ދުނިޔޭގެ އެންމެ ބޮޑު މެރިން ރިޒާވް ވިއުގަ އޮތް ގައުމުގެ ގޮތުގައި އޮސްޓްރޭލިއާ އިން މިހާރު ވަނީ އެކަން އިއުލާންކޮށްފަ އެވެ. އޮސްޓްރޭލިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު ޓޯނީ ބާކް މިކަން އިއުލާން ކުރައްވާފައި ވަނީ މި މަހު 14 ވަނަ ދުވަހު އެވެ. ރިއޯ+ 20 ސަމިޓުގެ ތައްޔާރީތައް ކުރިއަށް ދަނިކޮށެވެ.
މެރިން ރިޒާވްގެ ގޮތުގައި ހަމަޖައްސާފައިވާ ސަރަހައްދުތަކުން މަސް ބޭނުމާއި އެ ސަރަހައްދުތަކުން ގޭހާއި ތެޔޮ ހޯދުން ފަދަ މަޝްރޫއުތައް ހިންގުން މަނާވެގެންދާނެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު މެރިން ރިޒާވުގެ ގޮތުގައި އޮސްޓްރޭލިޔާ ހަމަޖެހިގެން ދިއުމުން ރިޒާވް އޭރިޔާގެ ގޮތުގައި 3.1 މިލިއަން އަކަ ކިލޯމީޓަރު ( 1.2 މިލިއަން އަކަ މޭލް) ކަވަރުވެގެންދާނެ އެވެ. މިއީ ގާތްގަނޑަކަށް އިންޑިޔާއާ އެއްވަރުގެ ސައިޒެކެވެ. އިންޑިޔާ އަކީ ދުނިޔޭގައި ހަތް ވަނަ އަށް އެންމެ ބޮޑު ގައުމެވެ.
މެރިން ރިޒާވް ގާއިމްކޮށް އެ ސަރަހައްދުތަކުން މަސް ބޭނުން ފަދަ ކަންތައްތައް ކުރުން މަނާ ކުރާނީ މި އަހަރުގެ ފަހުކޮޅު އެވެ. މީގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުން ފޫބެއްދުމުގެ ގޮތުން މަސްވެރިކަމުގެ ސިނާއަތަށް 100 މިލިއަން އޮސްޓްރޭލިއާ ޑޮލަރު ދިނުމަށް އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.
މެރިން ރިޒާވްގެ ގޮތުގައި، އޮސްޓްރޭލިއާގެ އުތުރުން އޮންނަ ކޮރަލް ސީ އާއި ދުނިޔޭގެ ހެރިޓޭޖް ލިސްޓުގައި ހިމަނާފައިވާ ގްރޭޓް ބެރިއާ ރީފަށް އިތުރު ހިމާޔަތް ލިބިގެންދާނެ އެވެ. މި ދެ ސަރަހައްދުގެ ބޮޑުމިން 1.3 މިލިއަން އަކަ ކިލޯމީޓަރަށް އަރަ އެވެ. އޮސްޓްރޭލިއާ ވަށައިގެންވާ މެރިން ރިޒާވުގެ އަދަދު 27 އިން 60 އަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ. އަދި މި ނިންމުމުގެ ސަބަބުން އޮސްޓްރޭލިއާގެ ކަނޑުގެ ސަރަހައްދުގެ ގާތްގަނޑަކަށް 40 ޕަސެންޓަށް ހިމާޔަތް ލިބިގެންދާނެ އެވެ. ބަޔޯޑައިވާސިޓީގެ ގޮތުން މުއްސަނދި މި ސަރަހައްދަކީ ދުނިޔޭގައި އުޅޭ ބޮޑު މަހާއި ކޯމަހުގެ އާބާދީގެ 60 ޕަސެންޓް ދިރިއުޅޭ ސަރަހައްދެކެވެ. ދުނިޔޭގައި އުޅޭ ހުރިހާ ވައްތަރެއްގެ ވެސް ވެލާ ކަހަނބު އެ ސަރަހައްދުގައި އުޅެ އެވެ. މަސްމަހާ މެހީގެ 4،000 ސްޕެޝީޒް އުޅެ އެވެ.
އޮސްޓްރޭލިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ތިމާވެށި ހިމާޔަތް ކުރުމާއި ކާނާގެ ރައްކާތެރިކަމާ ބެހޭ ގޮތުން ދުނިޔެ އަށް ނަމޫނާއެއް ދެއްކޭނެ ކަމަށެވެ. އަދި މަހުގެ ސްޓޮކާ މެދު އިތުރު ގެރެންޓީ ލިބިގެންދާނެ އެވެ.
"ކަނޑުތައް ހިމާޔަތް ކުރުމުގައި އޮސްޓްރޭލިއާ އިން މި ވަނީ ބޮޑު އިސްނެގުމެއް ނަގާފައި،" އޭނާ ވިދާޅުވި އެވެ.
ތިމާވެއްޓަށް މަސައްކަތް ކުރާ އޮސްޓްރޭލިއާގެ ޖަމާއަތެއް ކަމަށްވާ ކޮންޒަވޭޝަން ފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް ޑޮން ހެންރީ ވިދާޅުވީ މި ޕްލޭންގެ ސަބަބުން ކަނޑުތައް ހިމާޔަތް ކުރުމުގެ ރޮނގުން ދުނިޔޭގެ ލީޑަރަކަށް އޮސްޓްރޭލިއާ ވެގެންދާނެ ކަމަށެވެ.
ނަމަވެސް މި ޕްލޭނާ މެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން ބުނެފައި ވަނީ މިއީ މަސްވެރިކަމުގެ ސިނާއަތަށް ދެވޭ ދެރައެއް ކަމަށެވެ. އަދި ވަގަށް މަސްވެރިކަން ކުރުން އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.
އޮސްޓްރޭލިއާގެ މެރިން އެލަޔަންސުން ބުނެފައި ވަނީ މެރިން ރިޒާވުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގެ ސަބަބުން މަސްވެރިކަމުގެ އިންޑަސްޓްރީ އަށް 4.35 ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށެވެ. އަދި 36،000 މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ގަލްފް ކޮމާޝަލް ފިޝަމަންސް އެސޯސިއޭޝަނުން ބުނެފައި ވަނީ އޮސްޓްރޭލިއާގެ ސީފުޑް އިންޑަސްޓްރީ އަށް މި ކަމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ވެގެންދާނެ ކަމަށެވެ.
އޮސްޓްރޭލިއާގެ މަޝްހޫރު ބެރިއަ ރީފަށް ބަލާއިރު ވޭތުވެދިޔަ ބައި ގަރުނެއްހާ ދުވަހު ތެރޭ ވަނީ އެ ފަރުގެ މުރަކަތަކުގެ ދެބައިކުޅަ އެއްބައި ނެތިގެން ގޮސްފަ އެވެ. ގާހުދުވުމުގެ ބައްޔާއި ދަނޑުވެރިކަމުގެ ސިނާއަތުގެ ސަބަބުން ފަރަށް ބޭރުވާ ކެމިކަލްގެ ސަބަބުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު މެރިން ރިޒާވް އޮތް ގައުމުގެ ގޮތުގައި އޮސްޓްރޭލިއާ އިން އެކަން އިއުލާން ކުރި އިރު ރާއްޖެ އިން ވެސް ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭ ދުނިޔޭގެ އެންމެ ބޮޑު މެރިން ރިޒާވަށް ރާއްޖެ ހަދާނެކަން އިއުލާންކޮށްފަ އެވެ. ރިއޯ+ 20 ސަމިޓުގައި މިކަން އިއުލާން ކުރެއްވީ ރައީސް މުހައްމަދު ވަހީދެވެ.

ނިއު ރޭޑިއަންޓް - މާޒިޔާ މެޗު
3 comments