މީހުން

މަންޑޭ ވަރެއްނެތް!

އިސްމާއިލް ނަސީރު
08 އޯގަސްޓް 2012 10:59 12 ކޮމެންޓު
  • އިބްރާހިމް މަމްދޫހު (މަންޑޭ) ހަރުބީ ގުރޫޕާއެކު ހަވީރު ސްޕޯޓްސް އެވޯޑްސް 2011 ގައި އައިޓަމެއް ހުށަހަޅައިދެނީ-- ހަވީރު ފޮޓޯ/މުހައްމަދު ވަހީދު

  • މަންޑޭ (މ) ސަންފްރޮންޓް ލިވިން އިން ބޭއްވި ކުޑަކުދިންގެ ހަވީރެއްގައި ބޮޑުބެރު އައިޓަމެއް ހުށަހަޅައި ދެނީ-- ހަވީރު ފައިލް ފޮޓޯ

  • އިބްރާހިމް މަމްދޫހު (މަންޑޭ)

އެންމެފަހު ސާކު ސަމިޓްތެރޭގައި ފުވައްމުލަކުގައި ބޭއްވި ބޮޑުބެރު ޝޯއަކީ، އެ ރަށުގެ ވަރަށް ގިނަ މީހުންނަށް ހާއްސަ ޝޯއެކެވެ. މުޅި ތަން އޮތީ ފުރިފަ އެވެ. މަޝްހޫރު ހަރުބީ ބޮޑުބެރު ގުރޫޕު އަރައި، މީހުންނަށް ފޯރި ގެނުވިއިރު ވެސް އޯޑިއެންސް ބޭނުންވާ އެއްކަމެއް ނުވެ އޮތެވެ؛ އެއީ އިބްރާހިމް މަމްދޫހު (މަންޑޭ) ސްޓޭޖްމަތީގައި ނެތުމެވެ. އެހެންވެ މީހުން ހަޅޭއްލަވަމުން ދިޔަ އެވެ. "މަންޑޭ، މަންޑޭ" އޭ ކިޔައި ގޮވަމުން ދިޔަ އެވެ. ސްޓޭޖްމައްޗަށް މީހުން އަރައިގަންނަން އުޅުނެވެ. އެހެންވެ ކައިރީގައި ތިބި ސެކިއުރިޓީ ފުލުހުން ވެސް މަންޑޭ ހޯދަމުން ދިޔަ އެވެ. އަދި ކްރައިޑް މައިތިރި ނުވެދާނެތީ، މަންޑޭ އަވަހަށް ސްޓޭޖަށް އަރަން ފުލުހުން ވެސް އެދުނު ކަމަށް ވެ އެވެ.

އެއާ އެކު، މަންޑޭ ސްޓޭޖަށް އެރި އެވެ. މީހުންގަނޑު އުފަލުން، އޭނާއާ އެކު ނަށަމުން ދިޔަ އެވެ. މުޅި މާހައުލު ގުޑުވާލި އެވެ. އެތައް ސަތޭކަ ބައެއްގެ ގައިން ލޮނުދާހިއްލާލި އެވެ. ހަގީގަތުގައި ވެސް، މަންޑޭ އަކީ ބޮޑުބެރުގެ ރަސްގެފާނެ އެވެ.

ބޮޑުބެރަކީ ރާއްޖެ އަށް އާ މިއުޒިކެއް ނޫނެވެ. އެކަމަކު، އޭރުގެ އެމްއެންބީސީ ވަން ނުވަތަ މިހާރުގެ ޓީވީއެމުން ފެށި ބޮޑުބެރު ޗެލެންޖާ އެކު ތައާރަފުވި ލޭކައްކުވަމުންދާ ބޮޑުބެރު މުޅިން ތަފާތެވެ. މިހާރު ޖަހަމުންދާ ބޮޑުބެރަކީ، ޒަމާނީ ބޮޑުބެރެކެވެ. އެ ބޮޑުބެރުގައި ހިމެނޭ ހުރިހާ ކަމެއް އޮތީ އާންމުން އެއާ ގުޅި ލާމެހޭ ގޮތަށެވެ. މި ބޮޑު އުފަންކުރުވުމުގައި މަންޑޭ އާއި ހަރުބީގެ ހިއްސާ ވަރަށް ބޮޑެވެ. އެ ސަބަބާ ހުރެ ބޮޑުބެރު ޗެލެންޖްގެ ދެ އަހަރު ވެސް ހަރުބީ އެއްވަނަ ހޯދިއިރު މަންޑޭ ހުރީ މެދުއުޑުގަ އެވެ. އޭނާ ހުރީ، އާންމުންގެ ތެރޭގައި އޭނާގެ ނަން ނޭނގޭ އެކަކު ވެސް ނެތް ފަދަ ދުނިޔެއެއްގަ އެވެ. ބޮޑުބެރޭ ބުނެފި ނަމަ، ދެން އެންމެ އަވަހަށް ހިތަށް ގެނެވޭ ނަމަކަށް މަންޑޭގެ ނަން ވެގެންދިޔައީ އެހެންވެ އެވެ.

"މަންޑޭ އަސްލު މަންޑޭ އަކަށް ހެދީ ބޮޑުބެރު. އެކަމަށް ޓަކައި އަހަރެން ވަރަށް އުފާކުރަން،" 28 އަހަރުގެ ޒުވާނާ ބުންޏެވެ. "ހާއްސަކޮށް ޓީވީގެ ބޮޑުބެރު ޗެލެންޖަކީ އަހަރެން އާންމުންގެ ތެރޭގައި މަޝްހޫރުވި ސަބަބު."

އެކަން ނޭނގޭ މީހަކު ވެސް ނެތެވެ. މަންޑޭ އަކީ ކުރިން ވެސް ބެރުޖަހަމުން ދިޔަ ޒުވާނެކެވެ. ނުވަދިހައިގެ ތެރޭގައި ވެސް، އަދި ދެހާހުގެ ތެރޭގައި ވެސް އޭނާ ގުރޫޕުތަކުގައި އުޅުނެވެ. އެހެން ނަމަވެސް އޭނާގެ މޫނު އެހެން މީހުންނަށް އަޅައެއްނުގަތެވެ. އެތައް ބައިވަރު ބައެއްގެ ތެރެއިން މަންޑޭގެ މޫނު އަލިކޮށްލީ އޭނާގެ އަތާއި އަޑުގެ ހުނަރު އާންމުންގެ އާންމުންގެ ކުރިމައްޗަށް ބޮމެއްހެން ވައްޓާލައިގެންނެވެ. ބޮޑުބެރަކީ މަންޑޭ ކަމާއި މަންޑޭ ނެތި ބޮޑުބެރު އެއްވެސް އެއްޗަކަށް ނުވާކަން އާންމުން ގަބޫލުކުރަން ފެށީ އޭގައި ބައިވަރު ސަބަބުތަކެއް ހުރެގެންނެވެ. އޭނާ ސްޓޭޖްމަތީގައި ހުރެއްޖިއްޔާ ޖޯޝާއި ފޯރި ގެނުވާކަން އެއީ އެތައް ބަޔަކު ތަޖުރިބާކޮށްފައިވާ ކަމެކެވެ. އެހެންވެ މަންޑޭގެ ތަރި ބިމުން އަރައިގެން ދިޔަ އެވެ. އޭނާއާ އެކު "ހަރުބީ" ވެސް ފަޓާހެއްހެން މައްޗަށް ދިޔަ އެވެ. މަންޑޭ ބުނާ ގޮތުން، ދިޔަ ކޮންމެ ރަށަކުން ވެސް ލިބެމުން ދިޔައީ "އަޖައިބެއް ކަހަލަ ތަރުހީބެ"ކެވެ.

"ބައެއް ރަށްރަށުގައި އަހަރެމެންނަށް މަރުހަބާ ކިޔަން އެބަތިބޭ ވާރޭ ވެހޭއިރު ވެސް. ރަށްރަށުގެ އެންމެން އެއްކޮށް އަހަރެމެންނަށް މަރުހަބާ ކިޔަން ތިބޭ މަންޒަރަކީ ދެން ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ގެނުވާ މަންޒަރެއް. އުފާވޭ ވަރަށް،" ހަރުބީގެ ވެސް އެއް މުއައްސިސް ބުންޏެވެ.

ބޮޑުބެރު ގުރޫޕުތައް ހުރިހާ ދިމާއެއްގައި އޮތްއިރު ހަރުބީ އެ ހަރުފަތް ޔަގީންކޮށްގެން ތިބީ ކަމެއް ނުކޮށެއް ނޫނެވެ. މަންޑޭ ބުނީ މިހާ ހިސާބަށް އައިއިރު ބުރަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ.

"ބައެއް ދުވަސްދުވަހު ހަވީރު ރިސޯޓެއްގައި ޝޯދީފައި، މާލެ އައިސް ދަރުބާރުގޭގައި ޝޯ ދީފައި އަދި ގޭގޭގައި ވެސް ޝޯދީފައި ހުންނާނެ އެއް ދުވަހުގެ ތެރޭގައި. އެހާ ވެސް ބުރަކޮށް ހަރުބީ މަސައްކަތް ކުރޭ،" 28 މީހުން ހިމެނޭ ގުރޫޕުގެ މަސައްކަތްތަކާ ބެހޭ ގޮތުން ހަރުބީގެ އިސް އަޑު ބުންޏެވެ. "މި ބޭންޑުގައި އުޅޭނެ ފުލުހުން ވެސް. ވަރަށް ޒިންމާދާރު ވަޒީފާތަކުގައި އުޅޭ މީހުން ވެސް. ހަގީގަތުގައި އެންމެން ވެސް ބޮޑުބެރަށް އޮތް ލޯތްބެއްގެ ބޮޑުކަމުން މިހާ ބިޒީކޮށް ވެސް މި އުޅެނީ. ހަމައެކަނި ފައިސާ އަށް އެކަންޏެއް ވެސް ނޫން މިކަން މި ކުރަނީ. އާންމުން ބޭނުންވަނީ ހަރުބީ ގެންގޮސްގެން ކަމަށް އުފާކުރަން ކަމަށް ވަންޏާ އެ ފުރުސަތު އަހަރެމެން ވީވަރަކުން ފަހިކޮށްދޭނަން."

ކުރިއަށް މިއޮތް ބޮޑު އީދުގައި ވެސް ހަރުބީ އޮތީ ފުލްކޮށެވެ. އެއްވެސް އިތުރު ރަށަކަށް ދާން ދެން ޖާގައެއް ނެތެވެ. އެ މީހުންގެ ދަތުރުތައް އީދުގައި އޮންނާނީ އުތުރުގެ އެކި ރަށްރަށުގަ އެވެ.

"މީހުން މިހާރު ވެސް ގުޅަމުން ދޭ. އެކަމަކު އަހަރެމެން މިހާރު މި ދަނީ އުތުރަށް ދާން ރާވަމުން،" މަންޑޭ ބުންޏެވެ.

ހަރުބީން ޝޯއެއް ދެނީ 15،000ރ. އަށެވެ. އޭނާ ބުނާ ގޮތުން ބޭންޑުގެ ކޮންމެ މީހަކަށް މަހެއްގެ މައްޗަށް މަދުވެގެން 8،000ރ. ވަރު ލިބެމުންދާނެ އެވެ.

ރަށްރަށުގައި ވެސް ހަރުބީ އެހާ މަޝްހޫރެވެ. އެއާ އެކު، މަންޑޭ ވެސް އަންނަނީ މަޝްހޫރުވަމުންނެވެ. އޭނާ ވަނީ ލަވަ ވެސް ކިޔަން ފަށައިފަ އެވެ. ބައެއް އިޝްތިހާރުތަކުން ވެސް މަންޑޭ ފެންނަން ފަށައިފި އެވެ. މީހުންގެ ތެރެއަށް އާންމުކޮށް ނުކުމެ ނޫޅޭ، މަންޑޭ ބުނަނީ މަޝްހޫރު ކަމަކީ މުޅިން ތަފާތު ކަމެއް ކަމަށެވެ.

"އޭގެ ސަބަބުން ޕްރައިވަސީ ވަރަށް ބޮޑަށް ގެއްލޭ. އެކަމަކު ދެން ވަރަށް ސަޅި ކަމެއް. މިހާރު އެ ތަޖުރިބާ ކުރެވެމުން ދޭ. އަހަރެން ގަބޫލުކުރަން މަޝްހޫރުވީމަ ޑިސިޕްލިންތަކެއް ހިފަހައްޓަން ޖެހޭކަން. އަހަރެން ވަރަށް ބޮޑަށް ބަލަން އާންމުންގެ ތެރޭގައި އުޅޭއިރު އެކަންތައްތަކަށް،" އޭނާ ބުންޏެވެ. "އަންހެން ކުދިން ވެސް ގުޅާ. އެއް ދުވަހު ޝޯއެއް ނިންމާލި އިރު އަހަރެންގެ ފޯނަށް އޮތް 105 މިސްކޯލް އައިސްފައި. އެކި ކުދިން ގުޅާފައި. އަހަރެންގެ ނަމުގައި އެކި މީހުން ފޭކް ފޭސް ބުކްގައި އެކައުންޓް ހަދައިގެން މީހުންނާ ރައްޓެހިވެފައި ވެސް އެބަހުރި."

މަންޑޭ ދެކެ ލޯބިވާ އެ ހުރިހާ ކުދިންނަށް އޭނާ ދޭން އޮތް ޖަވާބަކީ މި އެވެ: "އަހަރެން ހުރީ ހުސްކޮށެއް ނޫން."

ކުރިން ކައިވެންޏެއް ކޮށް، މިހާރު ހުސްކޮށް ހުއްޓަސް، މަންޑޭގެ ލޯބިވެރިޔަކު ހުރެ އެވެ. ބޮޑުބެރުގެ ތެރެއިން ދިމާވި އެ ކުއްޖާއާ ވަރަށް އަވަހަށް ކައިވެނި ކުރަން މަންޑޭ ހުރީ ނިންމައިގެންނެވެ.

އަންހެން ކުދިންގެ ތެރޭގައި މަންޑޭ "ހިތްގައިމު" މީހަކަށް ވުމުގައި އޭނާގެ ސްޓައިލް މުހިންމު ރޯލެއް އަދާކުރެ އެވެ؛ އޭނާ ހެދުން އަޅާ ގޮތެވެ. އަދި އޭނާގެ މަޑުމައިތިރި ކަމާއި ނޭދެވޭ އަޑެއް އޭނާއާ ބެހޭ ގޮތުން ނުފެތުރުން ވެސް އޭގެތެރޭގައި ހިމެނެ އެވެ. އޭނާގެ ހެއާ ސްޓައިލަކީ ގިނަ އަންހެން ކުދިންތަކަކަށް ވަރަށް ކަމުދާ ހެއާ ސްޓައިލެއް ކަމަށް ވެ އެވެ.

"އަހަރެން މި ހުންނަނީ ހަމަ އަހަރެންގެ އަމިއްލަ ސްޓައިލެއްގައި. އެހެން ވަކި ނުހުންނާނެ ހެދުން އަޅާނެ ގޮތްތައް ބުނެދޭ މީހަކު ވެސް. އެކަމަކު އަހަރެން އުޅެންވީ ގޮތްތަކާ ބެހޭ ގޮތުން ބައެއް ރައްޓެހިން އެޑްވައިސް ދޭނެ،" މަންޑޭ ބުންޏެވެ.

ބޮޑުބެރުގައި މަންޑޭ އަށް ނުލިބޭ ހަމަ އެއްވެސް އުފަލެއް ނެތެވެ. އޭނާ އަކީ މި ދާއިރާގައި ނަސީބުވެރިއެކެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް އޭނާ އަށް ދެވިއްޖެ އެވެ. ބޮޑުބެރާ އެކު އެތައް ގައުމަކަށް ހިނގައްޖެ އެވެ. ޔޫރަޕަށް ވެސް ދެވިއްޖެ އެވެ. ރާއްޖެ އަށް އާ ބޮޑުބެރެއް ތައާރަފުކޮށްދެވިއްޖެ އެވެ. އޭނާ ބޭނުންވިޔަސް، ނުވިޔަސް، ބޮޑުބެރުން މީހަކަށް ނުލިބޭ ވަރުގެ ސަމާލުކަމެއް އޭނާ އަށް އާންމުންގެ ފަރާތުން ލިބިއްޖެ އެވެ. ދެން އޮތީ މަންޑޭގެ ދެން އޮތް ހުވަފެނެކެވެ.

"އަހަރެމެން މިހާރު މި ތައްޔާރުކުރަނީ ބޮޑުބެރު އަލްބަމެއް. މިއީ އަހަރެންގެ ވަރަށް ބުރަ މަސައްކަތެއް. މިހާރު ވެސް ކޮންމެ ދުވަހަކު އެކަމަށް މަސައްކަތް ކުރެވޭ. އެ އަލްބަމަކީ އާންމުންގެ ސަމާލުކަން ލިބޭނެ، އަދި ގިނަ ދުވަސްތަކަކަށް އޭގެ މަގުބޫލުކަން ދެމިގެންދާނެ އަލްބަމަކަށް ވުން އެއީ އަހަރެންގެ ވަރަށް ބޮޑު އުންމީދެއް. ހުވަފެނެއް،" އޭނާ ބުންޏެވެ. "ކުރުކޮށް ބުނާނަމަ އަހަރެމެން މި ހަދަނީ 'ދޯނި' އަލްބަމް ގޮތަށް އަބަދު ބޭނުންކުރެވޭނެ ސްޓައިލަށް. އެކަމަކު މީގެ ލަވަތައް މުޅިން ތަފާތުވާނެ. މިއީ ހަމަ ތަފާތު ސްޓައިލެއްގެ ބޮޑުބެރެއް. މީގެ މިކްސިން ވެސް މި ހަދަނީ ބޭރުން. އަހަރެން އުންމީދު ކުރަނީ މި އަލްބަމް އިންޓަނޭޝަލް އަލްބަމަކަށް ވުން."

ބޮޑުބެރުގެ އިތުރުން އޭނާގެ އަތުގެ އެހެން ހުނަރެއް ވެސް އޮވެ އެވެ. އާންމުންނަށް ނޭނގުނަސް އޭނާއަކީ ވަރަށް މޮޅު ކުރެހުންތެރިއެއް ވެސް މެ އެވެ. މަންޑޭ ވަނީ އަމީރު އަހުމަދުގައި ކުދިންނަށް ކުރަހަން ދަސްކޮށްދިނުމުގައި ފަސް އަހަރު ހޭދަކޮށްފަ އެވެ. އޭނާ އެންމެ ފުރަތަމަ އަދާކުރީ ވެސް ކުރެހުމުގެ މަސައްކަތެވެ.

މަންޑޭ އަށް އުޖާލާ މުސްތަގުބަލެއް ރާއްޖޭގައި އެބައޮތެވެ. އޭނާ އަށް ލިބިފައިވަނީ ދިވެހިންގެ ލެއާ ކުޅެލުމުގެ ހުނަރެވެ. އޭނާގެ އަޑަކީ މަސްތުގައި ޖެހޭ ވަރުގެ އަޑެކެވެ. ރާއްޖެއިން ބޮޑުބެރުގެ ރާގު އަބަދުވެސް ގުގުމަމުން ދާނެ ކަން އެއީ ކަށަވަރު ކަމެކެވެ. އެހެން ކަމަށް ވަންޏާ މަންޑޭ އަހަރެމެންނަށް ނުފެނިއެއް ނުދާނެ އެވެ.

12 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait