ތިލަފުށި ކުނި

ތިލަފުށީ ފަޅުން ބޭރުވި ކުނިން ރާއްޖޭގެ ރީތި ނަމަށް ކިލަނބުކަން

ހަސަން އާމިރު
15 ޑިސެމްބަރ 2011 09:10 1 ކޮމެންޓު
  • ތިލަފުށީ ފަޅަށް އުކާލައިފާވާ ކުނިތައް މިދިޔަ ސެޕްޓެމްބަރު މަހު އޮޔާ ދަނީ: މިފަދަ ބޮޑު ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ. --ހަވީރު ފޮޓޯ/މޫސާ ލަތީފް

ފަހަކަށް އައިސް ތިމާވެށީގެ ގޮތުން ރާއްޖެ އަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ތިލަފުއްޓަށް އުކާލާ ކުނިތައް ފަޅުތެރެ އިން ބޭރުވެ މާކަނޑަށް ނުކުތުމެވެ. ބައެއް މީހުން ތިމާވެށީގެ ކާރިސާއެއްގެ ގޮތުގައި ސިފަކުރި އެ މައްސަލަ މެދުވެރިވީ ކަމާ ބެހޭ ފަރާތްތަކުގެ ފަރުވާ ކުޑަކަމުންނެވެ. ބަލަހައްޓަންވީ ވަރަށް ނުބެލެހެއްޓިގެންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ކުރީކޮޅު "ހަވީރު"ން އެ މައްސަލަ ސަމާލު ކަމަށް ގެނައި ފަހުން ތިލަފުށި ހިންގާ، ތިލަފުށި ކޯޕަރޭޝަން އަދި މާލޭ ސިޓީ ކައުންސިލުން ވެސް އެކަމުގެ ޒިންމާ އުފުލައިފައެއް ނުވެ އެވެ. އެންމެ ފަހުން މި މަހު ކުރީކޮޅު ވެސް ވަނީ ތިލަފުށިން ބޭރުވި ކުނީގެ މައްސަލަ ބޮޑުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ބައެއް ގައުމުތަކުގެ މީޑިޔާ އިން ވެސް ވަނީ އެކަން ކަވަރުކޮށްފަ އެވެ. ބީބީސީ އާއި ޑެއިލީ ޓެލެގްރާފުން، ތިލަފުށިން ބޭރުވި ކުނީގެ މައްސަލަ ލިޔުމުން އިނގިރޭސި ވިލާތުގެ އެތައް ބައެއްގެ ސަމާލުކަމަށް އެކަން އަންނާނެ އެވެ. ތިމާވެއްޓަށް ސަމާލުކަން ދޭ އަދި ރީތި ވެއްޓެއް އޮތް ކަމަށް ބައިނަލްއަގުވާމީ ދުނިޔޭގައި އިޝްތިހާރު ކުރާ ރާއްޖޭގެ ނަމަށް ކިލަނބުކަން އަންނާނެ އެވެ. އޭގެ އިތުރުން ރިސޯޓްތަކުން ކޮންމެ ދުވަހަކު ޓޫރިސްޓުން ދަތުރުކުރާ ސަރަހައްދެއްގައި ކުނިތައް އޮޔާދެމޭ މަންޒަރު ފެނުމަކީ ހިތްގައިމު ކަމަކަށް ނުވާނެ އެވެ.

ތިލަފުށީ ފަޅުތެރެ ކުނިގޮނޑަކަށް ބަދަލުވީ ރިސޯޓްތަކުން ކުނި ހިފައިގެން އަންނަ ބައެއް އުޅަނދުތަކުން ފަޅަށް ކުނިއަޅާތީ ކަމަށް ތިލަފުށި ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ. އަދި ފަޅަށް ކުނި އެޅުމުގެ ބަދަލުގައި ކުނި އުކާލުމަށް ޚާއްސަކޮށްފައިވާ ސަރަހައްދަށް ކުނި އެޅުމަށް ރިސޯޓްތަކުގެ ކިބައިން އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.

ތިލަފުށީ ފަޅަށް ކުނި އަޅައިގެން ބޮޑު މައްސަލައަކަށްވެފައި ވަނިކޮށް އަނެއްކާ ެވެސް ދުވަސްކޮޅެއް ފަހުން އެކަން ތަކުރާރުވުމަކީ ބޮޑު މައްސަލައެކެވެ. ތިލަފުށީ ކޯޕަރޭޝަނުން ވަނީ ރިސޯޓްތަކުގެ ބައެއް ދޯނި ފަހަރުން ފަޅަށް ކުނިއަޅާ މަންޒަރު ނަގައި އާއްމުކޮށްފަ އެވެ. އަދި މފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހަރުކަށި ފިޔަވަޅު ވެސް އަޅަން ޖެހޭނެ އެވެ.

މާލޭ ސިޓީ ކައުންސިލާއި ތިލަފުށި ކޯޕަރޭޝަނާއި ސިފައިން އަދި ކަމާ ބެހޭ އެހެން ވެސް އިދާރާތައް ގުޅިގެން ތިލަފުށީ ފަޅުން ކުނިތައް މި ހަފުތާގައި ވަނީ ސާފުކޮށްފަ އެވެ. އެ ބުރަ މަސައްކަތަށް ފަހު، ރަނގަޅަށް މޮނިޓާ ނުކުރެވޭ ކަމަށް ވަންޏާ އަނެއްކާ ވެސް ތިލަފުށީ ފަޅަށް ކުނި އަޅާނެ އެވެ. ސިޓީ ކައުންސިލުން މިހާރު ވަނީ މި ކަމުގައި ގަވާއިދެއް އެކުލަވާ ގޮތަށް ހަމަޖައްސައިފަ އެވެ.

ކުނި ނައްތާލުމަކީ ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. ކުނި މެނޭޖް ނުކުރެވިއްޖެ ނަމަ ކަންތައް ވެގެންދާނެ ގޮތް ތިލަފުށީ ފަޅަށް ކުނި އަޅައިގެން ނުކުތް މައްސަލަތަކުން ސާފުވެ އެވެ.

މާލެ ސަރަހައްދުން ކުނި ނައްތާލުމަށް މިހާރު ވަނީ އިންޑިޔާގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަންދާޒާ ކުރެވޭ ގޮތުގައި އަހަރަކު އަށް މިލިއަން ޑޮލަރު ( 123 މިލިއަން ރުފިޔާ) ޚަރަދުވާ އެ ބޮޑު މަޝްރޫއުގެ ދަށުން ކުނީގެ މައްސަލަ އަށް ހައްލެއް ހޯދެން ޖެހޭނެ އެވެ. ކުނި އުކާލާ ފަރާތްތަކުން ފީއެއް ނަގައިގެން ނަމަ ވެސް ރައްކާތެރި ގޮތުގައި ކުނި ނައްތާލަން ޖެހެ އެވެ. ކުނި ނައްތާލުމާ ބެހޭ ބޮޑު މަޝްރޫއުގެ ކޮންސަލްޓެންޓް ވިދާޅުވެފައިވާ ގޮތުގައި ފަސް ޒޯނަކަށް ބަހާލައިގެން މާލެ ސަރަހައްދުން ކުނި، ގެންދިއުމަށް ފަހު ޓްރީޓް ކުރުމަށް ހަމަޖެހިފައިވެ އެވެ.

އުކާލާ ކުންޏަކީ ވެސް އެއިން ތަފާތު ބޭނުންތައް ކުރެވިދާނެ އެއްޗެކެވެ. ކުނިން ހަކަތަ އުފައްދާ ޓެކްނޮލޮޖީ މިހާރު ދުނިޔޭގައި ބޭނުން ކުރެ އެވެ. ކާބަން ނިއުޓްރަލްވުމަށް ރާއްޖެއިން މަސައްކަތް ކުރަމުން ދާއިރު މި ކަމުގައި ވެސް ދުނިޔެ އަށް ނަމޫނާ ދެއްކިދާނެ އެވެ.

ތިލަފުށީ ފަޅުން ބޭރުވި ކުނީގެ ސަބަބުން ރާއްޖޭގެ ރީތި ނަން ކިލަނބުވި ފަދަ އިތުރު ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް ކަމާ ބެހޭ ހުރިހަާ ފަރާތްތަކަކުން ވެސް ދުރާލާ، ވިސްނައިގެން ފިޔަވަޅު އަޅަން ޖެހެ އެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait