ކޮލަމްބޯ (ޖޫން 25) - ލަންކާގައި ޑެންގީ ހުން ފެތުރޭތީ، ޑެންގީ ޖައްސާ މަދިރި އުފެދޭ ތަންތަން ނައްތާލުމަށް 10،000 ސިފައިން ނެރެފި އެވެ.
ލަންކާގެ ހެލްތު މިނިސްޓަރު މައިތުރިޕާލާ ސިރިސޭނާ ވިދާޅުވީ ޑެންގީ ޖައްސާ މަދިރި އުފުދޭ ތަންތަން ނައްތާލުމުގެ އެއް ހަފުތާގެ ޚާއްސަ އޮޕަރޭޝަނެއް ސިފައިން ހިންގާނެ ކަމަށެވެ.
ޑެންގީ ޖެހިގެން ލަންކާގައި މި އަހަރު ވަނީ 75 މީހުން މަރުވެފަ އެވެ. ރަސްމީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ވަނީ ލަންކާގައި 15،000 މީހުންނަށް ޑެންގީ ޖެހިފަ އެވެ. ނަމަވެސް އޮފިޝަލުން ވިދާޅުވެފައި ވަނީ މި އަދަދު މަތިވާނެ ކަމަށެވެ. ސަބަބަކީ ހުން ޖެހިގެން ހޮސްޕިޓަލްތަކަށް ނުދާ އެތައް ބައިވަރު މީހުން ތިބޭނެތީ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ޑެންގީ ޖެހިގެން ލަންކާ އިން ރިޕޯޓްކޮށްފައި ވަނީ 10،300 މީހުންނެވެ.
މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަނުގެ ވެރިންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ލަންކާ އިން އަންނަނީ ތައްޔާރުވަމުންނެވެ. ލަންކާ އިން ބުނެފައި ވަނީ އާއްމު ސިއްހަތަކަށް ނުރައްކާވާ ފަދަ އަމަލެއް ހިންގުމަކީ ކުށެއް ކަމަށެވެ.
ސިރިސޭނާ ވިދާޅުވީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ހިންގާ ކެމްޕޭނުގައި ސްކޫލް ކުދިން ވެސް ބައިވެރިވާނެ ކަމަށެވެ. --އޭއެފްޕީ

0 comment