ވޭސްޓް މެނެޖްމެންޓް

ހުޅުމާލޭ ބާބަކިޔު ސަރަހައްދުގައި ހުރި ގާކުނޑިތައް ނަގަން ނިންމައިފި

އަލީ ޔޫސުފް
20 މެއި 2012 13:53 2 ކޮމެންޓު
  • ހުޅުމާލޭގެ ބާބަކިޔު ހަދާ ސަރަހައްދު: އެ ސަރަހައްދަށް ކުނި އެޅުމުގެ ސަބަބުން ވަރަށް ބޮޑަށް ވަނީ ގޮނޑުވެފައި. --ހަވީރު ފައިލް ފޮޓޯ

ހުޅުމާލޭ އިރު އުތުރު ކޮޅުގައި އޮންނަ ބާބަކިޔު ހަދާ ސަރަހައްދަށް ޖަމާކޮށްފައި ހުރި ގާކުނޑިތައް ނަގައި އެ ސަރަހައްދު ސާފުކުރުމަށް ބަޔަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވީ އެ ސަރަހައްދަށް ގާކުނޑި އެޅުމަށް ކުރިން ހުއްދަ ދިން ކަމަށާއި، ނަމަވެސް އެ ސަރަހައްދަށް މާ ބޮޑަށް ކުނި ޖަމާވުމުން މިހާރު އެކަން މަނާކޮށްފައިވާ ކަމަށެވެ.

"މަނާކުރި ނަމަވެސް އެ ސަރަހައްދަށް ބައެއް މީހުން ކުނި އަޅަމުންދަނީ. އެކަން ބޮޑުވެ އެ ސަރަހައްދު ގޮނޑުވާތީ ސާފުކުރުމަށް އަޅުގަނޑުމެން އެބަ މަސައްކަތްތަކެއް ރާވަން. އެކަން ބަޔަކާ ހަވާލުކުރުމަށް ވަރަށް އަވަހަށް އިއުލާންކުރާނަން،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދުގެ އިތުރުން ހުޅުމާލޭ ކުނިގޮނޑު ވެސް ހަމައަކަށް އަޅުވަންޖެހިފައިވާ ކަމަށާއި އެ ސަރަހައްދުގައި ވެސް ތިލަފުއްޓަށް ގެންދަންޖެހޭ ކުނި އެބަހުރި ކަމަށެވެ.

"އެކަން ވެސް ހައްލުކުރުމަށް އަޅުގަނޑުމެން މި އަންނަނީ މަސައްކަތްކުރަމުން." އޭނާ ވިދާޅުވި އެވެ.

ހަފުތާ ބަންދާ ދިމާކޮށް ގިނަ ބަޔަކު މަސް ފިހުމަށް ދާ ސަރަހައްދު ރަނގަޅަށް ނުބެލެހެއްޓި ވަރަށް ބޮޑަށް ވަނީ ގޮނޑުވެފަ އެވެ. ގާކުނޑީގެ އިތުރުން އެ ސަރަހައްދަށް ބާބަކިޔު ހަދަން ދާ މީހުން އަޅާ ކުނިތައް ވެސް ނުނެގި އެތަން ވަނީ ވަރަށް ބޮޑަށް ގޮނޑުވެފަ އެވެ. އަދި އެޗްޑީސީން އެ ސަރަހައްދުގައި ބަހައްޓާފައިވާ ބާބަކިޔު ގްރިލްތައް ވެސް ހަލާކުވެ ތަން ގޮނޑުވުމުގެ ޝަކުވާތައް ދަނީ އިތުރުވަމުންނެވެ.

"އެ ތަކެތި ވެސް އަޅުގަނޑުމެން މަރާމާތުކޮށް ހަދަން. ހަލާކުވެފައި ހުރިއްޔާ އަޅުގަނޑު ޖެހޭނީ އެކަންވެފައި އޮތް ގޮތެއް ބަލާލަން. އެ ސަރަހައްދު ބެލެހެއްޓުން ބަޔަކާ ހަވާލުނުކުރަން ވެސް މި އުޅެނީ އެ ސަރަހައްދަށް ދާ މީހުން އަތުން ފީއެއް އެއްޗެއް ނެގުން ފަދަ ކަމެއްކޮށްފާނެތީ. އެ ސަރަހައްދުގެ ބޭނުން ހިފާ މީހުން ވެސް އެކަށީގެންވާ ގޮތެއްގައި ނުބަލާތީ ކުނި ގިނަވެ ގޮނޑުވަނީ،" ސުހައިލް ވިދާޅުވި އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait