ދިވެހި ފިލްމް އިންޑަސްޓްރީ

ކޮޕީ އިއްސެގެ ދެތިން ޕާފޯމެންސެއް

އަހުމަދު ނަދީމް
16 މެއި 2013 10:22 6 ކޮމެންޓު
  • މިއީ އަމީތާބު ބައްޗަނެއް ނޫން: "އެދިއެދި ހޯދީމޭ" ގެ މަންޒަރެއްގައި އިސްމާއިލް ރަޝީދު.

އިސްމާއިލް ރަޝީދު ނުވަތަ މަޝްހޫރު ނަމުން ނަމަ، ކޮޕީ އިއްސެ އަކީ ބޮލީވުޑްގެ އެފަދަ ދެ ވަނައެއް ނެތް އެކްޓަރު އަމީތާބު ބައްޗަންގެ ފިޔަވަޅު މަތިން ކުޑައިރު ފޯރި ނެގި ފަންނާނެކެވެ. "މުގައްދަރުކާ ސިކަންދަރު" ގެ ލަވަ "ރޯތޭ ހުވޭ" ގައި އަމީތާބު، އޭނާގެ ސައިކަލުގައި އަތް ދޫކޮށްލައިގެންދާ ގޮތަށް އޭރު އިއްސެ ވެސް ކުޑައިރު އޭނާގެ ބައިސިކަލުގައި އުޅުނެވެ. މިހާރު އޭނާ އެގޮތަށް އުދުހެމުން ދަނީ ދިވެހި ފިލްމީ އުދަރެހުގަ އެވެ.

މި ފޯރި އާއި ލާނެތްކަމުގެ ތެރެއިން އުފެދުނު ކޮޕީ އިއްސެ އަކީ ޔަގީނުން ވެސް މިއަދު ދިވެހި ފިލްމީ ދާއިރާގައި ހުރި އެންމެ ކުޅަދާނަ އެކަކެވެ. އެކަން އޭނާ ވަނީ އެކި ފަހަރުމަތިން ތަކުރާރު ވެސް ކޮށްދީފަ އެވެ. ކުރިއަށް އޮތް އޮތީ އަނެއްކާވެސް އޭނާ ލީޑް ރޯލުން ފެނިގެންދާނެ ފިލްމެވެ.

ރަވީ ފާރޫގު ޑައިރެކްޓްކޮށްގައިވާ "އިނގިލި" މިރޭ ޕްރިމިއާކުރާއިރު ތިރީގައި މި ބަލާލަނީ އިއްސެގެ އާދަޔާހިލާފު ހުނަރު އަޅުގަނޑުމެންނަށް ދައްކާނި ދެ ތިން ފިލްމަކަށެވެ. ކުރިއަށް އޮތް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނަނީ "އިނގިލި" ވެސް މި ލިސްޓަށް ވައްޓާލަން މަޖުބޫރުވާ ވަރަށް އިއްސެ މިރޭ އޮލިމްޕަހުގައި ޕާފޯމްކުރާނެ ކަމަށެވެ. އެނގިދާނެ އެވެ.

ސަޒާ:

ޒުވާން ޑައިރެކްޓަރު ހުސެން މުނައްވަރުގެ "ސަޒާ" ގައި އިއްސެ ކުޅެފައި ވަނީ ރަހުމްކުޑަ އަނިޔާވެރި ފިރިއެއްގެ ރޯލެވެ. ފިލްމުގައި އޭނާގެ މި ހަރުކަށި ކެރެކްޓާ މަޝްހޫރުވެފައި ވަނީ އަހަންމާގެ ނަމުންނެވެ. މަހުދީ އަހުމަދުގެ ގަލަމުން ދިރުން ގެނެސްދީފައިވާ މި ކެރެކްޓާގެ ތެރެއަށް އިއްސެ ވަދެ ގެއްލުނީ އެވެ. މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހިމްގެ ބަހުރުވައިން ނަމަ "ދޮގު ހަދާ މީހަކު" ބުނާނީ މިހެންނެވެ.

އިއްސެގެ އާދަޔާހިލާފު ރޯލުތަކާ ބެހޭ ގޮތުން އެއް ފަހަރަކު އަޅުގަނޑު އޭނާއާ ސުވާލުކުރުމުން ބުނީ ޑައިރެކްޓަރު "އެކްޝަން" އަށް ގޮވާލުމުން ދެން ވެގެންދާ ގޮތް އޭނާ އަށް ވެސް ނޭނގޭ ކަމަށެވެ. "ސަޒާ" އަކީ ވެސް އެފަދަ ޕާފޯމެންސްތަކެއް ހިމެނޭ ފިލްމެކެވެ.

ލޫދިފާ:

ޑައިރެކްޓަރު މޫމިން ފުއާދުގެ "ލޫދިފާ" ގެ އެންމެ މުހިންމު ކެރެކްޓާ ކަމަށްވާ ނާޝިދުގެ ރޯލު ކުޅެފައި ވަނީ އިއްސެ އެވެ. ފިލްމުގައި އޭނާ އަކީ ނިކަމެއްޗެކެވެ. ފައިސާގެ ތަނަވަސްކަމަށް ފެންބޮވައިގެންގޮސް ބޮޑު ޖަރީމާއެއްގެ ތެރެއަށް ފުންމާލާ މީހެކެވެ. އިއްސެ ކުޅުނު މި ރޯލު އިންސާފުކޮށް، ނިމިގެން ދިޔަ މޯލްޑިވްސް ފިލްމު އެވޯޑްސްގައި ވަނީ އޭނާ އަށް އެފަހަރުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް އަރުވައިފަ އެވެ.

މި އެވޯޑް އޭނާ އަތުލީ ފިލްމީ ދާއިރާގެ އެވޯޑް ނައިޓްތަކުގައި އެންމެ ކާމިޔާބު ޔޫސުފް ޝަފީއު (ޔޫއްޕެ) ބަލިކުރުމަށް ފަހު އެވެ.

ފިލްމުގެ ޑައިރެކްޓަރު މޫމިން ބުނެފައި ވަނީ "ލޫދިފާ" ގައި މަސައްކަތްކުރި ހުރިހާ އެކްޓަރުންގެ ކިބައިން ވެސް ހުނަރު ނެރެފައި ވަނީ "ފެލާލައިގެން" ކަމަށެވެ. އޭނާ ވެސް ވަކިން އިއްސެގެ ހުނަރަށް ތައުރީފުކޮށްފައިވެ އެވެ.

ހޭލާ:

މޫމިން ފުއާދު އާއި އަލީ ޝިފާއު ޑައިރެކްޓްކުރި މި ފިލްމުގައި އިއްސެ ކުޅެފައި ވަނީ ޑްރަގް އެޑިކްޓެއްގެ ރޯލެވެ. މި ފިލްމަކީ އިއްސެ ބުނާ ގޮތުން އެކްޓަރެއްގެ ގޮތުގައި އޭނާ އަލުން ބޮޑު ސްކްރީނަށް ގެނައި ފިލްމެވެ. މި ފިލްމު އުފެއްދުމަށް މޫމިން އާއި ޝިފާއު ނުނިކުތް ނަމަ މިއަދު އެކްޓަރެއްގެ ގޮތުގައި އިއްސެ ނުފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ބުނެ އެވެ.

އަނބިމީހާ އަށާއި ފިރިހެން ދަރިއަށް އަނިޔާކޮށް އިހުމާލުވާ ބައްޕައެއްގެ ރޯލު މި ފިލްމުގައި ކުޅެގެން އިއްސެ ވަނީ ގައުމީ އެވޯޑްގައި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ ޝަރަފް ހޯދައިފަ އެވެ. އިއްސެ ބުނީ މި ފިލްމަކީ އޭނާގެ އެކްޓިން ކެރިއަރުގެ އެންމެ ބޮޑު ނަސީބު ކަމަށެވެ.

މި ތިން ފިލްމަކީ ޔަގީނުން ވެސް އިއްސެގެ އާދަޔާހިލާފު ހުނަރުވެރިކަމެއް ފެނިގެން ދިޔަ ތިން ފިލްމެވެ. މީގެ އިތުރުން ބޮޑު ސްކްރީނުން ފެނުމުގެ ކުރިން އޭނާ ކުޅުނު އޮފީސް ޑްރާމާތައް ވެސް ވަރަށް ބޮޑަށް ފާހަގަކޮށްލެވެ އެވެ. އޭރު އޭނާ އެ ރޭހުގައި ވާދަކުރިއިރު ގާތްގަނޑަކަށް ހުރިހާ ފަހަރެއްގައި ވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ގެންދަނީ އޭނާ އެވެ.

އެކްޓަރެއްގެ ގޮތުގައި މިފަދަ ފޮނި ސަފުހާތަކެއް އިއްސެގެ ހަޔާތަށް ނިސްބަތްވި ނަމަވެސް އޭނާ އަށް ފާޑުކިޔުން އަމާޒުވަނީކީއެއް ވެސް މަދެއްކޮށެއް ނޫނެވެ. އެންމެ ބޮޑަށް އާންމުންގެ ފާޑުކިޔުން އަމާޒުވަނީ ޕްރޮޑިއުސަރު އަދި ކޮމޭޑިއަން މުހައްމަދު އަބްދުﷲ (މުހައްމާ) އާއެކު އޭނާ ކުޅެމުން އަންނަ ސިލްސިލާ ކުރު ފިލްމުތަކަށެވެ. ބައެއް ބެލުންތެރިން ބުނާ ގޮތުން މި ފިލްމުތަކުގައި އިއްސެ ވެސް އަދި މުހައްމާ ވެސް މަޖާ ވަނީ "އަމިއްލަ" އަށެވެ.

ކުރިއަށް އޮތް "އިނގިލި" ގައި އިއްސެ ކުޅެފައި ވަނީ މޫސުމް ގޯސްވެގެން ރަށެއްގައި މަޑުކޮށްލާ މަސްވެރިއެއްގެ ރޯލެވެ. މި ފިލްމުގެ މޫސުމް މި ދުވަސްކޮޅާ ވަރަށް ވެސް ގުޅެ އެވެ. ކޮންމެއަކަސް އިއްސެގެ އެކްޓިންގައި ހުރި ބަނަކަމަކާއި ނަލަކަމެއްގެ ވާހަކަ ދައްކަން އެނގޭނީ ފިލްމު ބެލުމުންނެވެ.

މި ފިލްމަށް ފަހު ކުރިއަށް އޮތް "ދިލަކަނި" އަކީ ވެސް އިއްސެގެ އާދަޔާހިލާފު ރޯލެއް ފެނިގެންދާނެ ފިލްމެއް ކަމަށް އޭގެ ޑައިރެކްޓަރު ހުސެން ބުނެ އެވެ. އިއްސެ އަކީ "ކަޅުކަމުން" ފިލްމީ ދާއިރާ އިން ކުރިން ބޭނުން ނުވި މީހެކެވެ. މިހާރު އޭނާ ވަރެއް ނެތް ކަހަލަ އެވެ.

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait