ހެލްތު އިންޝުއަރެންސް

އާސަންދަ އިން އަގު ނަގައިގެން ބައެއް ކްލިނިކްތަކުން މާދަމާ ހިދުމަތްދޭން ފަށަނީ

ފަޒީނާ އަހުމަދު
07 އޯގަސްޓް 2012 11:10 36 ކޮމެންޓު
  • އޭޑީކޭ ހޮސްޕިޓަލްގެ ބޭރުގައި އާސަންދަ ހިދުމަތުގެ އިޝްތިހާރު ބަހައްޓާފައި: އާސަންދަ ހިދުމަތް ފޯރުކޮށްދިނުމުގައި މައްސަލަތަކެއް ވަނީ ކުރިމަތިވެފައި. --ހަވީރު ފައިލް ފޮޓޯ

އާސަންދަ ހިދުމަތް ދިނުމަށް އެއްބަސްވި ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން މާދަމާ އިން ފެށިގެން އަގު ނަގައިގެން ހިދުމަތް ދޭން ފަށާނެ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒު ވިދާޅުވީ ކޯޕޭމަންޓެއް ނަގައިގެން ހިދުމަތް ދިނުމަށް އޭޑީކޭގެ އިތުރުން އަށް ކްލިނިކަކާ އެކު އެއްބަސްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެމްއެންޑީއެފްގެ ހޮސްޕިޓަލާއި އޭއެސްއެލް މެޑިކަލް ސެންޓަރާއި ބްލަޑް ޑައިގްނޯސްޓިކްސް އާއި ސެންޓަލް މެޑިކަލް ކްލިނިކާއި ސެންޓަލް ކްލިނިކާއި ޑރ. ޖިހާދު މެޑިކަލް ސެންޓަރުގެ އިތުރުން އައިކެއާގެ ދެ ކްލިނިކް ހިމެނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކްލިނިކްތަކުން އެއްބަސްވެފައި ވަނީ އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު ނުވާނެ ގޮތެއްގެ މަތިން ހިދުމަތް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް މި ކްލިނިކްތަކާއެކު އެއްބަސްވެވުނު އަގުތަކެއް އަދި އާއްމެއް ނުކުރެ އެވެ.

ޝަފާޒު ވިދާޅުވީ އަގުތައް މިއަދުގެ ވަގުތެއްގައި އާސަންދަ ވެބްސައިޓުގައި އާއްމުކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އިންނާނެ ސްކީމްގެ ދަށުން ވަކި އަގުތަކެއް ކަނޑައަޅާފައި. އޭގެ އިތުރަށް އެބޭފުޅުން ހުށަހަޅާފައި ހުރި އަގުތަކުގައި ތަފާތެއް އުޅޭ ކަމަށްވަންޏާ އެ ތަފާތުތައް ނެގޭ ގޮތަށް. މިސާލަކަށް ޖެނެރަލް ކޮންސަލްޓޭޝަނަކަށް އާސަންދައިން މިދެނީ 50ރ. ކްލިނިކުން ބަލާ އަގަކީ 100ރ. ކަމަށް ވަންޏާ އެ ތަފާތުވާ އަގު [ 50ރ.] ޕޭޝަންޓް އަތުން ނެގޭނެ،" ކްލިނިކްތަކުން އަގު ނަގާނެ ގޮތުގެ މިސާލެއް ޖައްސަވައި ޝަފާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްޕެޝަލިސްޓަކަށް ދެއްކުމަށް އާސަންދައިން ކަނޑައަޅާފައި ވަނީ 100ރ. އެވެ. ހިދުމަތްދޭ ކްލިނިކުން ސްޕެޝަލިސްޓަކަށް ދެއްކުމަށް 200ރ. ނަގާނަމަ، އާސަންދައިން ކަވަރުނުވާ ބައި ދައްކަން ޖެހޭނީ ބަލިމީހާގެ އަތުންނެވެ.

ޝަފާޒު ވިދާޅުވި ގޮތުގައި ކްލިނިކްތަކުން ހިދުމަތް ދޭން ފަށާއިރު، ބޭސް ސިޓީ ދޫކުރާނީ ވަކި ޕޯޓަލްއެއް މެދުވެރިކޮށެވެ. އާސަންދައާ ގުޅިފައިވާ ސިސްޓަމުން ދޫނުކުރާ ބޭސް ސިޓީތަކެއް ބޭސް ފިހާރަތަކުން ގަބޫލުނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާއްމުކޮށް ޑޮކްޓަރުން މި ދެއްވަނީ ހޭންޑެޑް ޕްރެސްކްރިޕްޝަން، މިހާރު އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިކޮށް ދޫކުރާ ޕްރެސްކްރިޕްޝަންތަކަށް ބޭސްފިހާރަތަކުން ބޭސް ދޫކުރާނީ،" ޝަފާޒު ވިދާޅުވި އެވެ.

އާސަންދަ ކުންފުނިން ބުނިގޮތުގައި އާސަންދަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ޕްރައިވެޓް ތަންތަނުން ކޯ ޕޭމަންޓެއް ނަގައިގެންނެވެ. މިގޮތަށް ނިންމާފައިވީ ނަމަވެސް ސަރުކާރުގެ ހޮސްޕިޓަލްތަކުން އާސަންދަ އަށް އެއްވެސް އަގެއް ނުނަގާނެ އެވެ.

ޝަފާޒު ވިދާޅުވި ގޮތުގައި ކްލިނިކްތަކުން އާސަންދަ ހިދުމަތް ދޭން ފެށުމުން ޑޮކްޓަރަށް ދެއްކުމަށް ބަލި މީހުންނަށް ފަސޭހަވެގެންދާނެ އެވެ.

36 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait