މާލޭ ސަރަހައްދުން ކުނި ނައްތާލުމަށް ހަވާލުކޮށްފައިވާ ކުންފުންޏާ މެދު ރޯދަ މަހުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު އަބްދުލް ކަރީމް (ރުކުމާ) ބުދަ ދުވަހު ވިދާޅުވީ މިދިޔަ އަހަރުގެ މޭ މަހު އިންޑިއާގެ ޔޫއީއީއެލްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މި އަހަރުގެ ޖެނުއަރީ މަހު އަމަލީ މަސައްކަތް ފަށަން ޖެހުނަސް އަދިވެސް ކުރިއަށް ދަނީ ޑޮކިއުމެންޓޭޝަންގެ މަސައްކަތްތައް ކަމަށެވެ. ކައުންސިލުން މިދިޔަ މަހު ބުނެފައި ވަނީ ސަރުކާރުން ވެސް ހަމަޖައްސަންޖެހޭ ބައެއް ކަންތައް ހަމަނުޖެއްސޭތީ އެ ކުންފުންޏަށް އިތުރު މުއްދަތެއް ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ކޮންޓްރެކްޓްގެ ދަށުން ހަދަންޖެހޭ އެއްބަސްވުންތައް ނުހެދިހުރުން ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
ނަމަވެސް ރުކުމާ ވިދާޅުވީ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ އިޝާރާތެއް ނެތް ކަމަށާއި ކުނީގެ މައްސަލަ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ވެސް ނެތް ބަލައިގެން ތިބެވޭކަށް. ޝައުގުވެރިވާ އެހެން ފަރާތްތައް ވެސް އެބަ ތިބި. ރޯދަމަހާ ހަމަ އަށް ދާއިރު ކޮންމެވެސް އެއްގޮތަކަށް މިކަން ހަމަޖައްސާނަން،" ރުކުމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ( 771 މިލިއަން ރުފިޔާ)ގެ މި މަސައްކަތް ނުފެށި ލަސްވެގެން އުޅެނީ ކުންފުންޏަށް ފަންޑް ނުހޯދިގެންކަން އެނގިފައިވާ ކަމަށެވެ.
"އެ ބޭފުޅުންގެ އިސޫއަކަށް ވެގެން އުޅެނީ ހޯދަންޖެހޭ 50 މިލިއަން ޑޮލަރު ނުލިބުމުން ކަމަށް އެނގިފައި ވަނީ،" ރުކުމާ ވިދާޅުވި އެވެ.
މާލޭ ސަރަހައްދުން ކުނި ނައްތާލުމަށް 20 އަހަރުގެ މުއްދަތަކަށް އިންޑިއާގެ ކުންފުންޏާ ހަވާލުކުރީ ހަ މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ގޭގެއިން ކުނި ނެގުމާއި ތިލަފުއްޓަށް ގެންގޮސް ކުނި ނައްތާލައި އަދި ނައްތާލާ ކުނި ބޭނުންކޮށްގެން ހަކަތަ އުފެއްދުން ވެސް ހިމެނެ އެވެ.

އެމްޑީޕީގެ މުޒާހަރާ
ޖޭއެސްސީގެ މެމްބަރު ރޭނިސް ސަލީމް ޕޮލިހަށް ހާޒިރުުކުރުން
1 comment