ރޯދަމަހު ގެނެސްދޭ ލަވަ ޝޯ "އެހަނދާނުގައި" މި ފަހަރު ނުފެށި ލަސްވަމުންދަނީ އެ ޝޯ އަށް މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް އަލުން އިއުލާންކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގުމާ ގުޅިގެން ކަންތައްތަކެއް ފުރިހަމަކުރަން ޖެހުމުން ކަމަށް ޓީވީއެމް އިން މިއަދު ބުނެފި އެވެ.
"އެހަނދާނުގައި" ޝޯ އަށް މިއުޒިކާއި ޅެން ހެދުމާއި މިކްސިން ފަދަ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން އިއުލާންކުރި އިރު ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ފެންނާތީ އަލުން އިއުލާންކޮށްގެން ކުރިއަށް ގެންދިއުމަށް އޭސީސީން ވަނީ ޓީވީއެމް ހިންގާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އަށް ޖުލައި 5 ގައި އަންގާފަ އެވެ.
އާއްމުގޮތެއްގައި ހަފުތާއަކު އެއްފަހަރު ގެނެސްދޭ މަގްބޫލް ޝޯ، މި ރޯދަމަހުގެ ދެވަނަ ހަފުތާ ނިމެން ކައިރިވެފައި ވާއިރު ވެސް ފަށާފައި ނުވާތީ "ހަވީރު"ން ސުވާލު ކުރުމުން ޓީވީއެމްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ އޭސީސީން އެންގި ގޮތަށް އަލުން އިއުލާންކުރުމުގެ އިތުރުން މިފަދަ ކަންކަމުގައި އަމަލުކުރާނެ އުސޫލެއް ވެސް އެމްބީސީން އެކުލަވާލަމުން އަންނަ ކަމަށެވެ.
"މީހުން ހޮވުމުގައި ހަމަހަމަ އުސޫލަކުން ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދަން މި ޖެހެނީ. އެންޓި ކޮރަޕްޝަނުން އިންޓަވީންކުރީމަ ތިންވަނަ ފަހަރު އިއުލާންކޮށްގެން މީހުން ނަގައިގެން، ގާނޫނުތަކާއި ގަވާއިދުތަކަށް ފެތޭ ގޮތަށް ކުރިއަށް ގެންދަން މި މަސައްކަތްކުރަނީ،" މޮންދު ވިދާޅުވި އެވެ. "މިހާރު، ކޮމްޕެނީ ޕޮިލިސީއެއް ނުވަތަ ގައިޑްލައިނެއް މި އެކުލަވާލަނީ ކޮންމެ މީހަކަށް ވެސް ބައިވެރިވޭނެ މަގެއް އޮންނަ ގޮތަށް. ޕޮލިސީ މިހާރު ގާތްގަނޑަކަށް އޮތީ ނިމިފައި."
މޮންދު ވިދާޅުވީ ކުރިއަށް އޮތް ހަފުތާ ތެރޭގައި "އެހަނދާން" ފެށޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ކުންފުނިން ރަނގަޅު ޕޮލިސީއެއް ހަދާފައި އޮޑިޓަ ޖެނެރަލްގެ އޮފީހާއި ފިނޭންސް މިނިސްޓްރީ ފަދަ ތަންތަނަށް ހުށަހެޅުމުން އިތުރު މައްސަލައެއް ނޯންނާނެ ހެން ހީވަނީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް "ހަމަހަމަ އުސޫލު"ގެ ސަބަބުން ޝޯގެ ފެންވަރު ހިފަހައްޓަން އުނދަގޫވާނެ ކަމަށް މޮންދު ދެކެވަޑައިގަންނަވަ އެވެ.
"މިއީ އޮފީސް ހިންގުމާ ތަފާތު މަސައްކަތެއް. މިއީ ކްރިއޭޓިވް ދާއިރާއެއް. އާއްމުންނަށް ކަމުދާ ބަޔަކު މީގައި ބައިވެރިކުރަން ޖެހެނީ. އެހެންވީމާ ކޮންޓެންޓަށް އަސަރުކުރާނެ،" އޭނާ ވިދާޅުވި އެވެ.
އޭސީސީގެ އެންގުމާ އެއްގޮތަށް މިއުޒިކް ހެދުމާއި ރެކޯޑިން އާއި މިކްސިންގް ހެދުމާއި ޅެން ހެދުމާއި ކޮރިއޮގްރަފީ އާއި ނަށާމީހުން ހޯދުމާއި ހެދުން ޑިޒައިންކޮށްދިނުމާއި ފަހައިދޭނެ ފަރާތެއް ހޯދުމަށް ޖުލައި 8 ގައި ވަނީ އަލުން އިއުލާންކޮށްފަ އެވެ.
އޭސީސީން ބުނެފައި ވަނީ ފުރަތަމަ އިއުލާންކުރުމުން ތިން ފަރާތަކުން ކުރިމަތިލުމުން އެ އިއުލާން ބާތިލްކޮށް ދެ ވަނަ ފަހަރަށް އިއުލާންކުރުމަށް ފަހު ވެސް އެކަން ގެންގޮސްފައި ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ތަހުގީގުކުރި އިރު ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރެވޭ ކަމަށެވެ.
ޓީވީއެމްގެ އެންމެ ކާމިޔާބު ޝޯތަކުގެ ތެރޭގައި ހިމެނޭ "އެހަނދާނުގައި" ސިލްސިލާގެ އަށް ވަނަ ސީޒަނަށް ތައްޔާރުވަމުންދާ އިރު މިފަހަރުގެ ޝޯއިން ބަދަލުތަކެއް ފެންނާނެ ކަމަށް ބެލެވެ އެވެ. ފާއިތުވި ހަ އަހަރުގެ ޕްރޮޑިއުސަރު މުޖުތަބާ އަބްދުލް ކަރީމް (މުޖޫ) އަތުން ޝޯ ނެގުމަށް ފަހު ޒުވާން ޕްރޮޑިއުސަރަކާ ވަނީ ހަވާލުކޮށްފަ އެވެ.

ގައުމީ އިއްތިހާދުގެ ޖަލްސާ
ޕީޕީއެމްގެ އެއްވުން
10 comments