ތިމާވެށި

ފަރުތައް ނެތިގެން ހިނގައިދާނެކަމުގެ ބިރު ބޮޑުވެއްޖެ

ހަސަން އާމިރު
12 ޖުލައި 2012 08:54
  • އިންޑޮނީޝިޔާގައި ހިމާޔަތްކޮށްފައިވާ ބުނަކަން އައިލެންޑުގެ މެރިން ނޭޝަނަލް ޕާކުގައިވާ މުރަކަތައް: އޭޝިޔާގެ "ކޮރަލް ޓްރޭންގަލް"ގެ 85 ޕަސެންޓް ވަނީ ނުރައްކަލުގެ ތެރޭގައި. --އޭއެފްޕީ ފައިލް ފޮޓޯ

ދުނިޔޭގެ ފަރުތަކަށް މީގެ ކުރިން ދުވަހަކު ވެސް ކުރިމަތިވެފައިނުވާ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާކަމުގެ އިންޒާރު ސައެންސްވެރިން ދިނުމާ އެކު ފަރުތަކުގެ ހިމާޔަތާ އެކު އުފެދިފައިވާ ގައުމުތަކަށް ވަނީ ސިހުން ލިބިފަ އެވެ. މި މަހު ކުރީކޮޅު ވަނީ 2،600 އަށް ވުރެ ގިނަ މެރިން ސައެންޓިސްޓުން ބައްދަލުކޮށް ދުނިޔޭގެ ފަރުތަކުގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އޮސްޓްރޭލިއާގެ އިރުއުތުރުގެ ސިޓީއެއްގައި ބޭއްވި އިންޓަނޭޝަނަލް ކޮރަލް ރީފް ސިމްޕޯޒިއަމްގައި ވަނީ ފަރުތަކަށް ލިބޭ ކޮންމެ ނުރައްކަލަކާ ގުޅިގެން، ފަރުތަކުން ހިމާޔަތާއި ރައްކާތެރިކަން އަދި އާމްދަނީ ލިބޭ އެތައް މިލިއަން މީހުންގެ ދިރިއުޅުމަށް އަސަރުކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި ފަރުތަކުން ހަލާކު ނުވެ މިހާރު ހުރި ހިސާބުތައް ހިމާޔަތް ކުރެވޭތޯ ދުނިޔޭގެ ފެންވަރުގައި ފިޔަވަޅުތައް އެޅުމަށް މި ބައްދަލުވުމުގައި ވަނީ ގޮވާލައިފަ އެވެ.

އައްސޭރި ފަށުގައި ދިރިއުޅޭ މީހުންނަށް ފަރުތަކުން އެތައް ފައިދާއެއް ފޯރުކޮށްދެ އެވެ. ބިޔަ ރާޅުތަކުން ހިމާޔަތް ފޯރުކޮށް ދިނުމުގެ އިތުރުން ޓޫރިޒަމުން އެތައް މަންފާއެއް ލިބެ އެވެ.

ބައްދަލުވުމުގެ ބައިވެރިން ވަނީ ފަރުތައް ހިމާޔަތް ކުރުމާ ބެހޭ ގޮތުން ދުނިޔޭގެ ފެންވަރުގައި އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވަކި ގޮތަކަށް އެއްބަސްވެފަ އެވެ. ފަރުތަކަށް ގެއްލުން ލިބޭ ކަންތައްތަކުގެ ތެރޭގައި ކަނޑުގެ ހޫނުމިން މައްޗަށް ދިއުމާއި ކަނޑުތައް އެސިޑްވުމާއި ފަރުތަކުން މާ ގިނައިން މަސްބޭނުމާ އަދި އެއްގަމުން ކަނޑަށް ބޭރުވާ ތަކެތީގެ ސަބަބުން ފަރުތައް ތަޣައްޔަރުވުން ހިމެނެ އެވެ.

ކެރީބިއަން އަށް ބަލާއިރު ވޭތުވެދިޔަ 35 އަހަރު ދުވަހު ތެރޭ ވަނީ ފަރުތަކުގެ 75- 85 ޕަސެންޓް ނެތިގެން ގޮސްފަ އެވެ. އަދި ދުނިޔޭގައި އެންމެ ރަނގަޅަށް ހިމާޔަތް ކުރެވިފައިވާ އެއް ފަރުގެ ގޮތުގައި ބެލެވޭ އޮސްޓްރޭލިއާގެ ގްރޭޓް ބެރިއަ ރީފު ވެސް ވަނީ ވޭތުވެދިޔަ ބައި ގަރުނެއްހާ ދުވަހު ތެރޭ އެ ފަރުގެ ދެބައިކުޅަ އެއްބައި ނެތިގެން ގޮސްފަ އެވެ.

ފަރުތަކަށް ގެއްލުން ލިބޭ ސަބަބެއްގެ ގޮތުގައި ގިނަ ސައެންސްވެރިން ފާހަގަކުރާ އެއް ކަމަކީ މޫސުމަށް އަންނަ އާދަޔާޚިލާފު ބަދަލުތަކެވެ. ފަރުތަކަށް ގެއްލުން ލިބޭ އިތުރު ކަންތައްތަކުގެ ތެރޭގައި އައްސޭރި ތަރައްގީ ކުރުމުގައި ދިމާވާ މައްސަލަތަކާއި ދެމެހެއްޓެނިވި ނޫން ގޮތުގައި މަސްވެރިކަން ކުރުން ހިމެނެ އެވެ.

މެރިން ސައެންސްވެރިންގެ ބައްދަލުވުމުގައި ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭޝިޔާގެ "ކޮރަލް ޓްރޭންގަލް"ގެ 85 ޕަސެންޓަށް ވަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ނުރައްކާވެފަ އެވެ. "ކޮރަލް ޓްރޭންގަލް"ގައި ހިމެނެނީ އިންޑޮނީޝިޔާ، މެލޭޝިޔާ، ޕަޕުއާ ނިއު ގިނީ، ފިލިޕީންސް، ސޮލަމަން އައިލެންޑްސް އަދި އީސްޓް ޓިމޯގެ ވަށައިގެންވާ ފަރުތަކެވެ. މިއީ ދުނިޔޭގައިވާ ފަރުތަކުގެ 30 ޕަސެންޓެވެ. ތިންހާހަށް ވުރެ ގިނަ ބާވަތުގެ މަސް "ކޮރަލް ޓްރޭންގަލް"ގައި ދިރިއުޅެ އެވެ. މި ސަރަހައްދުގެ 130 މިލިއަން މީހުންގެ ދިރިއުޅުން ބިނާކޮށްފައި ވަނީ ފަރުގެ އިކޯސިސްޓަމަށެވެ.

އިންޓަނޭޝަނަލް ސޮސައިޓީ ފޯ ރީފް ސްޓަޑީޒްގެ ރައީސް ރޮބަޓް ރިޗްމަންޑް ވިދާޅުވީ ފަރުތަކުގެ ނާޒުކުކަމުގެ މައްސަލަ ސަމާލުކަމަށް މިހާރު ގެނެވިއްޖެ ކަމަށާއި ފަރުތަކުގެ ހިމާޔަތުގައި އަވަސް ފިޔަވަޅުތަކެއް ބޭނުންވާ ކަމަށެވެ. އަދި ދުނިޔޭގެ ވެރިންގެ ފެންވަރުގައި މި މައްސަލައާ މެދު ގޮތްތަކެއް ކަނޑައަޅަން ޖެހޭ ހާލަތަށް ހިނގައްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ފަރުތަކުގެ އެވްރެޖް ހާލަތަށް ބަލާއިރު މިހާރު ވެސް ފަރުތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ވަނީ ނުރައްކަލުގެ ތެރޭގަ އެވެ. އެކަމަކު ދާދި ފަހުން ފަރުތަކަށް ކުރިމަތިވި ގާހުދުވުމާއި ކަނޑުތަކުގެ ފިނި ހޫނުމިން މައްޗަށް ދިއުމާ އެކު ފަރުތަކަށް ނުރައްކާވެފައިވާ މިންވަރު މިހާރު ވަނީ 90 ޕަސެންޓަށް އަރައިފައި ކަމަށް ބެލެވެ އެވެ.

"ކޮރަލް ޓްރޭންގަލް ސަރަހައްދުގެ އައްސޭރި ފަށުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމާއި ކާނާ އާއި ރައްކާތެރިކަމުގެ ވަރަށް ބޮޑު ބައެއް ފަރުތަކުން ފޯރުކޮށްދޭ. އެކަމަކު އެ ސަރަހައްދުގެ ފަރުތައް ވަނީ ވަރަށް ބޮޑު ނުރައްކަލެއްގައި،" 'ރީފްސް އެޓް ރިސްކް"ގެ ނަމުގައި ރިޕޯޓް ނެރުއްވި ލޯރެޓާ ބާކް ވިދާޅުވި އެވެ. "ފަރުތަކަށް ގެއްލުން ލިބޭ ކަންތައްތަކުން ސަލާމަތްވެއްޖެ ނަމަ ފަރުތައް އަލުން އާދައިގެ ހާލަތަކަށް އަންނާނެ."

ކޮންމެ ހަތަރު އަހަރުން އެއް ފަހަރު ބާއްވާ އިންޓަނޭޝަނަލް ކޮރަލް ރީފް ސިމްޕޯޒިއަމުން އެއްކުރާ މައުލޫމާތުތަކުން ފަރުތަކުގެ ދިރުން ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށް ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި