އެތައްއިރަކު އަހަރެން ގަނޑުވެފައި އިނީމެވެ. ރާނިޔާ އަކީ، އަހަންނާ އެކަށީގެންވާ ކުއްޖެއް ނޫނެވެ. ރީތިކަމަށް އަހަރެން ދެކޭ އެއްވެސް ސިފައެއް އޭނަގެ މޫނަކު ނެތެވެ. އެހެންކަމުން، ރާނިޔާގެ ލޯބި ގަބޫލުކުރާކަށް އަހަންނަކަށް ފަސޭހައެއް ނުވި އެވެ.
"އަހަރެން އަދި ބޭނުމެއް ނޫން ކުއްޖަކާ ރައްޓެހިވާކަށް،" އަހަންނަށް ދޭން ކެރުނު ޖަވާބަކީ އެއީ އެވެ. "އަންހެނުންނަކީ މަ ވަރަށް ފޫހިވާ ބައެއް. އަހަރެންގެ ފްރެންޑްސުންނަށް މުޅިން ވެސް ލިބެނީ ލަނޑު. އަހަރެން ހިތަށްއަރަނީ، ހުރިހާ އަންހެނުން ވެސް ވާނީ އެއްގޮތެކޭ."
"އަހަރެންގެ ލޯބިން ތި ހިތް މަޑު ފުށްކޮޅަކަށް ހަދާލަފާނަމޭ،" ޔަގީންކަމާ އެކުގައި ރާނިޔާ ބުންޏެވެ. "ބޭނުންވަނީ މަށަށް ޓްރަސްޓުކޮށްފަ، އެ ޗާންސު މަށަށް ދިނުން. ޓުރައިކުރަންވީތަ؟"
"އާނ!" ހިތާދެކޮޅަށް އަހަރެން ބުނީމެވެ. "ހަމަ ވެލްކަމް!"
ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ އެވެ. ހަމަ އެ ގޮތަށް، ނުރުހުމުގެ ލޮލަކަށް، އައިބު ނޫން އެއްޗެއް ނުފެންނާނެ އެވެ. ކުރިން ރާނިޔާ ކުރި ހުރިހާ ކަމަކާ، ބުނި ކޮންމެ ލަފުޒެއް އަހަންނަށް ކަމުދިޔަ އެވެ. "ކިޔުޓް" ވިއެވެ. އެކަމަކު، އަހަރެން އުންމީދުކުރި ވަރުގެ ރީތި ކުއްޖަކަށް ރާނިޔާ ނުވުމުން، ދެން ފެންނަންފެށީ ހުސް މައްސަލަ އެވެ. ރާނިޔާ ފޮނުވި ފޮޓޯއާ ބެހޭގޮތުން އޭނަ ދޮގުހެދީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ސިފަޔާ ބެހޭގޮތުން ދޮގުހެދީ ކީއްވެގެން ހެއްޔެވެ؟ ދޮގުހެދުމަކީ، އަހަރެން އެންމެ ފޫހިވާ ސިފަކަމަށް، ތަކުރާކޮށް ރާނިޔާ އަށް ހަނދާކޮށްދިނީމެވެ. ދޮގުވެރިންނަކީ، އަހަރެން ވަރަށް ގަޔާނުވާ ބަޔެއްކަމުގައި ބުނީމެވެ. އެކަމަކު، އަހަރެންގެ އަސްލު މަގުސަދަކީ، އަހަންނަށް ރާނިޔާ ކަމުނުދިޔަ ސަބަބަކީ އޭނަގެ މިޒާޖުކަން ދެއްކުމެވެ. ސިފައާ ގުޅުމެއް ނެތްކަން އެންގުމެވެ.
އަހަރެންގެ ރުހުން ހޯދުމަށްޓަކައި، ވަރަށް ގިނަ ކަންތައް ރާނިޔާ ކުރި އެވެ. ކޮންމެ ދުވަހަކު، އެތައް ކޯލެއް ކުރެއެވެ. އެތައް މެސެޖެއް ފޮނުވަ އެވެ. އަހަރެން ގާތުގަ ނާހާ، އެއްވެސް ތަނަކަށް އޭނަ ނުދެއެވެ. އެހެންނަމަވެސް، އޭނަދެކެ އަހަރެން ފޫހިވެފައި ހުންނާތީ، މަދުފަހަރަކު ނޫނީ އަހަރެން ނުގުޅަމެވެ. އޭނަގެ ހާލެއް ނުބަލަމެވެ. ރާނިޔާ އަށް ކުރިން ވަރަށް ކަމުދިޔަ ފިރިހެންކުދިންގެ ފަރާތުން ހުށައެޅުންތައް ލިބެމުންދިޔަ ނަމަވެސް، އެ ހުރިހާ ފުރުޞަތެއް ރާނިޔާ ދޫކޮށްލީ އެވެ.
"މަށަށް އިންތިޒާރު ކުރުމަކީ ވޭސްޓެއް،" އަހަރެން ބުނީމެވެ. "ނުވޭ އެއްވެސް ލޯތްބެއް. ސީރިޔަސްކޮށް."
"އަދި މަޑުކުރޭ!" އުންމީދާއެކުގައި ރާނިޔާ ބުނެއެވެ. "އަދި ލޯބިވާނެ، މެރީ ވެސް ކުރާނެ."
ރާނިޔާގެ ޢާއިލާގެ މީހަކު ޑޮކްޓަރަށް ދައްކަންވެގެން، ރާނިޔާ އިންޑިޔާ އަށް ދިޔަ އެވެ. އަހަރުމެންގެ ގުޅުމަށް އޭރު އެއް އަހަރު ފުރެނީ އެވެ. އެ ދުވަސްވަރު، އޮފީސް ދަތުރެއްގައި އަހަރެން މާލެދާންޖެހުނެވެ. އަހަރެން ހުރީ ހުޅުމާލޭގަ އެވެ. ރާނިޔާ އިންޑިޔާއިން އައިސްފައި، ބައްދަލުކުރަން އެދުނެވެ. އަހަރެން މާލެ އަށް ދިޔުމުގެ ބަދަލުގައި، ރާނިޔާ އައީ ހުޅުމާލެއަށެވެ. ހަމަލޮލަށް ރާނިޔާ ފެނުމުން، އަހަރެންނަށް ކަމުނުދާ ސިފަތައް ހައްތަހާ ވީ ގިނަ އެވެ. އޭނަ ހިނގާ ގޮތް ކަމަކުނުދެއެވެ. ގަޑި އަށް ފަރުވާތެރިއެއް ނޫނެވެ. މާގިނައިން ދުފުމާއި، ކާއިރު ޚަރަކާތްތައް ހުންނަ ގޮތާއި، ޖަހާފައި ހުންނަ ސެންޓުން ދުވާ ވަސް ވެސް ކަމަކުނުދެއެވެ.
"މަ ވެސް މި ފަހަރު ޑޮކްޓަރަށް ދައްކާލިން،" ރާނިޔާ އެހެން ބުނިއިރު ހުރީ، ކުޑަކޮށް މާޔޫސްވެފަ އެވެ. "ޑޮކްޓަރު ބުނި އެއްޗެއް އެނގޭތަ؟ އަހަންނަށް ކިޑެއް ލިބުމުގެ ޗާންސު ވަރަށް ކުޑަޔޯ."
ދަރިން ނުލިބޭ މީހަކާ އަހަރެން އިންނާނީ ކިހިނެތް ހެއްޔެވެ؟ ދިރިއުޅުމެއް ފަށާނީ ކިހިނެތް ހެއްޔެވެ؟
"ތީ ވަރަށް ބޮޑު މައްސަލައެއް!" އަހަރެން ބުނީމެވެ. "އަހަރެންގެ ވަރަށް ބޮޑު ޑްރީމެއް ބުނަންތަ؟ ހަތަރު ކުދިންގެ ބައްޕަ އަކަށްވުން. ދެފިރިހެން ދެއަންހެން. ރާނިޔާ ވަރަށް ނައިސް. ވަރަށް ލައިކުވާ ސިފަތަކެއް ވެސް އެބަހުރި. އެކަމަކު، ކިޑެއް ނުލިބެންޏާ، މި ގުޅުން ދެން ޖެހޭނީ މި ހިސާބުން ސްޓޮޕްކޮށްލަން."
ލިބުނު ރަނގަޅު ދަނޑިވަޅުގައި، ރަނގަޅު އުޒުރެއް ދައްކާފައި، ރާނިޔާގެ ކިބައިން އަހަރެން ސަލާމަތްވީމެވެ. ފުން ނޭވައެއް ބޭރުކޮށްލީމެވެ. ރާނިޔާގެ ކޯލު އައުން ހުއްޓުނެވެ. އަހަރެން ހީކުރީ، އެ ހިސާބުން އެ ކަން ނިމުނީކަމަށެވެ. އެކަމަކު، ދެން ވެސް އޭނައަކަށް ނުހުރެވުނެވެ. އަހަރެންދެކެ އޭނަ އަށް ލޯބިވެވިފައިވަނީ އިންތިހާއަށެވެ. ދޭތެރެއަކުން ރާނިޔާގެ މެސެޖެއް ލިބެއެވެ. ލޯބިވާ ވާހަކަ ބުނެފަ އެވެ. ނުވަތަ، ހަނދާންވާ ވަރުން މެސެޖުކުރެވޭތީ މަޢާފަށް އެދިފަ އެވެ. އަހަންނަށް ވަރަށް އުނދަގޫވި އެވެ.
"ތި ރަށަށް ދަންތަ މީޓުކޮށްލަން؟" އެ ސުވާލު ވެސް ރާނިޔާ ކުރި އެވެ.
"ތިއީ ބޭކާރު ކަމެއް،" އަހަރެން ޖަވާބުދިނީމެވެ. "ދެން އަހަރެން ހަނދާންނައްތާލިއްޔާ އެންމެ ރަނގަޅުވާނީ."
އެ ދުވަހަށް ފަހު، ރާނިޔާގެ ކޯލުތައް ހުއްޓުނީ އެވެ. މެސެޖެއް ވެސް ނުކުރެއެވެ. އެފްބީން ދިމައެއް ވެސް ނުވެއެވެ. ފުރަތަމަ ދެތިން ދުވަހު، އަހަރެންގެ ބޮލަށް ވަރަށް ފަސޭހަވި އެވެ. އެކަމަކު، ދެން ކުއްލިއަކަށް ރާނިޔާމަތިން ހަނދާންވާން ފެށި އެވެ. ތުނިކޮށް ވެހެންފެށި ވާރެއެއް ބޯކުރަމުން އައިހެން، ރާނިޔާގެ ހަނދާންތަކުން އަހަރެން ފޯވާންފެށި އެވެ. އެއީ، ބުނަން ނޭނގޭ ކަހަލަ އަޖައިބެކެވެ. ސަލާމަތްނުވެވިގެން އުޅުނު ކުއްޖާގެ ކިބައިން ސަލާމަތް ވެވުމުން، ދެން ކޮން ހަނދާނެއް ހެއްޔެވެ؟ އާނއެކެވެ. ރާނިޔާގެ ކިބައިގައި، އަހަންނަށް ކަމުދާ އެއްވެސް ސިފައެއް ނެތެވެ. އެކަމަކު، އޭނަގެ ހުރިހާ ސިފައެއްދެކެ އަހަންނަށް ލޯބިވެވިއްޖެ އެވެ. އެއީ ކީއްވެގެން ވީ ކަމެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އަހަންނަކަށް ނޭނގެ އެވެ. އަހަރެން އަތުގައި ރާނިޔާގެ ނަންބަރު އޮތެވެ. އެހެންނަމަވެސް، އޭނަޔާ އަލުން ގުޅާނީ ކީކޭ ކިޔާފަ ހެއްޔެވެ؟
ދެހަފުތާ ވީއިރު، ނިދިން އަހަރެން މަޙްރޫމުވެއްޖެ އެވެ. ކާހިތް ކެނޑިއްޖެ އެވެ. ހުންނަނީ ފާޑަކަށް މޭބޮޑުވެފަ އެވެ. އަހަރެން އެންމެ ފޫހިވި އަންހެންކުއްޖާ އަހަރެންގެ ބަލިފަޔަކަށް ވެ ނިމިއްޖެ އެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ އެ ދަނޑިވަޅުގަ އެވެ.
"މި ރޭ މެރީ ކުރަނީ،" އަހަންނަށް ލިބުނީ ރާނިޔާގެ މެސެޖެކެވެ. "ހިތަށްއެރި އުނދަގުލެއް ނުކުރާނަމޭ. އެކަމަކު، ހަމަ ބުނެނުލާ ނުހުރެވުނީ. އުނދަގޫކުރެވުނު ކަމަށް ވަންޏާ ސޮރީ."
ކުއްލިއަކަށް އަހަރެންގެ ދެލޮލަށް ޖަމާވި ކަރުނަތަކުން، އަހަރެންގެ ފެނުން ފުސްކޮށްލި އެވެ. ދެރަ އާއި އައި ރުޅިން، ކަރުނަތައް ފުހެލީމެވެ. ދެން ކޮން ރުއިމެއް ރޯކަށްހޭ އަހަރެންގެ އަމިއްލަ ނަފުސު ބުނި ކަހަލަ އެވެ. ރާނިޔާ ކިޔާ އިންތިޒާރެއް ކުރި ހެއްޔެވެ؟ ކިހާ އާދޭހެއް ކުރި ހެއްޔެވެ؟ އަހަރެންނަކީ ކިހިނެތް ވެފަ ހުންނަ މީހެއް ހެއްޔެވެ؟ ބޭކާރު އުޒުރުދައްކައި، ކޮޅު ފެންނަން ނެތް ސަބަބުތައް، ނިޔަފަތިން ހިފައި ދަމައިނެރުނީ އަހަރެންގެ އަތުންނެވެ. ދެން އަހަންނަށް އޮތް ގޮތަކީ، ރާނިޔާ ހަނދާންނައްތާލުމެވެ.
ހަޔާތުގައި "ޑިލީޓު" ފިތެއް ނުހުރެއެވެ. އަދި، ކަމެއް ހަނދާންނައްތާލަން މަސައްކަތް ކުރި ވަރަކަށް، އެ ހަނދާންތައް ހައްތަހާ ވަނީ ގަދަ އެވެ. އަހަންނަށް ވެސް ވީ އެ ވަރެވެ. އެ ރޭ އަހަރެންގެ އަރުން އެއްޗެއް ނުދިރެއެވެ. ހީވަނީ ކަރު ފިތިފައި ހުންނަހެންނެވެ. ލޯބީގެ ސަބަބުން ކާއެއްޗެއް ނުކެވޭ ވާހަކަ އަކީ، ކުރިން އަހަރެން ގަބޫލުކުރި ވާހަކައެއް ނޫނެވެ. އެކަމަކު، އެ ދުވަސް ވެސް އަހަންނަށް ދެއްކެވި އެވެ. ރާނިޔާދެކެ އަހަންނަށް ލޯބިވެވިފައިވާ މިންވަރު އިހުސާސްވީ، އޭނަ ހުރިހާ ގުޅުމެއް ކަނޑާލީމަ އެވެ. އަހަރެން ރާނިޔާ ބޭނުމެވެ. ހިތާހިތުން އަހަރެން ބުނީމެވެ. އަހަރެން ރާނިޔާ ބޭނުމެވެ. އަހަރެން ނޫން އެހެން މީހަކާ އޭނަ ކައިވެނިކޮށްގެން ނުވާނެ އެވެ.
ރާނިޔާ އަށް އަހަރެން ގުޅީމެވެ. އޭނަ ފޯނެއް ނުނެގި އެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވާން ފެށި އެވެ. ދެން އަހަންނަށް ރާނިޔާ ނުލިބިދާނެހެން ހީވާންފެށި އެވެ. އަހަންނަށް ގުޅާލުމަށް އެދި މެސެޖުކުރީމެވެ. ހުއްޓާނުލައި، ރާނިޔާ އަށް ގުޅޭތޯ މަސައްކަތްކުރީމެވެ. އަހަރެން އިނީ މޭޒެއް ކައިރީގައި އިށީނދެގެންނެވެ. ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް، މޭޒު މަތީގައި އޮތް ފޯނަށް އޮހެމުންދިޔަ އެވެ. ރާނިޔާ އަށް ކުރި ކޯލުގެ އަދަދު ވިހިން، ފަންސާހުން، އައްޑިހަ އަށް އެރި އެވެ. ބެޓެރި ވޯނިންދޭންފެށި އެވެ. ފޯނު ހިފައިގެން ގޮސް ޗާޖަށް ޖަހައިގެން ވެސް ގުޅީމެވެ. ފޯނު ކައިރީގައި ރާނިޔާ ނެތީ އެވެ. ނުވަތަ ފޯނަށް ބަލަހައްޓައިގެން އޭނަ އިނީ އެވެ. ދެގޮތުން ކުރެ ކޮންމެ ގޮތެއް ވިޔަސް، އަހަރެން މަޔޫސްވާކަށް ނުޖެހެއެވެ. މީހަކު ކުށްވެރިކުރާކަށް ނުޖެހެއެވެ. ޝަކުވާ ކުރާކަށް ވެސް ނުމެޖެހޭމެ އެވެ. ފޯނު ހިފައިގެން އަހަރެން އޮއްވައި، ރާނިޔާގެ ކޯލެއް އަންނަންފެށި އެވެ. އަހަރެން އެ ފޯނަށް ބަލަހައްޓައިގެން އޮތީ އެވެ.
ރާނިޔާ އަކީ، ސަމާސަ ބޮޑު ކުއްޖެކެވެ. ކުރިން ކިތަންމެ ދޮގެއް ހަދާފައިވާ ކުއްޖެކެވެ. ކައިވެނީގެ ވާހަކަ ވެސް އެއީ، އޭނަ ހެދި އެ ކަހަލަ ދޮގަކަށް ވެދާނެ އެވެ. އެހެންކަމުގައިވާ ނަމަ، އެ ދޮގަށްޓަކައި އަހަރެން އުފާކުރަމެވެ. އެއީ ތެދެއްކަން އަހަންނަށް އެނގޭނީ، ރާނިޔާގެ އެ ކޯލަށް އަހަރެން ޖަވާބުދީގެންނެވެ. އެ ސުވާލު ކޮށްގެންނެވެ. ރާނިޔާ ޔަގީންކަން ނުދޭހާ ހިނދަކު، އޭނަ ހުރީ ހުސްހަށިބަޔަށް ކަމުގައި ހީކޮށްލައިގެން، އުމުރުގެ ބާކީ ބައި، އިންތިޒާރުގައި އަހަންނަށް ވެއަތުކުރެވިދާނެ އެވެ. އަހަންނަށް ރާނިޔާ ގެއްލުނުކަމުގެ ހިތާމަ ކުރާކަށް ނުޖެހޭނެ އެވެ. އެ ކޯލު ނުނެގުމުން، ފޯނު ކެނޑުނެވެ. ދެން އައީ މެސެޖެކެވެ. އެ މެސެޖު ވެސް އަހަރެން ނުބަލަމެވެ.
އަހަރެން އެންމެ ބޭނުންވި ލޯބި، ދުވަހަކު ވެސް އަހަންނަކަށް ނުގެއްލޭނެ އެވެ. އެހެން މީހެއްގެ މިލްކަކަށް އޭނާއެއް ނުވާނެއެވެ. މި މަހަކީ، އަހަރުމެންގެ "ލޯތްބަށް" އެގާރަ މަސް ފުރޭ މަހެވެ. އަހަރެން އަދިވެސް މިހިރީ ހުސްހަށިބަޔަށެވެ.
ނިމުނީ

ފޮޓޯ އިން ހަބަރު
20 comments