މިއުޒިކް

ޓްރެފިކް ޖޭމްގެ "ބަޣާވާތް" އޯކޭއެއް ނޫން!

އަހުމަދު ނަދީމް
10 ޖުލައި 2012 10:17 65 ކޮމެންޓު
  • "ބަޣާވާތް" ލަވަ ޕްރޮމޯޓްކުރުމަށް ޓްރެފިކް ޖޭމް އިން އެމީހުންގެ ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށްފައިވާ ފޮޓޯއެއް. --ފޮޓޯ: ޓްރެފިކް ޖޭމްގެ ފޭސްބުކް ޕޭޖު

މެޓަލް މިއުޒިކަށް ދިވެހި ލަވަކިޔާ ހަމައެކަނި ބޭންޑަކީ ޓްރެފިކް ޖޭމްއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެ ވާހަކަ ދޮގަކަށްވާ ނަމަ އެހެން ގޮތަކަށް ވެސް މި ވާހަކަ ދެއްކިދާނެ އެވެ. މެޓަލް މިއުޒިކަށް ދިވެހި ލަވަކިޔައިގެން ގިނަ ބައެއްގެ ތާއީދު ހޯދާފައިވާ ހަމައެކަނި ބޭންޑްގެ ގޮތުގައި ޓްރެފިކް ޖޭމް ލޭބަލް ނުކުރެވެންވީ ސަބަބެއް ނެތެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި ޓްރެފިކް ޖޭމް އާއި އެ މީހުންގެ ލަވަތަކަށް އޮތް ތަރުހީބު ބޮޑެވެ.

"ބަޣާވާތް" މިއީ ޓްރެފިކް ޖޭމްގެ އާ ސިންގަލް އެވެ. މިއީ އިތުރު ތަފްސީލަކަށް ދާންޖެހޭ ވަރުގެ ލަވައެއް ނޫންކަން ލަވައިގެ ނަން ކިޔާލުމުން ވެސް އެބަ އެނގެ އެވެ. ލަވަ އަށް ނަން ދީފައި އެ ވަނީ މި ދުވަސްވަރު މާލެ ތެރެއިން އަދި ރާއްޖެ އިން ވެސް އެންމެ އާންމުކޮށް އިވޭ އެއް ނަމުންނެވެ. ޓްރެފިކް ޖޭމްގެ މި ލަވަ އަކީ މިފަހުން ރާއްޖޭގެ ސިޔާސީ މައިދާނަށް އައި ހަލަބޮލިކަމާ ގުޅުވައިގެން ދެކެވޭ ވާހަކަތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ. ލަވައިގެ މިއުޒިކް، ޓްރެފިކް ޖޭމްގެ ލަވަތައް އަޑުއަހާ ބަޔަކަށް އަލެއް ނުވާނެ އެވެ.

މި ލަވަ ވީޑިއޯއާ އެކު ނެރުމުން ބައެއްގެ ތަރުހީބު ލަވަ އަށް ލިބެމުން ދިޔަ ނަމަވެސް މިއީ ޓްރެފިކް ޖޭމްގެ އަސްލު ގާބިލުކަން ފެނިގެން ދިޔަ ލަވައެއްކަމާ މެދު ސުވާލު އުފެދެ އެވެ. ލަވައިގެ ފެންވަރު އެ މީހުންގެ ކާމިޔާބު އެހެން ލަވަތަކާ މާ ބޮޑަށް ވެސް ދަށްވީމަ އެވެ. ޓްރެފިކް ޖޭމްގެ ލަވައެއްތޯ ސުވާލު އުފެދޭ ފެންވަރަށް ދަށްވީމަ އެވެ.

ޓްރެފިކް ޖޭމް، ޓްރެފިކް ޖޭމް އަށް ވަނީ މެޓަލް މިއުޒިކަށް ދިވެހި ލަވަ ކިޔައިދޭތީ އެވެ. ޓްރެފިކް ޖޭމް، ޓްރެފިކް ޖޭމް އަށް ވަނީ އެ މީހުންގެ ކުރީ ސަފުގައި ކަޔާނޯ ހުރީމަ އެވެ. ކަޔާނޯ އަކީ ބޭންޑްގެ ލަވަތަކާއި މިއުޒިކްތަކުގެ މައި ސިކުނޑި އެވެ. މި ހުރިހާ އަސްލުތަކާއި ސަބަބުތަކާ އެކު ޓްރެފިކް ޖޭމް ޒުވާނުންގެ ބޭންޑަކަށް ވަނީ "އެއްވެސް ބާރެއް ނެތް" ޒުވާނުންގެ ހައްގުގައި އެމީހުން އަބަދުވެސް އަޑުއުފުލައިދޭތީ އެވެ.

"ބަޣާވާތް" ޔޫޓިއުބް ވިޑިއޯ

ޓްރެފިކް ޖޭމްގެ ގިނަ ލަވަތަކުގެ ވިންދަކީ ޒުވާނުންނެވެ. އިޝްގީ ލޯތްބާ ގުޅިފައިވާ ލަވަތަކަށް ބީރައްޓެހި ޓްރެފިކް ޖޭމް އިން އާންމުކޮށް ގެނެސްދޭ ލަވަތަކީ މުޖުތަމައުގައި ޒުވާނުންނަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ކަޔާނޯ އަމުނާލާފައިވާ ބަސްތަކަށް ގެނެސްދޭ ލަވަތަކެވެ. މި ލަވަތަކަށް ފަހު ދެން، އެމީހުން އެންމެ މަޝްހޫރީ ސިޔާސީ ކުލަ ޖެހިފައިވާ ލަވަތަކަށެވެ. މިހާ ހިސާބުން އަނެއްކާވެސް ދައްކަން މި ޖެހުނީ "ބަޣާވާތު" ގެ ވާހަކަ އެވެ.

"ބަޣާވާތް" މިއީ ޓްރެފިކް ޖޭމްގެ އެންމެ ފެންވަރު ދަށް ލަވަ އަށް ވެދާނެޔޭ ބުނުމުން އެކަމާ ހިތްހަމަނުޖެހޭނެ، އެ މީހުންގެ ވަފާތެރި ސަޕޯޓަރުން ތިބޭނެކަން ޔަގީނެވެ. އެހެންވީމަ ބުނަންވީ، މިއީ ޓްރެފިކް ޖޭމް އިން މިހާތަނަށް ގެނެސްދިން "ސިޔާސީ" ލަވަތަކުގެ ތެރެއިން އެންމެ ފެންވަރު ދަށް ލަވައޭ ހެއްޔެވެ؟ އަޅުގަނޑަށް ވިސްނޭ ގޮތުން މި ދެ ވާހަކަ ވެސް ރަނގަޅެވެ. "ބަޣާވާތް" މި ލަވަ އަޑުއަހައިފި ނަމަ މި ވާހަކަ ގަބޫލު ވެސް ކުރެވޭނެ އެވެ.

ޓްރެފިކް ޖޭމް އިން ގެނެސްދިން "ސިޔާސީ" ލަވަތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދާފައި ވަނީ "ޕާޓީ ސިސްޓަމް" އެވެ. އެ ލަވަ އަކީ ސިޔާސީ އޮއިވަރުގައި ޖެހި ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިގެންދާ ވާހަކަ ކިޔައިދޭ ލަވައެކެވެ. އެއީ ޓްރެފިކް ޖޭމްގެ އެންމެ މޮޅު ލަވަތަކުގެ ތެރެއަށް ވައްޓާނުލައި ދޫކޮށްލެވެން ނެތް ފެންވަރުގެ ލަވައެކެވެ.

އެ ލަވަ އަށް ފަހު އެމީހުން އެންމެ ފަހުން ނެރުނު އަލްބަމް ކަމަށްވާ "ތިއީ އެއްވެސް ބާރެއް އޮތް ބައެއް ނޫން" ގައި ހިމަނާފައިވާ "ފަސް ވައުދު" އަކީ ޓްރެފިކް ޖޭމް އާއި ކަޔާނޯގެ ހަގީގީ ހުނަރުވެރިކަން އަނެއްކާ ވެސް ދައްކާލި "ސިޔާސީ" ލަވައެކެވެ. މި ދެ ލަވައާ އަޅާބަލާއިރު ޓްރެފިކް ޖޭމްގެ "ބަޣާވާތުގެ" ފެންވަރު ހަގީގަތުގައި މާ ބޮޑަށް ވެސް ދަށީ އެވެ. މިއުޒިކަށް ބެލިޔަސް ލަވައިގެ ލިރިކްސް އަށް ބެލިޔަސް އަދި ހަމައެކަނި ކަޔާނޯގެ ޕާފޯމެންސަށް ބެލިޔަސް އެކަން ފާހަގަކުރެވޭނެ އެވެ.

ފަހަރެއްގައި "ބަޣާވާތޭ" ކިޔައިގެން ލަވައެއް ނެރެލީ، މި ދުވަސްކޮޅު މި މައުޟޫގެ ލަވަތައް މާ މަޝްހޫރުވީމަ ކަމަށް ވެސް ވެދާނެ އެވެ.

"ބަޣާވާތް" ލަވަ އަޑުއަހަމުންދާ އިރު ހީވަނީ އިހަކަށް ދުވަހު މިއުޒިކް ކުޅެން ފެށި ބަޔަކު، ރަނގަޅަށް ޕިޗް ނުހިފެހެއްޓޭ ވޯކަލިސްޓަކު ބޭނުންކޮށްގެން ރިކޯޑްކޮށްފައި އޮތް ލަވައެއް ހެންނެވެ. ކަޔާނޯ އަކީ މާލެ ތެރޭގައި މިއުޒިކް ކުޅޭ ބޭންޑްތަކަށް ބަލާއިރު އެންމެ މޮޅު ލަވަކިޔުންތެރިޔާއެއް ނޫނެވެ. އޭނާގެ އެންމެ ބޮޑު މައްސަލައެއް ކަމަށް ފާހަގަކުރެވެނީ ކޮންސިސްޓެންސީ އެވެ. ހުށަހެޅުންތަކުގައި އެކިފަހަރު އެކި ކޮލިޓީ ފެނިގެންދާތީ އެވެ. ހާއްސަކޮށް ލަވަކިޔުމުގައި އެކަން ބޮޑުކަން ފާހަގަކޮށްލެވެ އެވެ. ފަހަރެއްގައި ބައެއް ކަހަލަ ލަވަތަކަށް ކަޔާނޯގެ "އަޑު" ނުނެރެވެނީ ކަމަށް ވެސް ވެދާނެ އެވެ.

"ބަޣާވާތް" މި ލަވަ އިން ވެސް އެންމެ ބޮޑަށް ފާހަގަވި މައްސަލަ އަކީ ކަޔާނޯގެ ލަވަކިޔުމުގެ ހުނަރެވެ. ލަވައިގެ މިއުޒިކާ އެއް ހަމައަކަށް ކަޔާނޯގެ އަޑު ނުގެންދެވުމަކީ އެންމެ ބޮޑު މައްސަލަ އެވެ. ލަވަކިޔުންތެރިއެއް ނަމަ އަޑެއް އޮންނަންވާނެ އެވެ. އަދި އެ އަޑުގައި ކޮލިޓީއެއް ވެސް ހުންނަން ޖެހޭނެ އެވެ. އަދި ގޮތެއް ވެސް ހުންނަންޖެހޭނެ އެވެ. ކަޔާނޯގެ ކިބައިން މިފަހަރު މި ސިފަތަކެއް ނުފެނުނެވެ.

ޓްރެފިކް ޖޭމްގެ "ކޮލިޓީ" ލަވަތަކަށް ބަލާއިރު އަޅުގަނޑަށް އެންމެ ފާހަގަކޮށްލެވޭ ލަވަ އަކީ "ތީ އެއްވެސް ބާރެއް އޮތް ބައެއް ނޫން" ގައި ހިމަނާފައިވާ "ފިޔަ" އެވެ. އެއީ ކަޔާނޯ މިހާތަނަށް ރިކޯޑްކުރި އެންމެ ރީތި ލަވައަށް ވެސް ވެދާނެ އެވެ. އެއަށް ފަހު މަރިޔަމް އުނޫޝާއާ އެކު ރިކޯޑްކޮށްފައިވާ "އަސްލުގާ" އަކީ ވެސް ވަރަށް ފާހަގަކޮށްލެވޭ ލަވައެކެވެ. އެކަމަކު ގިނަ ޒުވާނުންގެ މެދުގައި އަދިވެސް އެންމެ މަގްބޫލީ އެމީހުންގެ "ޒުވާނުން" ކަމަށް ލަފާކުރެ އެވެ. އޭގެ އިތުރުން "ފަސްދީފަ ދާތީ" އާއި "ފުޅި" އަދި "ބުޅާ" ފަދަ ލަވަތަކަކީ ޒުވާން ކުދިންގެ މެދުގައި ޓްރެފިކް ޖޭމް މިހާރު އޮތް މަގާމަށް އެރުމަށް މަގުކޮށައިދިން މުހިންމު ލަވަތަކެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.

ދެން އޮތީ "ބަޣާވާތް" މި ލަވައިގެ ވީޑިއޯގެ ވާހަކަ އާއި ވިޝުއަލް އެފްއެކްސްގެ ވާހަކަ އެވެ. އެ ވާހަކަ ދެއްކުމަށް ވުރެ ނުދައްކައި މި ލިޔުން ނިންމާލުން މާ ބުއްދިވެރިވާނެ ކަމަށް ފެނެ އެވެ.

65 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait