ނިއުމާ މުހައްމަދު

މަޝްހޫރުވުމުގެ ކުރިން: ނިއުމާ މުހައްމަދު

އަހުމަދު ނަދީމް
06 ސެޕްޓެމްބަރ 2012 09:38 7 ކޮމެންޓު
 • ފޮޓޯ: ނިއުމާގެ ފޭސްބުކް ޕޭޖު

އެއީ ވަރަށް ވިއްސާރަ ދުވަހެކެވެ. އޭނާ ވީ އެކުވެރި ކުދިންތަކާ އެކު ބޭރުގަ އެވެ. އެކަމަކު ގެ ކައިރީގަ އެވެ. އެ ކުދިން ވާރޭތެރޭގައި ކުޅެ މަޖާ ނަގަނީ އެވެ. ގޭގެ ބިއްދޮށުގައި ހުރި ހޮޅިދަނޑީގެ ވަކި ހިސާބަކަށް އަރައި، ބައެއް ފިރިހެން ކުދިން ފެނާ އެކު ތިރިއަށް ކައްސާލައިގެން މަޖާ ނަގަމުން ދާ މަންޒަރު ފެނެ އެވެ. ދުރުގައި އެ މަންޒަރު ބަލަން ހުންނަ މީހަކަށް ވާން އޭނާ ބޭނުމެއް ނުވި އެވެ. އޭނާ ވެސް ބޭނުންވީ ފިރިހެން ކުދިން ނަގަމުން ދިޔަ ފޯރި އާއި ސަކަރާތުގައި ބައިވެރިވާށެވެ. ދެން ވީގޮތް ކިޔައިދޭނީ އޭނާ އެވެ. އޭނާ އަކީ އަޅުގަނޑުމެންގެ މެދުގައި މަގުބޫލު ބަތަލާ ނިއުމާ މުހައްމަދެވެ. އެކަމަކު މިއީ އަދި މަޝްހޫރުވުމުގެ ކުރިންނެވެ.

"ދެން އެހެން ހަދަން ފެށީމަ މަ ވެސް ހިތަށް އެރީ ކުޑަކޮށް ޓެސްޓްކޮށްލާނަމޭ. ހިތަށް އަރާފަ، މަވެސް އެއްކަލަ ހޮޅި ދަނޑީގެ ވަކި ހިސާބަކަށް އެރި ތަނާ ކައްސާލައިގެން ވެއްޓުނީ. ކައްސާލައިގެން ވެއްޓުނީ ހޮޅިދަނޑި ކައިރީގައި އޮތް ގާޑިޔަލެއްގެ މައްޗަށް. ފައި ޖެހުނީ. ކަށިމަތި. ދެން ވަރަށް ބޮޑަށް ހަލާކުވެގެން ރޮމުން ގެއަށް ދިޔައީމަ މަންމަ ކުރިކަމަކީ ބޭރަށްލީ،" ކުޑައިރުގެ ހަނދާންތައް ކުލަކުރަމުން ނިއުމާގެ ވާހަކަ އޭނާ ފަށައިގަތެވެ.

ގދ. ވާދުއަށް އުފަން ނިއުމާ މުހައްމަދަކީ އޭނާގެ އާއިލާގެ ހަތް މެމްބަރުންގެ ތެރެއިން އެންމެ ކުޑަ މީހާ އެވެ. އެހެންކަމުން ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރުމުގެ މާ ބޮޑު އިހްތިޔާރެއް އަދި މިނިވަންކަމެއް އޭނާއަކަށް އެއްވެސް އިރެއްގައި ނެތެވެ. އެހެންކަމުން އެންމެ ކުޑައިރުއްސުރެން ފެށިގެން ވެސް އޭނާ ދެކެމުން އައި ހުވަފެނުގައި ޖެހިފައި ވަނީ މިނިވަންކަމުގެ ކުލަ އެވެ. ނިއުމާ ބުނީ އަމިއްލަ ފައިމައްޗަށް ތެދުވުމަކީ އޭނާ އަބަދުވެސް ދެކެމުން ދިޔަ ހުވަފެނެއް ކަމަށާއި އަބަދުވެސް ބޭނުންވީ އަމިއްލަ އަށް މަސައްކަތެއްކޮށްގެން އަމިއްލަ ދިރިއުޅުން ކޮޅަށް ނެގުމަށް ކަމަށެވެ.

އެންމެ ސަޅި ހަނދާންތައް:

"ދެން އެ ދުވަހު ބޭރަށް ލާފަ، މަންމަ ބުނީ ބުނާ ގޮތް ނަހަދާތީޔޯ (އަނިޔާވީ). ދެން ވަރަށް ގިނައިރު ވަންދެން އެހެން ބޭރުގަ ބަހައްޓާފަ ހުއްޓާ ދައްތަ ވަގު ވަގަށް އައިސް ވެއްދީ. އޭނަ ބޭސް އަޅައިދީ ކަންތައް ކޮށްދިނީ ވެސް،" އެކުވެރި ކުދިންތަކާ އެކު ކުޅެން އުޅެނިކޮށް އަނިޔާ ލިބިގެން ގެއަށް ދިއުމުން މަންމަ ދިން އަދަބުން ސަލާމަތްވި ގޮތް ސަމާސާ ރާގުގައި ހިއްސާކުރަމުން ނިއުމާ ދިޔަ އެވެ.

އޭރު އޭނާ އަށް ގާތްގަނޑަކަށް 15 އަހަރެވެ. ކުޑައިރު މާލެ އަށް ބަދަލުވި ގޮތަށް އުޅެމުން ދިޔައީ މާފަންނުގަ އެވެ. އޭރު، ކަމަކަށް އޮންނަނީ ގޭ ތެރޭގައި އުޅޭ، އޭނާއާ އެއް އުމުރުގެ ކުދިންނާއި ގޭދޮށު ކުދިންނާ އެކު ކުޅެން ދިއުމެވެ. ނުވަތަ ބައިސިކަލް ދުއްވަން ދިއުމެވެ. އޭރު އެމީހުން ބައިސިކަލް ދުއްވަނީ ގަޑިއިރަކަށް ދެ ރުފިޔާ ޚަރަދުކޮށްގެންނެވެ.

"ގެއިން ބޭރަށް އަނެއްހެން ދުރަކަށް ނުދަން. އެކަމަކު ވަރަށް ގިނައިރު ބޭރުގަ އުޅެން. ގޭގަ އުޅޭނެ ދައްތަގެ ފިރިމީހާގެ ދެ ފިރިހެން ކުދިން، އެއް އޭޖެއްގެ. ދެން ގެ ކައިރީގަ އުޅޭ އަންހެން ކުއްޖަކާ އަހަރެމެން ހަތަރު މީހުން އުޅޭނީ އެއްކޮށް އަބަދު ވެސް،" ނިއުމާ ބުންޏެވެ. "ގެ ކައިރީގަ އޭރު ހުންނާނެ ގަރާޖެއް. ބައިސިކަލް ކުއްޔަށް ދޭ ތަނެއް. އެއް ގަޑިއިރަށް ބައިސިލަކެއް ދޫކުރާނެ ދެ ރުފިޔާ އަށް. ދެން މަންމަ ކައިރީގަ ރޮއެގެން ދެ ރުފިޔާ ހޯދައިގެން، ކޮންމެ ދުވަހަކު ވެސް ބައިސިކަލް ކުއްޔަށް ހިފައިގެން ބައިސިކަލް ދުއްވަން ދަނީ. އެންމެން އެގޮތަށް އެކީގަ އުޅެމުން ބައިސިކަލް ދުއްވަން ދަސްކުރީ ވެސް".

މޭކަޕް ކުރުމެއް އޭރަކު ނޯވެ އެވެ. ފިރިހެން ކުދިންނަށް ތުއި ދެއްކުމެއް ވެސް ނޯވެ އެވެ. ރީތިވާކަށް ވެސް އަމިއްލައަކަށް ރަނގަޅަކަށް ނޭނގެ އެވެ. އޭރު ހުންނާނީ ހަރުވާޅު ހެދުމުގަ އެވެ.

"ހަރުވާޅު ހެދުން މަންމަ ލައްވާނީ ވެސް. ކުރު ހެދުމެއް ނުލެވޭނެ. މަނާވާނެ ކުރު ހެދުން ލުން،" ހިނިގަނޑަކާ އެކު ނިއުމާ ބުނެލި އެވެ.

އޭނާ ބުނީ އެންމެ ފުރަތަމަ މޭކަޕް ކުރަން ނޭނގުނަސް، އަދި ރީތިވާން ނޭގުނަސް ފަހުން އެ ހުރިހާ ކަމެއް ވެސް ވަރަށް ފަސޭހައިން ދަސްވެއްޖެ ކަމަށެވެ. އެއީ ކުޑައިރު އެންމެން ގްރޫޕް ހަދާލައިގެން ތިބެ ބެލި ހިންދީ ފިލްމުތަކުގެ އެހީގަ އެވެ. އޭނާ ބުނީ ތުއިވުމާއި މޭކަޕްކުރުން ވެސް ދަސްވީ ފިލްމުތަކުން ކަމަށެވެ.

ފިލްމު ބެލުމުގެ ފޯރި އޭރު ވަރަށް ވެސް ގަދަ އެވެ. އަދި ލަވަތަކަށް ދިން ޝައުގުވެރިކަން ވެސް އެހާމެ ބޮޑެވެ. އޭނާ ބުނީ ގޭ ތެރޭގައި "ދިވެހިރާއްޖޭގެ އަޑު" އަޅުވާފައި ނުހުންނަ އިރެއް ނުދާނެ ކަމަށާއި ރޭޑިއޯ އާއި ކެސެޓް ރިކޯޑަރު މެދުވެރިކޮށް ވެސް ލަވަ އަޑުއެހުމުގެ ފޯރި އޭރު އޮންނަ ކަމަށް ނިއުމާ ބުންޏެވެ. އެކަމަކު ވެސް އެންމެ ފޯރި ގަދަވަނީ ފިލްމެއް ފެށުމުގެ ސުންގަނޑި ހަމަވާ ވަގުތުގަ އެވެ.

"އިންނާނީ އެންމެ ކޮޓަރިއެއްގަ ޓީވީއެއް. ހިންދީ ފިލްމު ދައްކާ ގަޑިއަށް ހުރިހާ އެންމެން ވެސް ވަރަށް ރެޑީވެލައިގެން އައިސް، އެންމެ ރީތި ހެދުން ލައިގެން ގޮސް، އެންމެ ކުރީގަ ތިބޭނީ. ގާތްގަނޑަކަށް ހަތަރެއް ޖަހާއިރު ފިލްމު ފައްޓަންޏާ، ތިނެއް ޖަހާއިރު ގޮނޑީގަ އިށީންނާނެ. ދެން އެ އިށީންނަ ގޮތަކަށް ނުއެއް ތެދުވާނެ. އެންމެން ވެސް ބޭނުންވާނީ ތަންކޮޅެއް ކައިރިން ބަލާލަން،" ބޭނުން ކޮންމެ ކޮންމެ ފިލްމެއް ބެލުމުގެ ހުއްދަ ނުލިބުނަސް އަދި ފިލްމުތަކުގައި ކިޔާ އެއްޗެއް ނޭނގުނަސް، އޭރު ފިލްމު ބަލަން އޮންނަ ފޯރި ހިއްސާކުރަމުން ނިއުމާ ކިޔައިދިނެވެ.

އޭނާ އަކީ އަމީތާބު ބައްޗަން އާއި ރޭކާގެ ބޮޑު ފޭނެކެވެ. އާމިރް ޚާން އާއި ކާޖޮލް އަށް މަރުދިން ފުރާވަރު ކުއްޖެކެވެ. ރާއްޖޭގެ ފިލްމީ ދާއިރާ އިން ނަމަ، ކުރީގެ މަޝްހޫރު ބަތަލާ، ފާތިމަތު ރަމީޒާ އަކީ އޭނާގެ ފެވަރިޓެވެ. އެއަށް ފަހު ގިޔާސް އެވެ. ގިޔާސް އަކީ އޭރު މާލޭގައި އެންމެ މޮޅަށް ނަށާ މީހާ އެވެ.

ރަމީޒާ ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން، ބޮލުގެ އިސްތަށިގަނޑު ރަމީޒާގެ އޭރުގެ މަޝްހޫރު ހެއާ ސްޓައިލަށް ކޮށާލައިގެން އަމީތާބުގެ ފިލްމުތައް ބަލަމުން "ބަހާރޯ ޕޫލް" ފަދަ ލަވަތައް އަޑުއަހަމުން އަޑު ދަށުން އެ ލަވަތައް ކިޔަމުން ދިޔައިރު ރާއްޖޭގެ އެއް ވަނަ ބަތަލާގެ މަގާމު ލިބިދާނެ ކަމަކަށް ނިއުމާ ދުވަހަކު ވެސް އުއްމީދެއް ނުކުރެ އެވެ. އޭނާ ބުނީ ފިލްމާއި ލަވައަށް އޭރު ފޯރި ނެގިޔަސް ފިލްމު ކުޅުމަކީ އޭރު ގެންގުޅުނު ހިޔާލެއް ނޫން ކަމަށެވެ.

ލޯބީގެ ސިޓީއެއް އަދި ސްކޫލް:

އޭނާގެ ތައުލީމީ ހަޔާތް ފެށީ މާފަންނު މަދަރުސާ އިންނެވެ. އެ ހަޔާތް އޭނާ ފެށީ ވަރަށް ވެސް ކުލަގަދަކޮށެވެ. އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި ސްޓޭޖު މަތިން އިނާމު ލިބިގަތުން ފަދަ އުފާތައް އޭނާ ވެސް ތަޖުރިބާކުރި އެވެ. އެ އިނާމުތަކާ އެކު ގެއަށް ދިއުމުން އާއިލާގެ މެމްބަރުން އޭރު އެކިޔާ ހޫނު މަރުހަބާ އޭނާގެ ލޯ މައްޗަށް މިއަދު ވެސް ކުލަވެ އެވެ.

ނަމަވެސް ވަކި ހިސާބަކުން ކިޔެވުމުގެ ފޯރި އޭނާގެ ކިބައިން ދިޔައީ އެވެ. އެ ހިސާބުން ގްރޭޑް އަށެއް ނިންމާލުމަށް ފަހު އަމިއްލަ އަށް އެދިގެން ސްކޫލުން ވަކިވީ އެވެ. އޭރު އުޅެނީ އޭރުގެ އީޕީއެސްގަ އެވެ. ކިޔެވުން ހުއްޓާލީ އާއިލާ އަށް ކުރިމަތިވި ކުއްލި ނުތަނަވަސްކަމަކާ އެކު ދެން ނުކުތް ނަތީޖާތަކަށް ފަހު އެވެ.

މިހާ ހިސާބުން އޭނާގެ ސްކޫލް ދައުރުގެ އެހެން ދިމާލަކަށް ޖެހިލަމާ ހިނގާށެވެ. އެހެންވީމަ އެނބުރި، މާފަންނު މަދަރުސާ އަށް ދަމާ ހިނގާށެވެ. އޭނާ އުޅެނީ އޭރު ގްރޭޑް ހައެއްގަ އެވެ. މިއީ ސްކޫލް ދައުރުގަ ދިމާވި މަޖާ ކަމެއްގެ ވާހަކަ އެވެ. މި ވާހަކައިގެ ނަމަކީ "ލޯބީގެ ސިޓީ" އެވެ. ވާހަކަ ކިޔައިދޭނީ ނިއުމާ އެވެ.

"އޭރު އުޅެނީ ގްރޭޑް ހައެއްގަ. އަންހެން ކުދިންނާއި ފިރިހެން ކުދިން ތިބެނީ ވަކިން. އެސެމްބްލީ ގަޑީގަ އަންހެން ކުދިންނާއި ފިރިހެން ކުދިން ދިމާވާނެ،" ނިއުމާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. ހެމުން ހެމުންނެވެ.

މި ވާހަކައިގައި އުޅެނީ ނިއުމާ އާއި ގްރޭޑް ހަތެއްގެ ފިރިހެން ކުއްޖެކެވެ.

"ދެން އެ ފިރިހެން ކުއްޖާ ގޮސްދާނެ ކްލާސް ކައިރިން އަޅާލާފަ،" އެ ލިބުނީ ނިއުމާ ވެސް ބޭރަށް ނުކުތުމުގެ ވަގުތު ޖެހިއްޖެ ކަމުގެ ސިގްނަލެކެވެ.

"ދެން ފާޚާނާ އަށް ކަމަށް ބުނެފަ ކްލާހުން ބޭރަށް ނުކުންނަނީ. އޭނަ ބަލާލަން. ދެން ވާހަކައެއް ނުދައްކާ ދުވަހަކު ވެސް. ނުކެރޭ ވާހަކަ ދައްކާކަށް. އޭނަ ވެސް ވާހަކަ ނުދައްކާތީ. އެހެން އުޅެނިކޮށް ވީ ގޮތަކީ، އެގޮތަށް ބޭރަށް ނުކުތް ދުވަހަކު އޭނާ ނުފެނިގެން އެނބުރި ކުލާހަށް ދަނިކޮށް އޭނާ ފަހަތުން އައިސް އަތުގައި ހިފީ،" ނިއުމާގެ ހުނުމުގެ އަޑު ކުރިއަށް ވުރެ ގަދަ އެވެ.

ފަސް އެނބުރުނު އިރު އަތުގައި ހިފައިގެން ހުރީ ގްރޭޑް ހަތެއްގެ ފިރިހެން ކުއްޖާ އެވެ. އެއީ ދެ މީހުންގެ ނަޒަރު ދިމާވި ފުރަތަމަ ފަހަރެވެ. ދެން ނިއުމާގެ އަތަށް ސިޓީއެއް ދީފައި އެ އަތް ލައްޕާލާފައި އޭނާ ދިޔައީ އެވެ.

"ދެން ހުރީ ގަނޑުވެފަ. ވާންވީ ގޮތެއް ނޭނގިފަ. ތުރުތުރުވެސް އެޅި ވަރަށް ބޮޑަށް. ދެން ދިޔަ ގޮތަށް ގޮސް ދަބަސް ތެރެއަށް އެ ސިޓީ ލީ. އެ ދުވަހު ގަޑި ވެސް ލަސްވެފަ ހުރީ. ދެން ސްކޫލުން ގެއަށް ދިޔަ ގޮތަށް ގޮސް ވަނީ ގިފިއްޔަށް. ދެން ސިޓީ ހުޅުވާލީމަ މީރު ވަހެއް ވެސް އަރައިގެން އައި. އޭގައި އޮތީ ލޯބިވާ ނިއުމާއޭ. ކަލާއޭ،" އަނެއްކާވެސް ނިއުމާ ހޭން ފެށި އެވެ.

ނިއުމާ ބުނީ އެ ސިޓީ އަށް ރައްދެއް ނުދޭ ކަމަށެވެ.

"ބިރުގަތީ އަހަރެން،" ނިއުމާ ބުންޏެވެ.

ހިތި ތަޖުރިބާއެއް ނޫން:

އެކްޓަރެއްގެ ގޮތުގައި ނިއުމާގެ ފުރަތަމަ ފެނިލުމަކީ "ހިތި ތަޖުރިބާ" ޑްރާމާ ސިލްސިލާ އެވެ. ނަމަވެސް އޭނާ އެ ހިސާބަށް ވާސިލުވުމަށް ކުރި ތަޖުރިބާ ހިއްޗެއް ނޫނެވެ. ފޮންޏެވެ. އޭނާގެ އަޒުމް ވަރުގަދަ އެވެ.

"ފެށުނީއްސުރެން ވެސް ވަރަށް ބޭނުންވި އަމިއްލަ އަށް ކޮންމެވެސް މަސައްކަތެއް ކޮށްގެން، އަމިއްލަ އަށް މަސައްކަތްކުރަން. އޭރުން ދެން އަހަރެން ބޭނުންވާ ކޮންމެ ކަމެއް އަހަންނަށް ކުރެވޭނެ އެއް ނުން؟ ކޮންމެ ކަމެކޭ މި ބުނީ، ފައިސާ އިން ކުރެވޭ ކަމެއް ވެއްޖިއްޔާ އަހަރެން އަމިއްލަ އަށް ކުރެވޭނެ އެއް ނުން،" ނިއުމާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

އާމްދަނީއެއް ލިބޭ މަސައްކަތެއް ހޯދުމަށް އޭނާ ކިޔެވުން ހުއްޓާލީ 1994ގަ އެވެ. އެންމެ ފުރަތަމަ ވަޒީފާއަކަށް އެދިގެން އޭނާ ދިޔައީ ރައްޓެހިންގެ ގާތަށެވެ.

"ވަރަށް ގިނަ ތަންތަން ޓްރައިކޮށްގެން ވެސް ޖޮބެއް ލިބޭ ގޮތެއް ނުވި. ދެން ރައްޓެއްސަކު ބުނީ އެބައިނޯ ވަރަށް ފާޑެއްގެ ޖޮބެއް،" ނިއުމާ ބުންޏެވެ.

އެ ވާޒީފާ އަކީ ޓެކްސީ ސެންޓަރެއްގައި ފޯނު ކޯލު ނަގަން އިނުމެވެ. އަދި ގޭގެއަށް ޓެކްސީތައް ފޮނުވައި ދިނުމެވެ. ނިއުމާގެ ފުރަތަމަ ވަޒީފާ އަކީ މިއީ އެވެ. ޖެހިލުމެއް ނެތި އޭނާ ގޮސް އިށީނީ ހަލީޖް ޓެކްސީ ސެންޓަރުގެ މޭޒު ކައިރީގަ އެވެ. ދެން ފޯނުތަކަށް ޖަވާބު ދެމުން ޓެކްސީތައް ގޭގެ އަށް ފޮނުވުމުގެ މަސައްކަތް ފެށީ އެވެ. އެ މަސައްކަތުގެ އަގަކީ 3،000ރ. އެވެ.

ނިއުމާ އެ ޓެކްސީ ސެންޓަރުގައި ވަޒީފާ އަދާކުރީ ގާތްގަނޑަކަށް ދެ ތިން މަސް ދުވަހު އެވެ. އެއަށް ފަހު ދެން އޭނާ ބަދަލުވީ އެކްޓަރަކަށެވެ. ޑްރާމާ ސިލްސިލާ "ހިތި ތަޖުރިބާ" އިން އޭނާ އަށް ފުރުސަތު ލިބުމުން ޓެކްސީ ސެންޓަރު ދޫކޮށްލާފައި ވަގުތުން ދިޔައީ އެވެ.

ނިއުމާ މުހައްމަދުގެ އަސްލު ހުނަރު ދެނެގަތް މީހަކީ މަރިޔަމް ޝައުގީ އެވެ. ނިއުމާ ބަލައި، އޭނާ ޓެކްސީ ސެންޓަރަށް ދިޔައީ އޭނާގެ އަޑު އިވިގެންނެވެ. އެ އަޑު ރީތިވެގެންނެވެ.

"އޭނަ ބުނީ ޓްރައިއެއްކޮށްލަންވީ ނޫން ހެއްޔޭ އެއްޗެއް ކުޅެލަން. ބުނީމަ އަހަރެން ހަމަ ޑަން، ވަގުތުން އޯކޭވީ،" ނިއުމާގެ ވާހަކަ އޭނާ ނިންމާލި އެވެ.

ފުރަތަމަ ކުޅުނު "ހިތި ތަޖުރިބާ" ޑްރާމާ އިން ލިބުނީ 8،000ރ. އެވެ. އޭނާ ކެމެރާގެ ކުރިމައްޗަށް އެކްޓަރެއްގެ ގޮތުގައި އެރީ އާއިލާގެ މީހުންގެ ހިޔާލާ ދެކޮޅަށެވެ. ނަމަވެސް އެމީހުން ވެސް ފަހުން އޯކޭވީ އެވެ. އެ ހިސާބުން ތަރިއެއްހެން ނިއުމާ އަރައިގެން ދިޔައީ އެވެ. އަދި އެހެން ވާހަކައެއް އެބައޮތެވެ. އެ ވާހަކަ ވެސް ކިޔައިދޭނީ ނިއުމާ އެވެ.

"ފަހުން އޯލެވެލް ކްލާހަށް ޖޮއިން ކުރިން. ދެ އަހަރު ވަންދެން ގްރޭޑް ނުވައެއް އަދި ދިހައެއްގައި ކިޔެވިން. އޯ ލެވެލް އަށް ފައިސާ ދައްކަން އުޅުނީމަ މަންމަ ބުނީ މަންމައޭ ފައިސާ ދައްކައިދޭނީ. އެހެން ކިޔާފަ މަންމަ ލާރި ދިނީމަ، އެ ލާރި ހިފައިގެން ފުރައިގެން ދިޔައީ ރަށުން ބޭރަށް. ފިލްމެއްގެ ޝޫޓިން އަކަށް،" ނިއުމާގެ ވާހަކަ އޭނާ ނިންމާލީ ހިނިގަނޑަކުންނެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

7 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait