ދުނިޔެ ހޫނުވާކަމުގެ އިންޒާރު ސައެންސްވެރިންގެ ގްރޫޕްތަކުން އެކި ފަހަރު މަތިން ދީފައިވެ އެވެ. އާ ހޯދުންތަކުގެ އަލީގަ އެވެ. ނަމަވެސް މޫސުމާ ބެހޭ ދިރާސާކުރާ ސައެންސްވެރިންގެ ޓީމަކުން އެންމެ ފަހުން ހާމަކުރި މައުލޫމާތުތަކުން ކަންބޮޑުވުންތައް އިތުރުވެއްޖެ އެވެ. ސައެންސްވެރިންގެ ޖަމާއަތުން ބުނެފައި ވަނީ ކުރިއަށް އޮތް ތަނުގައި 3.5 ޑިގްރީ ސެލްސިއަސް ( 6.3 ޑިގްރީ ފެރަންހައިޓް) އަށް ހޫނުމިން މައްޗަށް ޖެހޭނެ ކަމަށެވެ. ނަތީޖާއަކަށް ވެގެންދާނީ ދުނިޔެ އަށް އިތުރަށް ހަނަފަސްކަން ކުރިމަތިވުމެވެ.
މިއީ އދ. އިން އަންދާޒާކޮށްފައިވާ މިންވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސް މަތީ މިންވަރެކެވެ. ދުނިޔޭގެ ހޫނުމިން މައްޗަށް ޖެހޭނެ ކަމަށް އދ.ގެ ހޯދުންތަކުން ދައްކާފައި ވަނީ ދެ ޑިގްރީ ސެލްސިއަސް ނުވަތަ 3.6 ޑިގްރީ ފެރަންހައިޓަށެވެ.
ޖަރުމަނުގެ ބޮންގައި މިދިޔަ ހަފުތާގައި ނިމިގެންދިޔަ 11 ދުވަހުގެ މަޝްވަރާތަކުގައި ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ 3.5 ޑިގްރީ އަށް ހޫނުމިން މައްޗަށް ޖެހިއްޖެ ނަމަ އެއީ ދުނިޔެ އަށް ނުރައްކާ މިންވަރެއް ކަމަށެވެ. ކްލައިމެޓް އެކްޝަން ޓްރެކާ (ސީއޭޓީ) އިން ބުނެފައި ވަނީ މި މިންވަރަށް ދުނިޔެ ހޫނުވެއްޖެ ނަމަ ގަސްގަހާ ގެއްސާއި ޖަނަވާރުތައް މަރުވާނެ ކަމަށެވެ. އެހެން ކަމުން މިފަދަ ބޮޑު މުސީބާތަކުން ސަލާމަތްވެވެން އޮތީ ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ދައުރު ފުރިހަމަ ގޮތުގައި އަދާކޮށްގެން ކަމަށް ސައެންސްވެރިންގެ ޓީމުން ވަނީ ގޮވާލައިފަ އެވެ. މި ގޮތުން ގްރީންހައުސް-ގޭސް ޖައްވަށް ބޭރުކުރާ މިންވަރު ކޮންޓްރޯލް ކުރުން އެއީ އެންމެ މުހިންމުކަންތައް ކަމުގައި ފާހަގަކޮށްފައިވެ އެވެ.
ގްރީސްހައުސް ގޭސް ޖައްވަށް ބޭރުކުރާ ނިސްބަތް މިހާރު އުޅެނީ އަހަރަކު 48 ބިލިއަން ޓަނުގަ އެވެ. މީގެ ތެރޭގައި ކާބަންޑައިއޮކްސައިޑާއި މީތޭން ގޭސް ވެސް ހިމެނެ އެވެ. އދ. އިން ކަނޑައަޅާފައިވާ އަމާޒު ކަމަށްވާ ދެ ޑިގްރީގައި ހޫނުމިން ހިފެހެއްޓުމަށް ޓަކައި 2020 އާ ހަމައަށް ދާއިރު 44 ބިލިއަން ޓަނުގެ ސީލިންއެއް ކަނޑައަޅަން ޖެހެ އެވެ. ނަމަވެސް ގްރީންހައުސް ގޭސް މިހާރު ބޭރުކުރާ ނިސްބަތަށް ބަލާއިރު މި އަމާޒު ހާސިލުވުމަކީ ދުރުގައިވާ ކަމެކެވެ.
ދުނިޔެ އަށް ދޫކުރާ ގްރީންހައުސް ގޭހުގެ ތެރެއިން ހަ ބިލިއަން ޓަނުގެ ގޭސް ޖައްވަށް ދޫކުރަނީ އެމެރިކާ އިންނެވެ. ޗައިނާ އިން ހަތް ބިލިއަން ޓަން ދޫކުރާ އިރު ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގެ ނިސްބަތް އުޅެނީ ފަސް ބިލިއަން ޓަނުގަ އެވެ.
ޖަރުމަނުގެ ބޮންގައި އދ.ގެ ތިމާވެއްޓާ ބެހޭ ސަމިޓެއް ބާއްވާފައި މިވަނީ ގްރީންހައުސް ގޭސް ބޭރުކުރާ ނިސްބަތް މަދުކުރުމަށް އާ އެއްބަސްވުމަކަށް މަގު ކޮށުމަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދެކުނު އެފްރިކާގެ ޑާބަންގައި ބޭއްވި ތިމާވެށީގެ ބޮޑު ބައްދަލުވުމުގައި ވަނީ މިފަދަ އެއްބަސްވުމެއް އެކުލަވާލުމަށް އެއްބަސްވެފަ އެވެ. އަދި މި އެއްބަސްވުން 2015 ވަނަ އަހަރު ނިންމައި 2020 ވަނަ އަހަރު އެއަށް އަމަލު ކުރަން ފެށޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ތަޖުރިބާކާރުން ބުނަމުން ދަނީ މިފަދަ އެއްބަސްވުމަކާ މެދު ގައުމުތަކުން އެއްގަލަކަށް އެރުމަކީ ދުރު ކަމެއް ކަމަށެވެ. ގިނަ ބަޔަކު އިނގިލި ދިއްކުރަނީ ޗައިނާ އަދި އިންޑިޔާ ފަދަ ގައުމުތަކަށެވެ. މި ގައުމުތަކުން ގަބޫލް ކުރާ ގޮތުގައި ގްރީންހައުސް ގޭސް މަދުކޮށްފި ނަމަ އެ ގައުމުތަކުގެ ސިނާއީ މަސައްކަތްތައް ވަރަށް ބޮޑަށް ދަށަށްދާނެ އެވެ. އެކަމަކު މޫސުމާ ބެހޭ މަޝްވަރާތަކަށް އެމެރިކާ އިން ކަނޑައަޅާފައިވާ ޖޮނަތަން ޕާޝިން ވިދާޅުވީ ގްރީންހައުސް ގޭސް މަދުކުރުމަށް ބޮޑެތި ގައުމުތަކުން އެއްބަސްވުމުން ދޭހަކޮށްދެނީ މިކަމުން ދުނިޔެ އަށް ކުރިމަތިވާނެ ގެއްލުން އެ ގައުމުތަކަށް އެނގޭތީ ކަމަށެވެ.
އެހެންވެ މި އަހަރުގެ ޑިސެމްބަރު މަހު ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ ތިމާވެށީގެ ސަމިޓުގައި ވެސް މާބޮޑު ކުރިއެރުންތަކެއް ހޯދުމަކީ ދުރުގައިވާ ކަމެކެވެ. ކިޔޯޓޯ މުއާހަދާ އަށް ފަހު އޭގެ ބަދަލުގައި އެހެން އެއްބަސްވުމަކާ ހަމައަށް ގަތަރު ސަމިޓުގައި ދާން ޖެހެ އެވެ.
ޑިސެމްބަރު މަހުގެ އޮންނަ ބައްދަލުވުމުގެ ކުރިން ޖޫން މަހު ބްރެޒިލުގައި ވަނީ އާތު ސަމިޓް ބޭއްވުމަށް ހަމަޖައްސައިފަ އެވެ. ނަވާރަ ސަތޭކަ ނުވަ ދިހަ ދެ ވަނަ އަހަރު ރިއޯގައި ސަމިޓް ބޭއްވިތާ 20 އަހަރު ފަހުން އަނެއްކާ ވެސް އެފަދަ ސަމިޓަކަށް ތައްޔާރުވާއިރު ދުނިޔެ އަށް ކުރިމަތިވެދާނެ ތިމާވެށީގެ ބޮޑު ނުރައްކަލަކުން ސަލާމަތްވުމަށް ފިޔަވަޅު އަޅަން ކުރަން ޖެހޭ މަސައްކަތް ވަރަށް ލަސްކަމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ފާހަގަކުރެ އެވެ.

2 comments