ކުރު ވާހަކަ

ފުރްޓް ޓްރިލޮޖީ: ޕާޓް ޕްލަމް

އަހުމަދު ނަދީމް
09 އޯގަސްޓް 2012 11:13 17 ކޮމެންޓު

ފުން ނޭވާއެއް ދޫކޮށްލަމުން، އަތަށް ތަބައް ހެޔޮވަރުކޮށްލައިގެން އަހަރެން ހިނގައިގަތީމެވެ. އަހަރެންގެ ރެގިއުލާ ކަޕްލް އަށް ހިދުމަތްކުރުމަށެވެ. އެމީހުން ތިބީ ޓެރަސް މަތީގަ އެވެ. ފަރުވާތެރިކަމާ އެކު ސިޑިން މައްޗަށް އަރައިގެން ގޮސް އެމީހުންގެ މޭޒު ކައިރިއަށް މަޑުކޮށްލަމުން އަދަބުވެރިކަމާ އެކު ދެ މީހުންނަށް ހިނިތުންވެލީމެވެ. ފިރިހެން މީހާ އަހަންނާ ދިމާލަށް ބަލާލަމުން ހިނިތުންވެލި އެވެ. އަހަރެން ތަބައް ތިރިކޮށްލަމުން އަނެއް އަތުން އޭނާގެ ޑްރިންކް ނަގައި މޭޒު މަތީގައި ބެހެއްޓީމެވެ. އެއީ ފްރެޝް އެޕްލް ޖޫހެކެވެ. އަބަދުވެސް އޭނާގެ ފެވަރިޓެވެ. އޭނާގެ އަންހެނުންގެ ފެވަރިޓަކީ ސްޓްރޯބެރީ މިލްކް ޝޭކެވެ. ކުޑަކޮށް ގުދުވެލަމުން އަހަރެން ސްޓްރޯބެރީ މިލްކް ޝޭކް ނަގައި ތިރިކޮށްލީމެވެ. އެވަގުތު އެ ތަށި އަހަރެންގެ އަތުން އޭނަގެ އުނގަށް ބަންޑުންވީ އެވެ. ތަބައް ބިން މައްޗަށް ދޫކޮށްލަމުން އަހަރެން ތެޅިގަތީ ޓީޝޫތައް ނަގައިގެން އޭނާ ސާފުކޮށްދިނުމަށެވެ. ނަމަވެސް އޭނާގެ ފިރިމީހާ ކައިރީގައި ހުރުމުން ޓީޝޫތައް އަންހެން ކުއްޖާގެ އަތަށް ދިއްކޮށްލީ އެވެ. ހިތްހަމަނުޖެހިފައި އޭނާ ޓީޝޫތަކާ އެކު މޭޒުގެ އަރި މަތީގައި ގޮތް ނެޕްކިން ވެސް ޖަހައިގަތެވެ. އަހަރެން މައާފަށް އެދުނީމެވެ.

"އިޓްސް އޯކޭ. ޑޯންޓް މައިންޑް،" ވާހަކަ ދެއްކީ އޭނާގެ ފިރިމީހާ އެވެ. އަހަންނަށް ކުޑަ ފިނިކަމެއް ލިބުނީ ދެނެވެ.

އޭރު އަންހެން ކުއްޖާ ގޮނޑިން ތެދުވިގެން ސިޑިއާ ދިމާލަށް ހިނގައިގަންނަނީ އެވެ. އޭނާ ތިރިއަށް ފައިބައިގެން ދިޔަ ގޮތަށް ގޮސް ވަނީ ރެސްޓް ރޫމަށެވެ. އަހަރެން ޓީޝޫތައް ނަގައިގެން މޭޒުމަތި ސާފުކޮށްލުމަށް ފަހު ކުރު ފިޔަވަޅުތަކެއްގައި ސިޑިން ފޭބީމެވެ. އޭރު ޓެރަސް މަތީގައި ހުރި ފިރިހެން މީހާ އޭނާގެ މަލްބަރޯ ސިނގިރޭޓް ފޮށިން ސިނގިރޭޓެއް ދަމައިގަނެގެން ރޯކޮށްލަނީ އެވެ. އޭނަ ފޮނުވާލި ދުންގަނޑު ވައިގެ ތެރެއަށް ރޫޅިގެން ނުދަނީސް އަހަރެން ގޮސް އޭނާގެ އަންހެނުން ފަހަތުން އަރައި އޭނާ ގައިގައި ބައްދައިގަތީމެވެ. އިރުކޮޅެއް ނުވެ މޫނު ދޮންނަ ތަށި މައްޗަށް އަރައި އޭނާ ހަމަޖެހިލި އެވެ. އެއީ ލިވްނީ އެވެ.

އޭރު ގަޑިން ރޭގަނޑު އެގާރަގަޑި ބައިވަނީ އެވެ. ބަދިތެރެއިން ފެތުރިގެން އަންނަނީ ލިވްނީ އާއި އޭނާގެ ފިރިމީހާ ޒަވީންގެ ރެގިއުލާ ތައި ފުޑްގެ ވަސްގަނޑެވެ. މިއީ އެ ދެމަފިރިންނަށް ލެވިޓް ކެފޭ ހާއްސަވާ ވަގުތެވެ. މިއީ އެހެން މީހުން އަންނަ ގަޑިއެއް ނޫނެވެ. މިއީ ލިވްނީ އާއި ޒަވީންގެ ވަގުތެވެ. މިއީ ލިވްނީ އާއި އަހަރެން ވަގުތެވެ.

އަހަރެންގެ ނަމަކީ ލައިކް އެވެ. މިއީ އަހަރެންގެ ވާހަކަ އެވެ.

********

އަނގަޔަށް ވިރިގެން ދިއުމެވެ. މަސްތުވެ، މާމުއިގެ ކޯރަކަށް ގެނބިގެން ދިއުމެވެ. އެ ކޯރުން ފެންވެރުމެވެ. މަސްތުކުރުވާ ފަދަ މީރު ވަސްވަސްހުން ހިތް ފުރިގެން ބަންޑުންވުމެވެ. ލޯބިއަރައިގެން، އިސްތަށިތައް ބުޑުން އުފުލި، އިހްސާސްތައް އުތުރިއަރައިގެން ދިއުމެވެ. ކެތްތެރިކަން ކޮޅުންލުމެވެ. ކެތްނުކުރެވުމެވެ. ކެތްކުރަން ބޭނުން ނުވުމެވެ. އުފާކޮށްދިނުމެވެ. އުފާކުރަން ބޭނުންވުމެވެ. ހިތްހަމަޖައްސައި ދިނުމެވެ. ހިތުގެ ތެޅުން އަވަސްވުމެވެ. ހިދުމަތް ހޯދުމެވެ. ހިދުމަތް ކުރުމެވެ. މިއީ ލޯބީގެ އެކި ދަރަޖަތަކުގެ ތަފާތު ޖަޒުބާތުތަކާއި ކުޑަބޮޑު މިނެވެ.

ބާކީ ވަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަހަރެން ކިޔައިދޭންވީ ކޮން ވާހަކައެއް ހެއްޔެވެ؟ އެމީހުން ކިޔައި ނުދެނީ ކޮން ވާހަކައެއް ހެއްޔެވެ؟ ކޮން ވާހަކަތަކެއް ހެއްޔެވެ؟

ކޮންމެ މީހެއްގެ ވެސް އެންމެ ގާތް އެކުވެރިޔަކީ އޭނާގެ ސިއްރެވެ. ނުވަތަ ސިއްރުތަކެވެ. އިންސާނެއްގެ ސިފައިގައި ހުންނަ ބެސްޓް ފްރެންޑް އަންނަނީ އޭގެ ފަހަތަށެވެ. ތިއީ އަނެއްކާ ބެސްޓް ފްރެންޑަށް ހުރިހާ ވާހަކައެއް ކިޔައިދޭ މީހެއް ހެއްޔެވެ؟ ގައިމު ވެސް އަހަރެން ކިޔައެއް ނުދެމެވެ. އޭގެ މާނައަކީ އަހަރެންގެ ބެސްޓް ފްރެންޑެއް ނެތުމެއް ނޫނެވެ. ސިއްރު، އެއީ ދެ ވަނަ މީހަކަށް އެނގެން ޖެހޭ އެއްޗެއް ނޫނެވެ.

ބައެއް މީހުން ކަންކަން ސިއްރުކުރަނީ ނުވަތަ ފޮރުވައިގެން އުޅެނީ އަމިއްލަ ނަފްސު ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެކި ވައްތަރުގެ ސިއްރުތައް ހުރެ އެވެ. ސިއްރުކޮށްގެން އުޅުމަކީ އުފަލާއި ހިތްހަމަޖެހުން ގެނެސްދޭ ކަމެކެވެ. އަދި އެހެންމެ ބައެއް ފަހަރު ސިއްރެއް އަތުން ދޫވެގެން ދިއުމަކީ ބިރުވެރިކަމާއި ލަދުވެތިކަމުގެ ސުނާމީއަކާ ވެސް ކުރިމަތިލާން ޖެހިދާނެ ކަމެކެވެ. އަމިއްލަ ނަފްސަށް އިތުބާރުނުކުރެވޭ، ކަންކަމަށް ޖެހިލުންވާ އަދި ލަދުގަންނަ މީހުންގެ ސިއްރުތައް ގިނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ސަބަބަކީ އެކަހަލަ މީހުންގެ ދިރިއުޅުން އާންމުންނާ މާ ބޮޑަށް އެކަހެރިވުމެވެ.

އަހަރެންގެ ސިއްރުތައް ވަރަށް ވެސް ގިނަ އެވެ. އެހެންވީމަ އަހަރެންގެ ދިރިއުޅުން އެހެން މީހުންނާ ވަރަށް ވެސް އެކަހެރީތާ އެވެ. އަހަރެން މިއީ ލަދުގަންނަ ފިނޑިއެއް ނޫން ހެއްޔެވެ. އެކަމަކު މުޅިއަކުންނެއް ވެސް ނޫނެވެ.

ސިއްރުތަކުގެ ވާހަކަ ދައްކާއިރު ކަލޭމެންގެ ތެރޭގައި ވެސް ސިއްރުތައް ގިނަ މީހުން ތިބޭނެކަން ޔަގީނެވެ. މި ބުނަނީ އަހަރެން ގޮތަށް އަމިއްލަ ވާހަކަތައް އަމިއްލަ ވާހަކަތަކުގެ ގޮތުގައި ގެންގުޅޭ މީހުންގެ ވާހަކަ އެވެ. މީހުންގެ އަނބިން ކައިރިއަށާއި ފިރިން ކައިރިން އުފާ ހޯދައިގެން ތިބި އަދި އުފާ ހޯދަމުންދާ މީހުން މި ވާހަކަ ކިޔަމުންދާނެކަން ޔަގީނެވެ. އަޅާ ނުލާށެވެ. އެމީހުން އެމީހުންގެ އެ މުޑުދާރު ސިއްރުތަކާ އެކު ދޫކޮށްލަމާ ހިނގާށެވެ. ދެން އެހެން ވާހަކައަކަށް ޖެހިލަމާ ހިނގާށެވެ.

އަހަންނާއި ލިވްނީ އެންމެ ފުރަތަމަ ދިމާވިގޮތް އެނގޭ ހެއްޔެވެ؟ ގައިމު ވެސް ލެވިޓް ކެފޭއަކުން ނޫނެވެ. ލިވްނީ އަކީ އަދި އެއަށް ވުރެ މާ ކުރީގެ ރައްޓެއްސެކެވެ. އަހަންނަށް އޭނާ އެންމެ ފުރަތަމަ ފެނުނީ އަމީނިއްޔާ ސްކޫލްގެ ޔުނީފޯމްގަ އެވެ. އޭނާގެ އެކުވެރި ކުދިންތަކަކާ އެކު ޖޫސް ޖޮއިންޓް ކައިރިންނެވެ. އެ ދުވަހު އެ މީހުންނަށް ސާވްކޮށްދިނީ އަހަންނެވެ. އަހަރެން އޭނާއާ ހީލުމުން އޭނާ ވެސް ހީލީ އެވެ. އެއީ އަހަރެމެން ދެ މީހުންގެ ފުރަތަމަ ބައްދަލުވުމެވެ. ދެތިން މިނެޓެވެ.

އޭގެ ދެ ތިން ދުވަސް ފަހުން އަނެއްކާ ވެސް ބައްދަލުވީ އެވެ. ހަމަ އެއް ތަނަކުންނެވެ. އަހަރެން ހުރީ ޖޫސް ޖޮއިންޓްގެ އެތެރޭގަ އެވެ. އޭނާ ހުރީ ބޭރުގަ އެވެ. ޔުނީފޯމުގަ އެވެ. އޭނާގެ އެކުވެރިންތައް ވެސް ތިއްބެވެ. މިފަހަރު ވެސް އަހަރެމެން ދެ މީހުން ހަމަ ހީލީ އެވެ.

ޖެހިގެން އައި ދުވަހު އަނެއްކާވެސް ބައްދަލުވީ އެވެ. މިފަހަރު އޭނާ އެކަންޏެވެ. ހަމަ ޔުނީފޯމްގަ އެވެ.

"ކޮބާ މިއަދު ގްރޫޕް؟،" ލުއި ގޮތަކަށް ހީލަމުން އަހަރެން އަހާލީމެވެ.

"އެމީހުން ކްލާހުގަ. ވައިކަމުން މަ މިއައީ،" އޭނާ ބުނެލި އެވެ. އޭރު އަހަރެން އޭނާގެ ޖޫގޯ ތައްޔާރުކުރަނީ އެވެ. ސްޓްރޯބެރީ ފްލެވާ އެވެ.

"ތޭންކްސް،" ތުއި ހިނިތުންވުމަކާ އެކު ޖޫގޯ ތަށި އަތުލައިގެން އޭނާ ކުރިއަށް ހިނގައިގަތެވެ. އޭނާ ފަހަތުން ދާން ވީބާވައޭ އަހަރެންގެ ހިތަށް އެރި އެވެ. އޭނާގެ ފޫހި ކްލާސް ނިމެންދަން އަނގަތަޅާލަން ދާންވީބާވައޭ ހިތަށް އެރި އެވެ. އެކަމަކު ވެސް އަހަންނަކަށް ނުކެރުނެވެ. ކައުންޓަރު މަތިން ބޭރަށް ގުދުވެލައިގެން އޮވެ އަހަރެން އޭނާއާ ދިމާލަށް ބަލަމުންދިޔައީމެވެ.

ލޯބިވެރިޔާ ނުވަތަ އަނބިމީހާއާ އެކު ސައިކަލް ދުއްވާލަންދާއިރު މަގުމަތިން ފެންނަ ރީތި އަންހެން ކުދިންނަށް ބެލޭ ގޮތް ވޭ ހެއްޔެވެ؟ ބައެއް މީހުން މީހުންނަށް ބަލަނީ ފާޅުގަ އެވެ. އަނެއް ބަޔަކު ސިއްރުސިއްރުންނެވެ. އަހަރެން އެންމެ ފުރަތަމަ ލިވްނީ އަށް ބެލީ ސިއްރުންނެވެ. ވަގަށެވެ. އަހަރެން ބަލާކަން އޭނާ އަށް ބައެއް ފަހަރު އެނގޭހެން ވެސް ހީވެ އެވެ.

ދެ މީހުން އެކުވެރިންނަށް ބަދަލުވީ ޖޫސް ޖޮއިންޓްގެ ކައުންޓަރުންނެވެ. އޭގެ ފަހުން ނަމްބަރު ބަދަލުކުރީ އެވެ. އޭނާގެ ފޯނަށް އަހަރެން ގުޅީ އެވެ. ދެ މީހުން ވާހަކަ ދެއްކީ އެވެ. އެކުގައި ބޭރަށް ދާން އެއްބަސްވީ އެވެ. ރައްޓެއްސެއްގެ ސައިކެއް ހޯދައިގެން އަހަރެން އޭނާ ބަލާ ދިޔައީ އެވެ. މާލެ ވަށައިގެން ދުއްވީ އެވެ. ކޮފީ އަށް ދިޔައީ އެވެ. ރާޅުގަނޑުގެ ބުރާސްފަތި ދުވަހުގެ ރޭގެ މިއުޒިކް ޝޯތަކުގައި ބައިވެރިވީ އެވެ. އެތީނާގައި "އަ ވޯކް ޓް ރިމެމްބާ" ބެލީ އެވެ. ސީގަލް އިން ދެ މީހުން އެކުގައި އައިސްކްރީމް ބުއީ އެވެ. އައިސްކޯން ވެސް ބުއީ އެވެ. އަހަންނަށް އެންމެ މީރު މޭވާ އޭނާ އަށް ގަނެދިނީ އެވެ. އަދި އެ މޭވާގެ ނަމުން އޭނާ އަށް ނަން ވެސް ދިނީ އެވެ. އެއީ ޕްލަމް އެވެ.

ލިވްނީ އާއި އަހަރެންގެ ވާހަކަ ފެށިގެން އައީ މިކަހަލަ ގޮތަކަށެވެ. މި ފެށުންގަނޑު ކިހިނެތް ހެއްޔެވެ؟ ކޮންމެއަކަސް އަހަންނަށް ވަރަށް ވެސް ސަޅި އެވެ. އޭނާއާ އެކު އަހަރެން ވަގުތު ހޭދަކުރަމުން ދިޔައީ ހިތްހަމަޖެހިގެންނެވެ. އަހަރެންގެ ހިތް އޮތީ ފުރިފަ އެވެ. ކުޑަކޮށް ފުފިފަ އެވެ.

މިހާ ހިސާބުން ދެން ދައްކަން ޖެހެނީ އެހެން ވާހަކަ އެކެވެ. ވާހަކައިގެ މި ޗެޕްޓާ އަށް ދީފައިވާ ނަމަކީ "ވަކިވުމެވެ". ދެ މީހުން ވަކިވީ އެވެ. އަލުން ދިމާވީ އޭގެ އަހަރުތަކެއް ފަހުންނެވެ.

ހުލާސާ ގޮތަކަށް މި ބަލާލެވުނީ ލިވްނީ އާއި އަހަރެންގެ ގުޅުމުގެ މައްޗަށެވެ. އަހަރެމެން ދެ މީހުންގެ ހިތުގައި އެކަކު އަނެކަކަށް ލޯތްބެއް ނުއުފެދެ އެވެ. އޭނާ ކުއްލިއަކަށް އަހަރެންގެ ފޯނު ކަނޑާލުމުން ނުވަތަ އަހަރެންގެ ލޮލަށް ގެއްލުމުން އޭނާގެ އިންތިޒާރުގައި ޖޫސް ޖޮއިންޓްގެ ކައުންޓަރުގައި ބޯ އަޅައިގެން އޮވެ އަހަރެން ހިތާމައެއް ނުކުރަމެވެ. އޭނާގެ އިހްސާސްތަކެއް އަހަންނަކަށް ނޭނގެ އެވެ. އޭނާ އަށް ވެސް އަހަރެން ދެކެ ލޯބިވެވުނު ކަމެއް ނޭނގެ އެވެ. ދުވަހަކު ވެސް އެ ވާހަކައެއް ނުބުނެ އެވެ. އަބަދުވެސް ބުނަނީ އޭނާ އަށް އަހަރެން ވަރަށް ވެސް ރީތި ވާހަކަ އެވެ.

"އަދިވެސް ހާދަ ރީއްޗޭ ދޯ،" އަހަރުތަކެއް ފަހުން ބައްދަލުވުމުން ވެސް ލިވްނީގެ ތަފާތެއް އަހަންނަކަށް ނުފެނުނެވެ. ދެ މީހުން އަލުން ބައްދަލުވީ ޕާޓީއެއްގެ ތެރެއިންނެވެ. ވެޑިން ޕާޓީއެކެވެ. ލިވްނީ އާއި ޒަވީންގެ ކައިވެންޏެވެ. އަހަރެން ހުރީ އަހަރެންގެ މިހާރުގެ ރަސްމީ ވެއިޓަރުގެ ހެދުމުގަ އެވެ. އަހަރެން ފެނުމުން ލިވްނީ އަށް ހައިރާންކަމެއް ނުލިބެ އެވެ. ވަގުތުކޮޅެއް ހޯދާލައިގެން އޭނާ އައިސް އަހަރެންނާ ދިމާކޮށްލީ އެވެ. އަހަރެން އޭނާ އަށް މަރުހަބާ ކިޔާލީ އެވެ.

********

މޫނުބަލާ ލޯގަނޑާ ދިމާލަށް ގުދުވެލަމުން ޓިޝޫއަކުން މޫނު ފޮހެލީމެވެ. ގަމީހުގެ ބެގީ ރީތިކޮށްލީމެވެ. ބޮލުގެ އިސްތަށިގަނޑު އޮމާންކޮށްލީމެވެ. ހަރަކާތެއް ނުކޮށް ލޯގަނޑު ކުރިމަތީގައި އިރުކޮޅަކަށް މަޑުކޮށްލުމަށް ފަހު އަހަރެން ވަދެގެން ދިޔައީ ބަދިގެ އަށެވެ. އޭރު ލިވްނީ އާއި ޒަވީންގެ ފެވަރިޓް މީލް ވަނީ ތައްޔާރުކޮށް ނިމިފަ އެވެ. އެ ދެ މީހުން ތިބީ ކެފޭގެ ޓެރަސް މަތީގަ އެވެ. އަތަށް އެއްޗެހި ހެޔޮވަރުކޮށްލައިގެން އަހަރެން ކުރިއަށް ހިނގައިގަތީމެވެ.

17 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait