ހެލްތު އިންޝުއަރެންސް

ހެލްތު އިންޝުއަރެންސް ދިނުމަށް އެލައިޑާއެކު ކުންފުނި އުފައްދައި، އެއްބަސްވުމުގައި ސޮއިކޮށްފި

ހުސައިން ފިޔާޒު މޫސާ
22 ޑިސެމްބަރ 2011 18:41 38 ކޮމެންޓު
 • ޔުނިވާސަލް ހެލްތު އިންޝުއަރެންސް ދިނުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލާއި ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒާއި އާސަންދަގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒު މިއަދު ސޮއިކުރައްވަނީ. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

 • ޖެނުއަރީ 1 އިން ފެށިގެން ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާގެ ހިދުމަތް ހިލޭ ދިނުމަށްޓަކައި އެލައިޑް އިންޝުއަރެންސާއެކު ސަރުކާރުން

 • ޖެނުއަރީ 1 އިން ފެށިގެން ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާގެ ހިދުމަތް ހިލޭ ދިނުމަށްޓަކައި އެލައިޑް އިންޝުއަރެންސާއެކު ސަރުކާރުން

ޖެނުއަރީ 1 އިން ފެށިގެން ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާގެ ހިދުމަތް ހިލޭ ދިނުމަށްޓަކައި އެލައިޑް އިންޝުއަރެންސާއެކު ސަރުކާރުން ކުންފުންޏެއް އުފައްދައި ޔުނިވާސަލް ހެލްތު އިންޝުއަރެންސް ދިނުމުގެ އެއްބަސްވުމުގައި އެ ކުންފުންޏާ އެކު ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

މިހާރު ބޭސްފަރުވާގެ ހިދުމަތް ދޭ މަދަނައިގެ ބަދަލުގައި، ކޮންމެ ރައްޔިތަކަށް 100،000ރ. ގެ ބޭސްފަރުވާ ހިލޭ ދިނުމަށްޓަކައި އުފެއްދި ކުންފުނީގެ ނަމަކީ އާސަންދަ ޕްރައިވެޓް ލިމިޓެޑެވެ.

އެލައިޑްގެ 60 ޕަސެންޓް އަދި ސަރުކާރުގެ 40 ޕަސެންޓް ހިއްސާވާ މި ކުންފުނިން ހުރިހާ ރައްޔިތުންނަށް ހެލްތު އިންޝުއަރެންސް ދިނުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލާއި ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒެވެ. އާސަންދަގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒެވެ.

އާޓިފިޝަލް ބީޗްގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ މަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާއަކީ އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު ވެސް އެންމެ ހާލުގައި އޮތް ދާއިރާ ކަމަށާއި ނަމަވެސް އިންޝުއަރެންސްގެ އާ ނިޒާމުގެ ސަބަބުން އެ ދާއިރާ ރަނގަޅުވެގެން ދާނެ ކަމަށެވެ.

"އާސަންދަ"ގެ ދަށުން ކޮންމެ ރައްޔިތަކަށް 100،000ރ. ގެ ބޭސްފަރުވާ ހިލޭ ކުރެވޭއިރު، އެޑްމިޓްކޮށްގެން ދޭ ހުރިހާ ފަރުވާއެއް ޕެކޭޖްގެ ލިމިޓް ހަމަވަންދެން ހޯދޭނެ އެވެ. މީގެތެރޭގައި އެޑްމިޓްކުރުމުގެ ކުރިން ކުރަންޖެހޭ ތަހްލީލްތަކާއި ހޯދާ ހިދުމަތްތައް ހިމެނެ އެވެ.

އެޑްމިޓް ނުވެ ހޯދާ ބޭސްފަރުވާ އަށް އަހަރަކު 10،000ރ ކަނޑައަޅާފާއިރު، އެޑްމިޓްނުވެ ހޯދާ ފަރުވާއާ ގުޅޭ ބޭހަށް 10،000ރ. އާއި އެޑްމިޓް ނުވެ ދޭ ފިޒިއޮތެރަޕީ އަށް 10،000ރ. އަދި ދަތުރުގެ ފަރުވާ އަށް 10،000ރ. ކަނޑައަޅާފައިވެ އެވެ. އޭގެއިތުރުން އެކްސިޑެންޓް ވެގެން ދަތަށް ކުރާ ފަރުވާއަށް  10،000 ރ. ކަނޑައަޅާފައިވެ އެވެ.

ފުރާނަ އަށް ނުރައްކާވާފަދަ ހާލަތުގައި ދަތުރުފަތުރަށް 30،000ރ. ކަނޑައަޅާފައި ވާއިރު، ރާއްޖޭން ލިބެން ނެތް ހިދުމަތެއް ހޯދުމަށް ބޭރަށް ދިއުމުގެ ޓިކެޓަށް 15،000ރ. ކަނޑައަޅާފައިވެ އެވެ. އަދި އައިނު ހެއްދުމަށް އަހަރަކަށް 1،000 ވެސް ވަނީ ސްކީމުގައި ހިމަނާފަ އެވެ.

އާސަންދަގެ ދަށުން ޑަޔެލެލިސް ހަދަން ޖެހޭ މީހަކަށް  100،000ރ. ލިމިޓް ހަމަވަންދެން އެ ފަރުވާ ހޯދޭނެ ކަމަށް އާސަންދަގެ ވެބްސައިޓްގައިވެ އެވެ. އާސަންދަ ޕްރައިވެޓް ލިމިޑެޓްގެ ހޮޓްލައިން ނަންބަރަކީ 1400 އެވެ.

އާސަންދަގެ ދަށުން ރާއްޖޭގެ ގިނަ ތަންތަނަން ސިއްހީ ފަރުވާގެ ހިދުމަތް ލިބޭއިރު، ރާއްޖޭން ބޭރުން ބޭސްފަރުވާކުރުމަށް ކަނޑައަޅާފައިވަނީ 10 ހޮސްޕިޓަލެކެވެ. އެއީ ޓްރިވެންޑްރަމުގެ ހަ ހޮސްޕިޓަލަކާއި ކޮޗިންގެ ހޮސްޕިޓަލަކާއި ކޮލަމްބޯގެ ތިން ހޮސްޕިޓަލެކެވެ.

ޓްރިވެންޑްރަމުން އާސަންދަގެ ދަށުން ބޭސްފަރުވާކުރެވޭނެ ހޮސްޕިޓަލްތަކަކީ ކިމްސް އާއި ނިމްސް އާއި ލޯޑްސް ހޮސްޕިޓަލާއި އާނަންތަޕުރީ ހޮސްޕިޓަލާއި ކޮސްމޯޕޮލިޓަން ހޮސްޕިޓަލާއި ޗައިތޭނިޔާ އައި ހޮސްޕިޓަލާއި ރީޖަނަލް ކެންސާ ސެންޓަރު (އާރުސީސީ) އެވެ. އަދި ކޮޗިންގެ އަމްރީތާ އިންސްޓިޓިއުޓް އޮފް އޮންކޮލޮޖީން ފަރުވާ ހޯދޭއިރު، ކޮލަމްބޯގެ ލަންކާ ހޮސްޕިޓަލްސް އާއި ނަވަލޯކާ ހޮސްޕިޓަލުންނާއި އާސިރީ ހޮސްޕިޓަލުން ފަރުވާ ހޯދޭނެ ކަމަށް އާސަންދަގެ ވަބްސައިޓްގައިވެ އެވެ.

އާ ނިޒާމާއެކު އައިޖީއެމްއެޗްގެ ހިދުމަތްވެސް ރަނގަޅުކުރެވި، އަމިއްލަ ފަރާތްތަކާ ވާދަކުރެވޭ ވަރުގެ ހިދުމަތް އެ ހޮސްޕިޓަލުން ވެސް ދެވޭނެ ކަމަށާއި އަމިއްލަ ފަރާތްތައް ވެސް ކުރިއަރައިގެން ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތު ރައީސް ވާހަކަފުޅުދައްކަވަނީ.

އެމަނިކުފާނު ވިދާޅުވީ މިހާރު އައިޖީއެމްއެޗުގައި ޑޮކްޓަރަށް ދެއްކުމަށް ނަގަނީ 25ރ. ކަމަށާއި އަމިއްލަ ކްލިނިކްތަކުން 300ރ. ނަގާއިރު، އެ ކްލިނިކްތަކުގެ ހިދުމަތް ރަނގަޅުވާނެ ކަމަށެވެ.

"އެހެންވީމާ އަމިއްލަ ކްލިނިކްތަކުގައި މާ ރަނގަޅު އެއާކޯނާއި މާ ރަނގަޅު މެޝިންތައް ހުންނާނެ. ނަމަވެސް މި ނިޒާމް ތައާރަފުކުރުމުން އައިޖީއެމްއެޗް ވެސް ރަނގަޅުވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ޔުނިވާސަލް ހެލްތު އިންޝުއަރެންސް ތައާރަފުކުރި ނަމަވެސް ޖެނުއަރީ 1 ގައި "މުއުޖިޒާތެއް" ގޮތަށް އައިޖީއެމްއެޗް ބަދަލު ނުވާނެކަން އެންމެން ވެސް ގަބޫލްކުރަން ވާނެ ކަމަށާއި އެކަމަށް ދުވަސް ނަގާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދެނީ އިގްތިސާދީ އަދި މާލީ ސިޔާސަތަށް ގެނައި ބަދަލާއެކު ދައުލަތުގެ އާމްދަނީ އިތުރުވެގެން ކަމަށެވެ. އަދި އާ ނިޒާމުގެ ދަށުން ބޭސްފަރުވާކުރުމަށް ވަގުތުން ފައިސާ ނުދެއްކި ނަމަވެސް އެކަމަށް ހޭދަކުރާ ފައިސާއަކީ ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ސިޔާސަތަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ އިގްތިސާދީ ސިޔާސަތާއި މާލީ އަދި އިޖުތިމާއީ ނިޒާމް ރައްޔިތުންނަށް ތަސައްވަރުކުރެވޭނެ ކަމަށާއި "އަނެއް ދިވެހިރާއްޖޭގެ މަލަމަތި މިހާރު ފެންނާނެ" ކަމަށެވެ.

ހުރިހާ ރައްޔިތުންނަށް ހެލްތު އިންޝުއަރެންސް ދިނުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

38 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait