ސިއްހީ ޚިދުމަތް

ބަލި މީހުންނާ އެއްވަރަށް ޑައިލިސިސް ސެންޓަރަށް ފަރުވާ ބޭނުންވެފައި!

ހުސައިން ފިޔާޒު މޫސާ
24 މެއި 2012 08:53
  • އައިޖީއެމްއެޗްގެ ޑައިލިސިސް ސެންޓަރު: ތަނުގައި ވަސީލަތްތަކާއި ޖާގައިގެ ދަތިކަމުން އެކަށީގެންވާ ހިދުމަތެއް ނުދެވޭ --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

ކިޑްނީގެ ބަލިތައް އިންތިހާ އަށް މައްޗަށް ގޮސްފައިވާއިރު، ކިޑްނީ ބަލިތަކަށް ފަރުވާ ދެވޭނެ އެކަށީގެންވާ ވަސީލަތްތަކެއް ނެތެވެ. ކިޑްނީގެ ބައްޔެއް ހުރިތޯ ތަހްލީލުކުރެވޭނެ ފުރިހަމަ ގޮތްތައް ވެސް ނެތް އިރު، ޑައިލިސިސް ސެންޓަރު ވެސް އެކަށީގެންވާ ގޮތެއްގައި ތަރައްގީއެއް ނުވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މީގެ 10 ވަރަކަށް އަހަރު ކުރިން ޑައިލިސިސް ސެންޓަރެއް ގާއިމުކުރިއިރު ވެސް ކިޑްނީ ބަލީގެ ގިނަ ބަޔަކު ތިއްބެވެ. އެހެންވުމާ އެކު އޭރު ވެސް އަދި މިހާރު ވެސް އެ ސެންޓަރަށް އޮބި އޮންނަ ވަރަށް ވުރެ އިތުރަށް ހިދުމަތް ދޭން ޖެހެ އެވެ. ދެ މެޝިނުން ފެށި ޑައިލިސިސް ސެންޓަރުގައި މިހާރު 10 މެޝިން ހުއްޓަސް އޭގެ ތެރެއިން ބޭނުން ކުރެވެނީ ނުވަ މެޝިނެވެ. އެއް މެޝިން ހުރީ ހަލާކުވެފަ އެވެ. އަދި ބައެއް މެޝިންތައް ހިންގަމުން ދަނީ ހަލާކުވި މެޝިންތަކުގެ ބައިތައް ލައްވައިގެނެވެ.

ޑައިލިސިސް ސެންޓަރުން ގަވާއިދު 90 އަށް ވުރެ ގިނަ މީހުން ޚިދުމަތް ހަދަމުން ދެއެވެ. އޭގެ ކޮންމެ މީހަކު ވެސް މަދުވެގެން ހަފުތާއަކު ތިން ދުވަހު، ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ޑައިލިސިސް ހަދަން ޖެހެ އެވެ. އެއީ ކިޑްނީ ފެއިލްވެފައި ހުރުމުގެ ސަބަބުން ހަށިގަނޑުގެ އެތެރޭގައި އުފެދޭ ވިހަ މާއްދާތައް ސާފުކުރުމަށެވެ. އަދި ހަށިގަނޑުގެ އެތެރޭގައި ހުންނަ ދިޔަ އެއް މިންވަރަކަށް ހިފެހެއްޓުމަށެވެ. ޑައިލިސިސް ބަރާބަރަށް ނުހަދާ ނަމަ އެކަމުން ފުރާނަ އަށް ވެސް ނުރައްކާވާނެ އެވެ. އެކަމަކު އައިޖީއެމްއެޗްގެ ހާލަތު ހުރި ގޮތުން ޑައިލިސިސް ހެދުމަކީ ވަރަށް ދަތި އަދި ތަކްލީފު ބޮޑު ކަމެކެވެ.

ޑައިލިސިސް ސެންޓަރުގެ އިސް ޑޮކްޓަރަކަށް ހުންނެވި މޫސާ މުރާދު ވިދާޅުވި ގޮތުގައި މިހާރު ތިބި ބަލިމީހުންނަށް ފަރުވާ ދެވެނީ ހުއްޓުމެއް ނެތި 24 ގަޑިއިރު މެޝިންތައް ބޭނުންކޮށްގެންނެވެ. އެ "ކިޑްނީތައް" ހުއްޓުމެއް ނެތި ބޭނުން ކުރަން ޖެހުމަކީ މައްސަލަތައް ބޮޑުވެ، ފެއިލްވުމުގެ ފުރުސަތު ފުޅާވާނެކަމެއް ކަމަށް ވެސް ޑރ. މުރާދު ވިދާޅުވި އެވެ.

"މިހާރު ހުރި މެޝިންތަކަށް 10 އަހަރު ވެއްޖެ. އެއީ މެޝިނެއްގެ އުމުރަށް ވުރެ ވެސް ދިގު މުއްދަތެއް. އެހެންވެ އެ އެއްޗެހި ވަރަށް އަވަހަށް ހަލާކު ވެސް ވޭ،" ޑރ. މުރާދު ވިދާޅުވި އެވެ.

މެޝިނެއް ހަލާކުވެއްޖެ ނަމަ ހެދުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ. ސަބަބަކީ އޭގެ ސްޕެއާޕާޓްސް މި ސަރަހައްދުން ނުލިބޭތީ އެވެ. އޭގެ ސާމާނު އެންމެ ކައިރިން ވެސް ލިބެނީ ހޮންކޮންގުން ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑައިލިސިސް ސެންޓަރުން އެއް ފަހަރާ ދެ މެޝިން ހަލާކުވެއްޖެ ނަމަ އެކަން ބޮޑު މައްސަލައަކަށް ވެދެ އެވެ. އެފަދަ ހާލަތެއްގައި ހަތަރު ގަޑިއިރު ޑައިލިސިސް ހެދުމުގެ ބަދަލުގައި، ތިން ގަޑިއިރަށް ބަދަލުކޮށްލަން ޖެހޭ ކަމަށާއި ހަފުތާއަކު ތިން ދުވަހުގެ ޑައިލިސިސް، ދެ ދުވަހަށް ބަދަލުކުރަން ޖެހޭ ކަމަށް ވެސް ޑރ. މުރާދު ވިދާޅުވި އެވެ.

"މިއީ ޕްރެކްޓިސްގައި އެތިކަލީ ވެސް ރަނގަޅު ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޑައިލަސިސް ސެންޓަރުގެ ނަރުހުންގެ އިންޗާޖަކަށް އުޅުއްވާ އައިޝަތު ހާމިދު ވިދާޅުވީ "މިތަނުގައި [ޑައިލިސިސް ސެންޓަރުގައި] ހިދުމަތް ދެމުން މިދަނީ ވަރަށް ހާސްކަމުގައި" ކަމަށެވެ.

"ހުރިހާ މެޝިންތަކެއް ފުލްކޮށް ބޭނުންކުރަމުންދާއިރު އެންމެ ބޮޑަށް ދިމާވާ މައްސަލަ އަކީ އެމެޖެންސީގައި މީހަކު ގެނެސްގެން ފަރުވާ ނުދެވުމުގެ މައްސަލަ،" އައިޝަތު ވިދާޅުވި އެވެ.

ކުއްލި ހާލަތުގައި ބަލި މީހަކު ގެނެސްފި ނަމަ، ޑައިލިސިސް އަށް ކިޔޫގައި އިންނަ މީހާ ފޮނުވާލުން ފިޔަވައި އިތުރު ގޮތެއް، ފުރާނަ ސަލާމަތްކުރުމަށްޓަކައި، ގިނަ ފަހަރަކު ނޯވެ އެވެ. އެފަދަ ބައެއް ހާލަތްތަކުގައި ޑައިލިސިސް ނުހަދާ ގެއަށް ދާން ޖެހޭ މީހާ ވެސް ނުރައްކާތެރި ހާލަތަކަށް ފުރޮޅުމުގެ ބިރު އޮންނަ ކަމަށް އައިސްތު ވިދާޅުވި އެވެ.

މިފަދަ ދަތި ގޮތަކަށް ޑައިލިސިސް ސެންޓަރު ހިންގަމުންދާއިރު، ޑައިލިސިސް ހަދާ މީހުންނަށް އެއީ ވަރަށް ބޮޑު ތަކުލީފެކެވެ. ޑައިލިސިސް ހެދުމަށް ކައިރި ރަށްތަކުން ވެސް މީހުން އާދެ އެވެ. އެފަދަ މީހެއްގެ ޑައިލިސިސް ހެދުން ލަސްކޮށްލުމަކީ މާލީ ގޮތުންނާއި ސިއްހީ ގޮތުން ވެސް ލިބޭ ބޮޑު ގެއްލުމެކެވެ.

ޑރ. މުރާދު ވިދާޅުވި ގޮތުގައި ޑައިލިސިސް ސެންޓަރުގެ ހިދުމަތް ރަނގަޅުކުރުމުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުގެންދެ އެވެ. އަދި އެސެންޓަރަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް، ބަލިމީހުންނަށް ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށްޓަކައި ޑައިލިސިސް އިތުރު ސެންޓަރުތަކެއް ހެދުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އައްޑު އަތޮޅުގައި ތަނެއް ހެދުން ވެސް މުހިންމު ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.

"އައްޑޫގައި ތަނެއް ހަދާ ވާހަކަ ކޮންމެވެސް ވަރަށް ކުރިން ދެކެވިފައި އޮތީ. އެކަމަކު މިހާރު އެކަން އޮތް ގޮތެއް ނޭނގޭ،" ޑރ. މުރާދު ވިދާޅުވި އެވެ.

ޑައިލިސިސް ހެދުމަކީ ކިޑްނީ ފެއިލްވެފައިވާ މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ މުހިންމު ބައެކެވެ. ސީދާ ބަލިމީހުންގެ ފުރާނައާ ގުޅިފައިވާ ޚިދުމަތަކަށް ވާތީ އެކަން އެޖެންޑާގެ ފަހަތަށް ޖެއްސޭނެ ގޮތެއް ނޯންނާނެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި