ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ "ބެޓްމޭން" ޓްރިލޮޖީގެ ފަހު ފިލްމު "ދަ ޑާކް ނައިޓް ރައިޒަސް" އިން ވެސް އެންމެ ފަހުން ހޮލީވުޑްގެ ބިލިއަން ޑޮލަރުގެ ކްލަބަށް ވަދެއްޖެ އެވެ. އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި ނެގި 431.2 މިލިއަން ޑޮލަރާއި އެމެރިކާ އިން ބޭރުގެ ބޮކްސް އޮފީސްތަކުން އެއްކުރި 574 މިލިއަން ޑޮލަރާ އެކު މި ފިލްމުގެ ޖުމްލަ މިހާރު ވަނީ 1.005 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފަ އެވެ.
މިއީ ނޯލަންގެ "ބެޓްމޭން" ސިލްސިލާ އިން ބިލިއަން ޑޮލަރުގެ ކްލަބުން ފުރުސަތު ހޯދި ދެ ވަނަ ފިލްމެވެ. މި ފިލްމުގެ ކުރިން 2008 ވަނަ އަހަރު ނެރުނު "ދަ ޑާކް ނައިޓް" ގެ ޖުމްލަ ވެސް އެއްބިލިއަން ޑޮލަރަށް އަރަ އެވެ. އެ ފިލްމު އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި 533 މިލިއަން ޑޮލަރު ނެގިއިރު އެމެރިކާ އިން ބޭރުގައި 469.7 މިލިއަން ޑޮލަރު ނެގި އެވެ.
ބޮކްސް އޮފީހުގެ ކާމިޔާބީއާ އެކު ނޯލަންގެ "ބެޓްމޭން" ސިލްސިލާ ނިމުމަކަށް އައިސްފައިވާއިރު "ދަ ޑާކް ނައިޓް ރައިޒަސް" އަކީ ބޮކްސް އޮފީސް ޖުމްލައާ އެކު ބިލިއަން ޑޮލަރުގެ ކްލަބަށް ވަން 13 ވަނަ ފިލްމެވެ.
ބޮކްސް އޮފީހުގައި ފުރަތަމަ ފަހަރަށް ބިލިއަން ޑޮލަރު ހަމަކުރި ފިލްމަކީ ޖޭމްސް ކެމަރަންގެ "ޓައިޓޭނިކް" އެވެ. އެ ފިލްމުގެ މި ރިކޯޑް މުގުރާނުލެވިގެން އުޅެނިކޮށް ބޮކްސް އޮފީހުގައި އަނެއްކާވެސް އާ ރިކޯޑެއް ގާއިމުކުރީ ކެމަރަން އެވެ. އެއީ "އެވަޓާ" އާއެކު ބޮކްސް އޮފީހުގެ ޖުމްލަ ދެ ބިލިއަނަށް އަރުވައިގެންނެވެ.
ބޮކްސް އޮފީހުގައި ދެ ބިލިއަން ހަމަކުރި ފުރަތަމަ ފިލްމަށް "އެވަޓާ" ވިއިރު މި ފިލްމު ފަހަތުން، "ޓައިޓޭނިކް" ވެސް ވަނީ މިހާރު ބޮކްސް އޮފީހުގައި ދެ ބިލިއަން ޑޮލަރު ހަމަކޮށްފަ އެވެ. "ޓައިޓޭނިކް" ގެ ޖުމްލަ މަތިވީ އެ ފިލްމު މި އަހަރު ތްރީޑީކޮށް އަލުން ބެލުންތެރިންނާ ހަމަ އަށް ގެނެސްދިނުމުންނެވެ.

ރައީސް އައިޖީއެމްއެޗަށް ވަޑައިގަތުން
0 comment