ސިއްސައިގެން ގޮސް ހޭލެވުނީ ކުއްލިއަކަށެވެ. އަހަރެން އޮތީ އެނދުމަތީގަ އެވެ. ކޮޓަރިއެއްގަ އެވެ. އަހަރެންގެ ކޮޓަރި އެވެ. އެނދުގައި އޮށޯވެގެން އޮންނައިރު، އަހަންނާ ދިމާ މަތީގައި ސީލިންގައި ތަތްކޮށްފައިވާ އަންހެން ކުއްޖެއްގެ ޕޯސްޓަރެއް ފެނެ އެވެ.
ތެދުވަން މަސައްކަތްކުރީމެވެ. އެންމެ ފުރަތަމަ ދެ ފައި ހަރަކާތެއް ނުކުރި އެވެ. އިރުކޮޅަކުން ތެދުވީމެވެ. އެނދުގެ އެއް ފަރާތެއްގައި އިށީނީމެވެ. ކައިރީގައި އޮތް އައިފޯނު ނެގީމެވެ. ޗާޖެއް ނެތެވެ. އެނދުން ތެދުވެގެން، ކުރު ފިޔަވަޅުތަކެއްގައި ގޮސް ފޯނު ޗާޖަށް ޖެހީމެވެ. ކަރަންޓެއް ނެތެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ހޫނުކަން ހަށިގަނޑަށް ވަނީ ދެނެވެ. އެވަގުތު އޭސީއާ ދިމާލަށް ބަލައިލެވުނެވެ.
ލައިގެން ހުރި ބޮކްސާއާ އެކު ކޮޓަރިން ބޭރަށް ނުކުތީމެވެ. މީހެއްގެ ހިލަމެއް ނުވެ އެވެ. އަހަރެން ފިޔަވައި ގޭގައި އެކަކު ވެސް ނެތީ އެވެ. އެންމެން ދަތުރު ދިޔައީކަން ޔަގީނެވެ. އަހަރެން މިއީ އެމީހުންނާ އެކު ދުވަހަކު ވެސް ދަތުރެއްގައި ބައިވެރިވި މީހެއް ނޫނެވެ.
ލަސް ފިޔަވަޅުތަކެއްގައި ގޮސް ބަދިގެ އަށް ވަނީމެވެ. ކާނެ އެއްޗެއް ހޯދީމެވެ. އަހަރެންގެ ފެވަރިޓެއް ނެތެވެ. ރޮއްޓާއި ކުޅި މަހެވެ. ފްރިޖުގެ ދޮރު ހުޅުވާލީމެވެ. އެވަގުތު އަރައިގެން އައި ކުނި ވަސްގަނޑާއެކު އަވަހަށް ދޮރު ލެއްޕީމެވެ. ދޮރުފަތުގައި ތަތްކޮށްފައިވާ ސްޓިކާތަކުގެ ތެރޭގައި އިން ލިޔުމެއް އެ ވަގުތު ފެނުނެވެ. އޭގައި ލިޔެފައި އޮތީ "އީދު މުރާބަކް" އެވެ.
އަނެއްކާވެސް ފްރިޖްގެ ދޮރު ހުޅުވާލީމެވެ. އަރައިގެން އައި ވަސްގަނޑުން ސަލާމަތްވުމަށް ނޭފަތުގައި އަތް އެޅީމެވެ. އެއްޗެހިތައް ވަނީ ހަލާކުވެފަ އެވެ. ކުނިވެފަ އެވެ. ގުދުވެލަމުން، ތަންކޮޅެއް އެތެރޭގައި އޮތް ޗިޕްސް ޕެކެޓެއް ނަގައިގެން ނިކަން ބާރަށް ދޮރުފަތް ޖެހީމެވެ. ހޮޑުނުލެވުނީ ހަމަ ކިރިޔާ އެވެ. ޗިޕްސް ޕެކެޓް ކަނޑާލީމެވެ. އެވެސް ހަލާކުވެފަ އެވެ. ކާނެ އެއްވެސް އެއްޗެއް ހަމަ ނެތީ އެވެ. ހުރިހާ އެއްޗެއް ދަތުރު ގެންދިޔައީ ހެއްޔެވެ؟
މޭޒު މަތިން ނެގި ބިއްލޫރި ތައްޓަށް ފެން އަޅަން އިސްކުރު ދޫކޮށްލީމެވެ. ފެނެއް ވެސް ނާދެ އެވެ. އައި ރުޅީގައި ހޫރާލި ތަށި ކަބަޑުތަކުގައި ޖެހި ފުނޑުފުނޑު ވެއްޖެ އެވެ. ދެން ދިޔައީ ކަބަޑުތަކާ ދިމާލަށެވެ. ދޮރުތައް ހުޅުވާލީމެވެ. ހުސް ދަޅުތަކެއް ފިޔަވައި އިތުރު އެއްޗެއް އެތާކު ވެސް ނެތެވެ.
އަނެއްކާވެސް ވަނީ ކޮޓަރި އަށެވެ. ކަރަންޓާއި ފެން ނެތުމުން މޫނު ދޮވެ ސާފުވާނެ ގޮތެއް ވެސް ނެތެވެ. ދިގުވެފައިވާ ތުނބުޅި ޓްރިމްކުރެވޭނެ ގޮތެއް ނެތެވެ. އަލަމާރީގެ ދޮރު ހުޅުވާލީމެވެ. ހެދުންތައް ހާވާލައިގެން ދަމައިގަތް ނޫ ކުލައިގެ ޓީޝާޓް ބޮލުން މަހާލައިގެން ގަޔަށް ހެޔޮވަރުކޮށްލީމެވެ. ދެން ލީ ޖިންސެކެވެ. އެއަށް ފަހު ބޫޓަކަށް އަރައިގެން ބޯ ރީތިކުރަމުން ކޮޓަރިން ނުކުތީ އެވެ.
ރައްޓެއްސަކަށް ގުޅޭނެ ގޮތެއް ނެތެވެ. ލޭންޑް ލައިން ވެސް މަސައްކަތެއް ނުކުރެ އެވެ. އެވެސް މަ ބަލާލީމެވެ. ގެއިން ނުކުތްއިރު ލިފްޓް ވެސް މަސައްކަތެއް ނުކުރެ އެވެ. ފަސް ވަނަ ބުރިން ބިމަށް ފޭބީ ސިޑިންނެވެ. މަގަށް ނުކުތްއިރު ހީވީ ކުނި ގޮނޑަކަށް ނުކުމެވުނު ހެންނެވެ. އެހާވެސް ކުނި ގިނަ އެވެ. އެންމެން ރަށްތަކަށް ދިޔައީމަ މާލެތެރެ ސާފުކޮށްލާނެ ބަޔަކު ވެސް ނުވަނީތާ އެވެ. ކުރިމަތީގައި އޮތް ކޮކާކޯލާ ހުސް ދަޅުގައި ފައިން ޖަހައި ދުރަށް ފޮނުވާލަމުން ކުރިއަށް ހިނގައިގަތީމެވެ. އުސޫލެއް ނެތި ޕާކްކޮށްފައިވާ ކާރުތަކާއި ސައިކަލްތައް ގިނަ އެވެ. ބައެއް ސައިކަލްތައް ވެއްޓިފަ އެވެ. ބައެއް އުޅަނދުތަކަށް ގެއްލުންލިބިފަ އެވެ. އަހަރެން ފިޔަވައި އިތުރު މީހެއްގެ ހިލަމެއް މަގުމަތިން ވެސް ނުވެ އެވެ. މި އައީ ވަރުގަދަ އީދެއް ނޫން ހެއްޔެވެ.
އަހަރެން ހިނގަމުން ދިޔައީ އަމީނީމަގުންނެވެ. ދަރުބާރުގޭ ކައިރިން މާފަންނަށެވެ. ގަޑިންވީ އިރެއް އަހަންނަކަށް ޔަގީންކޮށެއް ނުދެވޭނެ އެވެ. ފޯނެއް ނެތެވެ. އަތުކުރީގައި ގަޑިއެއް ވެސް ނެތެވެ. އެކަމަކު ޔަގީނުން ވެސް މެންދުރުގެ ވަގުތެވެ. އެކަމަކު ވެސް އަތްވެއް ނުދެ އެވެ. ވިލާތަކުން އުޑުމަތި ބަންދުކޮށް އަނދިރިކޮށްފައި ވާއިރު މާހައުލަށް ވެރިވެފައިވަނީ ތެތްފިނި ކަމެކެވެ. ވައި ރޯޅިތައް ގަދަވާހެން ވެސް ހީވެ އެވެ. ގަސްތަކުން ވެރިފައިވާ ފަތްތައް ހިކިގެން މަގުތައް އިތުރަށް ހަޑިވެފައިވާއިރު ބައެއް ގަސްގަހުގެ ގޮފިތައް އިރައިގެން މަގުމައްޗަށް ވެއްޓިފައިވެ އެވެ.
ހަވީރު ނޫސް ހިންގާ އިމާރާތާ އަރާ ހަމަވެއްޖެ އެވެ. އޭރު ވެސް ބައެއްގެ ހިލަމެއް ނުވެ އެވެ. ދުއްވާފައި ދިޔަ ސައިކަލެއް އަދި އެހެން އުޅަނދެއްގެ އަޑެއް ވެސް ނީވެ އެވެ. މުޅި ހިސާބުގަނޑަށް ފެތުރިފައި ވަނީ ހަމަހިމޭންކަމެވެ. އިމާރާތްތަކުގައި ވެސް އެއްވެސް ކަހަލަ ދިރުމެއް ނެތް ފަދަ އެވެ. ބައެއް އިމާރާތްތަކާއި ގެތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު މުޅި ހިސާބުގަނޑަކަށް ފެތުރިފައި ވަނީ ފަޅުކެމެވެ.
ލަސް ފިޔަވަޅުތަކެއްގައި ގޮސް އަހަރެން، ހަވީރު ނޫހުގެ ބޭރުގައި ބަހައްޓާފައި ހުރި ނޫސް ބޯޑް ކުރިމަތީގައި މަޑުކޮށްލީމެވެ. އެ ބޯޑްގެ ބިއްލޫރިތައް ވަނީ ކޮންމެވެސް ކަހަލަ ހަމަލާއެއްގައި ތެޅިފަ އެވެ. ނޫހުގެ ބައެއް ގަނޑުތައް ދިއްލަވާރުކޮށްފައި ހުއްޓެވެ. ފުރަތަމަ ސަފުހާ އާއި ކުޅިވަރުގެ ދެ ތިން ސަފުހާއަކާ އެކު ޚަބަރު ސަފުހާއެއް ފެންނަން ހުއްޓެވެ. ބޭރުގަނޑުގައި އޮތީ އީދު ބަންދަށް ގިނަ އަދަދެއްގެ ބަޔަކު މާލެ އިން ރަށްތަކަށް ދިޔަ ވާހަކަ އެވެ. ހިނިގަނޑެއް ޖަހާލަމުން އަހަރެން އަނެއްކާވެސް ކުރިއަށް ހިނގައިގަތީމެވެ. ހަވީރުގެ މައި ގޭޓް ވެސް ވަނީ ހަމަލާއެއްގައި ވަރަށް ބޮޑަށް ބަނޑިވެ ހަލާކުވެފަ އެވެ.
ފެންނަމުން ދިޔަ މަންޒަރުތަކާ އެކު ސިކުނޑި ދިޔައީ ކަންބޮޑުވަމުންނެވެ. އެކަމަކު ވެސް މާ ބޮޑު ފަރުވާލެއް އަދި އަޅާލުމެއް ނެތި އަހަރެން ދިޔައީ ކުރިއަށެވެ. އަހަރެން ބޭނުންވީ ވީއެންމެ އަވަހަށް، ދަންނަ މީހަކާ ބައްދަލުވާށެވެ. ކޮންމެވެސް މީހަކާ ބައްދަލުވާށެވެ. މާލެ ތެރޭގައި ކަމެއް ގޯސްވެފައިވާ ނަމަ ވެގެން އުޅޭ ގޮތެއް ވެސް ދެނެގަންނާށެވެ.
އަމީނީ މަގުގެ ސީގަލް ފިހާރައާ އަރާ ހަމަވިއިރު އެތާނގެ ބިއްލޫރިތައް ވެސް ވަނީ ތަޅާލައިފަ އެވެ. ދެން ފެނުނީ ކުއްލިއަކަށް މީހަކު ފިހާރަ ތެރެއިން ނުކުމެގެން ދުއްވައިގަތްތަނެވެ. އެއީ ޒުވާން ފުރައިގެ އަންހެނެކެވެ. އޭނާ ކުއްލިއަކަށް ފެނުމުން އަހަރެން އެންމެ ފުރަތަމަ ދިޔައީ ސިއްސައިގެންނެވެ. ދެން ހަޅޭލައްވަމުން އޭނާ ފަހަތުން ދުއްވައިގަތީމެވެ. ޖެހިގެން އޮތް ގޯޅިން އަޅާލުމަށް ފަހު އޭނާ ދުއްވައިގަތީ ބޮޑުތަކުރުފާނު މަގާ ދިމާލަށެވެ.
ވަކި ހިސާބަކަށް ދެވުނުތަނުން ވަރުބަލިކަން އިހްސާސްކުރެވިގެން އަހަރެން މަޑުކޮށްލީމެވެ. މާނޭވާލަމުން ފާރުގައި ލެނގިލީމެވެ. އިރުކޮޅަކުން އަނެއްކާވެސް ކުރިއަށް ހިނގައިގަތީމެވެ. އޭރު އެ ހިސާބުގަނޑުގައި އަހަރެން ފިޔަވައި އިތުރު މީހަކު ނެތެވެ.
މަންދު ކޮލެޖާ ހަމަވިތަނުން މީހެއްގެ އަވަސް ފިޔަވަޅުތަކެއްގެ އަޑު ފަހަތުން އިވިގެން އެނބުރުނުއިރު ދުވެފައި އައި މީހާ ލަކުޑިބުރިއަކުން އަހަރެންގެ ބޮލުގައި އެތިފަހަރެއް އަޅުވާލި އެވެ. ހޭވެރިކަންވިއިރު އަހަރެންގެ ދެ އަތް ވަނީ ފުރަގަހަށް އައްސައިފަ އެވެ. ބޮލަށް އެރި އެނބުރުންގަނޑުގެ އަސަރު އޭރު ވެސް ފިލައިގެނެއް ނުދެ އެވެ. ލޯ ހުޅުވާލިއިރު މަންޒަރު ސާފެއް ނުވެ އެވެ. އިރުކޮޅަކުން މަންޒަރު ރަނގަޅަށް ކުލަވިއިރު އަހަރެން ވަށައިގެން މީހުންތަކެއް ތިއްބެވެ. އެންމެން ވެސް ތިބީ ކަންބޮޑުވެ ހާސްވެފަ އެވެ. ބައެއް މީހުން ރުޅިގަދަވެފަ އެވެ. ބައެއް މީހުންގެ އަތްތަކަށް ހެޔޮވަރުކޮށްފައި ވަނީ ލަކުޑިބުރިތަކެވެ. އެމީހުންގެ ތެރޭގައި، މަގުމަތިން ފެނުނު އަންހެން ކުއްޖާ ވެސް ހުއްޓެވެ. އޭނާއާ އެކު އެތަނުގައި ގާތްގަނޑަކަށް ވިއްސަކަށް މީހުން ތިބޭނެ އެވެ.
އެމީހުން އެންމެ ފުރަތަމަ އަހަންނާ ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ކާނެ އެއްޗިހި ދިނެވެ. އަހަރެންގެ ދެ އަތް ވެސް މޮހާލަދިނެވެ. އަދި ވިސްނައިގެން އުޅުމަށް، ފަހުން އިންޒާރު ވެސް ދިނެވެ. އަދި އެ މީހުންގެ ތެރޭގައި މަޑުކުރުމުގެ ހުއްދަ ވެސް ދިނެވެ. އެމީހުންގެ ގެއަކީ މަންދު ކޮލެޖްގެ އިމާރާތެވެ. އެއީ މިހާރު ކޮލެޖެއް ނޫނެވެ. މާލޭގެ އެހެން އިމާރާތްތައް ފަދައިން ވީރާނާވެ ހަލާކުވަމުންދާ އިމާރާތެވެ. އެތަނުގައި ވަޒަންވެރިގެން އެމީހުން ދިރިއުޅޭތާ މިހާރު ތިން އަހަރުވަނީ އެވެ. އެ ތަނަކީ މާލޭގައި ހުރި އެންމެ ރައްކާތެރި ތަނެވެ. އަދި މާލޭގައި ސަލާމަތުން ތިބި މީހުންގެ އާބާދީގެ ހަމައެކަނި ގެ ވެސްމެ އެވެ.
މިއީ 2015 އެވެ. ރާއްޖެ އަށް 2012ގެ އޯގަސްޓް 19 ވަނަ ދުވަހު އައި ވަރުގަދަ އަލި ވިދުވަރަކާ އެކު އާބާދީގެ ބޮޑު ބައެއް ގެއްލުނީ އެވެ. އެއް ބަޔަކު ފުން ނިންޖެއްގެ ތެރެއަށް ދަމައިގެން ދިޔައީ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ހޭލެވުނުއިރު އެއީ އިންސާނުންނެއް ނޫނެވެ. އިންސާނުންގެ ސިފައިގައި ތިއްބަސް، މިނި މަހަށް ދަހިވެފައިވާ ޖަނަވާރުތަކެކެވެ. އެމީހުންގެ ޝިކާރަ ފެށޭނީ އިރުގެ އަލިކަން ކެނޑުމާ އެކުގަ އެވެ.
އިރުއޮއްސިއްޖެ އެވެ. އަހަރެން އަދިވެސް މަންދު ކޮލެޖްގެ އިމާރާތުގަ އެވެ. އެތަނުގައި ތިބި އިންސާނުންނާ އެކުގަ އެވެ. އެމީހުން ހީކުރީ އަހަރެން ވެސް މިއީ އެމީހުންގެ ތެރެއިން މީހެއް ކަމަށެވެ. އެކަމަކު މުޅިއަކުން އެހެނެއް ނޫނެވެ. އަހަރެން ވެސް މިއައީ ފުން ނިންޖަކުން ހޭލައިގެންނެވެ.

ކޯލިޝަންގެ ޖަލްސާ
16 comments