"އިމަޖެންސީ ލައިޓު ކޮބާ؟" ފަނޑިޔާރު ވިދާޅުވި އަޑު އިވުނެވެ.
"ހީވަނީ ހަލާކުވެފަހެން." މީހަކު ޖަވާބުދިނެވެ.
ބޭނުން ނުކުރާތާ އެތައް ދުވަހެއް ވުމުގެ ސަބަބުން، އިމަޖެންސީ ލައިޓުތައް ހުރީ މައްސަލަ ޖެހިފަ އެވެ. ކުރިން އެކަމަށް އެއްވެސް މީހަކަށް ވިސްނާލެވިފައެއް ނެތެވެ. ކޮންމެ މީހަކު ވެސް ފޯނު ނަގާފައި ބައްތި ދިއްލާލި އެވެ. އެންމެންނަށް ފެނުނީ، މަލްހާ މޭޒުގައި ބޯޖަހައިގެން އޮއްވަ އެވެ. އެކަމަކު، މަލްހާގެ ހަށިގަނޑުގައި އަލިކަމެއް ހުރިހެން ހީވި އެވެ. ނުވަތަ އެއީ، މަލްހާ ލައިގެން ހުރި ހެދުމުގެ ކުލައިގެ ސަބަބުން ހީވިގޮތެއްބާ އެވެ؟
"ކަރަންޓު ނެތީސް ކިހިނެއް ޝަރިއަތް ކުރިއަށް ގެންދާނީ؟" ފަނޑިޔާރު އެއްސެވި އެވެ. "އެހެން ރެއަކަށް ފަސްކުރަންވީހެން އަޅުގަނޑަށް ހީވަނީ."
"ފަހެއްނުކުރެވޭނެ... ފަހެއްނުކުރެވޭނެ..." ކޮންމެ ވެސް މީހަކު، ވަރަށް ރާގުލާފައި، ދަމާލާފައި، މަޑުމަޑުން ބުނާ އަޑުއިވެން ފެށި އެވެ. "ދެނެއް ފަހެއް ނުކުރެވޭނެ!"
ކޯޓުގެ ހަމަހިމޭން މާޙައުލުގެ ތެރެއިން، އަޑު އަންނަ ދިމާ ނޭނގިގެން، އެކި މީހުން އެކި ދިމާލަށް އަލިކުރަންފެށި އެވެ. މޫނު ފެންނަން ހުރި އެންމެން ތިބީ ހަމަހިމޭން ވެގެންނެވެ. އެކަކު ވެސް އަނގައެއް ނުހުޅުވަ އެވެ. އެހެންކަމުން، އަޑު އަންނަނީ މަލްހާގެ ފަރާތުންކަން އެނގެން މާ ގިނައިރެއް ނުނެގި އެވެ. ތަފާތަކީ، ފިރިހެން އަޑަކާ އެކުވެގެން މަލްހާގެ އަޑު އަންނަ ކަމެވެ. އެންމެންގެ އަލި މަލްހާ އަށް އަމާޒުވި ވަގުތު، މަޑުމަޑުން މަލްހާ ތެދުވި އެވެ. މައްޗަށް ބަލަހައްޓައިގެން ހުރެ ބޯ އަނބުރަންފެށި އެވެ. ނިވިފައިވާ ލައިޓުތައް، ފިޔަޖަހާލާފައި ދިއްލުނެވެ. އެކަމަކު، އެއްވެސް ލައިޓެއްގެ ފުރިހަމަ އައްޔެއް ނުނިކުމެ އެވެ. ތަނަށް ކިރިޔާ އަލިކަން ލިބޭކަމެވެ. ތަނުގައި ހުރި މައިކުތައް، ބަރާބަރަށް މަސައްކަތްކުރަން ފެށި އެވެ.
"ކޮން ކަމަކަށް މަ ހެކިބަސް ދޭންވީ؟" މަލްހާ ދިވެހިބަހުން އެހި އެވެ. "ކަލޭމެން ބޭނުން ސުވާލެއް ކުރޭ!"
ހުސްނީ ބަލައިލީ ފާދީއަށެވެ. ފާދީގެ އަތުގެ އިޝާރާތުން، ކުރިއަށް ގެންދާށޭ ބުންޏެވެ. ހުސްނީ ވިސްނަން ހުރީ އެވެ.
"ތީ ކާކުތޯ؟" ހުސްނީ ކަރުކެހިލާފައި، ދިވެހިބަހުން ސުވާލުކުރި އެވެ.
"މަގޭ ނަމަކީ ޣަދަޤް!" ]މަލްހާ[ ބުންޏެވެ. "ޣަދަޤް ބިން ޒައިނޫން. މަށަކީ ޖިންނިއެއް."
މަލްހާ ކިތަންމެ މަސައްކަތެއް ކުރިޔަސް، އެ ފަދަ އަޑެއް މަލްހާ އަމިއްލަ އަށް ނެރެވޭނެކަމާމެދު ހުސްނީ އަށް ޝައްކެވެ. ހީވަނީ ފިރިހެން އަޑެއްގެ ތެރެއިން އަންހެން އަޑެއް އަންނަހެންނެވެ. ތަނަށް ވެރިވެފައިވަނީ، އާދަޔާ ޚިލާފު ހަމަހިމޭންކަމެކެވެ.
"ކޮބާ މި ޝަރީއަތާ ޣަދަޤާ ހުރި ގުޅުމަކީ؟" ހުސްނީ އެހި އެވެ.
"މި މަލްހާގެ ފިރިމީހާ ސަރުމަދު މަށަށް ގޯނާކުރާތީ މަ އޭނަ މަރާލީ،" މަލްހާ ބުންޏެވެ. "އޭނަ ނުބައިކޮށް ސިހުރުހަދާ ކޮންމެ ފަހަރަކު މަށަށް ހާދަ ވޭނެއްއަޅައޭ."
ހުސްނީ ހުރީ، ފެންނަ މަންޒަރާއި އިވޭ އަޑު ގަބޫލުކުރަން އުނދަގޫވެފަ އެވެ. އެހާ ތަނަށް ހުސްނީ އަޑުއަހާފައި އޮތް ގޮތުން، ޖިންނީންނާ ވާހަކަދެއްކެނީ ފަންޑިތަވެރިންނަށެވެ. ސިހުރުވެރިންނަށެވެ. ހަމަ ހުރެފައި މީހަކު ކޮށްލާ ސުވާލަކަށް ޖިންނި ޖަވާބެއް ނުދޭނެ އެވެ. އަދި، ފަންޑިތަވެރިއެއްގެ އެހީއާ ނުލައި ޖިންނިއެއް ނުވެސް ގެނެވޭނެ އެވެ.
"އެއްވެސް މަޖުބޫރުކަމެއް ނެތި، ތިހާ ފަސޭހައިން ތި އައީ ކީއްވެ؟" ހުސްނީ އެވެ. "މި ތަނުގަ ކިޔެވެއްޔެއް ނުކިޔަވާ. ދުމެއް ވެސް ނާޅަން."
"ކަލޭ ހީވަނީ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމަށް ވުރެ ބޮޑަށް މަށާ ބެހޭ ގޮތުން އޮޅުންފިލުވަން ބޭނުންވެގެން އުޅޭހެން،" މަލްހާ އިދިފުށަށް ދެމިލާފައި، ހުސްނީގެ މޫނަށް ބަލައިލަމުން ބުންޏެވެ. "މަށާ ދޭތެރޭގަ ކަލޭ ޝައްކު ކުރަނީތަ؟"
"ޖިންނީންނަކީ އުޅޭ އެއްޗެއް،" ހުސްނީ ބުންޏެވެ. "އެ ކަމަށް އިންކާރު ކުރާކަށް ނެތީން. އެކަމަކު، ކިހިނެތް އެނގެނީ ތީ މަލްހާ އަމިއްލަ އަށް ޖައްސައިގެން އުޅޭ ވައްތަރެއް ނޫންކަން؟ ތި އަޑު ވަރަށް ބިރުވެރި. އަދި މަލްހާ ތި ޖައްސާ ވައްތަރު ވެސް ވަރަށް ފުރިހަމައޭ ބުނެވޭނީ. އެކަމަކު، ފުރަތަމަ މަށަށް ޔަގީންކޮށްދީބަލަ ތިއީ ކާކުކަން."
"ޖިންނިއެކޭ ބުނެފީމެއްނު!" ވަރަށް ބާރަށް މަލްހާ ބުންޏެވެ.
އިންސާނެއްގެ ކަރުން އެ ފަދަ ވަރުގަދަ އަޑެއް ނުނިކުންނާނެކަމަށް، އެ ތަނުގައި ތިބި އެންމެން ހިތުގެއަޑިން ގަބޫލުކުރި އެވެ. އެ އަޑުގެ ތުރުތުރު، މޭޒާއި ގޮނޑިތަކުގައި ވެސް ހިފާލި އެވެ.
"އަޑުއަހާ!" މަލްހާ އަމުރުވެރި ރާގަކަށް ބުނެލި އެވެ. "ސަރުމަދު ދަސްކުރާ ކަންކަން ފަރިތަކުރަނީ އޭނަ އެކަހެރިކޮށް ހުރެގެން. ކޮންމެ ފަހަރަކު މަގޭ ގައިގަ ހީވަނީ މީހަކު ވަކިއަޅާހެން. ތިން ވަނަ ރޭ އޭނަ ގެ އަށް ގޮސް ނިދަން އޮއްވާ، އޭނަގެ އަނބިމީހާގެ ގައިތެރެއަށް މަ ވަނީ. އަދި މަ ސަރުމަދު މަރާލީ. އެއީ މަލްހާ ކުރި ކަމެއް ނޫން."
އަތުޖެހިފައިވާ ޤާތިލު އެހާ ފަސޭހައިން ދެމިގަނެގެން ދިޔަދޭކަށް ހުސްނީ ބޭނުމެއް ނޫނެވެ. ޖިންނިއެކޭ ކިޔައިގެން މަލްހާ ކުޅޭ ކުޅިގަނޑު ބޭޒާރުކޮށްލަން ހުސްނީ ބޭނުންވި އެވެ.
"ކީއްވެ އިންޒާރުދިނުމެއް ނެތި ސަރުމަދު މަރާލީ؟" ހުސްނީ އެހި އެވެ.
"މަށަކީ އިންސާނަކަށް ނުވާތީ،" މަލްހާ ބުންޏެވެ. "އާދޭސްކޮށް، ދެފައިގަ ހިފާ، ދެވަނަ ފުރުޞަތު ދިނުމަކީ އިންސާނުން ކުރާ މޮޔަ ކަންތައް. އަހަރުމެންނަކީ ވަގުތުން ބަދަލުހިފާ ބައެއް. އިންސާނަކު އޮޅިގެން އަހަރުމެނަށް ގޯނާއެއް ކުރެވުނަސް، ހިތުން ނުފިލާ ވަރަށް އަހަރުމެން ބަދަލުހިފަން. އަހަރުމެންގެ ދަރިއަކަށް ގޯނާއެއް ކޮށްލިޔަސް، ކަލޭމެންގެ ކާފަދަރިންނަށް ދާންދެން އަހަރުމެން ގޯނާ ކުރާނަން."
ފާދީ އިނީ އަޑުއަހާށެވެ. ފަނޑިޔާރާއި އެހެން މީހުން ވެސް ތިބީ އަޑުއަހާށެވެ. ހުސްނީ ސުވާލުކުރަމުންގެންދިޔަ އެވެ.
"އިންސާނުންދެކެ ތިހާ ފޫހިވަންޏާ، ތިހާ ރުޅިއަންނަންޏާ، ކީއްވެ މި ފަހަރު އިންސާނަކު ކުށަކުން ސަލާމަތްކުރަން ތި އުޅެނީ؟" ހުސްނީ އެހި އެވެ. "ކޮބާ ތިހާ ހަމްދަރުދީވުމުގެ ބޭނުމަކީ؟ އެޔޭ މަށަށް މި ނުވިސްނިގެން މި އުޅޭ އެއްޗަކީ."
"މަށެއް ނޫޅެން މީހަކު ސަލާމަތްކުރާކަށް،" މަލްހާގެ އަޑުގެ ހަރުކަށިކަމަށް ބަދަލެއްނާދެ އެވެ. "މަގޭ ގާތުގަ މަގޭ މީހަކު އެދުނީ، މި ކަމުގަ ތެދު ބުނަން. ވެދާނެ އެ މީހަކީ، ކަލޭމެން އިންސާނުންގެ ތެރެއިން ކޮންމެ ވެސް ސިހުރުވެރިއަކާ ގުޅުން އޮތް މީހެއް ކަމަށް ވެސް. މަށަށް ފަރުވާލެއް ނެތް. ކުށް ގަބޫލުކުރުމަކުން މަށަށް ލިބޭނެ ދެރައެއް ވެސް ނެތް."
"ކީއްވެ ސަރުމަދު ސިހުރުހަދަން ދަސްކުރަނީ؟ ކޮބާ ބޭނުމަކީ؟" ހުސްނީ އެހި އެވެ.
"އެއީ މަށާ ބެހޭ ކަމެއް ނޫން،" މަލްހާ ބުންޏެވެ. "އެކަމަކު، އެހީތީ ބުނެލާނަން. އޭނަ ބޭނުންވަނީ ސިހުރުގެ އެހީގަ އޭނަ އަކީ ފިސާރި މީހަކަށް ވާން. އަމިއްލަ މަސައްކަތުން އެހާ ހިސާބަށް ދާހާ ހިތްވަރެއް އޭނަގެ ނެތް. އޭނަ ބޭނުންވީ މަގު ކުރުކޮށްލަން. ދިގު މަގަށް ވުރެ ކުރު މަގުގަ ނަގާ ވަގުތު ކުޑަވާނެ. އެކަމަކު، ކުރު މަގަކީ ފަސޭހަ މަގަށް ނުވެދާނެ. އެހެން މި ވީ."
"ނޭނގެ ކީއްވެގެން ކަމެއް މަށަށް ގަބޫލުނުކުރެވިގެން މި އުޅެނީ ތީ ޖިންނިއެއްކަން،" ހުސްނީ ވަރަށް ސާބިތުކަމާ އެކުގައި ބުންޏެވެ. "މަލްހާގެ އެކްޓިންގް ވަރަށް ފުރިހަމައޭ ބުނެވިދާނެ. އެކަމަކު، ތީ ޖިންނިއެއްކަން މި މަޖިލީހަށް ސާބިތުކޮށްދޭން އެބަޖެހޭ."
ކުއްލިއަކަށް މަލްހާ ވެއްޓުނެވެ. ފާދީ އައިސް މަލްހާގެ އަތުގައި ހިފި އެވެ. އެހެންނަމަވެސް، މަލްހާ ތެދުވީ އަމިއްލައަށެވެ.
"ކިހިނެތްވީ؟" މަލްހާގެ އަސްލު އަޑުން އެހި އެވެ.
ފާދީ ގޮނޑި އަށް އިޝާރާތްކުރުމުން މަލްހާ އިށީނެވެ. އަދި އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިނެވެ. ފާދީ ވާހަކަދައްކަންފެށި އެވެ. އެ ވަގުތަކީ، ޝަރީއަތުގެ މަޖިލީސް ތެރޭގައި، ކުޑަކޮށް އަޑުގަދަވި ވަގުތެވެ. ތަން ހަމަހިމޭންކުރީ ފަނޑިޔާރެވެ.
"އަޑުމަޑުކުރައްވާ!" ފަނޑިޔާރު އެދިވަޑައިގަތެވެ.
"ކަން ހިނގި ގޮތް، ކަން ކުރި ފަރާތުގެ ދުލުން އިވިގެން އެ ދިޔައީ،" ފާދީ ބުންޏެވެ. "މި ތަނަށް ހާޒިރުވެ ތިއްބެވި ހުރިހާ ބޭފުޅުން އެ ކަމަށް ހެކިވެވަޑައިގަންނަވާނެ. އަޅުގަނޑު ވަރަށް އަދަބުވެރިކަމާ އެކުގަ މި އެދެނީ، މަލްހާގެ ބޮލުގައި އެޅިފައިވާ ތުހުމަތުން އޭނަ މިންޖުކޮށްދެއްވާ، އިންސާފުވެރި ހުކުމެއް އިއްވައިދެއްވުމަށް. ކުށް ކުރި ފަރާތަށް އަދަބެއް ދެވޭނެ ގޮތް ނެތަސް، ކުށް ނުކުރާ ފަރާތް ޖެހޭނީ މިނިވަން ވާން."
ހަމަހިމޭންކަމުގެ ވަގުތުކޮޅެއް ތަނަށް ވެރިވެގެންދިޔަ އެވެ.
"މިއީ، ރާއްޖޭގެ ޢަދުލުއިންސާފު ގާއިމު ކުރުމުގެ ބާބުގަ އާ ސަފުހާއެއް ލިޔެވިގެންދާނެ ރެއަކަށް ވާނެކަމާ މެދަކު ޝައްކެއް ނެތް،" ފަނޑިޔާރު ވިސްނަން އިންނަވާފައި ވިދާޅުވި އެވެ. "އެކަމަކު، ހެކިވެރިޔާގެ ޞައްޙަކަމާމެދު ވަކީލުންގެ މެދުގައި ޝައްކެއް އޮވެގެން ނުވާނެ. ދައުލަތުގެ ވަކީލުގެ ހިތުގައި ޝައްކެއް އޮތް ނަމަ، އެ ކަން އަޅުގަނޑަށް އެނގެން އެބަޖެހޭ. ކީކޭތޯ ހުސްނީ ވިދާޅުވަނީ؟"
ފަނޑިޔާރުގެ ސުވާލު އެ ހިސާބަށް ދިޔުމުން، އެންމެންގެ ނަޒަރު ހުއްޓުނީ ހުސްނީއަށެވެ. ހުސްނީ ހުރީ ކޮޅަށެވެ. ހީވަނީ ގާވެފައި ހުރިހެންނެވެ. ކުޑަކޮށް ކާލިއަޅާހެން ހީވި އެވެ. އެއްވެސް ޖަވާބެއް ނުދިނެވެ.
"ހުސްނީ!" ފަނޑިޔާރު ގޮވާލެއްވި އެވެ. "ކީކޭތޯ ވިދާޅުވަނީ؟"
ހުސްނީ ޖަވާބެއް ނުދިނެވެ. މަޑުމަޑުން ކަރުއެލުވާލި އެވެ. ކޮންމެ ވެސް ކަމެއް ހުސްނީ އަށް ވެއްޖެ އެވެ. ބަލަންތިބި އެންމެނަށް އެކަން ގައިމެވެ. ކުއްލިއަކަށް، ކޯޓުގައި ހުރި މޭޒުތަކާއި ގޮނޑިތަކަށް ލޮޅުންއަރަންފެށި އެވެ. ފަނޑިޔާރުގެ މޭޒުމަތީގައި ހުރި ފެންތަށީގައި ޖަހާފައިވާ މަތި ވެއްޓުނެވެ. ހީވީ، ބިންހެލުމެއްގެ ސަބަބުން އައި ލުއި ލޮޅުމެއްހެންނެވެ.
"ހުސްނީ؟" ފާދީ ގޮވާލި އެވެ.
ކުއްލިއަކަށް ހުސްނީ ބޯ އަނބުރާލާފައި ފާދީ އަށް ބަލައިލި އެވެ. ހީވީ ރޮބަޓެއްހެންނެވެ. ހުސްނީގެ ލޯ ހުރީ ތަންކޮޅެއް ބޮޑަށް ހުޅުވިފަ އެވެ. ފާދީ އަށް ބަލައިލި ގޮތަށް، ފަނޑިޔާރަށް ވެސް ހުސްނީ ބަލައިލި އެވެ.
"ކަލޭގެ އަންހެނުން މަރާލާފަ އޮންނާނީ!" ހުސްނީގެ އަޑުގެ ތެރެއިން އެހެން އަޑެއް ވެސް ނުކުތެވެ.
ނުނިމޭ

8 comments