނަގާފައިވާ ބައެއް ފޮޓޯތައް.--ފޮޓޯ: ސްޕޭސް ޕެރޭޑް

  • ސްޕޭސްޕެރޭޑްގެ އުފެއްދުމެއްގެ އެކްޝަން މަންޒަރެއް: "ސްޕޭސްޕެރޭޑް" ގެ އަސްލަކީ އިޔާ އާއި ކަރަމް އެއް ދުވަހަކު ފޫހިވެގެން ޖެހި ސައިކަލް ބުރެއް.

  • ސްޕޭސްޕެރޭޑްގެ އުފެއްދުމެއްގެ އެކްޝަން މަންޒަރެއްގައި ކަރަމް ބަޑި ޖަހަނީ: "ސްޕޭސްޕެރޭޑް" ގެ އަސްލަކީ އިޔާ އާއި ކަރަމް އެއް ދުވަހަކު ފޫހިވެގެން ޖެހި ސައިކަލް ބުރެއް.

  • އިޔާ (ކ) އާއި އެކުވެރިޔާ ސާތު މަސައްކަތުގައި: "ސްޕޭސްޕެރޭޑް" ގެ އަސްލަކީ އިޔާ އާއި ކަރަމް އެއް ދުވަހަކު ފޫހިވެގެން ޖެހި ސައިކަލް ބުރެއް.

  • ސްޕޭސްޕެރޭޑްގެ އުފެއްދުމެއްގެ މަންޒަރެއްގައި އިޔާ (ވ) އާއި ޖިމްނާސްޓް އަހުމަދު ފަޒީލް (އައްމަޑޭ): "ސްޕޭސްޕެރޭޑް" ގެ އަސްލަކީ އިޔާ އާއި ކަރަމް އެއް ދުވަހަކު ފޫހިވެގެން ޖެހި ސައިކަލް ބުރެއް.

"އެންޓި ކްރެޕް" މިއީ އެމީހުންގެ ސްލޯގަން އެވެ. "ސްޕޭސްޕެރޭޑް" މިއީ އެމީހުންގެ ނަމެވެ. ފޭކް ޓްރެއިލާ "އިންޑަސްޓްރީ" އަކީ އެމީހުންގެ އެންމެ މަޝްހޫރު މަސައްކަތެވެ. ކުރިއަށް ދެން އޮތީ އެ މީހުންގެ ވާހަކަ އެވެ.

ފިލްމު ބަލަން ޝައުގުވެރިވާ ޒުވާނުންނާއި ފިލްމު އުފެއްދުމަށް ޝައުގުވެރިވާ ފަންނުވެރި ޒުވާނުން އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. އެފަދަ ބައެއް ޒުވާނުން ދިވެހި ފިލްމީ ދާއިރާގެ އުފެއްދުންތަކަށް ފާޑުކިޔާ ވާހަކަ އަކީ ވެސް އާ ވާހަކައެއް ނޫނެވެ. ދެން ފިލްމީ ދާއިރާގެ މީހުންގެ މެދުގައި އެންމެ އާންމު ވާހަކަ އަކީ މި ބުނާ ޒުވާން ފަންނުވެރިން އެއްގޮތަކަށް ވެސް ނުފެންނަ ވާހަކަ އެވެ. ދިވެހި ފިލްމީ ދާއިރާގެ ތަޖުރިބާކާރުން އަބަދުވެސް ޝަކުވާކުރަނީ ފާޑުކިޔާ ނަމަ ކެރިގެން ނުކުތުމަށެވެ. އާދައިގެ ދިވެހި ފިލްމަކަށް މަލާމާތްކުރާ ނަމަ އެ އަށް ވުރެ ރަނގަޅު އުފެއްދުމެއް ގެނެސްދިނުމަށެވެ.

މި ވާދަވެރިކަމާއި ފޯރިގަނޑުގެ ތެރެއިން ދިވެހި ގިނަ ޒުވާނުންތަކެއް މިހާރު ވަނީ ވީޑިއޯގްރެފީގެ ދާއިރާގައި ރަނގަޅަށް ފައިހަރުކޮށްފަ އެވެ. ހާއްސަކޮށް އިޝްތިހާރު އުފެއްދުމުގެ މައިދާނުން ފާހަގަކޮށްލެވޭ ޒުވާން ހުނަރުވެރިން ގިނަ އެވެ. އަދި ޔޫޓިއުބާއި ސޯޝަލް އެހެން މީޑިއަމްތަކުގައި ވެސް ފިލްމު އުފެއްދުމާއި ވީޑިއޯގްރެފީ ތަޖުރިބާކުރަމުން އަންނަ ޒުވާނުން ދިވެހިންގެ ތެރޭގައި ގިނަކަން ފާހަގަކޮށްލަން ޖެހެ އެވެ.

ސްޕޭސްޕެރޭޑަކީ އޭގެ ތެރެއިން އެއް ގްރޫޕެވެ.

"ސްޕޭސްޕެރޭޑް" އެކުލެވިގެން ވަނީ ޒުވާން ވީޑިއޯގްރާފަރު އަހުމަދު އިޔާޝް (އިޔާ) އާއި އަހުމަދު ކަރަމް އަދި މުހައްމަދު ހުރްޝީދުގެ މައްޗަށެވެ. ހުރްޝީދަކީ މި ކުޑަކުޑަ ޓީމުގެ ވީއެފްއެކްސް ސްޕެޝަލިސްޓެވެ. އެކަމަކު ތިން މީހުން ވެސް ގާތްގަނޑަކަށް ހުރިހާ ކަމެއްގައި ވެސް އިސްކޮށް ހަރަކާތްތެރިވެ އެވެ. އެކްޓްކޮށް، ޑައިރެކްޓްކޮށް، ކެމެރާކޮށް، އެޑިޓް ވެސް ކުރަނީ އާންމުކޮށް މިވެރިންނެވެ. އެމީހުންގެ ކްރޫއަށް ދެން އިތުރުވަނީ އެކްޓަރުގެ ގޮތުގައި އަންނަ ގާތް އެކުވެރިންނެވެ.

ސްޕޭސްޕެރޭޑަކީ ހަގީގަތުގައި ބޮޑު މަޖާގަނޑެކެވެ. މިއީ އިޔާ އާއި ކަރަމް އަދި ހުރުޝީދު ވެސް އެމީހުންގެ މަސައްކަތްތައް ސިފަކުރަން ބޭނުންވާ ގޮތެވެ. މާނަ އަކީ ކުރު ފިލްމާއި ފޭކް ޓްރެއިލާތައް އުފެއްދުމަށް އެމީހުން ނުކުތީ މަޖަލަކަށެވެ. އެކަމަކު ވަރަށް ބޮޑު ޝައުގުވެރިކަމާ އެކު ކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އެހެން ނޫން ނަމަ އެމީހުން މިހާތަނަށް ގެނެސްދީފައިވާ ކަހަލަ އުފެއްދުންތަކެއް ފަހަރުގައި ނުގެނެސްދެވުނީހެވެ.

އިޔާ ބުނިގޮތުގައި "ސްޕޭސްޕެރޭޑް" ގެ އަސްލަކީ ވަރަށް ފޫހި ދުވަހެއްގައި އޭނާ އާއި ގާތް އެކުވެރިޔާ، ކަރަމް ސައިކަލެއްގައި މާލެ ވަށައި ޖެހި ބުރެކެވެ. އެއީ 2008 ވަނަ އަހަރެވެ.

"ވަރަށް ވައިވެގެން ސައިކަލް ބުރު ޖަހަން ދަނީ އޭރު ކަރަމްއާ އެކު. އެގޮތަށް މާލެ ވަށާ ސައިކަލްގަ އަށް ބުރު ޖަހާ ނިމުނުތަނާ އައި ހިޔާލެއް މިއީ. ނިންމީ ހިނގާށޭ ޓްރެއިލާއެއް ހަދަން،" ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތައުރީފު އޮހުނު، ފޭކް ޓްރެއިލާ "އިންޑަސްޓްރީ" އުފެއްދުމުގެ ހިޔާލު އައި ގޮތާއި ސްޕޭސްޕެރޭޑް އުފެދުމުގެ އަސްލާ ބެހޭ ގޮތުން ވާހަކަ ފަށަމުން އިޔާ ބުންޏެވެ.

އެކަމަކު "ސްޕޭސްޕެރޭޑް" ގެ ފެށުމަކީ "އިންޑަސްޓްރީ" އެއް ނޫނެވެ. އެމީހުންގެ ފުރަތަމަ މަސައްކަތަކީ "ދެން ވާނީ ކިހިނެއް؟" ނަމަކަށް ކިޔާ، ވައްތަރެއްގެ ކުރު ފިލްމެކެވެ. "އިންޑަސްޓްރީ" ޓްރެއިލާ ނުކުތީ އޭގެ ހިޔާލު އުފެއްދުނުތާ ގާތްގަނޑަކަށް އަހަރު ދުވަސް ފަހުންނެވެ. އެއީ ނިކޮން ޑީ 70އެއް ބޭނުންކޮށްގެން ގާތްގަނޑަކަށް ދެ މަސްވަންދެން ކުރި މަސައްކަތުގެ ނަތީޖާއެވެ.

"އިންޑަސްޓްރީ" އަކީ ދިވެހި ފިލްމު އިންޑަސްޓްރީގެ ވާހަކަ "މަޖާ" ގޮތަކަށް ކިޔައިދޭ ފޭކް ޓްރެއިލާ އެކެވެ. އޭގައި ދައްކުވައި ދެނީ ދިވެހި ފިލްމު ބަލާ އޯޑިއެންސް މަދުވާ މައްސަލަ އަށް ހައްލެއް ހޯދަން ނުފޫޒުގަދަ ޕްރޮޑިއުސަރުން ވެކްސިނެއް އުފައްދައިގެން، އެ ވެކްސިން ބެލުންތެރިންގެ މެދުގައި ޓެސްޓްކުރާ ގޮތާއި އެއަށް ފަހު ނުކުންނަ ނަތީޖާތަކާއި ދިވެހި ފިލްމު އިންޑަސްޓްރީ ސަލާމަތްކުރުމަށް ހިންގާ ވަރުގަދަ ހަރަކާތްތަކެކެވެ.

ސްޕޭސްޕެރޭޑްގެ އިންޑަސްޓްރީ ޓްރެއިލާ

ކަރަމް ބުނީ އެންމެ ފުރަތަމަ މަސައްކަތް ފެށިއިރު ކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކަމަށެވެ. އެކަމަކު ވެސް "ދަސްވާނީ ފަށައިގެންނޭ" ކިޔާފައި މަސައްކަތް ފެށީ އެވެ.

"އިންޑަސްޓްރީ" އަކީ ސްޕޭސްޕެރޭޑްގެ އެންމެ ކާމިޔާބު އުފެއްދުންކަން ޔަގީނެވެ. އެކަމަކު އެއީ އެންމެ ފުރިހަމަ މަސައްކަތެއް ނޫންކަން ވެސް ޔަގީނެވެ. އަދި އެ މަސައްކަތާއި އެއަށް ފަހު ގެނެސްދިން ސިލްސިލާ މަސައްކަތްތަކާ އެކު ސްޕޭސް ޕެރޭޑްގެ އުފެއްދުންތައް ކުރިއަށް ވުރެ ރަނގަޅުވަމުން އަންނަކަން ވެސް ޔަގީނެވެ.

ނަމަވެސް ބޮޑު ސްކްރީނަށް މަސައްކަތެއް ގެނެސްދިނުމުގެ ވިސްނުމެއް އެމީހުންގެ އަދި ނެތެވެ. ފަހަރެއްގައި އެމީހުން އަދި ރަނގަޅަށް ތައްޔާރުނުވަނީ ކަމަށް ވެދާނެ އެވެ.

"ސީރިއަސްވުމުގެ އެއްވެސް ހިޔާލެއް ނެތް. ސްޕޭސްޕެރޭޑް ކުރިއަށް ދާނީ ހަމަ މިކަހަލަ ގޮތަކަށް. އިންޑިޕެންޑެންޓް، މަޖާ، ސަޅި އެއްޗެހި ގެނެސްދޭ ބައެއްގެ ގޮތުގައި،" އިޔާ ބުންޏެވެ.

ނަމަވެސް އޭނާ ބުނީ ކުރު ފިލްމާއި ފޭކް ޓްރެއިލާތައް މިގޮތަށް އުފެއްދުމުގެ ވިސްނުން ދޫކޮށްލުމަށް ފަހު ތަންކޮޅެއް ބޮޑު މަސައްކަތެއް ބެލުންތެރިންނާ ހަމަ އަށް ގެނެސްދިނުމަކީ ވެސް ވެދާނެ ކަމެއް ކަމަށެވެ. ނަމަވެސް ބޮޑު ޕްރޮޖެކްޓްތަކަކާ އެކު ނުކުންނަން ނިންމިޔަސް "ސްޕޭސްޕެރޭޑް" ގެ މަގުސަދަށް ބަދަލެއް ގެނައުމުގެ ހިޔާލެއް އޭނާގެ ނެތެވެ. އެމީހުންގެ ބަހުރުވައިން "ސްޕޭސްޕެރޭޑް" ގެ މާނަ އަކީ މަޖާކުރުމެވެ.

ސްޕޭސްޕެރޭޑްގެ އެންމެ ފަހުގެ އުފެއްދުން، މޮންޓާޖް

ސްޕޭސްޕެރޭޑުން ބުނަނީ އެމީހުންގެ ބޭނުމަކީ ފިލްމު އުފެއްދުން ނޫން ކަމަށާއި ހުރިހާ މަސައްކަތެއް ވެސް ގާތްގަނޑަކަށް ޒީރޯ ބަޖެޓަކާއި އާދައިގެ އިކްއިޕްމެންޓްސްއާ އެކު މި ގެނެސްދެނީ ކަމެއް ސާބިތުކޮށްދޭން ކަމަށެވެ.

"ސާބިތުކޮށްދޭން ބޭނުން މި ވަނީ އެންމެ އާދައިގެ ބަޖެޓްގަ ވެސް ބަލާލަން ކެރޭ ފެންވަރުގެ އެއްޗެހިތަކެއް ހެދިދާނެކަން. ކުދިކުދި އެއްޗިއްސަށް ވިޔަސް،" ހުރުޝީދު ބުންޏެވެ. "ލޯ ބަޖެޓްގަ ފުދޭވަރަކަށް ރަނގަޅު އެއްޗެހި އެބަ ހެދޭ. ރަނގަޅު އިކްއިޕްމެންޓްތަކެއް ވެސް ނެތް އަސްލު. ބައެއް ފަހަރު އައިފޯނުގަ ވެސް އެބަ ޝޫޓްކުރަން. އެހެންވީމަ މި ވީޑިއޯތަކުން އަހަރެމެން ކުރަން ބޭނުން ސުވާލަކީ ތަންކޮޅެއް ރަނގަޅު ބަޖެޓަކާއި ރަނގަޅު އިކްއިޕްމެންޓްސް ބޭނުންކޮށްގެން ވެސް ކީއްވެހޭ (ފިލްމީ ދާއިރާ އަށް) ރަނގަޅު ފިލްމުތަކެއް ނުގެނެސްދެވެނީ؟".

މި ސުވާލަށް އަޅުގަނޑު ޖަވާބު ދިނުން އެހާ ބުއްދިވެރިއެއް ނުވާނެ އެވެ.

ކޮންމެއަކަސް މިއީ ފިލްމު ބެލުމަށާއި ގޭމްކުޅުމަށް މަރުދޭ އިޔާ އާއި ކަރަމްގެ "ސްޕޭސްޕެރޭޑް" ގެ ވާހަކަ އެވެ. އެމީހުންގެ އަތުގައި އުފެއްދުންތެރި ހިޔާލުތައް އެބަހުއްޓެވެ. ހިތްވަރު ވެސް އެބަހުއްޓެވެ. ފަހަރެއްގައި ބޮޑު ބަޖެޓަކާއި ބޮޑު ކްރޫއެއް ނޯވެދާނެ އެވެ. ދެން ކޮންމެއަކަސް ސްޕޭސްޕެރޭޑަށް ވެސް ވާ ގޮތެއް ބަލަން ތިބެމާ ހިނގާށެވެ.

އެމީހުންގެ ފޭކް ޓްރެއިލާ "އިންޑަސްޓްރީ" ފިލްމަކަށް ވާނެ ދުވަހަކަށް އިންތިޒާރުކުރަމެވެ. އަނެއްކާ އެ ޓްރެއިލާގެ އަސްލަށް ފިލްމެއް ބަލާލަން ޝައުގުވެރިވަނީ އަޅުގަނޑު އެކަނި ހެއްޔެވެ؟

22 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait