ކުރު ވާހަކަ

އެކި ދުވަސްމަތިން

އަހުމަދު ނަދީމް
31 ޖުލައި 2012 11:41 5 ކޮމެންޓު

އަހަރެން ހުރީ މަޑުކޮށްގެންނެވެ. ފާރުގައި ލެނގިލައިގެންނެވެ. އޭރު ދޮރު ހުޅުވާލާފައި އޭނާ ގެއިން ބޭރަށް ނުކުންނަނީ އެވެ. ދޮރު ލައްޕަމުން، ކޮނޑުގައި އޮތް ދަބަސް ހެޔޮވަރުކޮށްލި އެވެ. އަދި ސަމާލުވެގެން ޕޭވްމަންޓް މަތިން ކަނާތަށް ހިނގައިގަތެވެ. ފަރި ހިނގުމެކެވެ. ނަލަ އެވެ. ފަން އިސްތަށިގަނޑު އޮތީ ފަހަތަށް އައްސައިފަ އެވެ. ލައިގެން ހުރި ރަތް ޓީޝާޓުގެ ކަރު ބޮޑެވެ. ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައިރު، ކަރުގައި އެލިގެން މޭ މައްޗަށް ވެޓިފައި އޮތް ފަށުގެ ފޫ ދިޔައީ ކުޑަކޮށް ފުމެމުން ދެކޮޅަށް ތެޅެމުންނެވެ. އެއީ ހިތެއްގެ ސިފައަށް އޮތް ދަނބުކުލައިގެ ފުލެކެވެ.

ބޮމުން ގެންދިޔަ ސިނގިރޭޓް ދޫކޮށްލުމަށް ފަހު އަހަރެން ވެސް ހިނގައިގަތީމެވެ. ލަސް ފިޔަވަޅުތަކެއްގަ އެވެ. ޓީޝާޓުގެ ކަރުގައި އެލުވާފައި އޮތް ރޭބަން ވޭފޭރާ ނަގައި ލޮލަށް ހެޔޮވަރުކޮށްލީމެވެ. އަހަރެން ހުރީ އޭނާގެ ފަހަތުގަ އެވެ. ގާތްގަނޑަކަށް 15 ފޫޓުގެ ދުރުމިނެކެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ގާތްގަނޑަކަށް 15: 3 އެވެ. ޖީބުން ކުއްލިއަކަށް ފޯނު ދަމައިގަނެގެން ގަޑި ބަލާލީމެވެ. މިހާރު 20: 3 އެވެ. އޭނާ ގެއިން ނުކުތީ ފަނަރައިގަ އެވެ.

އޯކިޑް މަގެވެ. މީހުން އެހާ ގިނައެއް ނޫނެވެ. އެކަމަކު ފުދޭވަރަކަށެވެ. ދުއްވާ އެއްޗެހީގެ އަޑު މަޑެއް ނޫނެވެ. ރޫސްލާފައި ދާ ސައިކަލްތައް މަދެއް ނޫނެވެ. ހިނގާފައި، ކައިރިން އަޅާފައި ދާ މީހުން ވާހަކަ ދައްކަމުން ހެމުންދާ އަޑު އިވެ އެވެ. ބައެއް މީހުން ފޯނުގަ އެވެ. ބައެއް މީހުން އެމީހުންގެ ލޯބިވެރިންނާއި ގާތް މީހުންނާ އެކުގަ އެވެ. އާރްފޯއާރް ކުރިމައްޗަށްވާ ގޮތަށް އޭނާ ކުއްލިއަކަށް މަޑުކޮށްލި އެވެ. އޭނާ ހުރީ ކޮކޯ ޓްރީގެ ފަޅީގަ އެވެ. އަހަރެން ހުރީ އެ ޕޭވްމަންޓްގެ ތަންކޮޅެއް ފަހަތުގަ އެވެ. ދުއްވާ އެއްޗެހި މަދުވި ވަގުތު ބަލައި އޭނާ ކުރު ފިޔަވަޅުތަކެއްގައި މަގު ހުރަސްކޮށް އާރްފޯއާރް ފަޅިއަށް އަރައިފި އެވެ. އަދި އެ ދިޔަގޮތަށް ގޮސް ސަލްސާ ރޯޔަލް ކައިރިން ގޯޅިއަށް އަޅާލައިގެން ގެއްލިއްޖެ އެވެ. ހުރި ދިމާލުން މަގު ހުރަސްކުރަން އަހަރެން ތެޅިގަތީމެވެ. އެކަން ކާމިޔާބުވީ ކުޑަ އިރުކޮޅަކުންނެވެ. ދުވެފައި ގޮސް ސަލްސާ ކައިރިން ގޯޅިއަށް އެޅީމެވެ. އޭރު މާ ލަސްވެއްޖެ އެވެ. އޭނާ އެ ގޯޅި ކަޑައްތުކޮށްފި އެވެ. އަހަރެން ތެޅިގަތީމެވެ. ޕޭވްމަންޓުން ދުވެފައި ދެވޭ ވަރަށް ވުރެ މީހުން ގިނަ އެވެ. މަގަށް ނުކުމެ އަވަސް ފިޔަވަޅުތަކެއްގައި ކުރިއަށް ދާން ފެށީމެވެ. ކާރާއި ސައިކަލްތަކުގެ ދޭތެރެއިން ދެމިގަނެގެން ގޮސް ފަރީދީ މަގަށް ނުކުތީމެވެ. އެވަރުން ވެސް އޭނާ ފެންނަ ގޮތެއް ނުވި އެވެ. އޭނާ އެ މަގުން ދިޔަ ކޮޅެއް އަހަންނަކަށް ނޭނގެ އެވެ. އެ ހިސާބުން އަހަންނަށް އޭނާ ގެއްލުނީ އެވެ. އެހެންވީމަ މިހާ ހިސާބުން މި ވާހަކަ މެދުކަނޑާލަން ވެސް މި ޖެހުނީ އެވެ.

ދެން ފަށާނީ ޖެހިގެން އައި ދުވަހުންނެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. ގަޑިން 38: 3 އެވެ. އަހަރެން މަޑުކޮށްލައިގެން ހުރީ ފަރީދީ މަގުގަ އެވެ. ނޮވެލްޓީ ބުކްޝޮޕް ކުރިމަތީގަ އެވެ. ޕޭވްމަންޓް މަތީގައި ހުރިއިރު ސަލްސާ ރޯޔަލްގެ ގޯޅިގަނޑު ފެނެ އެވެ. އަހަރެން ހުރީ އޭނާގެ އިންތިޒާރުގަ އެވެ. މާ ގިނަ އިރެއް ނުނެނގި އެވެ. އޭނާގެ މޫނު މީހުންގެ ތެރެއިން ދިއްލިއްޖެ އެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް ފަރީދީ މަގަށް ނުކުތެވެ.

އާދައިގެ މަތިން މަގުމަތި ހަލަބޮއްޔެވެ. އަހަރެންގެ ސަމާލުކަން ހުއްޓިފައި ހުރީ އޭނާ އަށެވެ. ކަންފަތުގައި ރިހިކުލައިގެ ބޮޑު ދެ ބޮޅެވެ. ކަޅިރަވައިގައި އަނދުން އަޅައިފަ އެވެ. ނިޔަފަތިތަކުގައި ފިޔާތޮށި ކުލަ އެވެ. ފެހިކުލައިގެ ޓީޝާޓެކެވެ. އޭގައި ލިޔެފައި ވަނީ "ޑްރީމްސް ބިކަމްސް ޑެސްޓިނީ" އެވެ. ލައިގެން ހުރީ ޑެނިމް ސްކިނީ އެކެވެ.

އޭނާ ފަހަތުން އަހަރެން ހިނގައިގަތީމެވެ. ކުރީ ދުވަހު އަހަންނަށް އޭނާ ގެއްލުނީ މިހާ ހިސާބުންނެވެ. އޭނާ ހިނގަމުން ދިޔައީ އާދައިގެ ސްޕީޑެއްގަ އެވެ. އިރުއިރުކޮޅުން ކޮނޑުގައި އޮތް ދަބަސް ކޮނޑަށް ހެޔޮވަރުކޮށްލަ އެވެ. އެއީ ސައިޑް ބޭގެކެވެ. ކަޅުކުލައިގެ ބޮޑު ދަބަހެކެވެ. އެއީ ފޮތް އަޅާފައިވާ ދަބަހަކަށް ވެދާނެ އެވެ.

މިއީ ގާތްގަނޑަކަށް 18 ނުވަތަ 20 އަހަރުގެ އަންހެން ކުއްޖެކެވެ. އަހަންނަށް ޔަގީނެއް ނޫނެވެ. މިހެން މި ބުނެލީ ހަމައެކަނި ލަފާކުރުމެއްގެ މައްޗަށެވެ. އޭނާ ވަރަށް ވެސް ޒުވާނެވެ. ތާޒާ އެވެ. ރީއްޗެވެ. ހެދުން އަޅާ ގޮތުން ހީވަނީ އޭނާ އަކީ މަޖާކުރުމުގައި ގިނަ ވަގުތު ހޭދަކުރަން ޝައުގުވެރިވާ ކުއްޖެއް ހެނެވެ. މިއުޒިކަށް ފޯރި ހުންނަ ފިލްމު ބަލަން މަރުދޭ އަންހެން ކުއްޖެއް ހެންނެވެ. ލެޑް ޒެޕެލިން އާއި ބީޓްލްސްގެ ރިންގޯގެ ފޮޓޯ ޖަހާފައިވާ ޓީޝާޓްތަކުގައި އޭނާ ފެނެ އެވެ. ރޯލިން ސްޓޯންސް އަދި ގަންސް އެންޑް ރޯސަސްގެ ޓީޝާޓްތަކުގައި ވެސް ފެނެ އެވެ. ދެން ބައެއް ފަހަރު ޕްލޭން ޓީޝާޓްތަކުގަ އެވެ. އަނެއް ބައި ފަހަރު ފިލްމުތަކުގެ ޕޯސްޓަރުތަކުން ސަޅިކޮށްފައިވާ ޓީޝާޓްތަކުގަ އެވެ. ދެން އަބަދުވެސް ޖީންސްގަ އެވެ. އިސްތަށިގަނޑު ބައެއް ދުވަސްދުވަހު އައްސާފައި އޮތަސް އެއްކޮށް ދޫކޮށްލާފައި ވެސް އޮވެ އެވެ. އަދި މައްޗަށް ނަގައި ހުޅިއެއް ޖަހާފައި ހުންނަ ދުވަސްތައް ވެސް ފެނެ އެވެ.

ދެން ކޮންމެއަކަސް، މި ހުރިހާ ސިފަތަކަށް ބަލާއިރު އަހަންނަށް އޭނާ ފެންނަނީ، 70 އާއި 80ގެ އިނގިރޭސި ލަވަތައް ޖަހައިގެން މަޖާނަގާ އަންހެން ކުއްޖެއްގެ ގޮތުގަ އެވެ. އޭނާ އަކީ އެކަނިވެރިއެއްގެ ވައްތަރެއް ނުޖަހަ އެވެ. އެކަމަކު އޭނާ އަހަންނަށް ކޮންމެ ދުވަހަކު ފެންނަނީ އެކަންޏެވެ.

އެންމެ ފުރަތަމަ ފެނުނީ މަގު ހުރަސްކުރަނިކޮށެވެ. މަޖީދީ މަގު ދެ ކަފިވެގެންދާ ހިސާބުންނެވެ. އަހަރެން ދިޔައީ ސައިކަލެއްގަ އެވެ. ބާރަށެވެ. އޭނާ މަގު ހުރަސްކުރަން އުޅެނިކޮށް އެ ދުވަހު އަހަރެންގެ ސައިކަލުގައި ނުޖެހުނީ އޭނާގެ ނަސީބު ގަދަކަމުންނެވެ. ފަހަރެއްގައި އަހަރެން ފަރިތަވީމަ ކަމަށް ވެސް ވެދާނެ އެވެ. އެ ދުވަހު އޭނާގެ އިސްތަށިގަނޑު އޮތީ މައްޗަށް ނަގައި ހުޅިއެއް ޖަހައިފަ އެވެ. އަހަރެން ބުރަކި ޖައްސާލި ވަގުތު ސައިކަލްގެ ކުރީ ފުރޮޅުން އޭނާގެ ފައިގައި ޖެހުނެވެ. އެކަމަކު ކިރިޔާ ޖެހުނީ އެވެ. އޭނާ އަށް ތަދުވިހެނެއް ހީއެއް ނުވެ އެވެ. ސައިކަލުން ސަލާމަތްވާން އޭނާ ތެޅިގަތް ވަގުތު ހުޅި ރޫޅިގެން އިސްތަށިތައް މޫނު މައްޗަށް ފޭބީ އެވެ. ކޮނޑުގައި އޮތް ދަބަސް ދޫވެގެން ބިން މައްޗަށް ވެއްޓުނީ އެވެ.

އަހަރެން އޭނާ އަށް އެހީތެރިވެ ދިނީމެވެ. ފަހުން ޓްރެފިކް ފުލުހުން ވެސް އައެވެ. ކުށްވެރިވީ އަހަންނެވެ. ދެކޮޅު ނުބަލާ މަގު ހުރަސްކުރި ޒުވާން އަންހެން ކުއްޖާއެއް ނޫނެވެ. އަހަރެންގެ ލައިސަންސް ހިފެހެއްޓީ އެވެ. އަންހެން ކުއްޖާ އަހަންނާ ދިމާލަށް މޫނު ކުނިކޮށްލައިގެން ގެއަށް ދިޔައީ އެވެ.

މިހާ ހިސާބުން އަނެއްކާ ވެސް ކުރީގެ ވާހަކަ އަށް އެނބުރިގަންނަމާ ހިނގާށެވެ. އަހަރެން ހިނގަމުން ދިޔައީ އަދިވެސް އޭނާގެ ފަހަތުންނެވެ. އޭނާ ގޮސް މަޖީދީ މަގު ހުރަސްކޮށް މާވެޔޮ މަގަށް އަޅައިފި އެވެ. އެ ވަގުތު ސައިކަލެއްގައި ދިޔަ މީހަކު އޭނާ ފެނިގެން މަޑުކޮށްލި އެވެ. އެ މީހާއާ އަރާހަމަކޮށްލުމަށް ފަހު އެ ދެ މީހުން ވާހަކަ ދެއްކީ ވަރަށް ގާތްކޮށެވެ. އަހަރެން މަޑުކޮށްލައިގެން ހުރީ މަޖީދީ މަގުގަ އެވެ. ޕޭވްމަންޓްގަ އެވެ. އިރުކޮޅަކުން އެ ސައިކަލަށް އަރައިގެން ގޮސް އަންހެން ކުއްޖާ ގެއްލިއްޖެ އެވެ. އެ މީހުން ދިޔައީ މާވެޔޮ މަގުން ވަދެގެން އެތެރެ އަށެވެ.

ޖެހިގެން އައި ދުވަހެވެ. އަހަރެން މަޑުކޮށްލައިގެން ހުރީ މަޖީދީ މަގާއި މާވެޔޮ މަގު ގުޅުނު ޓްރެފިކް ލައިޓްގަ އެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. މީހުންނާ އެކު މަޖީދީ މަގު އޮތީ ގާތްގަނޑަކަށް ފުރިފަ އެވެ. ޖީބުން ފޯނު ދަމައިގަނެގެން އަހަރެން ގަޑި ބަލާލީމެވެ. އޭރު 52: 3 އެވެ. އަހަރެންގެ އިންތިޒާރަށް ނިމުން އަތުވެއްޖެ އެވެ. ފަރުވާތެރިކަމާ އެކު މަޖީދީ މަގު ހުރަސްކޮށްލުމަށް ފަހު އޭނާ މާވެޔޮ މަގަށް ވަދެއްޖެ އެވެ. އަހަރެން ވެސް އޭނާ ފަހަތުން މާވެޔޮ ތެރެއަށް ވަދެގަތީމެވެ.

އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ސްކިނީ އެވެ. ކަޅު ކުލައިގެ ޕްލޭން ޓީޝާޓެކެވެ. އިސްތަށިގަނޑު އޮތީ މައްޗަށް ނަގައި ހުޅިއަކަށް ޖަހައިފަ އެވެ. ކަރުގައި އޮތީ ހުދު ކުލައިގެ ފަށެކެވެ. ކަޅިރަވައިގައި އަނދުން އަޅައިފަ އެވެ. ކަނާތުގެ އަތުކުރީގައި ކަޅުކުލައިގެ ފަށްތަކެއް އަޅައިފަ އެވެ. ކަޅާއި ހުދުގެ ކޮންވާސް އެކެވެ. އެ ގޮތިކް ތީމްގައި އޭނާ ވަރަށް ވެސް ފުރިހަމަ އެވެ. ފިޔަވަޅުތައް އަވަސްކުރަމުން ގޮސް އަހަރެން ތަންކޮޅެއް ގާތަށް ޖެހިލީމެވެ. އެއީ މާވެޔޮ މިސްކިތާ ދިމާލުންނެވެ.

އެ ހިސާބުން އޭނާ ފަހަތު އިތުރު މީހަކު ވެސް އަޅުވާލައިފި އެވެ. އެއީ ޒުވާނެކެވެ. ފިރިހެން ކުއްޖެކެވެ. އެ ހިސާބުގަނޑުގެ ގޯޅިތަކަށް ގިނަވެގެން އުޅޭ ގްރޫޕުތަކުން އާންމުކޮށް ފެންނަ މޫނެކެވެ. ނަން ނޭނގުނަސް އަހަރެން އޭނާ ދަންނަމެވެ. އަހަރެން ފާރަލަމުން ދިޔަ އަންހެން ކުއްޖާ ފަހަތު އޭނާ އަޅުވާލުމުން އަހަރެން ފިޔަވަޅުތައް ލަސްކުރީމެވެ. އެކަމަކު ވެސް އަހަރެން ކުރިއަށް ދިޔައީ އަންހެން ކުއްޖާ އަށް ސަމާލުކަން ދީގެންނެވެ.

ވަކި ހިސާބަކުން އެ ޒުވާނާ އޭނާ ދޫކޮށްލައިފި އެވެ. މަގު މަތީގައި ތިބި އެހެން ބަޔަކު އޭނާ އަށް ގޮވަން ފެށުމުން ދިޔައީ އެވެ. އެއީ އޭނާގެ ގްރޫޕަށް ވެސް ވެދާނެ އެވެ. އަހަރެން އަޅައެއް ނުލަމެވެ. ކުރު ފިޔަވަޅުތަކެއް އަހަރެން ދުއްވައިގަތީމެވެ. އޭރު ކޯރުކެނޑިމަގުން ކުރިއަށް ގޮސް އެ އަންހެން ކުއްޖާ އަމީނީ މަގަށް އަޅާލަނީ އެވެ. ދުވެފައި ގޮސް އަމީނީ މަގަށް ނުކުތްއިރު އޭނާ ހުރީ އެ ގޯޅި ކަންމަތީގައި މަޑުކޮށްލައިގެންނެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފިނި ވެސް ވި އެވެ. އަޅާ ވެސް ނުލައި އަހަރެން ދިޔަ ގޮތަށް ދިޔައީ އެވެ. އަހަރެން ގޮސް މަޑުކުރީ ތަންކޮޅެއް ދުރުގަ އެވެ. އޭރު ސައިކަލެއްގައި ގޮސް މީހަކު އޭނާ ކައިރިއަށް މަޑުކޮށްލަނީ އެވެ.

އެއީ ކުރީ ދުވަހު ވެސް އޭނާ އެރި ސައިކަލެވެ. ފަހަތު ސީޓުގައި އޭނާ ހަމަޖެހިލުމާ އެކު ފިރިހެން މީހާ ސައިކަލްގައި ނައްޓާލި އެވެ.

އަންހެން ކުއްޖާގެ ނަމެއް އަހަންނަކަށް ނޭނގެ އެވެ. އަހަރެން އޭނާ އަށް ޝައުގުވެރިވީ ފެނުނު ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަހަރެން ބޭނުންވީ އޭނާގެ ނަން ހޯދާށެވެ. އޭނާއާ ވާހަކަ ދައްކާށެވެ. މައާފަށް ވެސް އެދޭށެވެ.

ފެންނަ ފެނުމުގައި އޭނާ އަކީ ދަރިވަރެކެވެ. ކޮލެޖުގައި ކިޔަވާ ކުއްޖެކެވެ. އެކަމަކު ކިޔެވުމަށް އެހާ ބޮޑު ސަމާލުކަމެއް ދޭ ކުއްޖެއް ކަމަކަށް ނުފެނެ އެވެ. ކްލާހަށް ދިއުމުގެ ބަދަލުގައި އޭނާ އާންމުކޮށް ވަގުތު ހޭދަކުރަނީ ފިރިހެނަކާ އެކުގަ އެވެ. އެއީ ސައިކަލްގައި އޭނާ ބަލާ އަންނަ މީހާ އެވެ. ކޮންމެ ދުވަހަކު ވަކި ހިސާބަކުން އޭނާ އެ ފިރިހެން މީހާއާ އެކު ގެއްލެނީ އެވެ.

އަނެއްކާވެސް އާ ދުވަހެކެވެ. މިފަހަރު އަހަރެން ވެސް ސައިކަލްގަ އެވެ. ޖުވޭސް ކެފޭ ކައިރިން އެ އަންހެން ކުއްޖާ އޭނާގެ އެކުވެރިޔާގެ ސައިކަލަށް އަރައިފި އެވެ. ދެ މީހުން އެކުގައި ނައްޓާލުމުން އަހަރެން ވެސް މަޑުމަޑުން ނައްޓާލީމެވެ. އަމީނީ މަގަށް ނުކުމެ ހެންވޭރުކޮޅަށް މިސްރާބު ޖެހުމުން އަހަރެން ހީކުރީ އެ މީހުން ދަނީ އަންހެން ކުއްޖާ ކިޔަވަންދާ ކޮލެޖަށް ކަމަށެވެ. ނަމަވެސް އަހަރެން ހީކުރިގޮތާ ހިލާފަށް އެ ދެ މީހުން ދިޔައީ އެހެން ތަނަކަށެވެ. ސައިކަލުން ފައިބައިގެން ގޮސް އެ ދެ މީހުން ވަނީ ހެންވޭރުކޮޅުގައި ހުރި ގެސްޓް ހައުސް އަކަށެވެ. އެ ދެ މީހުންނަކީ ކިހާ ވަރެއްގެ ގުޅުމެއް ހިއްސާކުރާ ދެ މީހުންކަން އެ ހިސާބުން އަހަންނަށް އެނގިއްޖެ އެވެ. އެ ހިސާބުން އަހަރެން ގޮސް އެރީ އެކުވެރިންތަކަކާ އެކު ކޮފީއަކަށެވެ. އަހަރެންގެ ވާހަކަ ކިޔައި ދިނުމުން އެމީހުން އަހަންނާ ދިމާކޮށްފަ ހޭން ފެށީ އެވެ.

ޖެހިގެން އައި ދުވަހު އެ އަންހެން ކުއްޖާގެ ފޮޓޯ އަހަންނަށް ފެނުނީ ދުވަހު ނޫހަކުންނެވެ. އޭނާގެ ވާހަކަ އަހަރެން ކިޔާލީމެވެ. އެ އަންހެން ކުއްޖާ މަރުވީ އެވެ. މަރުވެފައި އޮއްވައި ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން ފެނުނީނެވެ. އަދި އެ މައްސަލާގައި 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް މައްސަލަ ބަލަމުންދާ ވާހަކަ ވެސް އޮތެވެ. އަންހެން ކުއްޖާގެ ނަމަކީ އީމާ އެވެ. އުމުރުން އެންމެ 17 އަހަރެވެ.

އަހަރެން ދެރަވި އެވެ. ފިނިވި އެވެ. ބިރުގަތެވެ. ބިރުގަތީ އަހަރެން ފަހަތުން ފުލުހުން އަތުވެދާނެތީ އެވެ. ދެރަވީ އެ އަންހެން ކުއްޖާ ފަހަތުން އެގޮތަށް ދެވުނީމަ އެވެ. އަދި އޭނާ އަށް އެހީގެ އަތެއް ދިއްކޮށްނުލެވުނީމަ އެވެ. ފަހުން އެނގުނު ގޮތުން އީމާ އަކީ އެ ފިރިހެން މީހާ އެގޮތަށް ގެސްޓް ހައުސް އަކަށް ގެންދިޔަ ހަމައެކަނި ކުއްޖާއެއް ވެސް ނޫނެވެ. އެކަމަކު އެގޮތަށް ކޮޓަރިއަކަށް ގެންގޮސްގެން މަސްތުވާތަކެތި ދީގެން އުފާ ހޯދަމުން ދަނިކޮށް މަރުވި ފުރަތަމަ ކުއްޖާ އެވެ.

----------------------------------

ތީމް ފޮޓޯ: ސެޗީޒް ޕޯޓްރެއިޓް ސްޓޫޑިއޯ

5 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait