ގޫގްލް

އޭއާރުއެމް ކްރޯމްބުކެއް ނެތީ ކީއްވެކަން ގޫގަލުން ބުނެފި

އަހުމަދު ނިޔާޒް
06 ޖޫން 2012 09:06

އޭއާރުއެމް ޗިޕްސެޓްގައި ކްރޯމް އޯއެސް ޑިވައިސްތައް ހިންގޭހާ ފެންވަރު ނެތް ކަމަށް ގޫގަލުން ބުނެފި އެވެ. ގޫގަލް އާއި ސަމްސޮން ގުޅިގެން އުފައްދާ ކްރޯމް ޑިވައިސްތަކަށް އިންޓެލް ސޭންޑީ ބްރިޖް ޗިޕްސެޓް އިޚްތިޔާރުކުރީ އެ ސަބަބާ ހެދި ކަމަށް ވެސް ގޫގަލުން ބުންޏެވެ.

އޭއާރުއެމް ޗިޕްތައް ޑިޒައިންކޮށްފައި ހުންނަނީ މަދު ހަކަތައިން ހިންގޭ ގޮތަށެވެ. ސްމާޓްފޯންތައް ފަދަ ހަކަތަ އަށް ބޫތުނުކާ ބައެއް ޑިވައިސްތަކުގައި އޭއާރުއެމް ޗިޕްތައް ވަރަށް ގިނައިން ބޭނުންހިފެ އެވެ.

އޭއާރުއެމްގެ މައިގަނޑު ވިސްނުމަކީ ހަކަތަ މަދުކުރުން ކަމަށް ގޫގަލުން ބުނެ އެވެ. އެހެން ނަމަވެސް އިޚުތިޔާރީ ފަސޭހަތަކަށް ކްރޯމް އޯއެސް ލަންބައިނުލެވޭ ނަމަ އޭއާރުއެމް ޗިޕްސެޓެއް މުހިންމު ނޫން ކަމަށް ވަނީ ބުނެފަ އެވެ.

ސަމްސޮންގުން ކްރޯމް އޯއެސް ޑިވައިސްތަކަށް މަސައްކަތް ފެށިއިރު އިންޓެލް އައިވީ ބްރިޖް ޕްރޮސެސާތައް ފައްކާނުވާ ކަމަށް ގޫގަލުން ބުންޏެވެ.

އިންޓެލް އެޓޮމް ޕްރޮސެސާތައް ފަހަނައަޅައި ސޭންޑީ ބްރިޖް ހުރަސްކޮށް އައިވީ ބްރިޖަށް ދިއުމަކީ އިންޖިނޭރުންނަށް ޗެލެންޖެއް ކަމަށް ޕްރޮޑަކްޓް މެނޭޖްމަންޓް ޑައިރެކްޓަ ކްރޯމް އޯއެސް، ސީޒާ ސެންގުޕްތާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޓެލް ޕްރޮސެސާތަކުގައި ކްރޯމް އޯއެސް ހިންގޭހާ ގާތަށް ވެސް އޭއާރުއެމް ޗިޕްތަކުގައި ނުހިންގެ އެވެ.

ބެޓެރީ ޗާޖް ކިތަންމެ ގިނައިރު ހިފެހެއްޓި ނަމަވެސް ބޭނުންކުރާ މީހުން އެދޭހާ ފެންވަރު ކްރޯމް އޯއެސް އަށް ނުދެއްކޭ ނަމަ އެ އާލާތެއް ކަމުނުދަނީ ކަމަށް އޭނާ ވިދާޅުވި އެވެ. އިންޓެލް ކްރޯމްބުކެއް ފުލް ޗާޖްގައި އެއް ވާނަކަށް ހަ ގަޑިއިރު ބޭނުންކުރެވޭ ކަމަށާއި އެއީ އެވަރުގެ ދުވެއްޔަކަށް އެކަށީގެންވާ މިންވަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގޫގަލުން ކްރޯމް އޯއެސް ގޮވައިގެން އިންޓެލް އަށް ދިއަ ނަމަވެސް މި އަހަރު ފަހުކޮޅު މާކެޓަށް ނެރޭ ވިންޑޯޒް އެއިޓް ޓެބްލެޓްތަކަށް މައިކްރޮސޮފްޓުން އިޚުތިޔާރުކޮށްފައި ވަނީ އޭއާރުއެމް ޗިޕްސެޓް އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި