ފިލްމު ކުޅެން ފެށުމުގެ ކުރިން އާރިފާ އިބްރާހިމް ފާހަގަކުރެވެނީ ރީތިކޮށް އަތުލިޔާ މީހެއްގެ ގޮތުގަ އެވެ. ސަރުކާރުގެ ވަޒީފާ އަށް ވަނުމުގެ ކުރިން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ވެސް އެއީ އެވެ.
"އެންމެ ފުރަތަމަ ލިޔުމުގެ މަސައްކަތްކުރަން ދިޔައީ ސައިކުރާ ނައީމުގެ ބައްޕަ ކައިރި އަށް. އޭނައަކީ ގާނޫނީ ވަކީލެއް. އޭނާ ބޭނުންވާ ލިޔުންތައް އަތުން ލިޔެ ތައްޔާރުކުރަން ފެށީ،" މަސައްކަތުގެ ދާއިރާ ފެށިގެން އައި ގޮތް އާރިފާ ކިޔައިދިނެވެ.
ސައިފް ރަސްގެފާނު ފަދަ މަޝްހޫރު ގިނަ ފޮތްތަކެއް އަތުން ލިޔެފައިވާ އާރިފާ ބުނީ ފުރަތަމަ ފަށައިގެން އިރު އޮފީސްތަކުގެ ބައެއް ލިޔުންތަކާއި އެ ތަންތަނުން އެކި ރަސްމިއްޔާތުތަކުގައި މީސްމީހުންނަށް ދޭ ސެޓްފިކެޓްތައް ވެސް ގިނަ އަދަދަކަށް ލިޔެފައިވާނެ ކަމަށެވެ.
"އޭރު ދެން ކޮމްޕިއުޓަރާއި މިފަދަ ޓެކްނޮލޮޖީ އެއްޗެހި ނުހުންނާތީ ސެޓްފިކެޓެއް ވެސް ލިޔާނީ އަޅުގަނޑު. ވަރަށް ގިނަ ސެޓްފިކެޓްތައް ހުންނާނެ ލިޔެވިފައި،" އާރިފާ ބުންޏެވެ.
އުމުރުން 22 އަހަރުގައި އެންމެ ފުރަތަމަ ސަރުކާރުގެ ވަޒީފާއެއްގެ ގޮތުގައި އާރިފާ އަދާކުރަން ފެށީ ލޭންޑް ރެޖިސްޓްރޭޝަން ސެކްޝަނުގެ ކާތިބާއެއްގެ ވަޒީފާ އެވެ.
"އޭގެ ފަހުން ސަރުކާރުގެ ގިނަ ވަޒީފާތަކެއް އަދާކުރުމަށް ފަހުން އެންމެ ފަހުން ވަނީ ޓީވީއެމަށް،" އާރިފާ ބުންޏެވެ.
ޓީވީއެމްގެ ބަޖެޓް ސެކްޝަނުގައި 11 އަހަރު ހޭދަކުރުމަށް ފަހު ވަކިވީ 2008 ވަނަ އަހަރު އެވެ.
ޓީވީގެ ޕްރޮގްރާމްތަކުގެ ތެރެއިން ރޯދަ މަހުން އެންމެ ގިނަ ބަޔަކު ސަމާލުކަން ދޭ އެއް ކަމަކަށް ވެފައި އޮންނަނީ ރޭގަނޑު އަންނަ ޑްރާމާތަކެވެ. ކުރިއާ އަޅާބަލާއިރު މިހާރު އެބައި ކުޑަކޮށް ދަށް ނަމަވެސް މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާ އިރު އެންމެ ތަރުހީބު ބޮޑު އެއް ޕްރޮގްރާމަކަށް ވެފައި އޮންނަނީ ވެސް ޓެލެޑްރާމާތަކެވެ. އޭރު ޓީވީއެމުން ފޮނުވި މަޝްހޫރު ޓެލެޑްރާމާތަކުގައި އާރިފާގެ ހިއްސާ ބޮޑެވެ. ޑައިރެކްޓްކުރުމުގެ އިތުރުން ގިނަ ޑްރާމާތަކެއްގައި އޭނާ ވަނީ އެކްޓު ވެސް ކޮށްފަ އެވެ.
ފިލްމީ ދާއިރާގައި އާރިފާ އަކީ މުހިންމު ނަމެކެވެ. އޭނާއާ ނުލައި އެއްވެސް ފިލްމެއް ނުހެދި ދިޔަ ދުވަސްތަކެއް ވެސް މާޒީވެގެން ހިނގައްޖެ އެވެ. ޑްރާމާތަކާއި ފިލްމުތަކަށް އާރިފާ ކަހަލަ އިތުރު މީހަކު ނެތް އަހަރުތަކެއް ދިޔަ އެވެ. އެވަރުގެ އެހެން ހުނަރުވެރިއަކު ނެތުމުން އެއް ދުވަސްވަރެއްގައި ނުކުތް ހުރިހާ ފިލްމެއްގައިހެން އާރިފަ ވަނީ ހިމަނައިފަ އެވެ. އެހެން އެވީ ސަބަބުތަކެއް ވެސް މެދުވެރިވެގެންނެވެ. އެއް ކަމަކީ އަރިފާގެ އަހުލާގެވެ. ފިލްމީ ފަންނާނުން ފާހަގަކުރާ ގޮތުގައި، ފިލްމީ ދާއިރާގައި ވަގުތަށް ކަމޭހިތާ، އެވަރުގެ އަހުލާގު ރަނގަޅު މީހަކު މަދުވާނެ އެވެ. އެއީ، ފިލްމީ ދާއިރާގައި އޭނާގެ ނަމަށް އުނިކަން ނައި މުހިންމު ސަބަބެކެވެ. ހަގީގަތުގައި ވެސް އާރިފާ އަކީ ބަސް މަދު، ރުޅި މަޑު، ކެތްތެރި އަންހެނެކެވެ.
ފިލްމީ ދާއިރާގައި އާރިފާ ހޭދަކުރި ދުވަސްތަކުގެ ތެރެއިން އެންމެ އުފާވި އެއް ދުވަހަކީ މި އަހަރު ބޭއްވި އެންޝޯންޓާ މޯލްޑިވްސް ފިލްމް އެވޯޑްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ލިބުމެވެ.
"އެއީ މި ދާއިރާގައި ކޮށްފައި ހުރި މަސައްކަތްތައް ބަޔަކު ބަލައިގެންފި ކަމުގެ ވަރަށް ބޮޑު ހެއްކެއް. އެހެންވެ ވަރަށް އުފާވޭ،" އާފަތިސް އެވޯޑާއި މިއަދު ކްރިސްޓަލް އެވޯޑް ވެސް އެކި ފަހަރު މަތިން ހޯދާފައިވާ އާރިފާ ބުންޏެވެ.
އާރިފާއާ އެކު އާރިފާގެ ބައެއް ދަރިން ވެސް ވަނީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވެފަ އެވެ. މީގެ ތެރެއިން ވެސް "ފަތިސް ހަނދުވަރު"ގައި އާރިފާއާ އެކު އޭނާގެ ދެ ދަރިން ކަމަށްވާ މަރިޔަމް ޝެލީ އާއި ހައްވާ އެނީ ކުޅެފައިވާ ބައިތައް ފާހަގަކޮށްލެވެ އެވެ. އަދި ހަމައެކަނި ފިރިހެން ދަރިފުޅު އަހުމަދު ސުނީއަކީ ވެސް މުނިފޫހިފިލުވުމުގެ ދާއިރާގައި މިހާރު ވެސް މަދުން ނަމަވެސް ފެންނަ މޫނެކެވެ.
"ފަތިސް ހަނދުވަރު"ގެ އިތުރުން ފިލްމީ ދާއިރާގައި މިހާތަނަށް ނުކުތް އެންމެ ކާމިޔާބު ފިލްމުތަކުގައި އާރިފާގެ ހިއްސާ ވެ އެވެ. މީގެ ތެރެއިން ވެސް މުހައްމަދު ނިޔާޒް (ޓެޑްރީ) "ދެރިޔާ" ފާހަގަކޮށްލެވެ އެވެ.
ފިލްމީ ދާއިރާ އާއި އަތުލިޔުމުގެ އިތުރުން އިޖުތިމާއީ ގޮތުން ވެސް އާރިފާގެ ހިދުމަތްތައް ގިނަ އެވެ. ކުރިން އަވަށު ކޮމިޓީތައް އޮތްއިރު ގަލޮޅު އަވަށު ކޮމިޓީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ސެކްރެޓަރީއެއްގެ ވަޒީފާގައި އޭނާ އުޅުނެވެ. އަދި މިހާރު ވެސް މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ޑިސިޕްލިން ކޮމިޓީ ޗެއާކުރަނީ ވެސް އާރިފާ އެވެ. ހިދުމަތްތަކުގެ ދިގު ރެކޯޑެއް އޮތް އިރު މިހާރު ވެސް ސިނަމާއެއްގައި ރަނގަޅު ފިލްމެއް އަޅުވައިފި ނަމަ އާރިފާ މަންމަ ކޮންމެ ވެސް ރޯލަކުން ނުފެނި ނުދާ ފަހަރު ވަރަށް މަދެވެ.
އާރިފާ އަކީ ހުނަރުވެރިއެކެވެ. ވަރަށް މަސައްކަތްތެރިއެކެވެ. އެހާ ބުރަކޮށް އުޅެމުން ވެސް އޭނާ ހުރިހާ ކަމަކަށް ވަރަށް ފަރުވާތެރިކަމާ އެކު ވަގުތު ހުސްކުރެ އެވެ. ގޭތެރޭގައި އެހާ ބުރަކޮށް މަސައްކަތް ކުރެ އެވެ. އާރިފާގެ އުމުރުގެ ބޮޑުބައި ހޭދަކުރީ މަސައްކަތުގައި އަވަދިނެތި އެވެ. މިއަދު މާމަކިޔާ ކުދިން ތިބި އިރު އޭނާ ފަހުރުވެރިވާ އެހެން ކަމެއް ވެސް އެބައޮތެވެ. އެއީ އޭނާގެ ހުރިހާ ދަރިން ތަރުބިއްޔަތު ވެފައިވަނީ ރަނގަޅު އަހުލާގެއްގެ މަތީގައި ކަމަށް ވާތީ އެވެ.

0 comment