ދުޅަހެޔޮ ދިރިއުޅުން

ސިއްހީ މޭވާ: ސައްކެޔޮ

ޑރ.ޢަބުދުލް ޢަޒީޒު ޙަމީދު، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން
12 އޯގަސްޓް 2012 10:37

ދިވެހި ނަން : ސައްކެޔޮ

ސައްކޭލުގެ ކޮންމެ 100 ގްރާމް ގައި

ހަކަތަ 95 ކިލޯކެލަރީ

ފެޓް 23 ގްރާމް

ކާބޯހައިޑްރޭޓް 1.72 ގްރާމް

ޕްރޮޓީން 0.64 ގްރާމް

ފައިބަރު 1.5 ގްރާމް

ފޮލިކް އެސިޑް 24 މައިކްރޯ ގްރާމް

ނިއެސިން 0.920 މިލިގްރާމް

ޕައިރިޑޮކްސިން 0.329 މިލިގްރާމް

ރައިބޯފްލެވިން 0.055 މިލިގްރާމް

ތިއެމިން 0.105 މިލިގްރާމް

ވިޓަމިން އޭ 110 އައިޔޫ

ވިޓަމިން ސީ 13.7 މިލިގްރާމް

ވިޓަމިން އީ 0.34 މިލިގްރާމް

ސޯޑިއަމް 3 މިލިގްރާމް

ޕޮޓޭސިއަމް 303 މިލިގްރާމް

ކެލްސިއަމް 34 މިލިގްރާމް

ކޮޕަރ 0.187 މިލިގްރާމް

ދަނގަޑު 0.21 މިލިގްރާމް

މެގްނީޒިއަމް 37 މިލިގްރާމް

މެންގަނީޒް 0.197 މިލިގްރާމް

ފޮސްފަރަސް 36 މިލިގްރާމް

ޒިންކް 0.42 މިލިގްރާމް

ސިލެނިއަމް 0.6 މިލިގްރާމް

ކެރޮޓީން ބީޓާ 61 މައިކްރޯ ގްރާމް

ކްރިޕްޓޯ ޒެންތިން ބީ 5 މައިކްރޯ ގްރާމް

ލޫޓީން-ޒިއެޒެންތިން 157 މައިކްރޯ ގްރާމް

ސައްކޭލަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މީރު މޭވާ އެކެވެ. ސައްކޭލަކީ ވިޓަމިން ސީ ވަރަށް ގިނައިން ހުންނަ މޭވާ އެކެވެ. ވިޓަމިން ސީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަ ވަނީ، ދިފާއީ ނިޒާމްގައި ހަރަކާތްތެރިވާ ލޭގެ ހުދު ސެލްތަކަށް، ވިޓަމިން ސީ އެހީތެރިވެދޭތީ އެވެ. އެހެންކަމުން މިއީ ވައިރަސް އަދި ބެކްޓީރިޔާގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ މޭވާ އެކެވެ.

ވިޓަމިން ސީގެ އިތުރުން ސައްކޭލުގައި ފައިޓޯނިއުޓްރިއެންޓްތައް ކަމުގައިވާ، "ލިގްނަން"، "އައިސޯފްލޭވޯންސް" އަދި " ސެޕޯނިން" ހުރެ އެވެ. މި މާއްދާތަކަކީ، އޭގައި ކެންސަރާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރާއި މުސްކުޅިވުމާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ މާއްދާތަކެކެވެ. މިމާއްދާތަކަކީ ކެންސަރު ޖެއްސުމުގައި ބައިވެރިވާ، ހަށިގަނޑަށް ގެއްލުންދެނިވި މާއްދާތައް ހަށިގަނޑުން ނައްތާލައި ބޭރުކުރުމުގައި އެހީތެރިވެދީފާނެ މާއްދާ ތަކެކެވެ. އަދި މިއީ ސެލްތައް ހަލާކުވެދިއުން ކުޑަކޮށްދޭ މާއްދާތަކެއް ވެސްމެ އެވެ.

ސައްކޭލުގައި ވިޓަމިން އޭ ހުރެ އެވެ. މިއީ ހަމާއި ލޮލުގެ މަސައްކަތްތައް ފުރިހަމަކޮށްދީ، ރަގަޅު ގޮތުގައި ދެމެހެއްޓުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އަދި މިއީ ރޭގަނޑު ރޯނާވުން ފަދަ މައްސަލަތަކާއި އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ މައްސަލަތަކުން ރައްކާތެރިކަން ހޯދުމަށް އެހީތެރިވެދޭ މާއްދާއެއް ވެސް މެ އެވެ. ލޭމަދުވުމުން ވެސް މި މޭވާ ބޭނުންކުރެވިދާނެ އެވެ.

ސައްކޭލަކީ މެގްނީޒިއަމް އިން މުއްސަދި މޭވާ އެކެވެ. މެގްނީޒިއަމް އަކީ ހަށިގަނޑަށް ކެލްސިއަމް ނެގުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. އަދި ކެލްސިއަމްއާ ގުޅިގެން، ކަށިތައް ވަރުގަދަކޮށްދީ، ކަށިފީވުން ފަދަ ކައްޓާއި ގުޅުންހުރި ބަލިތައް މެދުވެރިވުމުން ރައްކާތެރިކޮށް ދެ އެވެ.

ސައްކޭލުގައި ސޯޑިއަމް މަދުވެފައި، ގިނަ މިންވަރަކަށް ޕޮޓޭސިއަމް އެކުލެވޭތީ މިއީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ދަށްކޮށްދޭނެ ކަމެކެވެ. ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް، ހެޔޮވަރު ވަރުގައި ހިފެހެއްޓޭނަމަ، ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކްޖެހުން ދުރުވާނެ އެވެ. މީގެ އިތުރުން ސައްކޭލުގައި ވިޓަމިން ބީ 6 އެކުލެވުމަކީ ލޭގައި އެމިނޯއެސިޑް ހީމޯސިސްޓެއިންގެ މިންވަރު ދަށްކޮށްދީފާނެ ކަމެއް ކަމަށްވެ އެވެ. ހީމޯސިސްޓެއިންގެ މިންވަރު ދަށްވުމަކީ ހިތުގެ މައްސަލަތަކަށް ލިބޭ ރަގަޅު ސިގްނަލެކެވެ. އެއީ ބައެއް ފަހަރު ހިތުގެ ބަލިތައް ޖެހެނީ ހީމޯސިސްޓެއިން ގެ މިންވަރު މަތިވެގެން ކަމަށްވާތީ އެވެ. މީގެ އިތުރުން ސައްކޭލަކީ ގޮހޮރު ފާރުން ރައްކާތެރިވުމާއި، ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ މޭވާ އެކެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި