ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި ކެންސަރުން ދުރުވުމަށް ދުވާލަކު ފަސް ޕޯޝަންގެ ތަރުކާރީ އާއި މޭވާ ކެއުން ކޮންމެހެން މުހިއްމު ކަމަށް ވޯލްޑް ކެންސާ ރިސާޗް ފަންޑު (ޑަބްލިޔުސީއާރްއެފް) އިން އިރުޝާދު ދީފި އެވެ. އިނގިރޭސި ވިލާތުގެ ކެންސަރާ ބެހޭ ރިސާޗްތައް ކުރާ މި ތަނުން ކޮށްފައިވާ ސާވޭއަކުން ހާމަވެފައިވާ ގޮތުގައި ދުވާލަކު ފަސް ޕޯޝަން ތަރުކާރީ އާއި މޭވާ ކަނީ ކޮންމެ ފަސް މީހަކުން އެކަކެވެ.
އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ހެލްތުން ވަނީ 2003 ވަނަ އަހަރު "ދުވާލަކު ފަހެތި" ނަމުގައި ކެމްޕޭނެއް ވެސް ލޯންޗުކޮށްފަ އެވެ.
ނަމަވެސް ޑަބްލިޔުސީއާރްއެފް އިން ބުނަނީ އިނގިރޭސި ވިލާތުގެ 2000 މީހުންނާ ސުވާލުކޮށްގެން ބެލި ބެލުމުން މި އަމާޒަށް ވާސިލުވާން ގިނަ ބަޔަކަށް އުނދަގޫކަމަށް ބުނެފައިވާ ކަމަށެވެ.
މި އޮގަނައިޒޭޝަނުން އާއްމުންނަށް އިލްތިމާސް ކުރަނީ ފަސް ޕޯޝަން ދުވާލަކު ނުކެވުނަސް އެންމެ ޕޯޝަނެއް ނަމަވެސް ކާނަމަ ކެންސަރުން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅަކަށް ވާނެ ކަމަށެވެ.
ދުވާލަކު ފަސް ޕޯޝަންގެ މޭވާ އާއި ތަރުކާރީ އާއި ސިއްހަތަށް ފައިދާހުރި ކެއުމެއް ކާން އާދަކުރުމުގައި ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. ތަރުކާރީ އާއި މޭވާއަކީ ނިއުޓްރިއަންޓްސް ގިނައިން ލިއްބައިދިނުމުގެ އިތުރުން ކެލޮރީޒް މަދު ފައިބަރު ގިނަ ކެއުމަކަށް ވާތީ ފަލަވިޔަނުދިނުމަށް ވެސް ބާރަކަށް ވެއެވެ.
ޕްލާންޓް ފުޑާއި ގޮދަނުގެ ބާވަތްތައް އަދި މުގު ފާޑުގެ އެއްޗިއްސާއި ތަރުކާރީ އާއި މޭވާ އަކީ ކެންސަރުގެ ވަރަށް ގިނަ ވައްތަރުތަކުން ދިފާއު ވުމަށް ކެވިދާނެ ފައިދާ ހުރި ކާނާ އެވެ. ފަހުގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ފައިބަރު ގިނަ ކާނާ ކެއުމުން، ބޮޑުކަމުދާ ނިޒާމަށް ޖެހޭ ކެންސަރުން ދިފާއު ކޮށްދެ އެވެ.
މިހާރު ގިނަ ބަޔަކަށް ތަރުކާރީ އާއި މޭވާގެ ފަސް ޕޯޝަން ކެއުމުގެ ހޭލުންތެރިކަން ލިބެމުން އައި ނަމަވެސް އަދިވެސް މިގޮތަށް ކެއުން ބަދަލުކުރަން މީހުން މާބޮޑު ސަމާލުކަމެއް ނުދެއެވެ.
"ދުވާލަކު ފަހެއް" އަކީ ކޯޗެއް؟
* ދުވާލަކު ފަހެއް އަކީ ގާތްގަނޑަކަށް 400ގ ތަރުކާރީ އާއި މޭވާ އެވެ.
* އެއް ޕޯޝަން އަކީ 80 ގްރާމެވެ.
* ޕޯޝަން އެއް ކަމަށް ބެލެވެނީ ކުޑަ ދޭއް ނުވަތަ އެއަށް ވުރެ ގިނަ މޭވާ އެވެ. މެދުސައިޒުގެ އެއް މޭވާ، މިސާލަކަށް އާފަލެއް، ދޮންކެޔޮވަކެއް، ގްރޭޕްފުރުޓެއްގެ އެއްފަޅި، މެލޮން ފޮއްޗެއްގެ މިންވަރަކީ ޕޯޝަން އެކެވެ.
* ތަރުކާރީގެ ޕޯޝަންއަކީ ބްރޯކަލީގެ ދޭތިކޮޅު ނުވަތަ ތިން މޭޒުމަތީ ސަމުސާ ކައްކާފައިހުރި ތަރުކާރީގެ ތެރެއިން ކެރޮޓް، ޕީސް ނުވަތަ ސްވީޓްކޯން
* މި ޕޯޝަންގެ ތެރޭގައި އަލުވި ނުހިމެނޭނެ އެވެ.
* ނަމަވެސް ތާޒާ، ގަނޑުކޮށްފައިހުރި، ދަޅުގައި ބަންދުކުރި އަދި ހިއްކާފައި ހުރި މޭވާ އާއި ތަރުކާރީ ހިމެނޭނެ އެވެ.
* ސްމޫތީޒް އެއްގައި ދުވާލަކަށް ބޭނުންވާ ފަސް ޕޯޝަންގެ ތެރެއިން ދެ ޕޯޝަން ހިމެނޭނެ އެވެ.
* ކިތަންމެ ބައިވަރެއް ކެޔަސް މުގު ފާޑުގެ އެއްޗިއްސާއި ބީންސް ހިމެނޭނީ އެއް ޕޯޝަންގެ ގޮތުގަ އެވެ.

0 comment