މޭވާ

ސިއްހީ މޭވާ: ރަންބުސްތާން

ޑރ.ޢަބުދުލް ޢަޒީޒު ޙަމީދު، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން
16 އޯގަސްޓް 2012 09:45 4 ކޮމެންޓު

ރަންބުސްތާނުގެ ކޮންމެ 100 ގްރާމް ގައި

ހަކަތަ 82 ކިލޯކެލަރީ

ފެޓް 0 ގްރާމް

ކާބޯހައިޑްރޭޓް 21 ގްރާމް

ޕްރޮޓީން 1 ގްރާމް

ފައިބަރު 1 ގްރާމް

ފޮލިކް އެސިޑް 8 މައިކްރޯ ގްރާމް

ނިއެސިން 1.352 މިލިގްރާމް

ޕެންތޮނިކް އެސިޑް 0.018 މިލިގްރާމް

ޕައިރިޑޮކްސިން 0.020 މިލިގްރާމް

ރައިބޯފްލެވިން 0.050 މިލިގްރާމް

ތިއެމިން 0.010 މިލިގްރާމް

ވިޓަމިން އޭ 4.5 އައިޔޫ

ވިޓަމިން ސީ 59.4 މިލިގްރާމް

ސޯޑިއަމް 1 މިލިގްރާމް

ޕޮޓޭސިއަމް 119 މިލިގްރާމް

ކެލްސިއަމް 9.58 މިލިގްރާމް

ކޮޕަރ 0.066 މައިކްރޯގްރާމް

ދަނގަޑު 1.60 މިލިގްރާމް

މެގްނީޒިއަމް 7 މިލިގްރާމް

މެންގަނީޒް 1.06 މިލިގްރާމް

ފޮސްފަރަސް 9 މިލިގްރާމް

ޒިންކް 0.08 މިލިގްރާމް

ރަންބުސްތާނަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މީރު މޭވާ އެކެވެ. ރަންބުސްތާނުގައި ވިޓަމިން ސީ މަތީ މިންވަރަކަށް ހުންނާތީ މި މޭވާއާ މެދު ބެލެވެނީ އެންޓި-އޮކްސިޑެންޓް ހަށިގަނޑަށް ލިއްބައިދޭ މަސްދަރެއްގެ ގޮތުގަ އެވެ. އެންޓި-އޮކްސިޑެންޓަކީ ނުރައްކާތެރި ވިހަ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ލޭގެ ރަތް ސެލްތަކާއި ހުދު ސެލްތައް އުފެއްދުމަށް ބޭނުންވާ ދަގަނޑާއި ކޮޕަ ކާނާއިން ހަށިގަނޑަށް ނެގުމަށް ވެސް ވިޓަމިން ސީ ގެ ބޭނުން ހިފަން ޖެހެ އެވެ.

ރަންބުސްތާނުގައި ޖަރާސީމާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިގެން ވެ އެވެ. ނަތީޖާއެއްގެ ގޮތުން ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމާއި ހަށިގަނޑަށް ވަންނަ ޖަރާސީމްތަކާ ހަނގުރާމަކޮށް، އެނައްތާލުމުގެ ބާރު ރަންބުސްތާނު ބޭނުންކުރުމުން ލިބިގެންދެ އެވެ.

ރަންބުސްތާނަކީ ހަށިގަނޑުގެ ސަރުބީ ވިރުވައިދީ ހަން ފަށަލަ އޮމާންކޮށްދީ، އިސްތަށީގެ ދުޅަހެޔޮކަން ދަމަހައްޓައިދީ އަދި ހަކުރު ބައްޔާއި ބޭރަށްހިންގުން ފަދަ ބަލިތަކަށް ލުއިކަން ގެނެސްދިނުމުގައި އެހީތެރިވެދޭ މޭވާ އެކެވެ. މިއީ ވިޓަމިން ސީ، ވިޓަމިންއޭ، މެގްނީޒިއަމް، ޕޮޓޭސިއަމް، ކެލްސިއަމް، ފޮސްފަރަސް، ނިއެސިން، ދަގަނޑާއި، ޕްރޮޓީން އަދި ފައިބަރު އެކުލެވޭ މޭވާ އެއް ވެސް މެ އެވެ. މިމާއްދާތަކުގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދީ، ހިތުގެ ބަލިތަކުން ދުރުކޮށްދެ އެވެ.

ރަންބުސްތާނުގައި ދަގަނޑު ވެސް ވަރަށް ގިނައިން ހުރެ އެވެ. ދަގަނޑަކީ ހަށިގަނޑުގެ ބައިތަކަށް އޮކްސިޖަން ފޯރުކޮށްދީ، ލޭމަދުވުމުން ދިމާވާ ބޯއެނބުރުން ފަދަ ކަންތައްތަކުން ދުރުކޮށްދޭ މާއްދާ އެކެވެ.

ރަންބުސްތާނު ބޭނުންކުރުމުން ލިބިދޭ އެހެނިހެން ފައިދާތަކުގެ ތެރޭގައި، ދަތްތަކާއި ކަށިތައް ވަރުގަދަކޮށްދީ، ހަށިގަނޑުގައި އުފެދޭ ފާރު އަވަހަށް ފަސޭހަކޮށްދީ، ހަމާއި އިސްތަށިތައް، ހަށިގަނޑުގެ އެތެރޭގެ ތެތް ދުލިފަށަލަތައް ދުޅަހެޔޮކަންމަތީ ބަހައްޓައިދީ، އަނގަފާރު އެޅުމުން ރައްކާތެރިކޮށްދީ، ހަށިގަނޑުގެ ކުދިކުދި ލޭހޮޅިތައް ދުޅަހެޔޮކަންމަތީ ބަހައްޓައިދީ އަދި ހަށިގަނޑު ދިފާއީ ބާރު ހަރުދަނާކޮށްދީ، ތަފާތު ރޯގާ ތަކާއި ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait