ކްލައިމެޓް ޗޭންޖް

ކަނޑުގެ ލޮނުގަނޑު ދެ ގުނަ އަށް އުފުލުމުގެ ބިރު ބޮޑު

ހަސަން އާމިރު
05 ޖުލައި 2012 11:00 3 ކޮމެންޓު
  • ފަސްގަނޑު ތިރި ޖަޒީރާ ގައުމެއް ކަމަށްވާ ކިރިބަތީ: ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އިތުރަށް ބޮޑުވެއްޖެ ނަމަ މިފަދަ ޖަޒީރާތައް ދެމިއޮތުމަށް ކުރަން ޖެހޭ މަސައްކަތް ބޮޑުވާނެ. --ފައިލް ފޮޓޯ

ކަނޑުގެ ލޮނުގަނޑު އުފުލުމާ މެދު އެކި ފަހަރު އެކި ދިރާސާތައްކޮށް އާ މައުލޫމާތުތައް އާއްމުކުރެ އެވެ. ކޮންމެ ދިރާސާއަކުން ވެސް އާ ނަތީޖާތަކެއް ނުކުމެ އެވެ. އެކަމަކު ލޮނުގަނޑު އުފުލެމުންދާ ކަމާ މެދު ޝައްކު ކުރާނެ ޖާގައެއް ނެތެވެ.

ކުރިން ކޮށްފައިވާ އެސްޓިމޭޓްތަކަށް ވުރެ އިތުރަށް، ކުރިއަށް އޮތް ގަރުނުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު 2- 3 ގުނަ އިތުރަށް އުފުލިގެންދާނެ ކަމަށް ފަހުގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ.

އެމެރިކާގެ ނޭޝަނަލް ރީސާޗް ކައުންސިލް (އެންއާރުސީ) އިން ބުނި ގޮތުގައި ޕޯލާ އައިސް-ކެޕްތައް ވިރެމުންދާލެއް ހަލުވި މިނަށް ބަލާއިރު ކަނޑުގެ ލޮނުގަނޑު އުފުލޭ ސްޕީޑް ވެސް އަވަސްވާނެ އެވެ. އެހެންކަމުން އެންއާރުސީގެ ތަޖުރިބާކާރުންގެ ކޮމިޓީއަކުން ބުނެފައިވާ ގޮތުގައި 2100 ވަނަ އަހަރާ ހަމައަށް ދާއިރު ކަނޑުގެ ލޮނުގަނޑު 20- 55 އިންޗި ( 50- 140 ސެންޓި މީޓަރު) އަށް އުފުލޭނެ އެވެ. އދ.ގެ އިންޓަގަވަރްމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން 2007 ވަނަ އަހަރު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ގަރުނު ނިމޭއިރު ކަނޑުގެ ލޮނުގަނޑު އުފުލޭނީ 7- 23 އިންޗި ( 18- 59 ސެންޓި މީޓަރު) އަށް ކަމަށެވެ.

އެންއާރުސީގެ ޚާއްސަ ކޮމިޓީގެ ޗެއާމަން ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ސިވިލް އިންޖިނިއަރިން ޕްރޮފެސަރު ރޮބާޓް ޑަލްރީމްޕަލް ވިދާޅުވީ އައިޕީސީސީގެ ހޯދުންތައް ފިޔަވައި، ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ ގޮތުން ހަދާފައިވާ ފަހުގެ ހުރިހާ ދިރާސާތައް ވެސް ދާދި އެއްގޮތް ކަމަށެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ ގޮތުން އާއްމުކުރާ މައުލޫމާތުތައް ތަފާތުވާތީ، މި މައްސަލައިގައި ޝައްކުތައް ދަނީ ފެންމަތިވަމުންނެވެ. އެކަމަކު ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ކަމަށް ހުރިހާ ސައެންސްވެރިން ވެސް އެއްބަސްވެ އެވެ.

އެންއާރުސީން ލަފާކޮށްފައިވާ ގޮތުގައި، ކައިރި މުސްތަގްބަލަށް ބަލާއިރު، 2030 ވަނަ އަހަރު ( 2000 ވަނަ އަހަރުގެ ލެވެލް އަށް ބަލާއިރު) ކަނޑުގެ ލޮނުގަނޑު 3- 9 އިންޗި ( 8- 23 ސެންޓި މީޓަރު) އަށް އުފުލޭނެ އެވެ. އަދި 2050 ވަނަ އަހަރާ ހަމައަށް ދާއިރު 7- 19 އިންޗި ( 18- 48 ސެންޓި މީޓަރު) އަށް ލޮނުގަނޑު އުފުލޭނެ އެވެ.

އެންމެ ފަހުގެ ދިރާސާގައި މި މައުލޫމާތު އެއްކޮށްފައި ވަނީ އެމެރިކާގެ އައްސޭރި ފަށުގެ ހިސާބުތަކަށް، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭ ގޮތުން ދުރާލާ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވުމަށެވެ. އެންއާރުސީން ލަފާކޮށްފައިވާ ގޮތުގައި ނޮދަން ކެލިފޯނިއާ އަށް ވުރެ ސަދަން ކެލިފޯނިއާގެ އައްސޭރި ފަށަށް ލޮނުގަނޑު އުފުލުމުން ކުރާ އަސަރުތައް އަވަސްވާނެ އެވެ. ސަބަބަކީ އެ ސަރަހައްދުން އައްސޭރި ފަށް ގިރައިގެން ދާލެއް އަވަސްވާތީ އެވެ. އަދި ނޮދަން ކެލިފޯނިއާ އަށް މީގެ އަސަރު ކުޑައީ ޕްލޭޓް ޓެކްޓޯނިކްސްގެ ސަބަބުން ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާ އެކު މޫސުމަށް އާދަޔާޚިލާފު ބަދަލުތައް އައިސް ފެންބޮޑުވެ އައްސޭރި ފަށް ގިރުން ފަދަ ހާދިސާތައް އިތުރުވާނެ އެވެ.

އެންއާރުސީގެ އެންމެ ފަހުގެ ދިރާސާގައި ވަނީ ޔޫއެސް އާމީ ކޮޕްސް އިންޖިނިއާސް، ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން އަދި އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބައިވެރިވެފަ އެވެ.

އަނެއްކޮޅުން، ސައެންސްވެރިން މިހާރު ވަނީ ކަނޑު ލޮނުގަނޑުއުފުލުން އެއީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. ޖައްވަށް ކާބަން ބޭރުކުރާ މިންވަރު ވަރަށް ބޮޑަށް މަދުކޮށްގެން ވެސް ވާނެ ކަމަކީ ކަނޑުގެ ލޮނުގަނޑު އުފުލުން ކުޑަކޮށް މަޑުޖެހުން ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ.

މޫސުމާ ބެހޭ ވަރަށް ގިނަ ދިރާސާތަކުގައި ބުނެފައިވާ ގޮތުގައި ގްރީންހައުސް ގޭހުގެ ސަބަބުން، 1980- 2010 އަށް ދުނިޔޭގެ އެވްރެޖް ސާފޭސް ޓެމްޕަރޭޗާ ވަނީ ކޮންމެ ދިހަ އަހަރަކުން 0.17 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ގޮސްފަ އެވެ. އަދި ދުނިޔޭގެ ދެކޮޅުގައިވާ އައިސްތައް ހޫނުގެ ސަބަބުން ވިރިގެން ދާތީ ކަނޑުގެ ލޮނުގަނޑު 2005- 2010 އާ ދެމެދު ކޮންމެ އަހަރަކު ގާތްގަނޑަކަށް 2.3 މިލިމީޓަރު އުފުލިފައިވާ ކަމަށް ވެސް ދިރާސާތަކުގައިވެ އެވެ.

މިގަރުނު ތެރޭ ފިނިހޫނުމިން އިތުރު ދެ ޑިގްރީ ސެލްސިއަސް އަށް މައްޗަށް ދިޔަ ނުދިނުމަށްޓަކައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައަޅައި މުއާހަދާއެއް 2020 ވަނަ އަހަރުގެ ކުރިން ގާއިމުކުރުމަށް 180 ގައުމަކުން ދަނީ މަސައްކަތްކުރަމުންނެވެ.

ސައިންސްވެރިން ބުނީ މިގޮތަށް ދިމާވާނީ ކަނޑުގެ ލޮނުގަނޑު ހޫނުވެ، އެ ހޫނުކަން ކަނޑުގެ ވަރަށް ފުނަށް ވެސް ފޯރުމާ އެކު އެ ހޫނުކަން ކަނޑުގެ އެކި ސަރަހައްދުތަކަށް ފެތުރޭތީ ކަމަށެވެ. ހޫނުމިން ދަށްވެ، ކަނޑުގެ މަތީ ފަށަލައިގެ ހޫނުކަން ކުޑަވިޔަސް ކަނޑުގެ ފުން ހިސާބުތަކުގައި ހޫނުކަން ހުންނާނެ ކަމަށާއި އެކަމުގެ ސަބަބުން ލޮނުގަނޑު އުފުލުން ކުރިއަށް ދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑީ ރާއްޖެ ފަދަ ތިރި ޖަޒީރާތަކަށް ކަމަށް ވާއިރު އެފަދަ ގައުމުތަކުގެ ޖުމުލަ އާބާދީ ދުނިޔޭގެ އާބާދީގެ ދިހަ ބައިކުޅަ އެއް ބަޔާ އެއްވަރެވެ.

އެކަމަކު ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކަށް ވެސް ކުޑައެއް ނޫނެވެ. އެމެރިކާގެ އެޓްލާންޓިކުގެ އައްސޭރި ފަށް މިއީ މި ގޮތުން އެންމެ ނުރައްކާ ބޮޑު އެއް ހިސާބެވެ. ނިއު ޔޯކް، ނޯފޯކް އަދި ބޮސްޓަން ހިމެނޭ މި ސަރަހައްދަށް ކަނޑުގެ ލޮނުގަނޑު އުފުލުމުން ލިބޭނެ ގެއްލުން ބޮޑެވެ. ނަވާރަ ސަތޭކަ ނުވަ ދިހަ ވަނަ އަހަރުން ފެށިގެން، 1،000 ކިލޯ މީޓަރުގެ ( 620 މޭލު) ގެ "ހޮޓްސްޕޮޓް"ގެ ގޮތުގައޮ ބެލެވޭ ސަރަހައްދުގެ ލޮނުގަނޑު ވަނީ އަހަރަކު 3.7 ސެންޓި މީޓަރަށް އުފުލިފަ އެވެ. މި މުއްދަތުގައި ކަނޑުގެ ލޮނުގަނޑު އުފުލުނު އެވްރެޖް ނިސްބަތަކީ އަހަރަކު 0.6 އާއި އެއް މިލިމީޓަރާ ދެމެދެވެ. މި ނިސްބަތަކަށް ބަލާއިރު 2100 ވަނަ އަހަރާ ހަމައަށް ދާއިރު އެމެރިކާގެ އެޓްލާންޓިކުގެ އައްސޭރި ފަށުގެ ލޮނުގަނޑު 30 ސެންޓި މީޓަރަށް އުފުލޭނެ އެވެ.

ނޭޗާ ކްލައިމެޓް ޗޭންޖާއި ޔޫރަޕުގެ ސައެންސްވެރިން ބުނާ ގޮތުގައި ދުނިޔޭގެ ެހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ޖެހިއްޖެ ނަމަ ( 2000 ވަނަ އަހަރުގެ ލެވެލްއާ ބަލާއިރު) ކަނޑުގެ ލޮނުގަނޑު 1.5 މީޓަރަށް އުފުލޭނެ އެވެ. ދެ ޑިގްރީ އަށް ހޫނުވެއްޖެ ނަމަ ލޮނުގަނޑު 2.7 މީޓަރަށް އުފުލޭނެ އެވެ.

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait