ދުނިޔޭގެ ކުޅިވަރު

ޖަރުމަނަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވިދާނެ: ކޯޗު

މުހައްމަދު ހަމްދޫން
28 ޖޫން 2012 12:56
  • ޖަރުމަނުގެ ކޯޗު ލޯ: ޓީމާ މެދު އިތުބާރު އެބައޮތް. --އޭއެފްޕީ

ވޯސޯ، ޕޮލެންޑް (ޖޫން 28) - ޔޫރޯގެ ސެމީ ފައިނަލުގައި މިރޭ އިޓަލީއާ ދެކޮޅަށް ނުކުންނައިރު ޖަރުމަނުގެ އިތުބާރު ވަރަށް ބޮޑު ކަމަށް އެ ޓީމުގެ ކޯޗު ޔަކިމް ލޯ ބުނެފި އެވެ.

ނެދަލެންޑްސް އާއި ޕޯޗުގަލް އާއި ޑެންމާކް އަދި ގްރީސް އަތުން ޖަރުމަން މޮޅުވެފައިވާއިރު ލޯ ބުނީ އޭނާގެ ޓީމަށް ދުނިޔޭގެ ކޮންމެ ޓީމެއް ވެސް ބަލިކުރެވިދާނެ ކަމަށެވެ.

"ދުނިޔޭގެ ކޮންމެ ޓީމެއް ބަލިކުރެވޭ ފެންވަރު ޖަރުމަން ޓީމުގައި އެބަހުރި. އޭގެ މާނައަކީ އޮޓޮމެޓިކުން އަހަރެމެން މޮޅުވާ ވާހަކައެއް ނޫން. އެކަމަކު އަހަރެމެން މިތިބީ އެ ހިސާބުގައި. އޭގެ ސަބަބުން އަހަރެމެންނަށް އިތުބާރު ލިބޭ،" ލޯ ބުންޏެވެ.

ލޯ ބުނީ ކުއާޓާ ފައިނަލުގައި އިންގްލެންޑް އަތުން އިޓަލީ މޮޅުވި މެޗުގެ ފަހު ބަޔަށް ދިޔަ އިރު އިޓަލީ ވަރުގަދަވި ކަމަށާއި ޖަރުމަނުން އެކަމާ ވިސްނާނެ ކަމަށެވެ.

"އަހަރެމެން ފަހަރެއްގައި ދެ ވަނަ ހާފުގައި ވަރުގަދަ އަށް ޖައްސާނަން. އެއީ އިޓަލީ ބޮޑަށް ވަރުބަލިކޮށްލުމަށް. އޭރުން އަހަރެމެންނަށް ފައިދާއެއް ކޮށްފާނެ. އިންގްލެންޑާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގެ 60 ނުވަތަ 70 މިނެޓަށް އަޅާލި ފަހުން އިޓަލީ ދިޔައީ ވަރުގަދަ ވަމުން،" ލޯ ބުންޏެވެ.

ލޯ ބުނީ އިޓަލީ ހުއްޓުވުމަށް އެންމެ އިސްކަންދޭން ޖެހޭ ކަމަކީ އެ ޓީމުގެ ޕްލޭމޭކަރު އަންދްރޭ ޕިރްލޯ ހުއްޓުވުން ކަމަށެވެ.

"ޖުމްލަކޮށް އިޓަލީ އަކީ ވަރުގަދަ ޓީމެއް. ކަސާނޯ އާއި ބަލޮޓެލީ އަކީ މޮޅު ކުޅުންތެރިން. ހާއްސަކޮށް ޕިރްލޯ. އޭނާ އަކީ ހަމައެކަނި މޮޅު ކުޅުންތެރިއެއް ނޫން. އެކަމަކު ޓީމުގެ ކުޅުން ރާވަނީ އޭނާ،" ވާދަވެރި މެޗެއްގައި މިހާތަނަށް އިޓަލީ އަތުން މޮޅުވެފައިނުވާ ޖަރުމަނުގެ ކޯޗު ލޯ ބުންޏެވެ.

އޭނާ ބުނީ މެދުތެރޭގެ ކޮންޓްރޯލް ނަގަން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށާއި ކާމިޔާބު ލިބެން އޮތީ އެކަން ކޮށްގެން ކަމަށެވެ.

ލޯ ގެ އިރުޝާދުގެ ދަށުން އެންމެ ފަހުގެ ޔޫރޯގެ ފައިނަލުގައި ސްޕެއިން އަތުން ޖަރުމަން ބަލިވިއިރު އެންމެ ފަހުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ވެސް ޖަރުމަން ވަނީ ސްޕެއިން އަތުން ބަލިވެފަ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި