ޖަވާދު ކޮޓަރީގެ ތަޅުގައި ހިފީ މަޑުމަޑުން، ފަރުވާތެރިކަމާ އެކުގަ އެވެ. "އެޕޯލޯ" ތަޅު އަނބުރާލުމަށް ފަހު އޭނާ ތަޅުގައި ހިފަހައްޓައިގެން ހުރެ ލަސް ހަރަކާތުގައި ދޮރު އެތެއަށް ކޮށްޕާލި އެވެ. އޭރު ކޮޓަރީގެ ޑަބަލް އެނދުގެ އެއް ފަރާތުގައި އަންހެނަކު އޮށޯވެލައިގެން އޮތެވެ. އޭނަ ގުޑާވެސް ނުލަ އެވެ. ކިރިޔާ ދެމިގަނެވޭ ވަރަށް ދޮރު ހުޅުވާލަމުން، ފަނޑު އަލިކަމުގެ ތެރޭގައި ޖަވާދު ކޮޓަރި ތެރެއަށް ވަދެ ކުރިއަށް ވުރެ ސަމާލުވެގެން ދޮރު ލެއްޕި އެވެ. ޖެހިގެން ހުރި ދޮރު ހުޅުވާލާފައި އޭނާ ދެން ވަނީ ފާހާނާ އަށެވެ. އޭރު ގަޑިން މެންދަމުން އަލިވެ ތިނެއް ޖަހަނީ އެވެ.
"މިރޭ ނުވެސް ނިދާ ރެއެއްތަ؟،" ފާހާނައިން ނުކުތްއިރު އެނދުގެ އަރިމަތީގައި އިށީނދެލައިގެން އިން އަންހެން މީހާ ފެނިފައި ޖަވާދު އަހާލި އެވެ. ކައިރީގައި ހުރި ހަރުގައި އަޅުވާފައި އޮތް ހުދުކުލައިގެ ތުވާލި ދަމައިގަނެގެން މޫނު ފޮހެލުމަށް ފަހު ހަރުގަނޑު މައްޗަށް އެއްލާލަމުން ޖަވާދު އެނދާ ދިމާލަށް ފިޔަވަޅު އެޅި އެވެ. އެނދަށް އަރައި އޭނާ ދެން އޮށޯތީ އެވެ. އަންހެން މީހާ އަށް ފުރަގަސްދީގެންނެވެ. އޭރު ވެސް އަންހެން މީހާ އިނީ އެނދުގެ އަރިމަތީގައި އިށީނދެގެންނެވެ. އެއީ ހުދާ އެވެ.
********
ހުދާ ހޭލިއިރު ކޮޓަރި ތެރޭގައި އޮތީ އޭނާ އެކަންޏެވެ. ބަނޑުދަށުގައި އޮތް މޯބައިލް ފޯނު ނަގައިގެން އެއިން ގަޑި ބަލާލި އެވެ. އޭރު ހެނދުނު ހަގަޑި ބައިވަނީ އެވެ. ފުންމައިގެން ތެދުވެ ފާހާނާ އަށް ވަދެ މޫނު ދޮވެލައިގެން އޭނާ ނުކުމެއްޖެ އެވެ. ލައިގެން ހުރި ނިދާ ހެދުންތައް ބޭލުމަށް ފަހު އަލަމާރި ތެރެއިން ޖިންސެއް ނަގައި ވާތު ފައި ކޮއްޕާލި އެވެ. އަނެއް ފައި ޖިންސުގެ ކަނާތު ފަޔަށް ކޮއްޕާލަމުން އުނަގަނޑާ ހަމަ އަށް، ގަދަ ނޫކުލައިގެ އެ ޖިންސް މައްޗަށް ނަގައި ގޮށް އަޅުވާލި އެވެ. ކޮނޑުގައި އަޅުވާފައި އޮތް ގަދަ ފެހިކުލައިގެ ޓީޝާޓު ނަގައިގެން ބޮލުން މަހާލަމުން ހަށިގަނޑަށް ހެޔޮވަރުކޮށްލުމަށް ފަހު މޫނު ބަލާ ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރެ ބޯ ރީތިކުރަން ފެށި އެވެ. އޭރު ހަތެއް ޖަހަން މާ ގިނަ އިރެއް ނެތެވެ.
ރީތިވެލައިގެން އޭނާ ކޮޓަރިން ބޭރަށް ނުކުތްއިރު މީހެއްގެ ހިލަމެއް ގޭތެރެއަކު ނުވެ އެވެ. އެހެން ދުވަސް ދުވަހު އޭނާ ހޭލައިގެން ކޮޓަރިން ނުކުންނައިރު ޔަމްނާ ވެސް ހުންނާނީ ތައްޔާރުވެގެން ބޭރަށް ނުކުމެ އެވެ. ސްކޫލަށް ދާން އޭނަ ހޭލެއްވުމުގެ ބުރައެއް ހުދާ އަކަށް ނުޖެހޭނެ އެވެ. ގިނަ ދުވަސް ދުވަހު ހުދާ އަށް ވުރެ ކުރިން ހޭލާނީ ވެސް ޔަމްނާ އެވެ. އޭނާ އަކީ ހުދާ އާއި ޖަވާދުގެ ބާރަ އަހަރުގެ އަންހެން ދަރިފުޅެވެ.
އެހެން ދުވަސްތަކާ ހިލާފަށް ދަރިފުޅުގެ ހިލަމެއް ނުވުމުން ހުދާ ބަދިގެ އަށް ވަނީ ޔަމްނާގެ ނަމުން އޭނާ އަށް ގޮވާލަމުންނެވެ. ހުދާ ނިންމީ އޭނާގެ ދަރިފުޅު އަދި ރަނގަޅަށް ތައްޔާރުނުވަނީ ކަމަށެވެ. އެހެންކަމުން އަވަސްވެގަތީ ޔަމްނާ ނުކުންނައިރަކަށް އޭނާގެ ފެވަރިޓް މައިލޯ ތަށި ތައްޔާރުކޮށް އިންޓަވަލް ދަބަހަށް އެއްޗެހި ލުމަށެވެ. އެ މަސައްކަތް ހުދާ ނިންމާލިއިރު ވެސް ދަރިފުޅު ލޮލަކަށް ނުފެނެ އެވެ.
"ޔަމީ... ކޮބަ-އި-ތަ؟،" އިންޓަވަލް ދަބަސް ތައްޔާރުކޮށް މޭޒު މަތީގައި ބޭއްވުމަށް ފަހު ހިތްހަމަނުޖެހިފައި ހުދާ އޭނާގެ ދަރިފުޅުގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އޭރު ސްކޫލަށް ދާން ގަޑި ޖެހެނީ އެވެ.
ކުރު ފިޔަވަޅުތަކެއްގައި ގޮސް ހުދާ ކޮޓަރީގެ ތަޅުގައި ހިފާލި އެވެ.
"އޭ... ޔަމްނާ، ބަލަ ނުހޭލަނީތަ؟ އެއޮތް ގަޑިޖެހެނީއޭ،" ތަޅުލައިފައި ހުރި ދޮރުގައި އަތުން ތަޅައިގަންނަމުން ހުދާގެ އަޑު ކުރިއަށް ވުރެ ބާރުކޮށްލި އެވެ. ދަރިފުޅު ޖަވާބެއް ނުދިނުމުން ހުދާގެ މޫނުގެ ކުލަވަރު ކުއްލިއަކަށް ބަދަލުވި އެވެ.
ދޮރުގައި އަތުން ދެ ތިން އެތިފަހަރު އަޅާލުމަށް ފަހު އޭނާ އަވަސްވެގަތީ ތަޅުދަނޑި ފައްޗާ ދިމާލަށެވެ. ކޮޓަރީގެ ތަޅުދަނޑި ދެނެގަތުމަށް ފަހު ތަޅުދަނޑި ލޯވަޅަށް ކޮށްޕާލަމުން އަނބުރާލި އެވެ. އަދި އެ ހިނދުކޮޅުގައި ދޮރު ވެސް ހުޅުވާލި އެވެ. ދެން ފެނުނު މަންޒަރާ އެކު އޭނާގެ ދެފައި ތުރުތުރު އަޅައިގަތެވެ.
********
ޖަވާދު އިނީ އޭނާގެ ކެބިން ތެރޭގައި އިން ގޮނޑީގަ އެވެ. އޮފީހަށް އައިސް ވަން ގޮތަށެވެ. ފުރޮޅުލީ ގޮނޑި ކުޑަކޮށް ބޭރަށް ނެރެލައިގެން ދުރުގައި ހުރި ޔާޝާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ފޮޓޯކޮޕީ މެޝިނުން ކޮޕީނަގަމުން ދިޔަ ޔާޝާގެ ވަނާތަކަށް ޖަވާދުގެ ނަޒަރު ހުއްޓިފައިހުރިއިރު ޔާޝާ ދިޔައީ އާތްވަމުންނެވެ. ޖަވާދު ހުންނަނީ ޔާޝާގެ ރީތި ކަމަށް މޮޔަވެފަ އެވެ. އެކަން ޔާޝާ އަށް އެނގެ އެވެ.
ޖަވާދުގެ ސަމާލުކަން ކުއްލިއަކަށް ގެއްލުވާލީ މޭޒު މަތީގައި އޮތް އޭނާގެ މޯބައިލް ފޯނެވެ. ވައިބްރޭޓްވަމުން އެ ފޯނު މޭޒު މަތީގައި ދުވަން ފެށި އެވެ. ފޯނު ނުވެއްޓެނީސް މޭޒާ ގޮނޑި ގާތްކޮށްލަމުން އޭނާ ފޯނު ނެގި އެވެ. އެއީ ހުދާގެ ކޯލެކެވެ. އޭނާގެ ނަން ފެނުމާ އެކު މޫނު މައްޗަށް ވެރިވި ފޫހިކަމުގައި ފޯނު ސައިލެންޓަށް ލަމުން ޖަވާދު ފޯނު އަލުން އޮތް ތަނުގައި ބޭއްވި އެވެ. މޭޒުގެ އަރިމަތީގައި އަތް އަޅައި ގޮނޑި ބޭރަށް ކޮއްޕާލަމުން ދެން އެނބުރިގަތީ ފޮޓޯކޮޕީ މެޝިނާ ދިމާލަށެވެ. އޭރު ޔާޝާއެއް ނެތެވެ. އަނެއްކާ ވެސް ޖަވާދުގެ ފޯން ވައިބްރޭޓްވެގަތެވެ. މިފަހަރު ވެސް ހުދާގެ ކޯލެކެވެ. ހިތްހަމަނުޖެހިފައި ހުރެ މޭޒުމަތިން އޭނާ ފޯނު ޖަހައިގަތެވެ.
"އާނ. ކީކޭ؟ ކިހިނެތްތަވީ؟،" ނުރުހުމުގެ ފޫހި ރާގުގައި ޖަވާދު އަހާލި އެވެ. އެއަށް ފަހު އޭނާގެ ދުލުން އެންމެ ލަފުޒެއް ވެސް ބޭރެއް ނުވި އެވެ. ފުންމައިގެން ތެދުވެ ގޮނޑި ކޮއްޕާލާފައި އޭނާ ދުއްވައިގަތީ ބޭރަށެވެ. ފެންކަޅިވެފައިވާ ދެ ލޮލާ އެކު ލިފްޓުން ފައިބައިގެން ގޮސް ސައިކަލަށް އަރައި ސްޓާޓްކޮށްލި އެވެ. ވިދުވަރެއް ފަދައިން އޭނާ އެ ތަނުން ގެއްލިއްޖެ އެވެ.
********
"މިގޮތަށް ކިތައް ރޭތަ؟،" އުނގު ތެރޭގައި އޮތް ޖަވާދުގެ ބޮލުގެ ފަން އިސްތަށިގަނޑާ އިނގިލިތަކުން ކުޅެމުން ގެންދިޔަ ސަމްހާ އަހާލި އެވެ.
ޖަވާދު އަގައިން ނުބުނެ އޮތީ އެވެ. އޭނާ އޮތީ މަޑުންނެވެ. ދެ ލޯ މަރާލައިގެންނެވެ. ދެ މީހުން ތިބީ ސަމްހާގެ ކޮޓަރި ތެރޭގަ އެވެ. ޖަވާދު އޭނާގެ ގިނަ ރޭތައް ގުނަނީ މި ކޮޓަރި ތެރޭގަ އެވެ. ސަމްހާ ގާތުން އުފާ ހޯދުމަށް ފަހު އޭނާ އެނބުރި ގެއަށް ދާނީ އާންމުކޮށް ފަތިހު އެވެ. ގިނަ ރޭރޭ ނިދަނީ ވެސް ސަމްހާ ގާތުގަ އެވެ. ގުޅުން ގޯސްވެފައި އޮތަސް ޖަވާދު ހިލޭ އަންހެނެއް ކިބައިން އުފާ ހޯދަމުންދާ ކަމެއް ހުދާއަކަށް ނޭނގެ އެވެ.
ޖަވާދު ކޮޓަރީގެ ތަޅުގައި ހިފީ މަޑުމަޑުން، ފަރުވާތެރިކަމާ އެކުގަ އެވެ. ލަސް ހަރަކާތުގައި ދޮރު އެތެރެއަށް ކޮށްޕާލި އެވެ. އޭރު ކޮޓަރީގެ ޑަބަލް އެނދުގެ އެއް ފަރާތުގައި ހުދާ އޮތެވެ. ކިރިޔާ ދެމިގަނެވޭ ވަރަށް ދޮރު ހުޅުވާލަމުން، ފަނޑު އަލިކަމުގެ ތެރޭގައި ޖަވާދު ކޮޓަރި ތެރެއަށް ވަނެވެ. ޖެހިގެން ހުރި ދޮރު ހުޅުވާލާފައި އޭނާ ދެން ވަނީ ފާހާނަ އަށެވެ. އޭރު ގަޑިން މެންދަމުން އަލިވެ ތިނެއް ޖަހަނީ އެވެ.
"މިރޭ ނުވެސް ނިދާ ރެއެއްތަ؟،" ފާހާނައިން ނުކުތްއިރު އެނދުގެ އަރިމަތީގައި އިށީނދެލައިގެން އިން ހުދާ ފެނުމުން ޖަވާދު އަހާލި އެވެ.
********
ބާރު ދުވެއްޔެއްގައި އައިސް ސައިކަލް ޕާކުކޮށްލުމަށް ފަހު ޖަވާދު އައިޖީއެމްއެޗް ތެރެއަށް ވަދެގެން ދުއްވައިގަތެވެ. ހަރު ފިޔަވަޅުތަކެއްގައި ދިޔަ ގޮތަށް ގޮސް އިމަޖެންސީގެ ދޮރު އެތެރެއަށް ކޮއްޕާލަމުން އޭނާ އެތެރެއަށް ވަނެވެ. އޭރު ޔަމްނާ އެނދެއްގައި އޮތް މަންޒަރު ފެނެވެ. އާއިލާގެ މެމްބަރުން ކައިރީގައި ތިއްބެވެ. ބައެއް މީހުން އަދިވެސް ރޮނީ އެވެ. އެ މީހުންތަކުގެ ތެރޭގައި ހުދާއެއް ނެތެވެ. އޭނާ އޮތީ ތަންކޮޅެއް އެތެރޭގައި ހުރި އެނދެއްގަ އެވެ. ޖަވާދުގެ ދެ ފައި ބިންމަތީގައި ތަތްވެފައިވާ ކަހަލަ އެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާ ދަރިފުޅުގެ މޭގައި ބޯ އަޅާލި އެވެ. އިރުކޮޅަކުން އިވިގަތީ އޭނާގެ ރުއިމުގެ ގަދަ އަޑެވެ. އެވަގުތު ޖަވާދު މައިތިރިކުރުމަށް އާއިލާގެ އެހެން މެމްބަރުން ތެޅިގަތެވެ.
********
ޔަމްނާގެ މަރަށް ތިން ހަފުތާ އެވެ. ހުދާ އަދިވެސް ޖަވާދުއަކާ ވާހަކައެއް ނުދައްކަ އެވެ. ހުދާގެ އާއިލާގެ މީހުން ވެސް އޭނާއާ ވާހަކައެއް ނުދައްކަ އެވެ. އެމީހުންގެ ނަޒަރުގައި ޔަމްނާގެ ގާތިލަކީ ޖަވާދު އެވެ. ދަންޖެހިގެން އޭނާ އަމިއްލަ އަށް މަރުވުމުގެ އަސްލަކީ ޖަވާދު އެވެ. ހުދާ ގަބޫލުކުރާ ގޮތުން އޭނާގެ ފިރިމީހާ ވަނީ އެމީހުންގެ ދަރިފުޅު އޭނާގެ ޖިންސީ ޝިކާރައަކަށް ހަދައިފަ އެވެ. ދެމަފިރިންގެ ގުޅުން ހަލާކުވުމުގެ އަސްލަކީ ވެސް އެއީ އެވެ.
ފިރިމީހާ ރޭގަނޑުގެ ވަގުތުތަކުގައި ދަރިފުޅު ގާތަށް ވަންނަ ކަމަށް ތުހުމަތުކުރެވިގެން ހުދާ އެންމެ ފުރަތަމަ އެ ވާހަކަ ދެއްކީ ޖަވާދުއާ އެވެ. އޭނާ ގާތަށް އެ ދުވަހު އައި ރުޅިގަނޑު ފެނުމުން ހުދާ އެކަހަލަ އެއްވެސް ވާހަކައެއް ޖަވާދުއާ އިތުރަކަށް ހިއްސާއެއް ނުކުރެ އެވެ. އެހިސާބުން ފެށިގެން ދެމީހުންގެ ގުޅުން ދިޔައީ ގޯސްވެ ހީނަރުވަމުންނެވެ. ހުދާއާ އެއް އެނދެއްގައި ނިދަން ވެސް ޖަވާދު ފޫހިވާން ފެށީ އެ ހިސާބުންނެވެ. އަނބިމީހާގެ ބަދަލުގައި ދެން އޭނާ ހިޔާރުކުރަން ފެށީ ހިލޭ އަންހެނުންނެވެ.
ދަރިފުޅުގެ ގަޔަށް އަތްލި ކަމުގެ ތުހުމަތު ކުރެވުނަސް ޖަވާދު އެކަމަށް އިންކާރުކުރެ އެވެ. އޭނާއާ ގުޅުވައިގެން އެ ވާހަކަ ދެއްކުމުން އޭނާގެ ގާތަށް އަންނަނީ ނުބައި ރުޅިގަނޑެކެވެ. އެ ވާހަކަ ދައްކާ ކޮންމެ މީހަކަށް ހަމަލާ ދޭން އޭނާ ދަނީ ފުންމައިގެންނެވެ.
މަސް ދުވަސް ފަހުން ހުދާ އާއި ޖަވާދުގެ ކައިވެނި ރޫޅުނީ އެވެ.
********
"އަބަދު ތިގޮތަކަށް އެކަނި ނުހުންނާށޭ ބުނަމެއް ނޫން ދޯ؟ ކޮންމެ ދުވަހެއްގެ އިންޓަވަލް ގަޑި އަކީ އަހަރެމެން ދެ މީހުންގެ ގަޑިއެއް ނޫންދޯ؟ ސޯ މި ދަނީ މިއަދު ވެސް ލައިބްރަރީ އަށް އިނގޭ. މި ގަޑީގަ އެތާނގަ އެއްވެސް މީހަކު ނޫޅޭނެ. ކުރީ ދުވަހު ގޮތަށް ދެ މީހުން އެކަނި ތިބެގެން އިންޓަވަލް ނަގާނީ ދޯ؟ އަވަހަށް އާދޭ މައްޗަށް އިނގޭ؟،" ޔަމްނާ އަށް އަތުން އިޝާރާތް ކުރަމުން ލަސް ފިޔަވަޅުތަކެއް އޭނާގެ މުދައްރިސް ސިޑިން މައްޗަށް އަރަން ފެށި އެވެ. އެއީ އިންޓަވަލް ގަޑި އަށް ވުމުން ކުދިންނާއެކު ގިނަ ޓީޗަރުން ވެސް ތިބީ ބޭރުގަ އެވެ.
މުދައްރިސްގެ ފަހަތުން ޔަމްނާ ވެސް ސިޑިން މައްޗަށް އަރައިގެން ދިޔައީ އެވެ. ލައިބްރަރީ އަށް އޭނާ ވަނުމާ އެކު މުދައްރިސް ދޮރު ލެއްޕި އެވެ. އެތެރޭގައި އެއްވެސް މީހަކު ނެތެވެ. އެ ފްލޯގައި ވެސް މީހަކު ނެތެވެ. އެގޮތަށް އޮންނާނީ ވިހި މިނެޓަށެވެ. އެކަން މުދައްސިރަށް އެނގެ އެވެ. އެހެންވެ އާދައިގެ މަތިން ޔަމްނާ މައުސޫމް ހަށިގަނޑުގެ މައްޗަށް ގަދަވެގަންނަން މުދައްރިސް އަވަސް ވެގަތެވެ.

އެމްޑީޕީގެ މުޒާހަރާ
16 comments