ވޭސްޓް މެނެޖްމެންޓް

މާލެ އިން ކުނި ނައްތާލުމުގެ މަސައްކަތް ފަށަން އިތުރު މުއްދަތެއް ދީފި

އަލީ ޔޫސުފް
22 މެއި 2012 14:42 6 ކޮމެންޓު
  • މާލޭ ސަރަހައްދުން ކުނި ނައްތާލުމުގެ އެއްބަސްވުމުގައި ސަރުކާރާއި ޔޫއީއީއެލްއާ ދެމެދު ސޮއިކުރަނީ: އެއްބަސްވުމާ އެއްގޮތަށް މި މަޝްރޫއު އަދި ފެށިފައެއް ނުވޭ --ހަވީރު ފައިލް ފޮޓޯ

މާލޭ ސަރަހައްދުން ކުނި ނައްތާލަން ހަވާލުކޮށްފައިވާ އިންޑިއާ ކުންފުނިން ހިދުމަތް ފަށަން އިތުރު މުއްދަތަކަށް އެދުމުން އެ ފުރުސަތު ދީފި ކަމަށް މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނެފި އެވެ.

ކައުންސިލްގެ މެންބަރު އަހުމަދު އަބްދުލް ކަރީމް (ރުކުމާ) އިއްޔެ ވިދާޅުވީ އިންޑިއާގެ ޔޫއީއީއެލްއާ އެކު މޭ 2011 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން މި އަހަރުގެ ފެބްރުއަރީގައި ހިދުމަތް ފަށަން ޖެހޭ ކަމަށެވެ. ނަމަވެސް ދިމާވި ތަފާތު އެތައް ސަބަބުތަކާ ހުރެ ހިދުމަތް ނުފެށޭތީ އިތުރު މުއްދަތެއް ދޭން އެ ކުންފުނިން އެދުމުން އެގޮތަށް އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުން އަދިވެސް މަސައްކަތެއް ނުފަށާ. އެ ކޮންޓްރެކްޓް އަދިވެސް އެ ގޮތަށް އޮތީ. އޭގައި ކުރަން ޖެހޭ ބައިވަރު ކަންތައްތަކެއް އަދިވެސް އެބަހުރި. ލަފާކުރެވޭ ގޮތުގައި އެ ބޭފުޅުންގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފަށައިގަންނާނެ،" ރުކުމާ ވިދާޅުވި އެވެ.

މާލޭ ސަރަހައްދުން ކުނި ނައްތާލުން 20 އަހަރުގެ މުއްދަތަށް އިންޑިއާގެ ކުންފުންޏާ ހަވާލުކުރީ ހަ މަސް ދުވަހުގެ ތެރޭގައި ހިދުމަތް ފަށާ ގޮތަށެވެ.

ރުކުމާ ވިދާޅުވީ މަސައްކަތް ފެށުން ލަސްވަމުން ދިޔަސް އެކަން ނުހުއްޓޭ ކަމަށެވެ.

"އެކަން ކުރިއަށް އެބަ ދޭ. އެންވަޔަރަމަންޓް އެސެސްމެންޓް ރިޕޯޓް ވެސް ނިމިފައި ވަނީ،" ރުކުމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލުން ދިން ފުރުސަތަށް ފަހު ދެން އިތުރު ފުރުސަތެއް ޔޫއީއީއެލް އަށް ނުދެއްވާނެ ކަމަށެވެ.

"މި ފަހަރު ރީޝެޑިއުލް ކުރި ނަމަވެސް ދެން އަލުން އިތުރު ފުރުސަތެއް ނުދެވޭނެކަން ވާނީ އަންގާފައި،" ރުކުމާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބުނީ ކޮންޓްރެކްޓްގެ ދަށުން ހަދަން ޖެހޭ އިތުރު އެއްބަސްވުންތަކެއް ވެސް އެބަ ހުރި ކަމަށާއި މިހާރު އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ފުރިހަމަކުރަން ޖެހޭ ބައެއް އެގްރީމެންޓްތައް އެބަހުރި. ފައިނަލް ޕްރޮސެސްގައި މިހާރު އުޅެނީ،" ރުކުމާ ވިދާޅުވި އެވެ.

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait