އަހަރެން ކިޔައިދޭން މި އުޅެނީ ހަގީގީ ވާހަކަ އެކެވެ. ބައެއް މީހުންނަށް ފަހަރެއްގަ މި ވާހަކަ މަޖާ ވެދާނެ އެވެ. އަދި އެއް ބަޔަކު ގަބޫލުވެސް ނުކޮށްފާނެ އެވެ. ކޮންމެ ގޮތެއްވިޔަސް މިއީ ޖޯކެއް ނޫނެވެ. މި ރަށު މީހުންނަށް ދިމާވި ކަންތައްތައް އަހަންނަށް ވަރަށް ގާތުން ފެނުނެވެ. ހާއްސަކޮށް އަހަރެން އަމިއްލަ އަށް ތަޖުރިބާކުރި ކަންކަމަށް ފަހު މި ވާހަކަ އަށް ހޭ މީހަކަށް ވާން އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއް ނުވެ އެވެ. ގަބޫލުނުކުރިޔަސް ދެން މިއީ ހަގީގަތެވެ.
އަހަރެމެންގެ ރަށުގެ އާބާދީ އެހާ ބޮޑެއް ނުވާނެ އެވެ. ގާތްގަނޑަކަށް ހާހެއްހާ މީހުންނެވެ. ރަށުން ބޭރުގައި ދިރިއުޅޭ އާއިލާތައް ވެސް ގިނަ އެވެ. އެހެންކަމުން ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު ހަގީގަތުގައި ވަރަށް ވެސް މަދެވެ. އާ މޫނެއް ރަށު ތެރެއިން ފެންނައިރަށް އެއީ ބީރައްޓެއްސެއްކަން ވަރަށް ފަސޭހައިން އެނގެ އެވެ. ރަށުން ބޭރުން އަންނަ ބީރައްޓެހިންނަށް ރަށުގެ އެންމެން ވެސް ވަރަށް ކަމޭހިތާނެ އެވެ. ދިވެހިންނެވެ. ދިވެހިންހާ ހިތްހެޔޮބަޔަކު ނޫޅޭނެ ކަމަށް މީހުން ބުނަނީ ސަބަބުތަކެއް ވެސް ހުރީމަތާ އެވެ.
އޭނާ އަކީ ވެސް ބީރައްޓެއްސެކެވެ. މިހެން ބުނުމަށް ވުރެ ރަނގަޅުވާނީ އޭނާ އަކީ ވެސް އެންމެ ކުރިން ބީރައްޓެސެކޭ ބުނިއްޔާ އެވެ. އެއީ ރަށުން ބޭރުން އަދި އަތޮޅުން ވެސް ބޭރުން އައިސް ރަށަށް ފުންމާލި އާ މޫނެކެވެ. ޒުވާން އަންހެނެކެވެ. ހަނދާންވާ ގޮތުން އޭނާ އަހަރެމެންގެ ރަށަށް ދިރިއުޅުން ބަދަލުކުރިއިރު އުމުރަކީ ގާތްގަނޑަކަށް 30 އަހަރެވެ. މިވަރުން ކިޔާނީ ކީކޭ ހެއްޔެވެ؟ މުސްކުޅި ހެއްޔެވެ؟
އޭނާ ވަރަށް ވެސް ރީއްޗެވެ. ދެން އޭނާގެ އެ ރީތިކަން މިކަހަލަ ކީބޯޑަކުން ލިޔެ ބަޔާންކޮށްދޭނެ ގޮތެއް އަހަންނަކަށް ނޭނގެ އެވެ. ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިން ގެނެސްދޭ އެހެރަ ސިފަކުރުންތައް ހުށަހަޅައިދެވޭހާ އަހަރެން ކުޅަދާނައެއް ނޫނެވެ. އަހަރެން ސިފަކޮށްދޭނީ މިގޮތަށެވެ؛ ދެން ކޮންމެއަކަސް އޭނާ ވަރަށް، ވަރަށް، ވަރަށް އަދި ވަރަށް ރީއްޗެވެ. އެކަމަކު އަދި އެއް ކަމެއް ފާހަގަކޮށްލަންޖެހޭނެ އެވެ. އޭނާގެ އެންމެ ރީތި އެއް ސިފައަކީ އޭނާގެ ދަތްޕިލައިގެ ރީތިކަން ކަމަށް ރަށުގެ ގިނަ މީހުން ބުނެ އެވެ.
ނަމަކީ ޝަފީ އެވެ. މިއީ އަދި އޭނާގެ ނަމެއް ނޫނެވެ. މިއީ އަހަރެންގެ ނަމެވެ. ރައްޓެހިންނާއި ދަންނަ ގާތް މީހުން މަށަށް ގޮވާ ނަމެވެ. އަހަރެންގެ އަސްލު ނަމަކީ ޝަފީގު އެވެ. އަލީ ޝަފީގު އިބްރާހިމް އެވެ. ޝަފީ އަކީ އަހަރެން ވަރަށް ވެސް ހިތްހަމަޖެހޭ ނަމެކެވެ. އެ ނަން ވަރަށް އަންހެން ކަމަށް ބައެއް މީހުން ބުންޏަސް އެކަން އަހަރެން ގަބޫލެއް ނުކުރަމެވެ. އަދި މި އުޅެނީ އޭނާގެ ނަން ވެސް ނުބުނެވިގެން ދޯ އެވެ. އެއީ މަރިޔަމް އެވެ. ނަމުގެ އިތުރު ބައިތަކާ ބެހޭ މައުލޫމާތެއް ނޭނގެ އެވެ. ރަށުގެ އެންމެން އޭނާ ދަންނަނީ މަރީގެ ނަމުންނެވެ. އެއީ އޭނާގެ ރީތިކަމަށް ނިސްބަތްކޮށް ޒުވާންކުދިން ދިން �އެ ހަނދާނުގައި ރިމިކްސް� ނަމެކެވެ.
އޭނާގެ އަސްލު އުފަން ރަށެއް ވެސް ނޭނގެ އެވެ. ބައެއް މީހުން ބުނާ ގޮތުން އޭނާ އަކީ މާލެއިން އަހަރެމެން ރަށަށް ބަދަލުވި އަންހެނެކެވެ. ސިޓީތަކުގެ ދިރިއުޅުމަށް އޭނާ އެހާ ލޯބިނުކުރާ ކަމަށްވެ އެވެ. އެގޮތުން އޭނާ މާލެ އިން އެންމެ ފުރަތަމަ ބަދަލުވީ އައްޑު އަށް ކަމަށް މީހުން ބުނެ އެވެ. އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ އައްޑޫ ވެސް ސިޓީ އަކަށް ބަދަލުވުމުން އެންމެފަހުން މި ރަށަށް ބަދަލުވީ ކަމަށް ބުނެވެ އެވެ. މިއީ ހަމަ ރަށު ތެރޭގައި އެނބުރޭ އަޑުތަކެވެ. މިއީ ހަމަ ރާއްޖޭގެ އާދައިގެ ރަށެކެވެ.
ކުރިން ވެސް ބުނިހެން ރަށުގެ އާބާދީ އަށް ނިސްބަތްވާ ބައެއް މީހުން ދިރިއުޅެނީ ރަށުން ބޭރުގަ އެވެ. ސިޓީތަކުގަ އެވެ. އެހެންކަމުން ބައެއް ގެތައް ހުންނަނީ ފަޅަށެވެ. ހާއްސަކޮށް ރަށުގެ އުތުރު ފަރާތުގައި މީހުން ވަރަށް ވެސް މަދެވެ. މި އަންހެން މީހާ ދިރިއުޅެން ފެށީ ރަށުގެ އުތުރުބިތުގަ އެވެ. އެންމެ އެކަހެރި ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި އެއްވެސް ބަޔަކު ނޫޅެ އެވެ. ފަސް ގެ ހުރެ އެވެ. ހަތަރު ގެ ހުންނަނީ ފަޅަށެވެ. އޭނާގެ ގެ އަކީ ފަސް ވަނަ ގެ އެވެ. އެއީ ރަތްވިލާގެ އެވެ. އެ ގެ ނިސްބަތްވާ އާއިލާގެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭނާ މި ރަށަށް ބަދަލުވިއިރު ދުނިޔޭގައި އުޅެނީ ރަތްވިލާގޭ ހަސަންފުޅުގެ އާދަނު އެކަންޏެވެ. އޭނާ ދިރިއުޅެނީ މާލޭގަ އެވެ. މާލޭ ކުއްޖަކާ އިނދެގެން އޭނާގެ ގޭގަ އެވެ. އެހެންކަމުން އާދަނަކަށް ރަތްވިލާ މުހިންމެއް ނުވި އެވެ. އެ ބިން އޭނާ މަރިޔަމް އަށް ވިއްކާލީ ކަމަށްވެ އެވެ.
މަރިޔަމް އަހަރެމެންގެ ރަށަށް އައި ފުރަތަމަ ދުވަހު ވެސް ރަށުގެ މީހުން ކަންތައްކުރީ އާދައިގެ މަތިންނެވެ. ފެރީގައި އައިސް އޭނާ ފާލަމަށް ފޭބުމާ އެކު އޭނާގެ އެއްޗެހިތައް ގެއާ ހަމަ އަށް ގެންގޮސްދޭން ރަށުގެ ހިތްހެޔޮ މީހުން ދިޔަ އެވެ. އޭނާއާ ވާހަކަ ދައްކަން މީހުން މަސައްކަތްކުރި އެވެ. އާ މޫނެއްވީމަ ރަށުގެ އެންމެން ވެސް އޭނާ ދެކިލަން ބޭނުންވި އެވެ. އޭނާގެ ރީތިކަން ދިޔައީ އަދި ރަށުގެ ޒުވާން ކުދިންގެ ހިތްތަކާ ވެސް ކުޅެމުންނެވެ. އޭނާ ރަށު ތެރެއަށް އަރައިގެން އައީ ހިތްހެޔޮ ހިނިތުންވުމަކާ އެކު ބައެއް މީހުންނާ ވާހަކަ ވެސް ދައްކަމުންނެވެ. އެކަމަކު އޭނާ ގެނައި ދަ ބަސްތަކުގެ ތެރެއިން ދެ ދަބަހެއް އޭނާ ގެއާ ހަމަ އަށް ދެވެންދެން ދޫކޮށްނުލަ އެވެ. އެ ދެ ދަބަސް ފުދޭ ވަރަކަށް ބޮޑު ވެސްމެ އެވެ. އޭނާ ދިޔައީ ދެ ކޮނޑުގައި އަޅުވައިގެންނެވެ. އެއްވެސް ކަހަލަ ވަރުބަލިކަމެއް ވެސް ނުދައްކަ އެވެ. އޭނާ ރަށަށް ފައިބައިގެން އައި މަންޒަރު ބަލަން އަހަރެން ވެސް ހުރީމެވެ. ރައްޓެހި ކުދިންތަކަކާ އެކު އަހަރެން އިނީ ބޮޑުމަގުގެ ފާރުބުރިއެއް މަތީގަ އެވެ. ކައިރީގައި އަހަރެންގެ ބީއެމްއެކްސް ބައިކް ހުއްޓެވެ. އެއީ ރަށުގައި ހުރި އެކަހަލަ ހަމައެކަނި ބައިކެވެ. ރަށުގެ ހުރިހާ ރީތި އަންހެން ކުދިން އެހާ ފަސޭހައިން އަހަންނަށް ސެޓްވަނީ ވެސް އެ ބައިކާ ހެދި އެވެ.
އަހަރެމެންގެ ރަށަކީ އެ އަތޮޅުގައި ވެސް އޮތް އެންމެ ރީތި ރަށެވެ. އަހަރެން މި ބުނީ �އެންމެ ރީތި� މިހެންނެވެ. އެހެންވީމަ އެ ރީތިކަމުގެ އިތުރު ތަފްސީލަކަށް ދާކަށް ނުޖެހޭނެ ކަމަށް ގަބޫލުކުރަމެވެ. ރަށުގެ ބައެއް މީހުން ބުނާ ގޮތުން މަރިޔަމް އަހަރެމެން ރަށަށް ބަދަލުވުމުގެ ފޮރުވިފައިވާ ސިއްރަކީ ވެސް ރަށުގެ ޗާލު ކަމެވެ. މި ރަށުގެ ރީތިކަމުގެ ވާހަކަ ގައުމުގެ ރައީސް ވެސް އެކި ފަހަރުމަތިން އެ މަނިކުފާނުގެ ތަގުރީރުތަކުގައި ފާހަގަކުރައްވާފައިވެ އެވެ. ދެން މިއީ އަސްލު ބޭކާރު ވާހަކަ އެވެ. ވާހަކައިގެ އަސްލު ޝައުގުވެރިކަމާ ގުޅޭ ވާހަކަ ދައްކަމާ ހިނގާށެވެ.
އަހަރެން ކުރިން ވެސް ބުނިހެން އޭނާ، މި ބުނީ މަރިޔަމް، ދިރިއުޅެން ފެށީ ރަށުގެ އެންމެ އެކަހެރި، އެންމެ ފަޅު ހިސާބުގަނޑުގަ އެވެ. އިރުއޮއްސިއްޖިއްޔާމު އެ ސަަރަހައްދު އޮންނަކަމެއް ވެސް ނޭނގޭނެ އެވެ. އަލިކަމެއް އަދި ބައެއްގެ ހިލަމެއް ނުވާނެ އެވެ. ނަމަވެސް މަރިޔަމްއާ އެކު އެ ސަރަހައްދު އަލުން ރަށުގެ އާންމުންނާ ގުޅިގެން ދިޔައީ އެވެ. އޭނާ ރަތްވިލާގޭގައި ދިރިއުޅެން ފެށިފަހުން ރަށުގެ އެކި އުމުރުގެ މީހުން ރޭގަނޑު ވެސް އެ ދިމާލަށް ގޮސް އުޅޭނެ އެވެ. އެ ގެއަށް، މަރިޔަމްއާ އެކު އަނގަތަޅާލަން ވެސް ބައެއް މީހުން ދާން ފެށި އެވެ. ނަމަވެސް ފަހުންފަހުން އައިސް އެ ހުރިހާ ކަމެއް ހުއްޓުނީ އެވެ. އެ ގެ އަށް ގޮސްފަ އެނބުރި އަންނަ މީހުން ކިޔައިދެމުންދިޔަ ވާހަކަތަކާ ހެދި އެވެ. އެ ވާހަކަތަކާ އެކު ރަށުގެ ބައެއް މީހުން މަރިޔަމް ދެކެ ބިރުގަތީ އެވެ. އެކަމަކު އޭނާގެ ދިރިއުޅުމަށް މާ ބޮޑު ބަދަލުތަކެއް އައިކަމެއް ފާހަގައެއް ނުކުރެވެ އެވެ. ދުވާލު ގަނޑީގައި ރަށު ތެރެއަށް ނުކުމެ ބައެއް މީހުންނާ އަނގަތަޅާލަން ވެސް އުޅޭނެ އެވެ. އެގޮތަށް އުޅޭއިރު އޭނާގެ ސަމާލުކަން ހޯދަން އުޅޭ ޒުވާން ފިރިހެން ކުދިން ވެސް ފެނެ އެވެ.
ރަށު ތެރޭގައި ދެކެވޭ ވާހަކަތަކަށް ބީރު ކަންފަތެއް ދީގެން ބައެއް މީހުން އޭނާއާ އެކުގައި ވަގުތު ހޭދަކޮށް އަނގަތެޅިޔަސް އޭނާއާ ދިމާލަށް ބަލާލަން ނުކެރޭ މީހުން ވެސް ރަށު ތެރޭގައި އުޅެ އެވެ. އޭގެ ތެރެއިން އެކަކަކީ ޖަންބުމާގޭ ސިއްދީގު އެވެ. އޭނާ އަކީ މަރިޔަމް ރަށަށް ފޭބުމާ އެކު އޭނާއާ އެންމެ ފުރަތަމަ އަށް ވާހަކަ ދެއްކި އެކަކެވެ. މަރިޔަމްގެ ދަބަސްތައް އަމިއްލަ ގާޑިޔަލުގައި ގެއަށް ގެންގޮސްދިނީ ވެސް ސިއްދީގުބެ އެވެ. އެކަމަކު މަރިޔަމް އަހަރެމެން ރަށަށް ބަދަލުވިތާ ގާތްގަނޑަކަށް ހަ މަސް ދުވަސް ފަހުން އެ ދެ މީހުންގެ ގުޅުން ކެނޑުނީ އެވެ. ރަށު ތެރޭގައި އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެ އެވެ. ސިއްދީގުބޭ މަރިޔަމްގެ ގަޔަށް އަތްލާން އުޅުނު ވާހަކަ ވެސް ބައެއް މީހުން ދައްކަ އެވެ. އެ ދެ މީހުން ހިތާވެގެން އުޅެނިކޮށް މަރިޔަމް އެހެން ފިރިހެނަކާ ގުޅުން ހިންގައިގެން ދެ މީހުން ރުޅިވީ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. ކޮންމެއަކަސް އޭގެ އެއްވެސް ހަގީގަތެއް އަހަންނަކަށް ނޭނގެ އެވެ. މަރިޔަމް އަކީ ދެން އަހަރެމެންގެ އުމުރެއް ވެސް ނޫނެވެ. އެހެންވެ އަސްލު އެހާ ބޮޑު ޝައުގުވެރިކަމެއް ވެސް އަހަރެންގެ އެންމެ ފުރަތަމަ ނެތެވެ.
އެކަމަކު އަހަރެންގެ ޝައުގުވެރިކަން އޭނާ އަށް ދަމައިގަތީ ސިއްދީގުބޭގެ ކުއްލި މަރާ އެކުގަ އެވެ. ސިއްދީގުބޭ މަރުވެފައި އޮތްވާ ފެނުނީ އަތިރިމަތިންނެވެ. އެއީ ރަހުމްކުޑަ މަރެކެވެ. އޭނާގެ ހަށިގަނޑުގެ އެކި ދިމަދިމާލުގައި ބޮޑެތި ޒަހަމްތަކެއްހުރިއިރު އަނގައިގައި އެންމެ ދަތެއް ވެސް ނެތެވެ. ސިއްދީގުބެއޭ ބުންޏަސް އޭނާ އަކީ 47 އަހަރުގެ މީހެކެވެ. ފެންނަ ފެނުމަށް އޭނާގެ ދަތްތައް ވަނީ އެއްޗެއް ބޭނުންކޮށްގެން ގަދަކަމުން އުފުރާލައިފަ އެވެ.
ސިއްދީގުބެ އަކީ ރަށުގެ ކުދިބޮޑު އެންމެންގެ އެކުވެރިޔެކެވެ. އޭނާ އަކީ ވޯލްޑްކަޕާ އެކު މުޅި ރާއްޖޭގައި މަޝްހޫރުވެގެން އައި ޖަބްލާނީ އަހަރެމެންގެ ރަށަށް ތައާރަފްކޮށް އޭގެ އާދަޔާ ހިލާފު މީރު ފޯމިއުލާއެއް އުފެއްދި މީހާ އެވެ. އެހެންކަމުން ސިއްދީގުބޭގެ މަރާ އެކު މުޅި ރަށް ހިމޭންވި އެވެ.
ފުލުހުން ތަހުގީގު ވެސް ކުރި އެވެ. މީހުންނާ ސުވާލު ވެސް ކުރި އެވެ. އޭގެ ތެރޭގައި މަރިޔަމް ވެސް ހިމެނެ އެވެ. ހަފުތާއެއްގެ ތަހުގީގަށް ފަހު ދެ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ. އޭގެ ތެރެއިން އެކަކަކީ ޖަބްލާނީގެ ވިޔަފާރީގައި ސިއްދީގުބޭގެ ބޮޑު ހަތުރެކެވެ.
ސިއްދީގުބޭގެ މަރަށް ފަހު ރަށް ފުން ހިތާމައެއްގެ ތެރެއަށް ވެއްޓިގެންދިޔައިރު ރަށު ތެރެއަށް އޮތީ ބޮޑު ބިރުވެރިކަމެއް ވެސް ފެތުރިފަ އެވެ. އިރުއޮއްސުމާ އެކު އޭގެ ފަހުން އެންމެން ގޮތަކަށް ގެތަކަށް ވަދެ ތަޅުލަ އެވެ. ގިނަ މީހުން ބުނަނީ ރަށު ތެރެއަށް ބިރުވެރިކަން ފެތުރުމުގެ އަސްލަކީ މަރިޔަމް ކަމަށެވެ. ސިއްދީގުބޭގެ ގާތިލަކީ އޭނާ ކަމަށް ބުނާ މީހުން ވެސް ރަށުގައި ގިނަ އެވެ. ނަމަވެސް މަރިޔަމްގެ މާ ބޮޑު ހަގީގަތެއް އެނގޭ އެކަކު ވެސް ރަށުގައި އޭރު ނެތެވެ. އޭނާއާ ދެކޮޅަށް ފުލުހުންނަށް ވެސް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ.
ސިއްދީގުބޭގެ މަރަށް ފަހު ރަށު ތެރެއިން އާދަޔާހިލާފު ކަންކަން ފެންނަން ފެށި އެވެ. ހާއްސަކޮށް މަރިޔަމްއާ ގާތް ގުޅުމެއް ބާއްވަމުން ދިޔަ ރަށު މީހުންގެ މެދުގައި ފެތުރެން ފެށި ބަލިގަނޑު ފާހަގަކޮށްލެވެ އެވެ. އެއީ ވެސް ގޮތްނޭނގޭ ބައްޔެކެވެ. ބައެއް މީހުން ގަދައަށް ހުން އައިސް ނާރުތަކުގައި ރިއްސަނީ އެވެ. އަނެއް ބައެއްގެ އިނގިލިތަކުގެ ކުރީގައި ކުދި ބިހިތަކެއް ނަގައިގެން އިނގިލިތައް ވިރިގެން ފައިބަނީ އެވެ. މި އަލާމާތްތައް ފެންނަތާ މާ ގިނަ ދުވަސްތަކެއް ނުވެ އެ މީހުންގެ އަނގައިގެ ދަތްތައް ވެސް ފައިބަން ފަށަނީ އެވެ. މި ބަލިގަނޑާ އެކު އާންމުންގެ މެދުގައި ބިރުވެރިކަން ދިޔައީ އިތުރުވަމުންނެވެ. އެންމެން ވެސް އިނގިލި ދިއްކުރަމުން ދިޔައީ މަރިޔަނބަށެވެ. އެއް ބަޔަކު ބުނަން ފެށީ އޭނާ އަކީ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހެއް ކަމަށެވެ. ދެން ތިބި މީހުން ބުނަމުން ދިޔައީ އޭނާ އަކީ ނުބައި ސިހުރުވެރިއެއް ކަމަށެވެ. އަހަރެން ވެސް އަމިއްލަ އަށް ސިއްރުން ކުރިއަށް ގެންދިޔަ ދިރާސާތަކުން އޭނާގެ ކިބައިން ވަރަށް ވެސް އާދަޔާ ހިލާފު ކަންތައްތަކެއް ފާހަގަކުރެވުނެވެ.
މިސާލަކަށް ރޭގަނޑު 10 އެއްގެ ފަހުން އޭނާ އެއްވެސް ގޮތަކަށް، އެއްވެސް މީހަކާ ބައްދަލުނުކުރާ ކަމެވެ. ރޭގަނޑު ދިހައެއްގެ ފަހުން މަރިޔަމްގެ އެއްވެސް ހިލަމެއް ވެސް ރަށު ތެރެއިން ނުވާ ކަމެވެ. އެކަން ޔަގީންކުރުމަށް އެކުވެރި ކުދިންތަކަކާ އެކު އެއް ރޭ އަހަރެން އޭނާ ދިރިއުޅޭ ގެއަށް ވެސް ވަނީމެވެ. އެ ގޭ ތެރޭގައި އެއްވެސް މީހެއްގެ ހިލަމެއް ނުވެ އެވެ. އެކަމަކު މަރިޔަމްގެ ދެ ތިން ފޮއްޓެއް ފެނުނެވެ. ރަށަށް ފައިބައިގެން ދިޔަ ދުވަހު އޭނާ ދެ ކޮނޑުގައި އަޅުވައިގެން ގެންދިޔަ ބޮޑު ދެ ދަބަސް ފެންނާކަށް ނެތެވެ.
އޭނާގެ ކިބައިން ދެން އަހަންނަށް ފާހަގަކުރެވުނު އާދަޔާ ހިލާފު އަނެއް ކަމަކީ އޭނާގެ ރީތިކަމެވެ. އެފަދަ ދެ ވަނައެއް ނެތް އެ ރީތިކަމެވެ. ފެންނަ ފެނުމަށް އޭނާ، އަހަރެން އެންމެ ފަހުން ހިތާވެގެން އުޅުނު 18 އަހަރުގެ ދިފްލާ އަށް ވުރެ ވެސް ޅަ އެވެ. އަންހެން ކުދިންގެ ރީތި ކަމަކީ އަހަރެން ވަރަށް ވެސް ޝައުުގުވެރިވާ ކަމެކެވެ. އަހަރެން ކުރި ދިރާސާ އިން އަހަންނަށް ގަބޫލުކުރެވުނީ މަރިޔަމްގެ ރީތިކަމަކީ ބޮޑު އޮޅުވާލުމެއް ކަމެވެ. އޭނާގެ ދަތްޕިލައަކީ ޕްލާސްޓިކް ދަތްޕިލައެކެވެ. އަހަރެމެން އޭނާގެ ގެ އަށް ވަގަށް ވަންރޭ އެ ރީތި ދަތްޕިލަ އޮތީ އޭނާގެ އެނދުމަތީގަ އެވެ. ކޮޓަރި ތެރެއިން އެއް ވައްތަރެއްގެ ވިގްތަކެއް ވެސް ފެނުނެވެ. މަރިޔަމްގެ ބޮލުގައި އޮންނަ ކަހަލަ ފަން ދިގު އިސްތަށިގަނޑުގެ އަސްލަށް ދާ ވިގްތަކެކެވެ. އެނދުގެ ބޯލާކޮޅުން އިންސާނެއްގެ ދަތެއް ވެސް ފެނުނެވެ. އެއީ ފޭރާ ދަތެކެވެ. އަހަރެން އެނބުރި ދިޔައީ އެ ދަތް ޖީބަށް ލައިގެންނެވެ.
ރަށު ތެރޭގައި މީހުން މަރިޔަމްއާ ބެހޭ ގޮތުން ދައްކާ ގިނަ ވާހަކަތައް އެ ރެއަށް ފަހު ގަބޫލުކުރަން ފަސޭހަވާން ފެށި އެވެ. އަހަރެމެން ދެން ނިންމީ ރޭގަނޑު ދިހައެއްގެ ފަހުން މަރިޔަމް އަށް ވާ ގޮތެއް ބެލުމަށެވެ. އަހަރެމެންގެ ޕްލޭން އޮތީ ވަރަށް ވެސް ސިއްރުކޮށްފަ އެވެ. އެ ތައްޔާރީގެ ތެރޭގައި އުޅެނިކޮށް ދެ ވަނަ މީހަކު ރަށުން މަރުވީ އެވެ. އެއީ ކުރިން އަހަރެން ބުނި ބަލިގަނޑުގައި އުޅުނު މީހެކެވެ. އޭނާ އެ ބަލީގައި މަރުވެގެން ދިޔައިރު ވެސް ހުރިހާ ދަތްތަކެއް ވަނީ ވެރިފަ އެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އޭނާގެ ދަތްތަކަށް ވެސް ވީ ގޮތެއް ނޭނގުމުންނެވެ. އޭނާގެ އާއިލާގެ ބައެއް މީހުން ބުނީ ދަތްތައް މަދުކަން އޭނާ އަށް އެނގެނީ ނިދިން ހޭލައިގެން މޫނު ދޮންނަން ވަނުމުން ކަމަށެވެ.
އެ މަރަށް މާ ގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް އިތުރު މީހަކު މަރުވެއްޖެ އެވެ. އެއީ ވެސް ކުރިން މަރިޔަމްއާ ގާތް ގުޅުމެއް ބާއްވަމުން ދިޔަ ޒުވާން ފިރިހެން ކުއްޖެކެވެ. ބައެއް މީހުން ބުނާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ލޯބީގެ ސިއްރު ގުޅުމެއް ވެސް އޮތީ ހިނގާފަ އެވެ. އޭނާ މަރުވީ ރަށު ތެރޭގައި ފެތުރެމުން ދިޔަ ނުރައްކާތެރި ބަލިގަނޑާ ހަނގުރާމަކުރަމުން ދަނިކޮށެވެ. މަރުވިއިރު އޭނާގެ އަނގައިގައި ވެސް ދަތެއް ނެތެވެ.
އެ މަރާ އެކު މުޅި ރަށް ހޫނުވީ އެވެ. ރައްޔިތުން ރަތަށް އެރީ އެވެ. އެއް ބަޔަކު ރޮނީ އެވެ. ބައެއް މީހުން މޮޔަވަނީ އެވެ. އަނެއް ބަޔަކު ރަށް ދޫކޮށް އެހެން ރަށްތަކަށް ބަދަލުވަނީ އެވެ. ރަށުގައި ތިބި ޖެހިލުންކުޑަ މީހުންގެ ބަޔަކު އެއްވެގެން މަރިޔަނބާ ދިމާކުރަން ނުކުތީ ދެނެވެ. އެއީ ރޭގަނޑެކެވެ. އެ ގްރޫޕުން ރަތްވިލާގެ އަށް ވަނީ މީހެއްގެ ޚަބަރެއް ނުވުމުން އެންމެފަހުން ދޮރު ހަލާކުކޮށްލައިގެނެވެ. ބޮކިތައް ވަނީ ދިއްލައިފަ އެވެ. އެކަމަކު މަރިޔަނބެއް ނެތެވެ. ރަށު މީހުންނަށް އޭނާ ގެއްލުނީ އެ ހިސާބުންނެވެ.
އަނެއްކާ ވެސް ރަށަށް އައީ ފުލުހުންގެ ޓީމެކެވެ. އޭރު ރާއްޖޭގައި އެންމެ މަޝްހޫރު ޚަބަރަކީ އަހަރެމެންގެ ރަށުގެ އާދަޔާ ހިލާފު ވާހަކަތަކާއި ރަހުމްކުޑަ މަރުތަކުގެ ވާހަކަ އެވެ. ވީނުވީއެއް ނޭނގި އަންހެނަކު ގެއްލުނު ވާހަކަ އެވެ. ފުލުހުންގެ ތަހުގީގު މިފަހަރު ވަރަށް ވެސް ފުޅަލެވެ. އެކަމަކު ވެސް އެދެވޭ ނަތީޖާއެއް ނުކުންނަ ގޮތެއް މިފަހަރު ވެސް ނުވި އެވެ. ނަމަވެސް ރަށަށް ކުރިމަތިވި ބިރުވެރިކަމުގެ އަސްލަކީ މަރިޔަމް ކަމަށް އެންމެން ވެސް އޭރު ގަބޫލުކުރެ އެވެ. އަދި ފުލުހުންގެ ތަހުގީގުގައި ރަތްވިލާގެއިން އިންސާނުންގެ ގިނަ އަދަދެއްގެ ދަތްތަކެއް ފެނުމުން މަރިޔަމް އަށް ކުރެވެމުން ދިޔަ ތުހުމަތުތަކަށް އިތުރު ބާރެއް ވެސް ލިބުނެވެ. އޭނާ ދިރިއުޅުނު ގެއިން ފެނުނީ ރިހި ދަތް ގޯންޏަކާއި ރަން ދަތް ގޯންޏެކެވެ. މަރިޔަމް އަކީ ސަންތި މަރިޔަނބެވެ. މި ރަށަށް މުޅި ރާއްޖޭގެ ސަމާލުކަން ލިބި އެންމެން އަހަރެމެންނަށް ޖޯކްޖަހަން ފެށި ހިސާބަކީ މިއީ އެވެ.
އެކަމަކު މިއީ ހަގީގަތެވެ. އެ ދެ ގޯނި މިހާރުވީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ތަހުގީގު ދަނީ އަދިވެސް ކުރިއަށެވެ. އެކަމަކު ވަރަށް ވެސް ސިއްރުކޮށްގެނެވެ.
ސަންތި މަރިޔަނބަކީ ހިޔާލެއް ނޫން ކަމަށް އަހަރެން މިހާރު ގަބޫލުކުރަމެވެ. ތާރީހުން އެނގޭ ގޮތުން ފުރަ މާލެ އާއި އައްޑޫ އިން ވެސް އަހަރެމެންގެ ރަށާ އެއްގޮތަށް ގިނަ އަދަދެއްގެ ބަޔަކު މަރުވެ އިތުރު ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވެ އެވެ. އަދި އައްޑޫގެ ކަށްބޯ ހެރާގައި ވަރަށް ރީތި ދަތްޕިލައެއްގެ ވެރި އަންހެނަކު ކުރިން ދިރިއުޅުނު ކަމަށް ވެސްވެ އެވެ. ލަފާ ކުރެވޭ ގޮތުން އެއީ ސަންތި މަރިޔަނބެވެ.
އާދަޔާ ހިލާފު ގޮތަކަށް މަރިޔަބު ގެއްލުނުތާ މިހާރު ހަ މަސްވީ ނަމަވެސް އަހަރެމެންގެ ރަށަށް އަދިވެސް ހަމަޖެހުމެއް ނުލިބެ އެވެ. ތަފާތު އެކި ބަލިތައް ރަށު ތެރޭގައި ދަނީ އަދިވެސް ފެތުރެމުންނެވެ. މަރިޔަނބުގެ ކޮޓަރިން ހޮވި ފޭރާ ދަތް އަހަރެން އަތުގައި އަދިވެސް އެބައޮތެވެ. އެކަން އެނގެނީ އަހަންނަށް އެކަންޏެވެ.
ތީމް ފޮޓޯ: ސެޗީޒް ޕޯޓްރެއިޓް ސްޓޫޑިއޯ

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
26 comments