ޕޮޕް ރަސްގެފާނުގެ ގޮތުގައި މަޝްހޫރުކަން ހޯދި މައިކަލް ޖެކްސަން މަރުވިތާ އިއްޔެ އަކީ ތިން އަހަރު ފުރުނު ދުވަހެވެ. ޕޮޕް މިއުޒިކް ދުނިޔެ ދުށް އެންމެ ކުޅަދާނަ އަދި އެންމެ ކާމިޔާބު ލަވަކިޔުންތެރިޔާގެ ގޮތުގައި ތާރީޚުގެ ތެރެއަށް ވަދެގެން ދިޔަ މައިކަލް، ގިނިސް ރިކޯޑް ފޮތަށް އަރާފައި ވަނީ މުނިފޫހިފިލުވައިދިން އެންމެ ކާމިޔާބު ފަންނާނުގެ ގޮތުގަ އެވެ.
ބާރުގަދަ އެނެސްތެޓިކަކަށް އޯވަޑޯޒްވެ، ހިތް ހުއްޓިގެން މައިކަލް މަރުވީ ޖޫން ،25 2009ގަ އެވެ. މައިކަލްގެ ހަނދާންތައް އާ ކުރުމަށް އޭނާގެ އާއިލާގެ މެމްބަރުން ސިލްސިލާ ކޮންސެޓްތައް ކުރިއަށް ގެންދާއިރު މައިކަލްގެ މަރުގެ މައްސަލާގައި އޭނާގެ ކުރީގެ ޕާސަނަލް ޑޮކްޓަރު، ކޮންރަޑް މުރޭ ދަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. ލައިސަންސް ބާތިިލުވާ ގޮތަށް މުރޭގެ މައްޗަށް ހުކުމް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.
ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށް މައިކަލްގެ ޑޮކްޓަރުގެ މައްޗަށް ސާބިތުވެ ހަތަރު އަހަރުގެ ހުކުމެއް އިއްވި ނަމަވެސް އޭނާ ހުކުމް ތަންފީޒުކުރަމުން އަންނަ ލޮސް އެންޖެލިސްގެ ޖަލު ކުށްވެރިންނާ އެކު ފުރިފައިވުމުން ދެ އަހަރު ދުވަސް ތެރޭގައި އޭނާ ޖަލުން ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.
މައިކަލްގެ ހަނދާނުގައި ޖެކްސަން އާއިލާ އިން ފަށާފައިވާ ޓުއާ ނިންމާލާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ. އެއަށް ފަހު އަންނަ ޖުލައި މަހުގެ ތިން ވަނަ ދުވަހު، މައިކަލްގެ ބައެއް ތަކެތީގެ ނީލަމެއް ވެސް އޮންނާނެ އެވެ.
އުމުރުން 50 އަހަރުގައި މައިކަލް، ކުއްލި ގޮތަކަށް މަރުވީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެނބުރި އައުމަށް ސިލްސިލާ ކޮންސެޓްތަކަކަށް ތައްޔާރުވަމުން ދަނިކޮށެވެ. "ދިސް އިޒް އިޓް" ގެ ނަމުގައި ބޭއްވުމަށް ހަމަޖެއްސި ކޮންސެޓް މައިކަލްގެ މަރާ އެކު ކެންސަލްވުމުން އެ ނަމުގައި ވަނީ ފަހުން ފިލްމެއް ނެރެފަ އެވެ.
ޑޮކިއުމެންޓްރީ/މިއުޒިކަލްއެއްގެ ގޮތުގައި ނެރުނު އެ ފިލްމަކީ "ދިޒް އިޒް އިޓް" ގެ ރިހާސަލް ފޫޓޭޖުތައް ބޭނުންކޮށްގެން އުފެއްދި ފިލްމެކެވެ. ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.
"ދަ ޖެކްސަން 5" އާއެކު މައިކަލް އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ 1964 ވަނަ އަހަރު އެވެ. އޭނާ ސޯލޯ ކެރިއަރަށް ހުސްވީ 1971 ވަނަ އަހަރު އެވެ. އޭގެ ފަހުން ޕޮޕް ދުނިޔޭގައި އޭނާ ނުފޫޒުގަދަ ފަންނާނަކަށް ބަދަލުވެގެން ދިޔައީ 80ގެ ކުރީކޮޅުން ފެށިގެންނެވެ. "ބިލީ ޖީން" އާއި "ބީޓް އިޓް" އަދި "ބްލެކް އޯ ވައިޓް" ފަދަ ލަވަތަކަކީ އޭނާގެ ކާމިޔާބު ދިގު ކެރިއަރުން އެންމެ ފާހަގަކޮށްލެވޭ ލަވަތަކެވެ.
އޭނާގެ "ތްރިލާ" އަލްބަމަކީ އަދިވެސް ވިޔަފާރީގެ ގޮތުން އެންމެ ކާމިޔާބު އަލްބަމެވެ.

6 comments