އަންނަ ހަފުތާގައި ރަސްމީކޮށް ފަށާ ރިއޯ+ 20 ސަމިޓަށް ތައްޔާރުވުމުގެ ބައްދަލުވުންތައް މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށްދާ އިރު ބޮޑެތި މައްސަލަތަކާ މެދު ގައުމުތަކުގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް ހުރީ ހަމަ އެ ގޮތުގަ އެވެ. ބްރެޒިލްގެ ރިއޯ ޑީ ޖެނީރޯގައި މި މަހު 20- 22 އަށް ބާއްވާ ބޮޑު ސަމިޓަށް ހުށަހެޅުމަށް ޑްރާފްޓްކޮށްފައިވާ އެއްބަސްވުމުގައި ވަނީ ހަކަތަ އާއި ފެން އަދި ކާބޯތަކެތީގެ ރައްކާތެރިކަން ފަގީރު ގައުމުތަކަށް ހޯދައިދިނުމަށް މަގުފަހިކޮށްދީފަ އެވެ. އަދި "ދަ ފިއުޗާ ވީ ވޯންޓް" ނުވަތަ "އަހަރެމެން ބޭނުންވާ މުސްތަގްބަލް"ގެ ނަމުގައި ތައްޔާރުކޮށްފައިވާ އެއްބަސްވުމުގައި ވަނީ ފޮސިލް ފިއުލް ނައްތާލުމަށް ބާރު އަޅައިފަ އެވެ. އަދި ހަމަ ކަނޑުތަކުގެ ހިމާޔަތުގައި ވެސް ވަނީ ކަންތައްތަކެއް ކުރަން ރާވައިފަ އެވެ. ނަމަވެސް ސަމިޓް ފަށަން ވަގުތު ކުޑަތަންވެފައިވާ އިރު މުހިންމު ކަންތައްތަކާ މެދު އަދިވެސް އެއްބަސްވުމަކަށް ނާދެވެ އެވެ. އެންމެ ބޮޑު ހުރަހަކަށްވެފައި ވަނީ އެމެރިކާ، ރަޝިޔާ، ޖަޕާން އަދި އީޔޫގެ ތަރައްގީވެފައިވާ ގައުމުތަކެވެ.
ދެމެހެއްޓެނިވި ތަރައްގީ އަށް ލަނޑުދަނޑިތަކެއް ހާސިލް ކުރުމަށް ވެސް ސަމިޓުގައި ވަނީ ކަނޑައަޅައިފަ އެވެ؛ ތަރައްގީވަމުން އަންނަ ގައުމުތަކުން ފަގީރުކަން ނައްތާލައި ފުރިހަމަ ސިއްހަތެއް ހޯދައިދީ އަދި ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަގްސަދުގަ އެވެ. ނަމަވެސް ފަގީރު ގައުމުތަކަށްޓަކައި މުއްސަނދި ގައުމުތަކުގެ އިގްތިސާދުން ބައެއް ހިއްސާކޮށްފާނެބާވަ އެވެ؟
ނަވާރަ ސަތޭކަ ނުވަ ދިހަ ދެ ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އާތު ސަމިޓުގެ ނިންމުންތަކުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދޭނެ ކަމަށް އުއްމީދު ކުރެވުނެވެ. ނަމަވެސް އޭގެ 20 އަހަރު ފަހުން ބްރެޒިލްގައި އަނެއްކާ ވެސް ސަމިޓް ބާއްވާ އިރު އެ އުއްމީދުތައް ހާސިލް ކުރެވިފައި ވަނީ ކިހާ ވަރަކަށްތޯ ސުވާލު އުފެދެ އެވެ.
ސަމިޓުގައި ކާމިޔާބީއަކާ ހަމައަށް ދިއުމަށް ހުރަސް އެޅިފައިވާ އެއް މައްސަލަ އަކީ އިގްތިސާދީ ގޮތުން ދުނިޔޭގެ ބާރެއް ކަމަށްވާ އެމެރިކާގެ ރިޔާސީ އިންތިޚާބު މި އަހަރު ފަހު ކޮޅު ބޭއްވުމާއި ޗައިނާގެ ލީޑަޝިޕަށް އަންނަމުންދާ ބަދަލުތަކެވެ. އެހެން ކަމުން މި ގައުމުތަކުން ބޮޑަށް ފޯކަސް ކުރާނީ މި މައްސަލަތަކަށެވެ. މީގެ އިތުރުން ރިއޯ+ 20 ސަމިޓް ބާއްވާ އިރު ޔޫރަޕާއި ދުނިޔޭގެ އެހެން ބައެއް ގައުމުތަކަށް ވަނީ އިގްތިސާދީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެ ގައުމުތަކުން މިހާރު ވެސް ދަނީ މި މައްސަލަތަކުން އަރައިގަނެވޭނެ ގޮތްތަކެއް ހޯދަމުންނެވެ.
ދުނިޔޭގައި ބޭއްވި ސިޔާސީ ވެރިންގެ ބައްދަލުވުމެއްގައި އެންމެ ފުރަތަމަ "ތިމާވެށި" މި ބަސް ހިމަނާފައި ވަނީ 1972 ވަނަ އަހަރު ސްޓޮކްހޯމްގައި ބޭއްވި "ޔޫއެން ކޮންފަރެންސް އޮން ދަ ހިއުމަން އެންވަޔަރްމަންޓް" ސަމިޓުގަ އެވެ. ރިއޯ+ 20 މި ބާއްވަނީ މި ބައްދަލުވުމަށް 40 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ. ނުވަ ދިހަ ދެ ވަނަ އަހަރު ބޭއްވި އާތު ސަމިޓްގައި ވަނީ ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގެ ވެރިން ބައިވެރިވެފަ އެވެ. އަދި 17،000 މީހުން ސަމިޓްގައި ބައިވެރިވި އެވެ. އޭގެ 10 އަހަރު ފަހުން ވަނީ ދެކުނު އެފްރިކާގެ ޖޮހަނަސްބާގުގައި "ވޯލްޑް ސަމިޓް އޮން ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް"ގެ ނަމުގައި ބޮޑު ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި ވަނީ 121 ގައުމަކުން 21،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފަ އެވެ.
ރިއޯ+ 20 ސަމިޓަށް ދުނިޔޭގެ 115 ގައުމެއްގެ ވެރިން ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. އަދި ބައި ލައްކައެއްހާ މީހުން މި ސަމިޓްގައި ބައިވެރިވާނެ އެވެ. އެހެން ނަމަވެސް ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ، އިނގިރޭސި ވިލާތް އަދި ޖަރުމަނުގެ އެންމެ އިސް ވެރިން ސަމިޓުގައި ބައިވެރިނުވުމަކީ، އެ ގައުމުތަކުން ތިމާވެށީގެ މައްސަލަތަކަށް ދޭ ސަމާލުކަން ކުޑަކަން ދައްކުވައިދޭ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެމެރިކާގެ ރައީސްގެ ބަދަލުގައި، އެ ގައުމުން ސަމިޓުގައި ބައިވެރިވާ ވަފުދުގެ އިސްވެރިއަކީ، ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަނެވެ.
ދެމެހެއްޓެނިވި ތަރައްގީ އަށް ގޮތްތަކެއް ހޯދުމަށް، ދުނިޔޭގެ ގައުމުތަކުގެ ގިނަ އަދަދެއްގެ ވެރިން އެއް ތަނަކުން ބައްދަލުވާ އިރު ދުނިޔޭގެ މިއަދުގެ ހާލަތަށް ވިސްނާލަން ޖެހެ އެވެ. ދުނިޔޭގެ މިހާރުގެ އާބާދީ އަކީ ހަތް ބިލިއަނެވެ. މިއީ 1950 ަވަނަ އަހަރުގެ ފަހުން އާބާދީ ދެ ގުނަވުމެވެ. އަދި 2050 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ އާބާދީ 9.3 ބިލިއަނަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ފަގީރު ގައުމުތަކުގެ އާބާދީ ވަނީ، 1961 ވަނަ އަހަރުގެ ފަހުން ހަތަރު ގުނަ އިތުރުވެފަ އެވެ. ދުވާލެއްގެ މައްޗަށް އެއް ޔޫރޯ ( 1.25 ޑޮލަރު) ވެސް ނުލިބޭ މީހުންގެ އަދަދު 1990 ވަނަ އަހަރު 1.9 ބިލިއަނުގައި ހުރުމަށް ފަހު 2008 ވަނަ އަހަރު ވަނީ 1.289 ބިލިއަނަށް ދަށްވެފަ އެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގެ 43 ޕަސެންޓް މީހުން އަދިވެސް ދިރިއުޅެނީ ދުވާލެއްގެ މައްޗަށް ދެ ޑޮލަރު ( 1.6 ޔޫރޯ) ވެސް ނުލިބި އެވެ. ރަނގަޅު ސެނިޓޭޝަން ނިޒާމަކަށް ބޭނުންވާ 2.5 ބިލިއަން މީހުން ދުނިޔޭގައި އެބަތިއްބެވެ. ދުނިޔޭގެ އާބާދީގެ ތެރެއިން 1.4 ބިލިއަން މީހުންނަށް ކަރަންޓުގެ ރަނގަޅު ޚިދުމަތެއް ނުލިބެ އެވެ. ދުނިޔޭގައި ބޭނުން ކުރާ ހަކަތައިގެ 80 ޕަސެންޓް އުފައްދަނީ ފޮސިލް ފިއުލް އަންދައިގެންނެވެ. އިޔާދަ ކުރަނިވި ހަކަތައިގެ ނިސްބަތް އުޅެނީ 13 ޕަސެންޓުގަ އެވެ. ދުނިޔޭގައި ހަކަތަ ބޭނުން ކުރި މިންވަރު 2010 ވަނަ އަހަރު ވަނީ 5.6 ޕަސެންޓް އިތުރުވެފަ އެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ދާއިރު މި އަދަދު ޑަބަލްވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ދެހާސް ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ދެމެދު ކޮންމެ އަހަރަކު ވަނީ 13 މިލިއަން ހެކްޓަރު ( 32.5 މިލިއަން އޭކަރުގެ) ޖަންގަލި ނެތިގެން ގޮސްފަ އެވެ. މަސް ހިފާ މިންވަރު ވަނީ 1950 އިން 2005 ވަނަ އަހަރާ ދެމެދު ފަސް ގުނަ އިތުރުވެފަ އެވެ. ދުނިޔޭގެ އާބާދީގެ ކޮންމެ ހަތް މީހުން ކުރެ އެކަކަށް ރަނގަޅު ކާނާއެއް ނުލިބެ އެވެ. ނަތީޖާއެއްގެ ގޮތުން 2050 ވަނަ އަހަރާ ހަމައަށް ދާއިރު ކާބޯތަކެތީގެ ޑިމާންޑް 70 ޕަސެންޓް މައްޗަށް ޖެހޭނެ އެވެ.

ފޮޓޯ އިން ހަބަރު
0 comment