ކްލައިމެޓް ޗޭންޖް

މި ސަރަހައްދުގެ މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ، މަގު ޗާޓެއް އެކުލަވާލަނީ

ހުސައިން ފިޔާޒު މޫސާ
16 މެއި 2012 13:53
  • ސާކްގެ މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމުގެ ދިރާސާ ފެށުމަށްޓަކައި ބާއްވާ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން ވާހަކަ ދައްކަވަނީ. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

ސާކް ސަރަހައްދުގެ މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމުގެ ދިރާސާއެއް ފަށައިފި އެވެ.

ހަ މަސްދުވަހަށް ކުރިއަށް ގެންދަން ރާވާފައިވާ މި ދިރާސާގައި، މޫސުމަށް އަންނަ ބަދަލުތަކުން މި ސަރަހައްދަށް ކުރިމަތިވާނެ ގޮންޖެހުންތަކާއި އެކަމުގެ ސަބަބުން އިޖުތިމާއީ، އިގްތިސާދީ ކަންކަމަށް ކުރާނެ އަސަރުތައް ވެސް ދެނެގަންނާނެ ކަމަށެވެ. އަދި އެ ދިރާސާ އަށް ފަހު މޫސުމަށް އަންނަ ބަދަލުތައް ހައްލުކުރުމަށްޓަކައި މަގު ޗާޓެއް ވެސް އެކުލަވާލުމަށް ވަނީ ހަމަޖައްސައިފަ އެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގުޅިގެން ކުރާ ދިރާސާ ފެށުމުގެ ގޮތުން ރާއްޖޭގައި ބާއްވާ ވޯކްޝޮޕް މިއަދު ފައްޓަވައި ދެއްވުމުގެ ގޮތުން މިނިސްޓަ އޮފް ސްޓޭޓް ފޯ ހައުސިން އެންޑް އެންވަޔަރަމެންޓް އަބްދުލް މަތީން ދެއްކެވި ވާހަކައިގައި އޭނާ ވިދާޅުވީ "މޫސުމަށް އަންނަ ބަދަލުތަކަކީ އިންސާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ" ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތައް ހައްލުކުރުމަކީ މި ސަރަހައްދުގެ ގައުމުތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި މޫސުމަށް އަންނަ ބަދަލުތައް ހައްލުކުރުމަށް މަސައްކަތް ނުކޮށްފި ނަމަ، އިންސާނިއްޔަތަށް ލިބިދާނެ ގެއްލުން އަނބުރާ އިޔާދަނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަތީން ވިދާޅުވީ ސާކުން އިސްނަގައިގެން ފަށާ ދިރާސާއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރެވޭނެ ގޮތްތަކެއް ހޯދޭނެ ކަމަށެވެ.

ޓްރޭޑާސް ހޮޓެލްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވޯކްޝޮޕްގައި ސާކްގެ ގައުމުތަކުންނާއި އޭޑީބީން ބައިވެރިވެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި