ވޯސޯ، ޕޮލެންޑް (ޖޫން 29) - މާރިއޯ ބަލޮޓެލީ ފުރަތަމަ ހާފުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ޖަރުމަން އަތުން 2- 1 އިން މޮޅުވެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލުން އިޓަލީ މިރޭ ޖާގަ ހޯދައިފި އެވެ.
ދެ ލަނޑުގެ ލީޑެއްގައި އިޓަލީ އޮއްވާ އިތުރު ވަގުތު ޕެނަލްޓީ އަކުން ޖަރުމަނުގެ މެސުޓް އޮޒިލް ލަނޑެއް ޖެހައި އިޓަލީ ހާސްކޮށްލި ނަމަވެސް މެޗު ނިމިގެން ދިޔައީ 2000 ވަނަ އަހަރުގެ ފަހުން ޔޫރޯގެ ފައިނަލުން އިޓަލީ ފުރަތަމަ ފަހަރަށް ޖާގަ ހޯދައިގެންނެވެ.
ޔޫރޯ ދެ ވަނަ ފަހަރަށް ކާމިޔާބުކުރުމަށް އިޓަލީން އާދީއްތަ ދުވަހުގެރޭ، ޔޫކްރޭނުގެ ވެރިރަށް ކިއޭވުގައި އޮންނަ ފައިނަލް މެޗަށް ނުކުންނާނީ އެންމެ ފަހުގެ ޔޫރޯ އަދި ވޯލްޑް ކަޕުގެ ޗެމްޕިއަން ސްޕެއިނާ ދެކޮޅަށެވެ.
މިރޭގެ މެޗާ ހަމަޔަށް ވެސް މުބާރާތުގައި ބަލިވެފައިނުވާ ޖަރުމަނަށް މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިގެން ދިޔަ އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ ޑިފެންޑަރު މެޓްސް ހުމެލްސް ފޮނުވާލުމުން ގޯލަށް ވަންނަން ދަނިކޮށް ގޯލް ރޮނގު މަތިން އެ ބޯޅައަށް ހުރަސް އިޓަލީގެ އަންދްރޭ ޕިރްލޯ އެވެ. އޭގެ ހަ މިނެޓު ފަހުން އޭރިއާ ތެރެއިން ޖެރޯމް ބޯޓެން ފޮނުވާލި ބާރު ބޯޅަ އިޓަލީ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ އަތުގައި ޖެހިފައި ނުކުތް ނަމަވެސް ޑިފެންޑަރު އަންދްރޭ ބަރްޒާގްލީ ވަނީ ދިފާއުކޮށްފަ އެވެ.
ދެން ފެނިގެން ދިޔައީ އިޓަލީން ލީޑު ނެގި ތަނެވެ. ބަލޮޓެލީ މި ލަނޑު ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ކަސާނޯ ނެގި ހުރަހެއް އޭރިއާ ތެރޭ ހުރެ ބޮލުން ގޯލަށް ވައްދާލައިގެންނެވެ.
އިޓަލީގެ ލަނޑާއެކު އެ ޓީމުން މެޗުގެ ކޮންޓްރޯލް ކޮންމެވެސް ވަރަކަށް ހޯދިއިރު 34 ވަނަ މިނެޓުގައި ރިކާޑޯ މޮންޓޮވީލާގެ ނުރައްކާތެރި ބާރު ބޯޅައެއް ޖަރުމަން ގޯލްކީޕަރު މެނުއަލް ނޯޔާއަށް ދިފާއުކުރަން ޖެހުނެވެ. އޭގެ ދެ މިނެޓު ފަހުން މޮންޓޮވީލޯ ތަނަވަސްކޮށްދިން ފުރުސަތަކުން ބަލޮޓެލީ އިޓަލީގެ ލީޑު ފުޅާކޮށްދިނެވެ. މެދުތެރެއިން ކުރިއަށް މޮންޓޮލީވޯ ދިން ބޯޅައަށް، އަރާ ޖަރުމަނުގެ އޮފްސައިޑް މަޅިން ވެސް ނެއްޓި ބަލޮޓެލީ ބާރު ބޯޅަ ގޯލަށް ފޮނުވާލި އިރު ޖަރުމަން ކީޕަރު ނޯޔާ ހުރީ ހުއްޓުން އަރައިފަ އެވެ. މި ލަނޑަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ޖާޒީ ބޭލުމުން ބަލޮޓެލީއަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ.
ޖަރުމަނުން ދެ ވަނަ ހާފު ފެށީ ފޯވާޑް މާރިއޯ ގޯމޭޒްގެ ބަދަލުގައި ތަޖުރިބާކާރު ފޯވާޑް މިރޮސްލާވް ކްލޯސާ އަދި ލޫކަސް ޕޮޑޮލްސްކީގެ ބަދަލުގައި މާކޯ ރެއުސް އަރުވައިގެންނެވެ.
ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އޭރިއާ ތެރެއިން ޖަރުމަން ކެޕްޓަން ފިލިޕް ލާމް އަށް ހުސްކޮށް ޖަހަން ލިބުނު އިރު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް މަތިންނެވެ.
ހެޓްރިކް ހަދަން ބަލޮޓެލީ އަށް 60 ވަނަ މިނެޓުގައި ފުރުސަތު ލިބުނު އިރު، އިޓަލީ ދެ ކުޅުންތެރިން އޭރިއާ ތެރޭ ހުސްކޮށް ތިއްބާ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެންނެވެ.
މުޅި މެޗުގައި ވެސް ޖަރުމަނުން ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ 62 ވަނަ މިނެޓުގަ އެވެ. ރެއުސް ފޮނުވާލި ހިލޭ ޖެހުން އިޓަލީ ކީޕަރު ބުފޮން އަތުން ޖެއްސި ނަމަވެސް އެ ބޯޅަ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ވެސް ކޭއްތިލައިފަ އެވެ.
މެޗުގެ ފަހުކޮޅު، ލަނޑެއް ޖަހަން ޖަރުމަނުގެ މުޅި ޓީމު އެއްކޮށް ކުރިއެރި އިރު އިޓަލީ އަށް ލަނޑު ޖަހަން ރަނގަޅު ތިން ފުރުސަތެއް ލިބިގެން ދިޔަ އެވެ. އެގޮތުން 75 ވަނަ މިނެޓުގައި ކްލައުޑިއޯ މާކީޒިއޯ އަށް އޭރިއާ ތެރޭން ހުސްކޮށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އަދި ބަލޮޓެލީގެ ބަދަލުގައި ކުޅެން އެރި ތަޖުރިބާކާރު ފޯވާޑް އެންޓޯނިއޯ ޑި ނަޓާލޭ އަށް 82 ވަނަ މިނެޓުގައި ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އެކަނިމާއެކަނި އަރައި އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.
އިޓަލީއަށް ހާސްކަން ކުރިމަތިވީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓުގެ ތެރޭން ދެ ވަނަ މިނެޓުގައި އިޓަލީގެ ޑިފެންޑަރު ފެޑެރިކޯ ބަލްޒެރެޓީގެ އަތުގައި ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ޖަރުމަނަށް ޕެނަލްޓީ ލިބުނު ހިސާބުންނެވެ. އޮޒިލް ހާސްކަމެއް ނެތި ޕެނަލްޓީ ވައްދާލި އިރު ފަހު ދެ މިނެޓުގައި މުޅި ޓީމު ކުރިއަރައިގެން ވެސް އިތުރު ގޯލަކާ ހަމަޔަށް ދެވޭ ގޮތެއް ނުވި އެވެ.
މިރޭގެ މެޗާއެކު، ޖަރުމަނުން ބަލިނުވެ ފުރިހަމަކުރި 15 މެޗުގެ ރެކޯޑަށް ވަނީ ނިމުމެއް އައިސްފަ އެވެ. އަދި މި މެޗުން ބަލިވުމުން، ވާދަވެރި މެޗެއްގައި އިޓަލީ އަތުން ޖަރުމަނަށް މޮޅުނުވުމުގެ ސިލްސިލާއަށް ވަނީ ބޮޅެއް އިތުރުވެފަ އެވެ. އިޓަލީ އަތުން 1970 ގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލާއި 1982 ގެ ވޯލްޑް ކަޕުގެ ފައިނަލް އަދި 2006 ގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުން ވެސް ޖަރުމަން ވަނީ ބަލިވެފަ އެވެ. ވަރުގަދަ ސްކޮޑަކާއެކު މުބާރާތާ ކުރިމަތިލި ޖަރުމަން ސެމީން ކެޓިއިރު، އެ ޓީމު އެންމެ ފަހުގެ ވޯލްޑް ކަޕުން ކެޓީ ސްޕެއިން އަތުން ބަލިވެގެންނެވެ. އަދި އެންމެ ފަހުގެ ޔޫރޯގެ ފައިނަލުން ބަލިވީ ވެސް ސްޕެއިނާ ކުޅެ އެވެ.
ފައިނަލުން ފުރުސަތު ލިބުމާއެކު އިޓަލީ އަށް ވަނީ އަންނަ އަހަރުގެ ކޮންފެޑެރޭޝަންސް ކަޕުން ފުރުސަތު ލިބިފަ އެވެ. އެއީ ސްޕެއިނަށް ވޯލްޑް ކަޕުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މިހާރު ވެސް ފުރުސަތު ލިބިފައިވާތީ އެވެ.

އެންޓި ޓެރަރިޒަމް ތަމްރީން ނިމުން
18 comments