ކުރު ވާހަކަ

ފުސްވަމުން، ގެއްލެމުން

އަހުމަދު ނަދީމް
02 އޯގަސްޓް 2012 10:59 28 ކޮމެންޓު

އުސް އިމާރާތެކެވެ. އިމާރާތުގެ އެންމެ މައްޗަށް އަރައި ފުންމާލަނީ އެވެ. މަގު މައްޗަށްވާ ގޮތަށެވެ. ފުންމާލަމުން ދެ ލޯ މަރާލަނީ އެވެ. ދެ ތިން ސިކުންތަށެވެ. ލޯ ހުޅުވާލާއިރު ގޮސް ވެއްޓެނީ ފެންގަނޑަކަށެވެ. މަގުމަތީގައި ހެދިފައިވާ ފެންގަނޑެކެވެ. އެދިޔަ ގޮތަށް ގޮސް ފެންގަނޑު ތެރެއަށް ވަދެގެން ދިޔައީ އެވެ. އެއީ ކަނޑެއްހާ ފުން ތަނެކެވެ.

ފެންގަނޑު ތެރެއިންނެވެ. ބޮކިތައް އަރުވަމުން ފަތަމުން ދަނީ އެވެ. ފެންގަނޑުން މައްޗަށް ބޯ ހިއްލާލީމެވެ. ވަށައިގެން ވަނީ ބިމެކެވެ. ހަތަރު ބިތަށް ފެތުރިފައި ވަނީ ހަނަފަސްކަމެވެ. ފެންގަނޑު ތެރެއިން އަރައިގެން އައިސް ވެލިގަނޑު މަތީގައި ހިނގަން ފެށީ އެވެ. ރަތްދަކަ އަވީގައި، މަޑުމަޑުން ލަސްލަހުންނެވެ. އިރުކޮޅަކުން އެތެރެއަށް ގެނބެން ފެށި އެވެ. މެދުހަށި ފަހަނަޅައި ގޮސްފި އެވެ. އެ ހޫނު ވެލިގަނޑު ތެރެއަށް ދަމައިގެން ދާން ދެން މާ ގިނަ އިރެއް ނުނެގި އެވެ. އަދި އެ ވެލިގަނޑު ތެރެއިން ސަލާމަތްވީ ވެސް އެހާ އަވަހަށެވެ. ސޮއްސާލައިގެން ވެއްޓެމުން ދިޔައީ ނިމުމެއް ނުފެންނަ ހުސްކަމެއްގެ ތެރެއަށެވެ. އޭރު ވިލާތައް ދައުރުވަމުންދާ މަންޒަރު ފެނެ އެވެ. އެ ވިލާތަކުގެ ތެރެއިން ގޮސް ވެއްޓުނީ މަގެއްގެ މެދަށެވެ. އެއީ ހަލަބޮލި މަގެކެވެ. ރައްޓެހި މާހައުލެކެވެ. މަޖީދީ މަގެވެ. ކުއްލިއަކަށް އިވުނު ބަރުގޮނުގެ ބާރު އަޑުފައްގަނޑާ އެކު ފަހަތަށް އެނބުރުނުއިރު ބާރު ދުވެއްޔެއްގައި އައި ކާރެއްގައި އަހަރެން ޖެހިއްޖެ އެވެ.

ސިއްސައިގެން ގޮސް ހޭލެވުނުއިރު ކާރުތަކުގެ ބަރަގޮނުގެ އަޑުފައްގަނޑާއެކު މުޅި ސަރަހައްދު ވަނީ ގުގުމާލައިފަ އެވެ. ފަހަތުގައި އޮތީ ބޮޑު ކާރު ކިޔޫ އެކެވެ. އަހަރެން އިނީ ކާރުގެ ޑްރައިވަރުގެ ސީޓްގަ އެވެ. މިއީ އަހަރެންގެ ޓެކްސީ އެވެ. ލަފާކުރެވޭ ގޮތުން ޓެކްސީގައި ދަނިކޮށް އިރުކޮޅަކަށް އަހަރެންގެ ހޭވެރިކަން ގެއްލުނީ އެވެ. އެއީ ވެދާނެ ގޮތެއްކަން އަހަންނަށް އެނގެ އެވެ. ކުރިން ވެސް އެކަން ތަޖުރިބާކުރެވިފައި ހުރީމަ އެވެ.

އާދައިގެ މަތިން ޓެކްސީ އަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. މީހެއްގެ ގައިގައި ޖެހުނު ކަމެއް ވެސް ނޭނގެ އެވެ. ފަހަތުގައި ތިބި މީހުން ތިބީ ހިތްހަމަނުޖެހިފަ އެވެ. ކާރު ސްޓާޓްކޮށްލައިގެން އަހަރެން ދުއްވާލީމެވެ. މަޑުމަޑުންނެވެ.

އަހަރެންގެ ނަމަކީ ހުސެން އެވެ. ޓެކްސީ ޑްރައިވަރަކީމެވެ. ހަނދާން ހުންނަން ފެށީއްސުރެ މި ނޫން ވަޒީފާއެއްގައި ނޫޅެވެ. ކޮންމެ ދުވަހަކީ ވަޒީފާ އަށް ނުކުންނަން ޖެހޭ ދުވަހެކެވެ. ދަތުރުކުރަން ޖެހެނީ އެއް މަގަކުންނެވެ. އުފުލަން ޖެހެނީ އެންމެ މީހެކެވެ. ދަތުރު ފަށަން ޖެހެނީ ފަތިހު އެވެ. އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން އެ ދަތުރު ނިންމަން ޖެހެ އެވެ. އަދި ރޭގަނޑު ހަތެއް ޖަހާއިރު ނިދަން އެނދަށް އަރަން ޖެހެ އެވެ. މިހާރު އެޔޮއް ހަތެއް ޖެހީ އެވެ. މިހާ ހިސާބުން އަހަރެންގެ ދެ ލޯ މަރާލާނަމެވެ.

********

ލޯ ހުޅުވާލީމެވެ. އަހަރެން ހުރީ ދަންޖެހިފަ އެވެ. ދަންމަޅި ވަނީ ކަރަށް ވާންވެފަ އެވެ. ކަރުގެ ނާރުތައް ވަނީ ފުފިފަ އެވެ. ތަދު އިހްސާސެއް ނުކުރެވެ އެވެ. ކައިރީގައި ވެއްޓިފައި އޮތް ގޮނޑިއެއް އޮތެވެ. ދަންޖެހިފައި ހުރި ވާގަނޑު އައްސާފައި ވަނީ ސީލިންގް ފަންކާގަ އެވެ. ވާގަޑަށް ވާންވަމުން ގޮސް އެންމެފަހުން ސީލިންގުން ތަންގަނޑެއް އިރައިގެން ގޮސް ފަންކާއާ އެކު އަހަރެން ބިންމައްޗަށް ވެއްޓިއްޖެ އެވެ. އިރުކޮޅަކުން މުޅިގެ ބިމާ ހަމަވެއްޖެ އެވެ. ކަރުގައި އޮތް ދަންމަޅި ދޫކޮށް ނައްޓުވާލީމެވެ. އެއް ފަރާތަކަށް ހޫރާލީމެވެ. ކުރިއަށް ފިޔަވަޅުތަކެއް އެޅީމެވެ. ހިނގަމުން ގޮސް ނުކުމެވުނީ މަޖީދީ މަގަށެވެ. ކުއްލިއަކަށް އިވުނު ބަރުގޮނުގެ އަޑުފައްގަނޑާއެކު ފަހަތަށް އެނބުރުނުއިރު ބާރު ދުވެއްޔެއްގައި އައި ކާރެއްގައި އަހަރެން ޖެހިއްޖެ އެވެ.

ސިއްސައިގެން ގޮސް ހޭލެވުނުއިރު ކާރުތަކުގެ ބަރަގޮނުގެ އަޑުފައްގަނޑާއެކު މުޅި ސަރަހައްދު ވަނީ ގުގުމާލައިފަ އެވެ. ފަހަތުގައި އޮތީ ބޮޑު ކާރު ކިޔޫ އެކެވެ. އަހަރެން އިނީ ކާރުގެ ޑްރައިވަރުގެ ސީޓްގަ އެވެ. މިއީ އަހަރެންގެ ޓެކްސީ އެވެ.

އާދައިގެ މަތިން ޓެކްސީ އަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. މީހެއްގެ ގައިގައި ޖެހުނު ކަމެއް ވެސް ނޭނގެ އެވެ. ފަހަތުގައި ތިބި މީހުން ތިބީ ހިތްހަމަނުޖެހިފަ އެވެ. ކާރު ސްޓާޓްކޮށްލައިގެން އަހަރެން ދުއްވާލީމެވެ. މަޑުމަޑުންނެވެ.

އަހަރެންގެ ނަމަކީ ހުސެން އެވެ. އަހަރެން ބޭނުންވަނީ މަރުވާށެވެ. އެކަމަކު އެކަން ކާމިޔާބުވާނެ ގޮތެއް ނެތެވެ. އުސް އިމާރާތެއްގެ އެންމެ މައްޗަށް އަރައި ފުންމާލިޔަސް ބިންމަތީގައި ޖެހުމުގެ ކުރިން އަހަރެންގެ ދެ އަތް ބިޔަ ދެ ފިޔަގަނޑަށް ބަދަލުވެގެންދެ އެވެ. ދެން އަހަރެން އުދުއްސައިގަންނަނީ އެވެ. ނުވަތަ ބިންމަތީގައި ގޮސް އަހަރެން ޖެހޭއިރު އެ ހަރު ބިންގަނޑު ޖެލީގަނޑަކަށް ބަދަލުވަނީ އެވެ. ކަރަށް މަޅިއެއް ވާންކުރިޔަސް އިހްސާސެއް ނުވެ އެވެ. އެކަމަކު ވެސް އަހަރެން ބޭނުންވަނީ މަރުވާށެވެ. މިއީ އަހަރެން ބޭނުންވާ ވަޒީފާއެއް ނޫނެވެ. ކޮންމެ ދުވަހަކު އެއް މަގަކުން އެއް ގޮތަކަށް ދަތުރުކުރަން އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ނަމަކަށް "ހުސެން" ކިޔަން އަހަރެން ބޭނުމެއް ނުވެ އެވެ. ކާރު ދުއްވާ އެންމެންނަށް ކިޔަނީ "ހުސެން" އެވެ. އެންމެން ދުއްވަނީ އެއްވައްތަރުގެ ޓެކްސީ އެވެ. އެންމެން ވެސް ދަތުރު ފަށަނީ ފަތިހު އެވެ. އެންމެން ވެސް ދަތުރުކުރަނީ އެއް މަންޒިލަކަށެވެ. އެންމެން ވެސް ދަތުރުކުރަނީ އެންމެ މީހަކާ އެކުގަ އެވެ. އެންމެން ވެސް ނިދަނީ އެއް ގަޑިއެއްގަ އެވެ.

އަހަންނަށް ހުވަފެންތަކެއް ފެނެ އެވެ. ހޭލާ އުޅޭއިރު ސިކުނޑީގައި އެނބުރޭ ބައެއް ހިޔާލުތައް މަންޒަރަށް ބަދަލުވެ، ކުލަވެގެން އެ މަންޒަރުތައް ލޯ މައްޗަށް ބަންޑުންވެ އެވެ. އެ ހުރިހާ މަންޒަރުތަކެއް އެއީ ހުވަފެންތަކަކަށް ވެސް ވެދާނެ އެވެ. އަހަންނަކަށް ޔަގީނެއް ނޫނެވެ. އެއްވެސް ކަމެއް ޔަގީނެއް ނޫނެވެ. އަހަންނަށް އެނގެނީ މަޖީދީމަގު އެކަންޏެވެ. ކާރުތައް އެކަންޏެވެ. ފަހަތު ސީޓުގައި އެންމެ މީހަކު އިންނަ ކަމެވެ. އެއީ އަންހެން ކުއްޖެއް ކަމެވެ. ކާރު ސަފުގެ އެންމެ ކުރީގައި އޮންނަނީ އަހަރެންގެ ޓެކްސީ ކަމެވެ. ފަހަތުން އަންނަ ހުރިހާ ޓެކްސީއެއްގައި ވެސް އޭގެ ޑްރައިވަރުންނާ އެކު ދަތުރުކުރަނީ އަންހެން ކުދިން ކަމެވެ. ކޮންމެ ކާރެއްގައި އަންހެން ކުއްޖެކެވެ. ދަތުރުކުރަނީ މަޖީދީ މަގުގެކޮޅަށެވެ. ކާރުން ދަތުރުކުރާ އެންމެން ހަވާލުކުރަން ޖެހެނީ އެ ހިސާބުގައި އުޅޭ ބަޔަކާ އެވެ. އަހަރެމެންނަކަށް އެމީހުންނެއް ނުއެއް ފެނެ އެވެ. މަގުގެ ކޮޅަށް ދެވުމުން އެކަން އެނގެނީ އެ ސަރަހައްދަށް ފެތުރިފައި އޮންނަ ފުސްގަނޑަކުންނެވެ. އެ ފުސްގަނޑާ ހަމައިން މަގު ނިމުމަކަށް އަންނަނީ އެވެ. އެއަށް ވުރެ ކުރިއަކަށް ނުދެވެ އެވެ. އަދި އެ ހިސާބަށް ދެވޭ އިރަށް ފަހަތު ސީޓުގައި އިންނަ އަންހެން ކުއްޖާ ކޮންމެ ދުވަހަކު ވެސް ގެއްލެނީ އެވެ. އެކަމަކު ޖެހިގެން އަންނަ ދުވަހުގެ ފަތިހު އަހަރެންގެ ޓެކްސީ އަށް އަނެއްކާވެސް އަރަނީ އެ އަންހެން ކުއްޖާ އެވެ.

ކޮންމެ ދުވަހަކު ވެސް އަހަރެން ކަނީ އޮރެންޖަކާ އެކު ހަތަރު ބިހުގެ ބިސްގަނޑެކެވެ. ދެން ބޮނީ މައިލޯ ތައްޓެކެވެ. ފަހަރެއްގައި މިއީ ވެސް އަހަންނަށް ހީވާ ހީވުމަކަށް ވެދާނެ އެވެ. އެ އެއްޗެހިތަކެއް އަހަންނަކަށް ނުފެނެ އެވެ. އަނގަޔަށް ލައިގެން ނުވެސް ހަފަމެވެ. ނުވެސް ބޮމެވެ. ހަމައެކަނި ކުރެވެނީ އިހްސާސެކެވެ. ދެނީ ރަހައެކެވެ. ބައެއް ފަހަރު މައިލޯގެ ރަހަ އެވެ. ބައެއް ފަހަރު އޮރެންޖު ޖޫހުގެ ރަހަ އެވެ. އަހަރެންގެ ބަނޑުފުރެ އެވެ. ކާ އެއްޗިއްސާއި މާމެލާމެލީގެ ވަސް ވެސް ދުވަ އެވެ. ކޮކާތައް ފަދައިން ހިޔަނިތަކެއް ވަށައިގެން އެނބުރޭހެން ވެސް ހީވެ އެވެ. އަދި ނިދަން އޮށޯވެ އޮންނައިރު ހިތްގައިމު ސެންޓް ވަހެއްގެ އަރާމު ވެސް ލިއްބައިދެ އެވެ. އެއީ އަހަންނަށް އެންމެ މީރު ވަސް ދުވާ ސެންޓްގެ ވަހެވެ. ފޮކްސީ ސެންޓްގެ ވަހެވެ.

ކާ އެއްޗެހި ލޮލަށް ނުފެނުނަސް އަހަންނަށް ރަނގަޅަށް މަންޒަރު ފެނެ އެވެ. އެކަމަކު ވަކި ހިސާބެކެވެ. މަޖީދީ މަގު އެކަންޏެވެ. މަގުގެ ދެކޮޅު އަދި ވަށައިގެންވާ އެއްވެސް ތަނެއް ނުފެނެ އެވެ. ހުދު ވިލާތަކުން މުޅި މާހައުލު އޮންނަނީ ބެދިފަ އެވެ. ވާރެއެއް ނުވެހެ އެވެ. ވާރޭ ވެހުނު ހަނދާނެއް ވެސް ނެތެވެ.

އަހަރެން ހުރީ މަޖީދީ މަގުގެ މެދުގަ އެވެ. ކުއްލިއަކަށް އައި ކާރެއްގައި ޖެހިފައި އަހަރެން ވެއްޓުނެވެ.

ކުޑަކޮށް ބޯ ހިއްލާލަމުން އަހަރެން ކުރިއަށް ބަލާލީމެވެ. ބިން މަތީގައި މީހަކު އޮތެވެ. ދޮރު ހުޅުވާލާފައި އަހަރެން އަވަސް އަވަހަށް ބޭރަށް ނުކުތީމެވެ. ބިން މަތީގައި އޮތީ ޒުވާން އަންހެން ކުއްޖެކެވެ. ކުރު ފިޔަވަޅުތަކެއްގައި ގޮސް އަހަރެންގެ ދެ އަތްދަނޑި މައްޗަށް އޭނާ ނެގީމެވެ. އޭނާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފަ އެވެ. ލޭ ފައިބަމުންދެ އެވެ. އޭނާ ކާރަށް އަރުވަން އަހަރެން އެނބުރިގަތީމެވެ. އޭރު އަހަރެންގެ ކާރުގެ ފަހަތުގައި އޮތް ކާރު ކިޔޫގެ ހުރިހާ ޑްރައިވަރުން ވެސް ތިބީ އަހަންނާ އެއްގޮތަކަށެވެ. އަހަންނާ އެއްވަރަކަށް އެމީހުން ވެސް ކުރަމުން ދިޔައީ އެއް ހަރަކާތެކެވެ. ކޮންމެ މީހެއްގެ އަތްދަނޑި މަތީގައި ވެސް އޮތީ ބޯ ފަޅައިގެން ގޮސްފައިވާ އަންހެން ކުއްޖެކެވެ. އެ މަންޒަރު ފެނިފައި އަހަރެންގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. އެމީހުންގެ ހަރަކާތްތައް ވެސް އެ ވަގުތު ހުއްޓުނެވެ. އިރުކޮޅަކުން ކާރުގެ ދޮރު ހުޅުވާލުމަށް ފަހު ފަހަތު ސީޓުގައި އަންހެން ކުއްޖާ ބޭއްވީމެވެ. ދެން ތިބި ޑްރައިވަރުން ވެސް ކަންތައްކުރީ އެގޮތަށެވެ. އަދި އަހަންނާ އެކު ހުރިހާ ޑްރައިވަރުން ވެސް ކާރުތަކަށް އަރައިގެން ނައްޓާލީ އެވެ.

ކާރުގެ ދުވެލި އަހަރެން ބާރުކުރީމެވެ. ފަހަތުން ދަތުރުކުރަމުން އައި ކާރުތަކުގެ ދުވެލި ވެސް ދިޔައީ މަތިވަމުންނެވެ. އޭރު އިރުއޮއްސެނީ އެވެ. އަހަރެން ކުރިއަށް ވުރެ ދުވެލި ބާރުކޮށްލީމެވެ. ދެން ވީގޮތެއް ނޭނގުނެވެ. އަޑުފަށްގަނޑަކާ އެކު އަހަރެންގެ ކާރު ބަނޑިވެގެން ދިޔައީ އެވެ. އެއީ މަޖީދީ މަގުގެ ކޮޅެވެ. އަހަރެން އޮތީ ބަނޑިވެފައިވާ ކާރު ތެރޭގަ އެވެ. ފަހަތު ސީޓެއް ނުފެނެ އެވެ. ހަރަކާތެއް ނުކުރެވެ އެވެ. އޭރު މަންޒަރު ފުސްވަނީ އެވެ. ކާރު ތެރޭގައި ފޮކްސީ ސެންޓްގެ ވަސް ގަދަވަނީ އެވެ. ކާރު ކައިރިއަށް މީހުން ޖަމާވެއްޖެ އެވެ. އެމީހުން ވަރަށް އުނދަގުލުން ކާރު ތެރެއިން އަހަރެން ދަމައި ނެރުނެވެ. އެމީހުންގެ އަތްމަތީގައި އަހަންނަށް މަންޒަރު ފުސްވެ އަނދިރިވެއްޖެ އެވެ.

ހޭލެވުނީ ކުއްލިއަކަށެވެ. އަހަރެން އިނީ އެނދެއް މަތީގަ އެވެ. އެއީ ހޮސްޕިޓަލެކެވެ. ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިނީ ސާޔާ އެވެ. އަހަންނަށް އޭނާ ވަގުތުން އެނގުނެވެ. އެއީ އަހަރެންގެ އަންހެނުންނެވެ. އޭނާގެ ހަށިގަނޑުން އަރައިގެން އަންނަ ފޮކްސީ ސެންޓްގެ ވަހަކީ އަހަންނަށް އެންމެ ކަމުދާ ވަހެވެ. ކައިރީގައި ހުރި ކުޑަ މޭޒު މަތީގައި ކާ އެއްޗެހިތައް ހުއްޓެވެ. ވާސް ފުރާލާފައި ވަނީ އެކި ވައްތަރުގެ މާމެލާމެލިންނެވެ.

އަހަރެންގެ ހަށިގަނޑުގެ އެކި ދިމަދިމާލަށް ވަނީ އެކި ވަރުގެ ހޮޅިތައް ގުޅައިފަ އެވެ. ކަޅި ޖަހާނުލައި އަހަންނާ ދިމާލަށް ބަލަހައްޓައިގެން ސާޔާ އިނެވެ.

"ކޮބައިތަ އެ އަންހެން ކުއްޖާ؟،" އެނދުން ފައިބަން އަހަރެން މަސައްކަތްކުރީމެވެ. އެވަގުތު ސާޔާ ކުއްލިއަކަށް ފުންމައިގެން އައިސް އަހަރެންގެ ގައިގައި ހިފެހެއްޓި އެވެ. އަދި ނަރުހުންނަށް ވަރަށް ބާރަށް ގޮވައިގަތެވެ.

އެ އަންހެން ކުއްޖާ މަރުވީ އެވެ. އެ އެކްސިޑެންޓަށް ފަހު އަހަންނަށް ހޭވެރިކަންވީ ހަފުތާއެއް ފަހުންނެވެ.

28 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait