ޖީބަށް ލުއިކޮށް ބޭސް ފަރުވާ ކުރެވޭ "އާސަންދަ" ގެ ދަށުން ޑޮކްޓަރަށް ދެއްކުނަސް އައްޑޫ ރައްޔިތުންނަށް ހަގީގަތުގައި އެ ހިދުމަތުން އެކަށީންވާ ލުއި ކަމެއް ނުލިބޭ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ބައެއް ބޭސްތައް އައްޑޫގެ ފާމަސީތަކުން ލިބެން ނުހުންނަނީ އެވެ.
އަދި ބޭސް ލިބޭ ފަހަރަކު ވެސް ގިނަ ފާމަސީތަކުން އާސަންދައިގެ ދަށުން ހިދުމަތް ނުލިބޭތީ ދެން ޖެހެނީ ބޮޑު އަގު ދީފައި ބޭސް ގަންނާށެވެ. ގިނަ ފާމަސީތަކުގެ ޝަކުވާއަކީ ވެސް އާސަންދަ ހިދުމަތަށް އެ ފަރާތްތަކުން އެދިފައި ވިޔަސް އެކަން ހަމަނުޖެހި ދިގުލައިގެން ދިއުމެވެ.
"އަޅުގަނޑުމެންގެ އަތުގައި ޑޮކްޓަރުން ލިޔެދޭ ހުރިހާ ބޭހެއް އަބަދުވެސް ލިބެން ހުންނާނެ. އަދި ބޭހުގެ ޝޯޓޭޖެއް ވެސް އަނެއްހެން ކުރިމައްޗެއް ނުވޭ. އަނެއްކޮޅުން އަޅުގަނޑުމެންނަކީ އައްޑޫގައި ބޭސް އެންމެ އަގު ހެޔޮކޮށް ވިއްކާ އެއް ފަރާތަށް ވެސް ވާނެ،" ބޭސް އުފައްދާ ބޭރުގެ ބައެއް ކުންފުނިތަކާ ގުޅިގެން ރާއްޖެ އަށް ބޭސް އެތެރެކޮށް ހިތަދޫގައި ތިން ފާމަސީއެއް މެނޭޖްކުރާ "އައިސީއެމް" ގެ ފަރާތުން ވާހަކަ ދެއްކެވި އިބްރާހީމްދީދީ ވިދާޅުވި އެވެ.
"މައްސަލައަކީ އާސަންދައިގެ ދަށުން ގިނަ ފާމަސީތަކުން ހިދުމަތް ފޯރުކޮށް ދެވޭނެ ގޮތެއް ހަމަޖެހިފައި ނުހުންނާތީ. އެ މައްސަލަ އަށް ހައްލެއް ގެންނަން ޖެހެނީ."
އޭނާ ވިދާޅުވީ އެ ހިދުމަތް ހޯދަން އެންސްޕާއާ ވާހަކަ ދައްކައި ލިޔެކިޔުންތައް ބަދަލު ކުރަމުންދާތާ ވެސް ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި ހިދުމަތް ލިބޭނެ ގޮތް ހަމަނުޖެހި ދިގުލައިގެން ދިޔަ ނަމަވެސް އަބަދު ވެސް ތިބެނީ ހަމަޖެހޭނެ ކަމުގެ އުންމީދެއްގައި ކަމަށް އިބްރާހީމްދީދީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތަންތަނުން އާސަންދައިގެ ދަށުން ހިދުމަތް ލިބޭނެ ގޮތް ހަމަޖެހިއްޖެ ނަމަ، ބޭސް ހޯދަން އާންމުން މިހާރު އުފުލަން ޖެހޭ ތަކުލީފެއް އުފުލާކަށް ނުޖެހޭނެ. އެ ޔަގީންކަން އެބައޮތް އަޅުގަނޑުމެންނަށް،" ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކައިރީގައި ދެ ފާމަސީ ހިންގާ އިބްރާހީމްދީދީ ވިދާޅުވި އެވެ. "އެންސްޕާއިން ބުނެފައިވޭ މި ހަފުތާ ތެރޭގައި ވެސް ހަމަޖެހޭނެ ކަމަށް. އެކަމަކު އަދި ހަމައެއް ނުޖެހޭ. ވަރަށް އަވަހަށް ހަމަޖެހޭނެ ކަމުގެ އުންމީދުގައި މި ތިބެނީ."
އައްޑޫގައި ބޭހުގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރާ އަދި އެންމެ ދުވަސްވީ އެއް ފަރާތް ކަމަށްވާ އަބްހަރީން، ހޮސްޕިޓަލް ކައިރީގައި ކުރިން ހިންގި ފާމަސީން އާސަންދައިގެ ދަށުން ހިދުމަތް ލިބުނެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ކުރިމަތިވި ބައެއް މައްސަލަތަކާ ހެދި އެ ހިދުމަތް ވަނީ ހުއްޓިފަ އެވެ.
ސަރުކާރުން އައްޑޫގައި ހިންގާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ވެސް ބޭސް ފިހާރައެއް އެބަ ހުއްޓެވެ އެވެ. ނަމަވެސް ބައެއް މީހުން ބުނާގޮތުގައި އެއީ ހަމައެކަނި "ނަމަކަށް" ހުންނަ ތަނެކެވެ. އެ ފާމަސީ ހުޅުވި ދުވަސްކޮޅާ ދިމާކޮށް އައްޑޫގައި ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ފާޑު ކިޔުންތައް ވެސް އަމާޒުވި އެވެ. އެއީ ކުރީގެ ސަރުކާރުން އުފެއްދި ސަދަން ހެލްތު ސާވިސް ކޯޕަރޭޝަން(އެސްއެޗްއެސްސީ) އިން، ބޭސް ވިއްކާ އަމިއްލަ ފަރާތްތައް އިނދަޖައްސާލަން ކުރި ކަމެއް ކަމަށް ފާމަސީ ހިންގާ ބައެއް ފަރާތްތަކުން ފަރާތްތަކުން ބުނެފައިވެ އެވެ.
"ޑޮކްޓަރަށް ދައްކައިގެން ގޮސް ބޭސް ނަގަން ބަލާއިރު ގިނަ ފަހަރަށް ޑޮކްޓަރުން ލިޔެދޭ ބޭހެއް އެތަނުން ]ހޮސްޕިޓަލް ފާމަސީން[ ލިބޭކަށް ނުހުންނާނެ. ދެން އަނެއްކާ ގިނަ ފާމަސީތަކުން އާސަންދައިގެ ދަށުން ހިދުމަތެއް ނުލިބޭ. އެހެންވެ ޖީބުން ބޮޑު ހަރަދެއްކޮށްފައި އަބަދުވެސް ބޭސް ގަންނަހާ ވަރު ވަނީ،" ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ހޮސްޕިޓަލްގައި މިދިޔަ އަހަރު ހުޅުވި އެ ބޭސް ފިހާރަ އަށް ބޭސް ހޯދުމުގައި ދަތިތަކެއް ހުރި ކަމަށް އެ ކުންފުނިން ވެސް ބުނެފައިވެ އެވެ. އެންމެ ބޮޑު އެއް ސަބަބަކީ ސީދާ އެ ކުންފުންޏަށް ރާއްޖޭން ބޭރުން ބޭސް އިމްޕޯޓްކުރުމުގެ ހުއްދަ ނެތުމެވެ.
އެހެންވެ އެތަނަށް ބޭސް ހޯދަން ޖެހެނީ ރާއްޖޭގައި ބޭސް ވިއްކާ ބައެއް ފަރާތްތަކާ ގުޅިގެންނެވެ. އެ ފަރާތްތަކުން ބޭސް ދޫކުރަނީ ވަކި ލިމިޓެއްގެ ދަށުން ކަމަށްވާތީ އަބަދުވެސް އޮންނަނީ ބޭހަށް "ޖެހިފަ" އެވެ.
ސަރުކާރު ބަދަލުވެ ސީދާ އެޗްއެސްސީގެ ދަށުން މިހާރު ހޮސްޕިޓަލާއި ބޭސް ފިހާރަ ހިންގުމުގެ ބަދަލުގައި ހެލްތު މިނިސްޓްރީގެ ދަށުން އެކަން ކުރިއަށް ދިޔަ ނަމަވެސް މައްސަލަ އޮތީ އަދިވެސް އޮތް ގޮތަށެވެ. އެކަމަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނެތެވެ.
އެހެންވެ ބޭސް ނުލިބިގެން އާންމުން ކުރަން ޖެހޭ ޝަކުވާތަކަށް ވެސް ހުއްޓުމެއް ނެތެވެ. ހޮސްޕިޓަލް މިހާރު ހިންގާ މެނޭޖްމަންޓުން ވެސް އެކަން ގަބޫލުކުރެ އެވެ. އެކަމަކު ހައްލެއް ހޯދުމަށް މަސައްކަތްތަކެއް އަންނަނީ މިހާރު ކުރެވެމުންނެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ސައީދު ވިދާޅުވީ ހޮސްޕިޓަލުގައި ހުންނަ ބޭސް ފިހާރަ އިން ބޭސް ނުލިބޭތީ އާންމުންގެ ފަރާތުން އަބަދުވެސް ޝަކުވާ ލިބޭ ކަމަށެވެ.
ަމިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިހާރު ނިންމާފައި ވަނީ ހޮސްޕިޓަލުން ބޭސް ފިހާރަ ހިންގުމުގެ ބަދަލުގައި އައުޓްސޯސްކޮށްގެން ހިންގަން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު އެއް ޗެލެންޖަކީ ފައިސާގެ ދަތިކަން،" ސިއްހީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ސައީދު ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭސް މި ހޯދަނީ ބޭސް އެތެރެ ކުރާ ބައެއް ފަރާތްތަކާ ވާހަކަ ދައްކައިގެން. އެގޮތުން މިހާރު ވެސް އޭޑީކޭއާ ވާހަކަ ދައްކައިގެން ފާމަސީ ]ހޮސްޕިޓަލް ތެރޭގައި ހުންނަ ފާމަސީ[ އަށް ބޭސް ހޯދަމުން މި އަންނަނީ. އަނެއްކާ މިކަމަށް ވަކި ލިމިޓޭޝަނެއް އެބަ އޮވޭ ކަނޑައެޅިފައި. ހަގީގަތުގައި ބޭނުންވާ ވަރަކަށް ބޭހެއް ނުލިބޭ،" ސައީދު ވިދާޅުވި އެވެ. "އެހެންވެ އަވަސް އަވަހަށް ބޭސް ހުސްވޭ. އެކަމާ ގުޅިގެން އާންމުންގެ ޝަކުވާތައް އާދޭ."
ސައީދު ވިދާޅުވީ އެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން ހޮސްޕިޓަލްގެ ފާމަސީ އެސްޓީއޯއާ ހަވާލުކޮށްގެން ހިންގާ ގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ކަންކަން މިހާރު ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސްޓީއޯ އިން މިހާރު ވަނީ އަޅުގަނޑުމެންނަށް އެކަން ކޮށްދިނުމަށް އެއްބަސްވެފައި. އެގޮތުން އެ ކުންފުނީގެ ޓީމެއް ދާދި ފަހުން ހޮސްޕިޓަލަށް ވަޑައިގެން މިތަނުގެ ފާމަސީ ބަލާފައި ވަނީ ވެސް،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބޭސް ފިހާރައަކީ ޖާގައިގެ ގޮތުން ކުޑަ ތަނަކަށްވުމާ އެކު އެސްޓީއޯ އިން ބޭނުންވަނީ ހޮސްޕިޓަލް ސަރަހައްދުގެ އެހެން ދިމާލެއްގައި ފާމަސީއެއް ހަދަން ކަމަށެވެ.
"އެތަނުގެ ޑިޒައިނުގެ މަސައްކަތްތައް ވެސް މިހާރު ނިމިފައި ވަނީ. އެ ކުންފުނިން ބުނަނީ އިމާރާތް ހެދުމުގެ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް،" ސައީދު ވިދާޅުވި އެވެ. "އެހެންވެ ލަފާ ކުރެވެނީ އޮކްޓޯބަރު ހިސާބުގައި އެތަނުގެ ހިދުމަތް ދެވެން ފެށޭނެ ކަމަށް."
ައޭނާ ވިދާޅުވީ ފާމަސީ ހެދުމުގެ ކުރިން ވެސް އެސްޓީއޯ މެދުވެރިކޮށް ހޮސްޕިޓަލް ފާމަސީން ބޭސް ލިބޭނެ އިންތިޒާމުތަކެއް ހަމަޖައްސަމުން އަންނަ ކަމަށެވެ.
ހިތަދޫގައި ހިންގާ ޕްރައިވެޓް ހޮސްޕިޓަލް އައިއެމްޑީސީގެ އޮފިޝަލަކު ވިދާޅުވީ އެ ހޮސްޕިޓަލްގައި ވެސް ފާމަސީ ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އައިއެމްޑީސީން ވެސް އާސަންދައިގެ ދަށުން އަލުން ހިދުމަތް ލިބޭ ގޮތަށް ހަމަޖެހިފައި ވަނީ. އެކަމާ ގުޅޭ ކަންކަން މިހާރު ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭސް ފިހާރަ ހުޅުވައި ހިދުމަތް ދޭން ފެށުމުން އެތަނުން ވެސް އާސަންދައިގެ ދަށުން ހިދުމަތް ލިބޭނެ. އޭރުން އާންމުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ."
މިހާރު އާސަންދައިގެ ދަށުން ހިދުމަތް ލިބޭ ފާމަސީތަކުގެ ތެރޭގައި ހޮސްޕިޓަލް ފާމަސީގެ އިތުރުން މަރަދޫފޭދޫ އެފްއެންޑްސީ ކެމިސްޓް އަދި ފޭދޫގައި ހުންނަ ފާމަސީ ހިމެނެ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
7 comments