ހޮލީވުޑް

"ޓޮޕް ގަން"ގެ ޑައިރެކްޓަރުގެ ކުއްލި މަރުން ހޮލީވުޑަށް ޝޮކެއް

ފާތުމަތު އަނީސާ
21 އޯގަސްޓް 2012 13:47

އެކްޝަން ތުރިލާ ފިލްމުތަކުގެ ތެރެއިން "ޓޮޕް ގަން" އާއި "ޑޭޒް އޮފް ތަންޑާ" ފަދަ މަޝްހޫރު ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރު ޓޯނީ ސްކޮޓްގެ ކުއްލި މަރުގެ ސަބަބުން ހޮލީވުޑްގެ ފިލްމު އުފައްދާ މީހުންނަށާއި އޭނާގެ ފޭނުންނަށް ބޮޑު ޝޮކެއް ލިބިއްޖެ އެވެ. ސްކޮޓް މަރުވެފައިވަނީ ކެލިފޯނިއާ ބްރިޖެއްގެ މަތިން ފުންމާލައިގެން އަމިއްލައަށެވެ.

ޔޫއެސް ކޯސްޓް ގާޑާއި ޕޮލިހުން 68 އަހަރުގެ ސްކޮޓްގެ ހަށިގަނޑު ކޯރުން ނަގާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އިއްޔެ ވަނީ ސްކޮޓްގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދާ އޭނާގެ މަރުގެ މައްސަލަ ތަހުގީގުކުރަން ފަށާފައި ވަނީ ލޮސް އެންޖަލިސްގެ ފުލުހުން ވަނީ ބުނެފަ އެވެ.

އޭބީސީ ނިއުސް އިން ބުނާ ގޮތުގައި ސްކޮޓް އަށް ވަނީ އޮޕަރޭޝަން ނުކުރެވޭ ޒާތުގެ ސިކުނޑީގެ ނުރައްކާތެރި ކެންސަރެއް ޖެހިފަ އެވެ. ނަމަވެސް ސްކޮޓްގެ ސިކުނޑީގެ ޓެސްޓްތައް ނިމި ރިޕޯޓްތައް އާއްމު ނުކުރާތީ މިކަން އަދި ޔަގީން ނުކުރެވޭ ކަމަށް ވެސް އޭބީސީ ނިއުސް އިން ބުނެފައި ވެއެވެ.

ސްކޮޓްގެ މަރުގެ ތަހުގީގުކުރާ ފަރާތްތަކަށް އޭނާގެ އޮފީހުން މަރުވުމުގެ ކުރިން އޭނާ ލިޔެފައިވާ ސިޓީތަކެއް ފެނިފައިވާ ކަމަށް ވެއެވެ. ނަމަވެސް އެ ސިޓީގައިވާ އިބާރާތްތައް މީޑިއާއަށް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މި މަރު ތަހުގީގުކުރަމުންދާ ޓީމުގެ ފަރާތުން ވާހަކަ ދެއްކި ލެފްޓިނެންޓް ޖޯސެފް ބާލޭ ވިދާޅުވީ ސްކޮޓް ބްރިޖް މަތިން ފެންގަނޑަށް ފުންމާލަނިކޮށް ފެނުނު މީހަކުވެސް އެބަހުރި ކަމަށެވެ. އަދި ފަހުން އޭނާ އަރައިގެން ހުރި ބޫޓު ފެން މަތީގައި ދަނިކޮށް ދުށް މީހުން ވެސް އެބަތިއްބެވެ.

ސްކޮޓް އަކީ "ގްލޭޑިއޭޓާ" އާއި "ބްލެކް ހޯކް ޑައުން" ފަދަ ފިލްމުތައް އުފައްދައިގެން އޮސްކާ ހާސިލުކޮށްފައިވާ މަޝްހޫރު ޑައިރެކްޓަރު ރިޑްލީ ސްކޮޓްގެ ކޮއްކޮ އެވެ.

ސްކޮޓްގެ މަރު އޭނާގެ އާއިލާއިން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

ސްކޮޓްގެ ސްޕޯސްވުމަން ކެތުރީން ރޯވޭ ރިޕޯޓަރުން ގާތު ބުނީ ޓޯނީ ސްކޮޓް މަރުވިކަން ޔަގީންކޮށްދޭ ކަމަށާއި ނަމަވެސް ހިތާމައިގެ މި ވަގުތުގައި އާއިލާއަށް އެކަހެރިކޮށް އުޅުމުގެ ފުރުސަތު ދިނުމަށެވެ.

ސްކޮޓް އުފަން ވެފައިވަނީ 1944 ވަނަ އަހަރު އިނގިރޭސި ވިލާތުގަ އެވެ. އޭނާ މަޝްހޫރު މީހަކަށްވީ 1980 ގެ މެދުތެރޭގައި ޑައިރެކްޓްކުރި "ޓޮޕް ގަން" ގެ ބޮޑު ކާމިޔާބާއެކުގަ އެވެ. ޓޮމް ކްރޫޒް ބަތަލުގެ ބައި ކުޅުނު މި ފިލްމު ވެގެން ދިޔައީ ހޮލީވުޑްގެ އެންމެ ނަން މަޝްހޫރު ޑައިރެކްޓަރުންގެ ތެރޭގައި ސްކޮޓްގެ ނަން ހިމެނަން ދިމާވި ސަބަބަކަށެވެ. މި ފިލްމުވެފައިވަނީ 1986 ވަނަ އަހަރު ނުކުތް ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބުނުފިލްމުތަކުގެ ތެރޭގަ އެވެ. ފިލްމަށް ލިބުނު 176 އަށް މިލިއަން ޑޮލަރާއެކު ޑައިރެކްޓަރު ސްކޮޓް އާއި އެކްޓަރު ޓޮމް ކްރޫޒްގެ ފިލްމީ ކެރިއަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަ އެވެ.

ކްރޫޒް އާއެކު 1900 ވަނަ އަހަރު ސްކޮޓް އުފެއްދި "ޑޭޒް އޮފް ތަންޑާ" ވެސް ވީ ހަމަ ކުރީ ފިލްމު ހާ ބޮޑު ކާމިޔާބެއް ލިބުނު ފިލްމަކަށެވެ.

ސްކޮޓްގެ ކުއްލި މަރާ ގުޅިގެން އެންމެ ބޮޑު ހިތާމައެއް ލިބުނު އެކަކީ ޓޮމް ކްރޫޒް އެވެ. ކްރޫޒްގެ ފަރާތުން ވާހަކަ ދެއްކި އޭނާގެ ސްޕޯކްސްވުމަން ބުނީ ސްކޮޓްގެ ކުއްލި މަރުގެ ސަބަބުން ކްރޫޒް ވަރަށް ބޮޑަށް ދެރަވެ ހިތާމަކުރާ ކަމަށެވެ.

ކްރޫޒް ނޫނަސް ހޮލީވުޑްގެ ގިނަ ތަރިންނާއި ފިލްމު އުފައްދާ މީހުން ސްކޮޓްގެ މަރާ ގުޅިގެން އެމީހުން ދެރަވެފައިވާ މިންވަރު ބަޔާންކުރަމުން އެބަދެ އެވެ.

ސްކޮޓް މަރުވިއިރު އޭނާގެ މުޅިން އާ 30 ޕްރޮޖެކްޓެއް އުފެއްދުމުގެ މަގުމަތީގައި ވެއެވެ. އޭގެ ތެރޭގައި "ޓޮޕް ގަން 2" ހިމެނެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި