އަވިން ކަރަންޓް އުފެއްދުމަށް ރިނިއުއަބްލް އެނާޖީ މޯލްޑިވްސް އާއި ސްޓެލްކޯ ގުޅިގެން ފެށި މަޝްރޫއުގެ ދަށުން މާލެ އަތޮޅުގެ ހަ ރަށެއްގައި ސޯލާ ޕެނަލްތައް ހަރުކޮށް ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެށި މި މަޝްރޫއުގެ ދަށުން ސޯލާ ޕެނަލް މެދުވެރިކޮށް ޖުމްލަ 652 ކިލޯވޮޓްގެ ކަރަންޓް އުފެއްދުމަށް ވަނީ ނިންމައިފަ އެވެ. މި މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ ރިނިއުއަބްލް އެނާޖީ މޯލްޑިވްސް އާއި ޖަރުމަންގެ ވާސޮލް ގުޅިގެން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނި ވާސޮލް ރި މޯލްޑިވްސް އިންނެވެ.
މި މަޝްރޫއުގެ ދަށުން މާފުށީގައި 120 ކިލޯވޮޓް، ގުރައިދޫގައި 64 ކިލޯވޮޓް، ހިންމަފުށީގައި 74 ކިލޯވޮޓް އަދި ކާށިދު އާއި ތުލުސްދޫގައި ކޮންމެ ރަށަކު 48 ކިލޯވޮޓްގެ ކަރަންޓް އުފައްދާނެ އެވެ. މިހުރިހާ ރަށެއްގައި ވެސް ސޯލާ ޕެނަލްތައް ހަރުކޮށް ނިންމާފައިވާ ކަމަށް ވާސޮލް ރި މޯލްޑިވްސް އިން ބުންޏެވެ. ރިނިއުއަބްލް އެނާޖީ މޯލްޑިވްސް އިން ބުނީ މި މަޝްރޫއުގައި ސްޓެލްކޯ އަށް ކަރަންޓް ޔުނިޓެއް ވިއްކަނީ 3.9ރ. އަށް ކަމަށެވެ.
މި މަޝްރޫއު ނިމުމާ ގުޅިގެން ނަސަންދުރާގައި ބުރާސްފަތިދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު ޑރ. ޒައިދު މުހައްމަދު ވިދާޅުވީ މި މަޝްރޫއަކީ ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
"މިއީ މިފަދަ މަޝްރޫއުތަކަށް ނަމޫނާ މަޝްރޫއެއް. އަދި މި މަޝްރޫއުގެ ސަބަބުން އިންވެސްޓަރުންނަށް ރިނިއުއަބްލް އެނާޖީއަށް އިންވެސްޓް ކުރުމަށް އިތުބާރު ލިބޭނެ،" ޑރ. ޒައިދު ވިދާޅުވި އެވެ.
ރިނިއުއަބްލް އެނާޖީ މޯލްޑިވްސްގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު ވިދާޅުވީ ސްޓެލްކޯއާ އެކު ކުރިޔަށް ގެންދިޔަ މަޝްރޫއަކީ ވަރަށް ކާމިޔާބު މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގައި ސޯލާ ހަރުކޮށްފައިވާ ރަށްރަށުން 30 ޕަސެންޓަށްވާ ވަރަށް ކަރަންޓް ހަރަދު ކުޑަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ރާއްޖެ އަށް ޑީސަލް އެތެރެކުރާ މިންވަރު މަދުވެގެންދާނެ ކަމެއް. މި މަޝްރޫއުގެ ސަބަބުން މިކަން ކުރުމަށް ތަޖުރިބާތަކެއް ލިބިގެން ގޮސްފި. އަދި ކުރިޔަށް އޮތްތާ މިފަދަ މަޝްރޫއުތައް އަވަސް ކުރެވޭނެ ގޮތްތައް އަޅުގަނޑުމެންނަށް ވަނީ ދަސްވެފައި،" ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެއެއް ކަމަށްވާ ނާޝިދު ވިދާޅުވި އެވެ.
ނަސަންދުރާގައި ބޭއްވި ބައްދަލުވުގައި ބިލަބޮންގް ސްކޫލްގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމަށް ވާސޮލް ރި މޯލްޑިވްސްއާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.

5 comments