މި މަހުގެ 10ގެ ކުރިން ބަޖެޓު ނުލިބިއްޖެ ނަމަ މަސައްކަތްތައް ހުއްޓާލަންޖެހިދާނެ ކަމުގެ އިންޒާރު ފުވައްމުލަކު ދިގުވާޑުގެ ކައުންސިލުން ދީފި އެވެ.
އެ ކައުންސިލްގެ ރައީސް މުހައްމަދު ހާލިސް ޝަރީފް މިއަދު ވިދާޅުވީ އެ ރަށުގެ އަށް ކައުންސިލުން ވެސް ބޭނުންކުރަމުން އައީ އެ ކައުންސިލްތައް ހިންގަމުން އައި ގައުމީ އިދާރާގެ ބަޖެޓު ކަމަށެވެ. ނަމަވެސް މޭ މަހުގެ ތެރޭގައި ސަރުކާރުން ގައުމީ އިދާރާ އުވާލުމާ ގުޅިގެން ބަޖެޓް ފްރީޒްކޮށްފައިވާ ކަމަށާއި އޭގެ ފަހުން އެއްވެސް ކަމަކަށް ފައިސާ ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަންސޫރެއް ގަނެވޭނެ ގޮތް ވެސް ނެތް. މުސާރަ ފިޔަވައި އިތުރު އެއްވެސް ފައިސާއެއް މޭ މަހުން ފެށިގެން ނުލިބޭ،" ހާލިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުރިހާ ކައުންސިލްތަކަށް ވެސް އެ މައްސަލަ ކުރިމަތިވެފައިވާ ކަމަށާއި ފެބްރުއަރީ މަހުން ފެށިގެން އެއްވެސް ބިލަކަށް ފައިސާ ވެސް ދައްކާފައި ނުވާ ކަމަށެވެ. އަދި ކްރެޑިޓް ބޮޑުވުމުގެ ސަބަބުން ބައެއް ފިހާރަތަކުން ކައުންސިލްތަކަށް އެއްޗެހި ދޫކުރުން ވެސް ހުއްޓާލާފައިވާތީ އޮފީސް ހިންގޭނެ އެއްވެސް ގޮތެއް މިހާރު ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަތޮޅު ކައުންސިލް މެދުވެރިކޮށް އަޅުގަނޑުމެން ފިނޭންސަށް ވަރަށް ގިނަ ފަހަރު މަތިން ހުށަހަޅައިފިން. މިހާރު ވެސް ކޮންމެ ދުވަހަކު ހަމަ ގުޅަން. ލިޔުމުން އަންގައިފިން. އެންމެ ފަހުން ވެސް ބުނެފައި އޮތީ މި މަހު ހަމަޖެހޭނެޔޭ. ނަމަވެސް ހަމަނުޖެހޭތީ 10ގެ ފަހުން ކައުންސިލްތައް މަސައްކަތް ހުއްޓާލަންޖެހިދާނެ ކަމަށް އަޅުގަނޑުމެން ވާނެ އަތޮޅު ކައުންސިލަށް އަންގާފައި،" ހާލިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ގައުމީ އިދާރާގައި ހަ ކައުންސިލެއް ހިންގަމުން އަންނަ އިރު އަނެއް ދެ ކައުންސިލް ހިންގަނީ ކުރިން ހޮސްޕިޓަލް ހިންގި ބާ އިމާރާތުގައި ކަމަށެވެ. އަދި ޖާގައިގެ ދަތިކަމާ ހުރެ ބޭނުންވާ މުވައްޒަފުން ވެސް ނުހޯދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފައިނޭންސް އޮފިސަރެއް ނެގުމަށް ވެސް ހުއްދަ ލިބިފައި އޮތީ. ނަމަވެސް އިށީންނާނެ ތަނެއް ނެތިގެން އުޅޭ އިރު ކިހިނެއް ހޯދާނީ. މިތާ މި ހުންނަނީ ހަތަރު މޭޒާއި ހަތަރު ގޮނޑި އާއި އެއް ކޮމްޕިއުޓަރު. ތިން ކައުންސިލަރުން ބޭނުންކުރަނީ އެއް މޭޒު،" ހާލިސް ވިދާޅުވި އެވެ.

9 comments