ތިމާވެއްޓާ ގުޅުން ހުރި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކުގެ ނަތީޖާއަކީ ކޮބައިތޯ ބަލަންޖެހިފައިވާ ކަމަށާއި ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ހޯދިފައިވާ ކުރިއެރުންތައް މިނެ ކިރަންޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި ގިނަ ދުވަސްތަކެއް ވަންދެން ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އިސް މަގާމުތައް ފުރުއްވާފައިވާ ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.
ތިމާވެށި ރައްކާތެރިކުރުމަށް ހިންގާ މަޝްރޫއުތަކަށް ޚަރަދުކުރާ ޖަމާއަތެއް ކަމަށްވާ ގްލޯބަލް އެންވަޔަރަންމެންޓް ފެސިލިޓީ (ޖެފް) އިން އިންތިޒާމްކޮށްގެން މިއަދު ނަސަންދުރަ ޕެލަސް ހޮޓަލުގައި ފެށި އެ ޖަމާއަތުގެ ދެކުނު އޭޝިއާ ކޮންސްޓިޓިއުއެންސީގެ ހަ ވަނަ ބައްދަލުވުން ހުޅުވައިދެއްވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ ޖޫން މަހު ބްރެޒިލްގެ ރިއޯގައި އޮންނަ "ރިއޯ ޕްލަސް 20"ގެ ކުރިން ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުމެއް ރައްޖޭގައި ބޭއްވުމަކީ މުހިންމު ކަމެއް ކަމަށާއި ރިއޯގެ ބައްދަލުވުމަށް ރާއްޖޭން ވަރަށް ވަރުގަދަ ވަފުދެއް ދާނެ ކަމަށެވެ. މީގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ ވެސް ހިމެނިވަޑައިގަންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިއޯގެ ބައްދަލުވުމަށް ތައްޔާރުވާ އިރު ކުރިމަތިވެފައިވާ ސުވާލުތަކަށް ޖެފްގެ މި ބައްދަލުވުމުން އެކަށީގެންވާ ޖަވާބުތަކެއް ހޯދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ޑރ، މުހައްމަދު އަލީ ވިދާޅުވި އެވެ.
"ރިއޯގެ ބައްދަލުވުމަކީ މިހާތަނަށް ކުރެވުނު ކަންތައް އަލުން ދިރާސާކުރަންޖެހޭ ބައްދަލުވުމެއް. ފާއިތުވި އަހަރުތަކުގެ ނަތީޖާތަކާ މެދު ސުވާލުކުރަން މިވަނީ ޖެހިފައި،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
ތިމާވެށި ރައްކާތެރިކުރުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. މުހައްމަދު އަލީ ވިދާޅުވީ ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ގައުމެއް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"ވާރޭ ނުވެހޭ ދުވަސްތައް ގިނަވެ ފެން ފަށަލަ ވަނީ ހަލާކުވެފައި. ފެން ފޯރުކޮށްދިނުމުގައި ވަނީ ދަތިތައް ކުރިމަތިވެފައި،" އޭނާ ވިދާޅުވި އެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ ތިމާވެށި ރައްކާތެރިކުރުމަށް ހިންގާ މަޝްރޫއުތަކަށް ޖެފް އިން މީގެ ކުރިން ވެސް އެހީތެރިކަން ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެހީތެރިކަން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ދެ ދުވަހަށް ކުރިއަށްދާ މި ބައްދަލުވުމުގައި ސަރަހައްދީ ގައުމުތަކުގެ އިތުރުން ވޯލްޑް ބޭންކާއި ޔޫއެންޑީޕީ ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ މަންދޫބުން ވެސް ބައިވެރިވެ އެވެ.

2 comments