އެސްޓަން ވިލާ

ވިލާގެ ކޯޗަކަށް ލެމްބާޓް ހަމަޖައްސައިފި

ހަސަން ޝިފާން
03 ޖޫން 2012 10:16
  • ލެމްބާޓް: އޭނާ ވަނީ ވިލާގެ ކޯޗަކަށް ހަމަޖައްސައިފައި. -- ފޮޓޯ / އޭއެފްޕީ

ލަންޑަން (ޖޫން 3) - މިިދިޔަ ސީޒަންގައި ނޯވިޗް ސިޓީ އަށް ކޯޗުކޮށްދިން ޕޯލް ލެމްބާޓް އެސްޓަން ވިލާގެ ކޯޗަކަށް ހަމަޖައްސައިފައިވާ ކަމަށް އެ ކްލަބުން އިއްޔެ އިއުލާންކޮށްފި އެވެ.

ލެމްބާޓް ވިލާއާ މި ގުޅުނީ ނޯވިޗްގެ ކޯޗުކަމުން އޭނާ އިސްތިއުފާ ދިންތާ 48 ގަޑިއިރު ފަހުންނެވެ. މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ވިލާ އިން ވަނީ ނޯވިޗް އަށް ލެމްބާޓްގެ ބަދަލެއްގެ ގޮތުން އެއް މިލިއަން ޕައުންޑް ދީފަ އެވެ.

ވިލާގެ ކޯޗަކަށް ލެމްބާޓް ހަމަޖެއްސީ މިދިޔަ ސީޒަނަށް ފަހު އެލެކް މެކްލީޝް އެ ޓީމުގެ ކޯޗުގެ މަގާމުން ވަކިކުރުމަށް ފަހު އެވެ. މިދިޔަ ސީޒަން ވިލާ ރެލިގޭޝަނުން ސަލާމަތްވީ އެންމެ ދެ ޕޮއިންޓްގެ ތަފާތަކުންނެވެ.

ނޯވިޗް ވަނީ މިދިޔަ ސީޒަންގައި ލެމްބާޓްގެ އިރުޝާދުގެ ދަށުން ލީގުގެ 12 ވަނަ ހޯދައިފަ އެވެ. ނޯވިޗްގެ ކޯޗުކަމާ 2009 ވަނަ އަހަރު ހަވާލުވުމަށް ފަހު ލެމްބާޓް ، ،41 ވަނީ އެ ކްލަބަށް ޕްރިމިއާ ލީގުން ޖާގަ ހޯދައިދީފަ އެވެ.

ވިލާ އިން ވަނީ މެންޗެސްޓާ ޔުނައިޓަޑަށް ކުރިން ކުޅުނު ނޯވޭގެ ފޯވަޑް އޮލޭ ގަނާ ސޮލްޝަޔާއާ ވާހަކަދައްކައިފަ އެވެ. އެކަމަކު ނޯވޭގެ ކްލަބަކަށް މިހާރު ކޯޗުކޮށްދެމުންދާ ސޮލްޝަޔާ ވަނީ އާއިލީ ސަބަބުތަކާހެދި ނޯވޭގައި މަޑުކުރަން ނިންމައިފަ އެވެ. މީގެ އިތުރުން ވިގަންގެ ކޯޗު ރޮބާޓޯ މާޓިނެޒާ ވެސް ވިލާ އިން ވާހަކަދެއްކި ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ. -- އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި