ޓީވީ ޝޯއެއްގެ ގޮތުގައި ލޯކަލް ޗެނަލްތަކުން ގެނެސްދިން މަޝްހޫރު "މާކަނާ" ޝޯގެ ކާމިޔާބީ އަށް ފަހު ބޮޑު ސްކްރީނަށް ފިލްމެއް ގެނެސްދިނުމުގެ މަސައްކަތް ޔާމިން ރަޝީދު މެކުހަށް ޖަހައިފި އެވެ.
އަމިއްލަ ސްޓޫޑިއޯ، ސެލްމިންގެ ފުރާޅު ދަށުގައި "މާކަނާ" ޝޯ ލިޔެ ޑައިރެކްޓްކުރި ޔާމިން، އޭނާގެ ޓީމާއެކު މިފަހަރު ގެނެސްދޭން ތައްޔާރުވަމުން ދަނީ "ބަގީޗާ" ނަމަކަށް ކިޔާ އެނިމޭޓެޑް ކޮމެޑީ އެކެވެ. އެއްގަޑި ވިހި މިނެޓަށް ދިގުދެމިގެންދާ މި ފިލްމުގެ ލީޑް ކެރެކްޓާ އަކީ ސައްތާރު ނަމަކަށް ކިޔާ، ތަންކޮޅެއް މުސްކުޅި ހާލެކެވެ.
"މިއީ މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ލިޔަން ފެއްޓި އެއްޗެއް. ދެން ކޮންސެޕްޓް ޑިވެލޮޕްކޮށްފަ ލިޔަމުން އައިސް މާކަނާ ޝޯގެ ބިޒީކަމުން މީތި ނުނިންމިފަ އިނީ. ދެން މާކަނާ ޝޯ ހުއްޓާލުމަށް ފަހު، ލިޔެވިފަ އިން ހިސާބު ނަގައިގެން ސްކްރީންޕްލޭ ނިންމާފަ، ރިކޯޑިން ނިންމާފަ އެނިމޭޝަން މިހާރު މި ހަދަނީ،" އާ ޕްރޮޖެކްޓާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރަމުން ޔާމިން ބުންނެވެ.
"ބަގީޗާ" ގައި ދައްކުވައިދެނީ ދިރިއުޅުމުގެ އަރާމާއި އުފަލަށް ލޯބިކުރާ ސައްތާރު އޭނާގެ އަނބިންނާއި ދަރިންނާ އެކު ދިރިއުޅުން ކޮޅަށް ޖަހަން ކުރާ މަސައްކަތުގައި ދިމާވާ މަޖާ ކަންތައްތަކެވެ. ސައްތާރުގެ ހަތަރު އަނބިން ތިބެ އެވެ. އެއީ ވަރަށް ހާއްސަ ހަތަރު ސިފަ ލިބިފައިވާ ހަތަރު ކުކުޅެވެ.
"ފިލްމުގަ ދައްކުވައިދޭނީ ސައްތާރުގެ އާއިލާ ތެރޭގަ ހިނގާ ކަންތައްތަކެއް. ހަތަރު އަނބިން ގެންގުޅޭ ފިރިއަކަށް ދިމާވާ ކަންތައްތަކެއް ދައްކުވައިދޭނީ. ވަރަށް މަޖާވާނެ. އެއްގޮތަކަށް ވެސް ސީރިއަސް ޑްރާމާއެއް ނޫން،" ޔާމިން ބުންޏެވެ.
ޔާމިން ބުނީ "ބަގީޗާ" ގެ އެންމެ ތަފާތު ކަމެއްގެ ގޮތުގައި ފާހަގަކުރެވޭނީ ފިލްމުގެ ސެޓިން ކަމަށެވެ. ފިލްމުގެ ސެޓިންގައި ޖައްސާފައި ވަނީ 1950ގެ ކުލަވަރެވެ. ޔާމިން ބުނީ ވީހާ ވެސް އަސްލާ އެއްގޮތް ކުރުމަށް، ދިވެހި ބަހާއި ތާރީޚަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން އޭރުގެ ފޮޓޯތައް ހޯދައިގެން ރަނގަޅު ދިރާސާއެއް ވެސް ކުރި ކަމަށެވެ.
ޔާމިން ބުނީ މިއީ އޭނާ ކުރިން ގެނެސްދިން "މާކަނާ" ޝޯ އަށް ވުރެ ހުރިހާ ގޮތަކުން ވެސް ތަފާތު އުފެއްދުމެއް ކަމަށެވެ. އޭނާ ބުނީ މިފަހަރު އެންމެ ބޮޑު ގޮންޖެހުމަކަށްވީ ބޮޑު ކާސްޓެއް ގެންގުޅެން ޖެހުން ކަމަށެވެ. "މާކަނާ" ޝޯގެ ހުރިހާ ކެރެކްޓާތަކަށް ޔާމިން ގެންގުޅުނީ އެންމެ ދެ މީހުންނެވެ.
ނަމަވެސް މި ފިލްމުގައި ތަފާތު ގިނަ ކެރެކްޓާތަކެއް ހިމެނޭއިރު އޭނާ އެ ކެރެކްޓާތަކަށް ދިރުން ގެނެސްދީފައި ވަނީ އެ ކެރެކްޓާއަކަށް ވަކިން މީހުން ހޯދައިގެންނެވެ.
"މާކަނާ ޝޯ އަށް އަޑުއެޅި އެއްވެސް މީހަކު މިފަހަރު ބޭނުންނުކުރީ އެ އަޑުތައް މީހުންނާ އެހާ ރައްޓެހިވީމަ. ބޭނުންވީ މުޅިން ތަފާތު ކެރެކްޓާސް މީގަ ބޭނުންކުރަން. އެހެންވީމަ އަޑުއަޅަން އަނެއްކާވެސް މީހުން ހޯދައިގެން މުޅިން އާ މީހުން ލައްވާ އަޑުއަޅުވާފަވެސް މިހުރީ،" ޔާމިން ބުންޏެވެ.
އަންނަ މަހުގެ ފަހުކޮޅު ބެލުންތެރިންނާ ހަމަ އަށް ގެނެސްދިނުމަށް މަސައްކަތްކުރަމުން އަންނަ މި ފިލްމުގެ ފުރަތަމަ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ.

ނަޝީދުގެ އިންޓަވިއު
13 comments