އެސްޓަން ވިލާ

ވިލާގެ ކޯޗުކަމުން މިކްލީޝް ވަކިކޮށްފި

ހަސަން ޝިފާން
15 މެއި 2012 09:19 1 ކޮމެންޓު
  • އެލެކް މިކްލީޝް: ވިލާގެ ކޯޗުކަމުން އޭނާ ވަނީ ވަކިކޮށްފަ. -- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 15) - އެސްޓަން ވިލާގެ ކޯޗުގެ މަގާމުން އެލެކް މިކްލީޝް ވަކިކޮށްފި އެވެ.

ވިލާގެ ވެބްސައިޓްގައި އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ސީޒަންގައި މިކްލީޝްގެ އިރުޝާދުގެ ދަށުން އެ ކްލަބުން ނެރެފައިވާ ނަތީޖާތަކާމެދު ހިތްހަމަނުޖެހޭ ކަމަށާއި ކްލަބަށް ދިމާވެފައިވާ މައްސަލަތަކަށް ހޯދޭނެ އެންމެ ރަނގަޅު ހައްލަކީ އާ ކޯޗެއް ހަމަޖެއްސުން ކަމަށެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގެ ފަހުކޮޅު ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތްކުރި ވިލާ ރެލިގޭޓްނުވުމަކީ އެ ކްލަބުގެ ސަޕޯޓަރުންނަށް ލިބުނު ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެކެވެ. އެކަމަކު 16 ވަނައިގައި އެ ކްލަބު ލީގު ނިންމާލުމުން ސަޕޯޓަރުންގެ ރުޅިވެރިކަން އެންމެ ބޮޑަށް އަމާޒުވެފައިވަނީ މިކްލީޝްއަށެވެ. ވިލާ ސީޒަން ނިންމާލިއިރު ރެލިގޭޝަން ޒޯނުން ސަލާމަތްވީ ދެ ޕޮއިންޓްގެ ތަފާތަކުންނެވެ.

"މިކްލީޝް މި ސީޒަނުގައި މި ކްލަބަށް ކޮށްދިން މަސައްކަތަށް ކްލަބުން ޝުކުރުއަދާކުރަން،" ވިލާގެ ޗީފް އެގްޒެކަޓިވް ޕޯލް ފައުލްކްނާ ވިދާޅުވި އެވެ.

ވިލާއާ ގުޅުމުގެ ކުރިން މިކްލީޝް ހުރީ ބާމިންހަމް ސިޓީގެ ކޯޗަކަށެވެ. މިކްލީޝްގެ އިރުޝާދުގެ ދަށުން ބާމިންހަމް ރެލިގޭޓްވި ނަމަވެސް އެ ކްލަބުން އޭނާ މަގާމުގައި ބެހެއްޓި އެވެ. އެކަމަކު މިކްލީޝް ވަނީ މަގާމުން ވަކިވެ، ވިލާއާ ހަވާލުވެފަ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ވިލާ އިން މަސައްކަތްކުރަމުންދަނީ ނޯވިޗް ސިޓީގެ ކޯޗު ޕޯލް ލެމްބާޓް ނުވަތަ ވިގަންގެ ކޯޗު ރޮބާޓޯ މާޓިނޭޒް އާ ކޯޗަކަށް ގެންނަން މަސައްކަތްކުރަމުންނެވެ. -- އޭއެފްޕީ

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait