ރިއޯ+20

ސިޔާސީ ކަންކަން ހިންގަންވާނީ ގައުމަށް ކުރިއެރުން ލިބޭނެ ގޮތަކަށް: ރައީސް

އަލީ ޔޫސުފް
12 ޖޫން 2012 13:11 6 ކޮމެންޓު
  • ރިއޯ ޕްލަސް 20 ސަމިޓަށް ރާއްޖޭގެ ކުޑަކުދިންގެ ފަރާތުން ހުށަހަޅާ ޝުއޫރު މިއަދު ދަރިވަރަކު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އަރުއްވަނީ--ހަވީރު ފޮޓޯ/ ނަސްރުﷲ ސޯލިހު

  • "ރިއޯ ޕްލަސް 20" އަށް ދިވެހި ކުޑަކުދިންގެ ފަރާތުން ފޮނުވާނެ ޝުއޫރެއް ކަނޑައެޅުމަށް އިއްޔެ އާއި މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި އޮތް ބައްދަލުވުން --ހަވީރު ފޮޓޯ/ ނަސްރުﷲ ސޯލިހު

  • "ރިއޯ ޕްލަސް 20" އަށް ދިވެހި ކުޑަކުދިންގެ ފަރާތުން ފޮނުވާނެ ޝުއޫރެއް ކަނޑައެޅުމަށް އިއްޔެ އާއި މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި އޮތް ބައްދަލުވުން --ހަވީރު ފޮޓޯ/ ނަސްރުﷲ ސޯލިހު

  • "ރިއޯ ޕްލަސް 20" އަށް ދިވެހި ކުޑަކުދިންގެ ފަރާތުން ފޮނުވާނެ ޝުއޫރެއް ކަނޑައެޅުމަށް އިއްޔެ އާއި މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި އޮތް ބައްދަލުވުން --ހަވީރު ފޮޓޯ/ ނަސްރުﷲ ސޯލިހު

ގައުމުގެ އިގްތިސާދީ އަދި ސިޔާސީ ކަންކަން ރާވާ ހިންގަންވާނީ ގައުމަށް ދިރުން ގެނެވޭނެ ގޮތަކަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ބްރެޒިލްގެ ރިއޯގައި ބާއްވާ ތިމާވެއްޓާ ބެހޭ ސަމިޓު "ރިއޯ ޕްލަސް 20" އަށް ދިވެހި ކުޑަކުދިންގެ ފަރާތުން ފޮނުވާނެ ޝުއޫރެއް ކަނޑައެޅުމަށް އިއްޔެ އާއި މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި އޮތް ބައްދަލުވުމުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ ސިޔާސީ ކަންކަން ކުރިއަށް ގެންދަންޖެހޭނީ ގައުމުގެ މުއްސަނދިކަމާއި ގައުމުގެ އިޖުތިމާއީ ރައުސުލްމާލު އިތުރުކުރެވޭނެ ގޮތަށް ކަމަށެވެ.

"ގައުމެއްގައި ހަމަޖެހުން އިތުރުވެ އެކުވެރިކަމާ އެއްބާރުލުން އޮތުމަކީ އަދި ގާނޫނުގެ ވެރިކަން ހިންގުމާއި ސުލްހަވެރިކަން އިތުރުވުމަކީ ވެސް ގައުމުގެ އިޖުތިމާއީ ރައުސުލްމާލު އިތުރުވެގެންދާ ކަމެއް. އޭގެ ސަބަބުން ގައުމު ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ދިއުމަށް ވަރަށް ބޮޑު ބާރެއް ލިބިގެންދާނެކަން ޔަގީން،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހަމައެކަނި މިއަދުގެ ޖީލަށް އަމާޒުކޮށް ގައުމުގެ މުއްސަނދިކަމާއި ވަސީލަތްތައް ހުސްކޮށްލުމަކީ އަންނަން އޮތް ޖީލުތަކަށް ވެވޭ ވަރަށް ބޮޑު އިހާނާތެއް ކަމަށާއި މިހާރު ހުރި ގުދުރަތީ މުއްސަނދިކަމަށް ގެއްލުން ލިބޭ މަޝްރޫއުތައް ހިންގުމަކީ ވެސް އަންނަ އޮތް ޖީލުތަކަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން މިހާތަނަށް އެންމެ އެކަށީގެންވާ ގޮތުގައި ހޯދިފައި ނުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ ކަނޑުފަޅުތަކުގައި ހުރި ގުދުރަތީ މުއްސަނދި ކަމަކީ އަދި މިހާތަނަށް އެނގި ސާބިތުވެފައިވާ ކަންކަމެއް ނޫން. ރާއްޖޭގެ ކުޅިފަދަ ތަންތަނުގެ މުއްސަނދިކަމަކީ ވެސް އަދި މިހާތަނަށް ދިރާސާކުރެވިފައިވާ ކަންކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ނާއިބު ރައީސް މުހައްމަދު ވަހީދުއްދީންގެ އިތުރުން ސަރުކާރުގެ ބައެއް އެހެން އިސްވެރިން ވެސް ބައިވެރިވަޑައިގެންނެވި މި ޖަލްސާގައި ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި އާބާދީއަކަށް ތަރައްގީވެވެން ނެތް ކިތަންމެ ރަށެއްގައި މީހުން ދިރިއުޅެމުންދާ ކަމަށާއި މިފަދަ ރަށްރަށުގެ ރައްޔިތުންނާ އެކު ދެމެހެއްޓެނިވި ތަރައްގީއާ ބެހޭ ގޮތުން މަޝްވަރާކުރަންޖެހޭ ކަމަށެވެ.

"މި މަސައްކަތުގައި ވިސްނަންވާނީ ކުރިއަށް އޮތް 10 އަހަރަކަށް ނޫން. މަދުވެގެން ފަންސާހަކަށް އަހަރަށް ވިސްނަންޖެހޭ. ރަށެއްގެ އަބާދީއަށް 50 އަހަރުގެ ތެރޭގައި ވާނެ ގޮތް މިހާރު ވެސް އެބަ ދެނެގަންނަންޖެހޭ،" ޑރ. ވަހީދު ވިދާޅުވި އެވެ.

މާލެ އާއި 20 އަތޮޅުގެ ތަފާތު ސްކޫލްތަކުގެ ކުދިން ބައިވެރިވެގެން އެކުލަވައިލި ޝުއޫރު ރައީސަށް ހުށަހެޅި މި ޖަލްސާގައި ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާވެއްޓާ ރައްޓެހި ވިސްނުމުގައި ރާއްޖޭގެ ތަރައްގީ ހަކަތައިގެ ގޮތުން ހަމައެކަނި ތެލުގެ މައްޗަށް ބަރޯސާކޮށްގެން ދެމެހެއްޓެން ނެތް ކަމަށާއި ލިބޭ އާމްދަނީގެ ބޮޑު ބައެއް މިހާރު ވެސް ހަރަދުކުރަނީ ތެލަށް ކަމަށެވެ.

"ވީމާ މިހާރުންސުރެ ތެލުގެ ބޭނުންކުރެވޭ މިންވަރު ދަށްކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

ކުޑަކުދިންގެ ފަރާތުން ރައީސަށް އެރުވި ޝުއޫރުގައި ބުނެފައި ވަނީ ރާއްޖެ އަށް ތިމާވެށީގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށާއި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތައް ދެމިއޮތުމާ މެދު ސުވާލު އުފެދޭ އިރު ރާއްޖޭގެ ކުޑަކުދިން ބޭނުން ވަނީ ރާއްޖެ މިހާރު ވެސް އޮތް ރީތިކަންމަތީގައި މުސްތަގުބަލުގައި ވެސް ދެމި އޮތުން ކަމަށެވެ. އަދި އެ ކަމުގައި ދުނިޔޭގެ އެހެން ގައުމުތަކުން ރާއްޖެ އަށް އެހީތެރިވުމަށް އެ ކުދިންގެ މި ޝުއޫރުގައި ގޮވާލައިފައި ވާއިރު "ރިއޯ ޕްލަސް 20" ސަމިޓުގައި ގައުމުތަކުގެ އިސް ވެރިންނަށް އެ ކުދިންގެ ފަރާތުން މި ކަންކަން ހުށަހަޅުއްވައި ބައްދަލުވުމުގައި އެ ކުދިންގެ އަޑު އިއްވައިދިނުމަށް ރައީސްގެ އަރިހުން އެ ކުދިން އެދިފައިވެ އެވެ.

ގާތްގަނޑަކަށް 140 ގައުމުގެ އިސް ވެރިން ބައިވެރިވާ ރިއޯ ސަމިޓުގެ އަރިމަތީގެ ބައްދަލުވުންތައް މާދަމާ ފަށާއިރު ޕާޓްނާޝިޕް ފޯރަމް ކުރިއަށްދާނީ މި މަހުގެ 20 އިން 22 އަށެވެ. މި ބައްދަލުވުންތަކުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ގާތްގަނޑަކަށް 50،000 މީހުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait