ފުރަތަމަ ގަބޫލެއް ވެސް ނުކުރެވުނެވެ. ދެން ބަޑިފަޅައިގެން ދިޔައީ އެވެ. ކަރުނައިން ދެ ލޯ ފުރި ބަންޑުންވެ، އަޑުން އަޑުނަގައި ރޮއިގަނެވުނީ އެވެ. އަތުން ޖަހައި ކޮޓަރީގެ ދޮރު ފަތް ފާރަށް ތައްކޮށްލަމުން ކުރު ފިޔަވަޅުތަކެއްގައި ދުވެފައި ގޮސް އަހަރެން އޭނާ ކައިރިއަށް، ދެ ކަކޫ މައްޗަށް ތިރިވީމެވެ. ހީވީ އަހަރެންގެ ފައިގެ ކަށިތައް ކުދިކުދިވެގެން މުށިގަނޑު މައްޗަށް ފޭބިހެންނެވެ. އޭނާ އޮތީ ތަޅުންގަނޑު މަތީގަ އެވެ.
ފުރަތަމަ އަތްލަން ވެސް ނުކެރުނެވެ. ދެން ދެ އަތްދަނޑި މައްޗަށް ނަގައި، ނިކަން ބާރަށް ބައްދައިގަތީމެވެ. އެ ހަށިގަނޑުގެ ފިނިކަން އަހަރެންގެ އެންމެ ހިމަ ނާރުތަކަށް ދިޔައީ ކުރަމުންނެވެ. މުޅި މީހާ ހުރެގެން ތުރުތުރުއަޅަނީ އެވެ. އޭރު ވެސް އަހަރެންގެ ރުއިމުގެ އަޑެއް ނުކެނޑެ އެވެ. އަހަރެން ހުރީ ދެން ހަދާނެ ގޮތެއް ނެތިފަ އެވެ. އިރުކޮޅަކުން ބަރު ފިޔަވަޅުތަކެއްގައި މީހަކު ދުވެފައި އައިސް ކޮޓަރި އަށް ވަން އަޑު އިވުނެވެ. ދެން އިވުނީ ސިޔާދާގެ ރުއިމުގެ އަޑެވެ. އެއީ އަހަރެންގެ އަންހެނުންނެވެ. ތުރުތުރުއަޅަމުން ދިޔަ އަހަރެންގެ ދެ އަތް މަތީގައި އޮތް ފުރާނައެއް ނެތް އަންހެން ކުއްޖާގެ މަންމަ އެވެ.
********
އޭނަ އަށް އެންމެ ފުރަތަމަ ރީތިވީ ރަތް ކުލަ އެވެ. ފިރުކެމުން ކުޅެން އުޅުނުއިރު ވެސް ރަތްކުލައިގެ ކުޅޭ އެއްޗިއްސާ ވަރަށް ވެސް ދޯޅެވެ. އޭނާ ކުލަޖައްސާ ހުރިހާ މަލެއް ވެސް ފޮޅެނީ ރަތް ކުލައިގަ އެވެ. އޭނާގެ ގަބީޗާގައި މުޅިން ވެސް ރަތް ކުލައިގެ މާމަލެވެ. އެކަމަކު ފަސް އަހަރުގައި އޭނާގެ އެ ޝައުގުވެރިކަން ރަތް ކުލަ އަށް ގެއްލުނީ އެވެ. އަހަރެން ސުވާލުކުރުމުން އޭނާ ބުނީ އެއީ ގޯސް ކުލައެއް ކަމަށެވެ. އެއީ ބެސްޓް ފްރެންޑާއެކު އޭނާ ކުޅެން އުޅެނިކޮށް ބެސްޓް ފްރެންޑް ގޮނޑިއަކުން ވެއްޓި ބޯ ފަޅައިގެން ދިޔައީމަ އެވެ. އޭނާ ބުނީ ބެސްޓް ފްރެންޑްގެ ބޮލުން އެ ދުވަހު ވަރަށް ބައިވަރު "ރަތް ކުލަ" ފޭބިކަމަށާއި އެހެންކަމުން ރަތް ކުލައާ ހެދި ބެސްޓް ފްރެންޑް ބަލިވުމުން ކުޅެން ދާނެ ކުއްޖަކު ވެސް ނުވީ ކަމަށެވެ.
އޭގެ ފަހުން ލޭ ތިއްކެއް ފެނުނަސް އޭނާ ހޭނެތޭނެ އެވެ. އެގޮތަށް ގޮސް ރަތް ކުލަ މަތިން އޭނާ އެއްކޮށް ފޫހިވީ އެވެ. ދެން އޭނާގެ މާ ބަގީޗާގައި ފޮޅެން ފެށީ ފިޔާތޮށި ކުލައިގެ މާމަލެވެ. އޭނާ ލޯބިން ކުރެހި މަންޒަރުގައި ޖެއްސި ކުލަތައް ފޭދެން ފެށުމާ އެކު އަނެއްކާ ވެސް ފާޅުވީ އޭނާ އެންމެ ބޭނުންނުވި ކުލަ އެވެ. އެއީ ރަތް ކުލަ އެވެ.
މަރުވީ 12 އަހަރު ފުރެން ދެ ދުވަހަށް ވެފައި ވަނިކޮށެވެ. އެ ލޯބި ފަން އިސްތަށިކޮޅު އޮތީ ހޭވިވެފަ އެވެ. ދެ ލޯ އޮތީ ހުޅުވިފަ އެވެ. އެ ބޮޑު ދެ ލޯ ރަތްވެފަ އެވެ. ދުޅަވެފައިވާ ތުންފަތުގެ އެއް އަރިމަތިން ވަނީ ތަންގަނޑެއް ފަޅައިގެން ގޮސްފަ އެވެ. އަތުގެ ހިކަނދި މަސްގަނޑާއި ކަނދުރާއާ ދިމާލުގައި ނޫފައިގެންފައި ހުރި ތަންތަން ހުއްޓެވެ. ހެދުމުގެ އެކި ތަންތަނުން ވީދިފަ އެވެ. ލައިގެން ހުރި ޖަނގިޔާ އޮތީ ކަނާތު ފައިގެ ކަކުލުހުޅުން ތިރީގަ އެވެ. އެ ވެސް އިރާލައިފަ އެވެ. ފަލަ މަސްގަނޑު ފެންނަ ގޮތަށް ހެދުން ހިއްލިފައި އޮތްއިރު އެކި ދިމަދިމާލުގައި ވަކި އެޅިފައި ހުއްޓެވެ. ބުރައިގެސް ގޮސްފައި ހުރި ލޭ ތިކިތައް ހިކިފައި ހުއްޓެވެ.
ސިޔާދާ އާއި އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުގެ އިތްފަތް ފޭރިގަތުމަށް ފަހު އޭނާ މަރާލި ރަހުމްކުޑަ ގާތިލަކީ ކާކުކަން ދެނެގަތުމަށް ފުލުހުންނަށް މާ ގިނަ ދުވަހެއް ނުނަގަ އެވެ. ޖެހިގެން އައި ދުވަހުގެ އިރުއޮއްސި ހައެއް ޖެހިއިރު ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ފައުޖެއް އޭނާ ހައްޔަރުކުރުމަށް، އޭނާ ދިރިއުޅޭ ގެއަށް ދިޔަ އެވެ. އެކަމަކު އެ ގޭ ތެރޭގައި އެކަކު ވެސް ނެތްކަން ފުލުހުންނަށް އެނގުނީ ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަން ފަހުންނެވެ. އެ ހިސާބުން، ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައި އޭނާ ހޯދަން ވަގުތުން ނޯޓިސް ނެރުނެވެ. މާލެ އަކީ ކުޑަތަނެއްކަމުން އެންމެން ވެސް ތިބީ ދާދި އަވަހަށް ފުލުހުން އޭނާ އަތުލައިގަންނާނެ ކަމުގެ އުއްމީދުގަ އެވެ.
އެކަމަކު ހަފުތާއެއްވީއިރު ވެސް އޭނާގެ ޚަބަރެއް ނުވި އެވެ. ތޮއްޖެހިފައިވާ މާލޭގައި އޭނާ ފިލާ އޮތް ހޮރެއް ދެނެގަނެވޭނެ މީހަކު ނުވި އެވެ. އޭނާ މާލެ އިން ބޭރު ނުވާކަން ޔަގީނެވެ. މާލެ އިން ބޭރުވިޔަސް ރާއްޖެ އިން ބޭރަށް ނުވަތަ މާލެއާ ދުރު ހިސާބަކަށް ނުދާކަން ޔަގީނެވެ. އެހެންކަމުން އޭނާ ހޯދުމުގެ މަސައްކަތް ދިޔައީ ހަލުވިކަމާ އެކު ކުރިއަށެވެ. އެކަމަކު ދެ ތިން މަސް ދުވަސް ފަހުން އެންމެން ވެސް އޭނާ މަތިން މުޅިން ކަހަލަ ގޮތަކަށް ހަނދާން ނެތުނެވެ. ސިޔާސީ ހަލަބޮލިކަމަކާ އެކު މުޅި ގައުމު ކެކި އަރައިގަތުމުން އެންމެންގެ ސަމާލުކަން ހުއްޓިގެން ދިޔައީ ސިޔާސީ މައިދާނަށެވެ. ކުށްވެރިން މަތިން އެންމެން ވެސް ހަނދާން ނެތިއްޖެ އެވެ. އަހަރެންގެ އަންހެން ދަރިފުޅު މަރާލި މީހާގެ ސިފަ ވެސް މީހުން ހަނދާން ނެތިއްޖެ އެވެ. އަނެއްކޮޅުން ކުށްކުރުން މުޅި ގައުމުގައި ހަލުވިކަމާ އެކު އިތުރުވާން ފަށައިފި އެވެ.
********
ފުރަތަމަ ގަބޫލެއް ވެސް ނުކުރެވުނެވެ. ދެން ބޭނުންވީ އޭނާ މަރާލާށެވެ. އަނިޔާވެރި ގޮތަކަށެވެ. އޭނާގެ އަނިޔާވެރިކަމަށް ވުރެ ރަހުމްކުޑަވެގަންނާށެވެ. އެކަމަކު ދަރިފުޅުގެ ފުރާނައެއް ނެތް މަސްގަނޑު އޮތް ގޮތް ލޯ މައްޗަށް ސިފަވާ ކޮންމެ ފަހަރަކު ކުދިކުދިވެގެން އަހަރެން ފައިބަނީ އެވެ. ކޮޅަކަށް ނުހުރެވެ އެވެ. ތަނެއްގައި އަހަރެން ހަރެއް ނުލަ އެވެ. އެކަމަކު ވެސް އަހަރެން ބޭނުންވީ އަނިޔާވެރިކަމަކީ ކޮބައިކަން އޭނާ އަށް ދައްކައިދޭށެވެ. ސިޔާދާ އާއި އަހަރެން އިންދި ބަގީޗާގެ ފޮނިގަދަ މޭވާ ކާލި މީދާ އަހަރެންގެ ދެ އަތުން މަރާލާށެވެ. އެކަމަކު އެއީ އަދި އެންމެ ރަނގަޅު ގޮތް ނޫންކަން ވެސް އެނގެ އެވެ.
އެއީ ބީރައްޓެއްސެއް ނޫނެވެ. ކޮންމެ ދުވަހަކު ގޭ ތެރެއިން ބައްދަލުވި އެކުވެރި މޫނެކެވެ. ބަދިގެ އަށް ބޭނުންވާ އެއްޗިހި ހޯދުމުގައި އަހަންނަށް ވުރެ ބޮޑަށް ސިޔާދާ އަށް އެހީތެރިވި މީހެކެވެ. އޭނަ ބާޒާރުކުރަން ގޮސް އަހަރެމެންނަށް މަސްކޮޅެއް ނުވަތަ ތަރުކާރީކޮޅެއް ނުގަނެދީ އޭނާގެ ބާޒާރުކުރުން ފުރިހަމައެއް ވެސް ނުވީ މީހެކެވެ. ގިނަ ރޭރޭ ކުނި ކޮތަޅު ވެސް އުކާލަދެނީ އޭނަ އެވެ. ގޭ ތެރޭގައި ބޮއްކެއް ބަދަލުކުރަން ވެސް ގިނަ ފަހަރު އަހަންނަކަށް ނުޖެހޭނެ އެވެ. އެއީ އާއިލާ ތެރޭގައި އެހާ ވެސް ރަނގަޅަށް އުޅުނު މީހެކެވެ. ރަތް ކުލަ ދެކެ ދަރިފުޅު ފޫހިވުމުން ފިޔާތޮށި ކުލަ އޭނާގެ ފެވަރިޓް ކުލައަށް ހެދީ ވެސް އަސްލު އޭނާ އެވެ. ފިޔާތޮށި ކުލަ އަށް ދަރިފުޅު އެހާ ބޮޑު ލޯތްބެއް ޖެހުނީ އޭނާ ފުލުފުލުހުން ގެނެސްދެމުން ދިޔަ ބާބީ ޑޯލްތަކަށް ހިތް ބަންޑުންވުމުންނެވެ. އަބަދު ކުޅޭ އެއްޗެހި ދޭތީ އަހަރެން އެހާ ހިތްހަމައެއް ވެސް ނުޖެހެ އެވެ. އެކަމަކު ވެސް އެ ވާހަކައެއް ދުވަހަކު ވެސް ނުބުނަމެވެ. އެއީ ސިޔާދާގެ އެއްބަނޑު އެއްބަފާ ބޭބެ އަށް ވީމަ އެވެ. އަނެއްކޮޅުން ޝަކުވާއެއް ކުރާ ވަރަށް ވުރެ އޭނާގެ އަމަލުތައް މާ ރަނގަޅެވެ.
********
ޒޫއީ އުފަންވީ ސިޔާދާ އާއި އަހަރެންގެ ކައިވެންޏަށް ދެ އަހަރު ފަހުންނެވެ. އަވަހަށް ދަރިއަކު ހޯދަން ސިޔާދާ ބޭނުންނުވީ އެވެ. ސިޔާދާ އެންމެ ކުރާހިތުން ކުރި ކަމަކީ މޮޑެލްކުރުމެވެ. އޭނާގެ ރީތިކަމުގެ ފައިދާ އޭނާ އަހަރެމެންގެ އާއިލާ އަށް ވެއްދި އެވެ. އޭނާ އަހަންނަށް ދިން މާލީ އެއްބާރުލުން ނުދިންނަމަ އަހަރެމެންގެ އާއިލާ ދުވަހަކު ވެސް ކޮޅަކަށް ނުޖެހޭނެ އެވެ. ކައިވެނިކުރިއިރު އަހަރެން އުޅެނީ ވަޒީފާއެއްގައެއް ވެސް ނޫނެވެ. ޓެކްސީ ޑްރައިވަރަކަށް އަހަރެން ބަދަލުވީ އޭގެ ދުވަސްތަކެއް ފަހުންނެވެ. ޒޫއީ އަށް އެންމެ ބޭނުންވި ވަގުތު އަހަރެމެން ދެ މީހުންގެ ކިބައިން ވެސް ހަގީގަތުގައި ލިބިފައެއް ނެތެވެ. މިހާރު މޮޑެލް ނުކުރިޔަސް ސިޔާދާ އަކީ ނުލާހިކު ވެސް ހީވާގި މަސައްކަތްތެރި އެކެވެ. އޭނާ އަކީ އެޑްވަޓައިޒިން ކުންފުންޏެއް ހިންގާ މީހެކެވެ. ގިނަ ވަގުތު އުޅެނީ ބޭރުގަ އެވެ. އަހަރެން އުޅެނީ ކާރުގަ އެވެ. ދޭތެރެ ދޭތެރެއިން ގެއަށް ވަދެލެވެ އެވެ.
އަހަންނާއި ސިޔާދާ ކައިވެނިކުރީ އެންމެން ހިތްހަމަޖެހިގެނެއް ނޫނެވެ. އާއިލާ ދޫކޮށްލުމަށް ފަހު އަހަންނާ އިނދެގެން ސިޔާދާގެ އަމިއްލަ އެޕާޓްމަންޓަކަށް ބަދަލުވީ އެވެ. މިހާރު އުޅެނީ އޭނާގެ އަމިއްލަ ބިމެއްގަ އެވެ. އަހަރެން އަދިވެސް ޓެކްސީ ކުރަނީ އަހަރެން އެކަމާ ގަޔާވާތީ އެވެ. އަހަރެން ވެސް ކޮންމެ ވެސް ކަމެއް ކުރަން ޖެހޭތީ އެވެ.
ސިޔާދާގެ އާއިލާ އިން އަހަރެމެން ދެ މީހުންނާ ކިރިޔާ ވެސް ގުޅުމެއް އޮންނަ މީހަކީ އޭނާގެ ބޭބެ އެވެ. އެހެންކަމުން އަހަރެމެން ދެ މީހުން އެންމެ ބިޒީވާ ގަޑިތަކުގައި ޒޫއީ ބަލައިދެނީ ވެސް ގިނަ ފަހަރު އޭނަ އެވެ. އޭނަ އަކީ ވަޒީފާއަކަށް ދާން ޖެހޭ މީހެއް ނޫނެވެ. އެހެންވެ އޭނާ އަށް އަހަރެން އަގެއް ވެސް ދެމެވެ.
********
ޒޫއީގެ ރަހުމްކުޑަ މަރަށް މިހާރު ތިން އަހަރެވެ. އެ ހަނދާންތަކުން ސިކުނޑި ވަނީ އަދިވެސް ކިލަނބުވެފަ އެވެ. އެކަމަކު އަލަށް އިތުރުވި ތުއްތު ތުއްތު އަންހެން މެމްބަރާ އެކު އުފާވެރިކަން ގާތްގަނޑަކަށް އެނބުރި އަތުވެއްޖެ އެވެ. އޭނާ އަށް އަހަރެމެން ދިނީ ޒޫއީގެ ނަމެވެ.
އަހަރެމެންގެ ދަރިފުޅުގެ ގާތިލުގެ ޚަބަރެއް ފުލުހުންނަކަށް އަދިވެސް ނުވެ އެވެ. ސިޔާދާގެ އާއިލާގެ މެމްބަރުންނަކަށް ވެސް އޭނާ އަށް ވީގޮތެއް އަދިވެސް ނޭނގެ އެވެ. ބޭބެވީ ތަނެއް ސިޔާދާ އަކަށް ވެސް ނޭނގެ އެވެ. ޒޫއީގެ ގާތިލު ހުރި ތަން އެނގޭ ހަމައެކަނި މީހަކީ އަހަންނެވެ.
އަހަންނަށް އޭނާ ފެނުނީ ޒޫއީގެ މަރަށް ދެ ހަފުތާ ފަހުންނެވެ. ދަތުރެއް ހޯދުމަށް އޭނާ އަހަރެންގެ ޓެކްސީއަށް އެރި ގޮތަށް ފޭބީ އަހަރެންމެންގެ ގްރައުންޑް ފްލޯގެ އަޑީގައި ހުރި ގަރާޖަށެވެ. ގަރާޖު ތެރޭގައި އަހަރެން ގާއިމުކޮށްފައިވާ ސިއްރު ކޮޓަރިއެއްގައި އޭނާ ބަންދުކޮށްގެން އަހަރެން ގެންގުޅޭތާ މިހާރު ތިން އަހަރެވެ. ބައެއް މީހުން ގަބޫލުކުރަނީ އޭނާ މިހާރު މަރުވެދާނެ ކަމަށެވެ. އެކަމަކު އޭނާ އަދި މަރެއް ނުވެ އެވެ. އަހަރެން އޭނާ މަރައެއް ވެސް ނުލާނަމެވެ. ރަނގަޅަށް ކާން ވެސް ދެމެވެ. އަދި އަނިޔާވެސް ކުރަމެވެ. އަހަރެންގެ ދަރިފުޅަށް އަހަރެން އިންސާފު ހޯދައިދޭނަމެވެ. އަހަންނަށް ވެވުނު އިހްމާލުގެ ބަދަލު ދޭނަމެވެ. އަދި އެ އަނިޔާވެރިޔާގެ ކިބައިން ބަދަލު ވެސް ހިފާނަމެވެ.
------------------------
ފޮޓޯގްރަފީ: އަލީ ރިފްހާން

13 comments