ގާހިރާ (ޖުލައި 23) - ޚަލީފާ އުމަރު ބިން ޚައްތާބާ ބެހޭ ގޮތުން ދައްކަން ފެށި ޓީވީ ޑްރާމާ ސިލްސިލާއެއްގެ މައްސަލަ އަރަބި ދުނިޔޭގައި ހޫނުވެ، މި ޑްރާމާ ނުދެއްކޭނެ ކަމަށް އެތައް ހާސް ބަޔަކު ގޮވާލައިފި އެވެ.
ރޯދަ މަހު މި ސިލްސިލާ ދެއްކުމަށް ހަމަޖައްސާފައިވާ އިރު ރޯދަ މަހު އަރަބި ދުނިޔޭގައި ޓީވީ އޯޑިއެންސް ވެސް ވަރަށް ބޮޑުތަން އިތުރުވެ އެވެ. އިޝްތިހާރު ކުރާ މީހުން ވެސް ޓީވީ އިޝްތިހާރުތަކަށް ރޯދަ މަހު ބޮޑު ހޭދައެއް ކުރެ އެވެ.
އުމަރުގެ ފާނާ ބެހޭ ސިލްސިލާ އުފެއްދީ ސައުދީ ކުންފުންޏެއް ކަމަށްވާ މިޑްލް އީސްޓް ބްރޯޑްކާސްޓިން ސެންޓަ (އެމްބީސީ) އިންނެވެ. އެ ކުންފުނިން ބުނިގޮތުގައި މިއީ މިހާތަނަށް އުފެއްދި އެންމެ ބޮޑު އަރަބި ސިލްސިލާ އެވެ. މި ޑްރާމާ ސިލްސިލާގައި ދުނިޔޭގެ 10 ގައުމެއްގެ 30،000 އެކްޓަރުން ބައިވެރިވެ އެވެ.
މިސްރުގެ އަޒްހަރު ޔުނިވާސިޓީން ވަނީ ކީރިތި ރަސޫލާ އާއި ޚަލީފާއިންގެ ފޮޓޯ ސިފަވާ ގޮތަށް މަންޒަރުތައް ދެއްކުން ހުއްދަ ނޫން ކަމަށް ބުނެ ފަތުވާ ނެރެފަ އެވެ. ސައުދީ އަރަބިޔާގެ އިސްލާމިކް ލީގަލް ރިސާޗް ސެންޓަ، ދާރުލް އިފްތާ އިން ވެސް ވަނީ މި ފަތުވާ އަށް ތާއިދުކޮށްފަ އެވެ.
ފޭސްބުކާއި ޓްވިޓާގައި ވަނީ މި ސިލްސިލާ ދެއްކުން ހުއްޓާލުމަށް އެތައް ހާސް ބަޔަކު ގޮވާލައިފަ އެވެ.
ސިލްސިލާ އުފެއްދި ޕްރޮޑިއުސަރުން ބުނެފައި ވަނީ މި ޑްރާމާ ދެއްކުމާ މެދު މަޝްހޫރު އިލްމުވެރިންގެ ތާއިދު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިސްރުގެ މަޝްހޫރު ޝެއިޚް ޔޫސުފް އަލް ގަރަދާވީ ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ. --އޭއެފްޕީ

ގައުމީ އިއްތިހާދުގެ ޖަލްސާ
ޕީޕީއެމްގެ އެއްވުން
4 comments